"މާކިން." ހިތުގެއަޑު ކަންފަތާއި ހަމައަށް ވާސިލްވީ އެތައް އިހުސާސަކާއި އެކުއެވެ. މާޒީގެ ހިތި ކަނޑަށް އީކް ޣަރަގުވަމުންދިޔައިރު އެންމެ ފުރަތަމަ މާކިންއާއި ދިމާވިގޮތް މެރިފައިވިދެލޯ ތެރެއިން ސިފަވެގެން އައެވެ.
އޯލެވެލް ނިންމުމަށްފަހު ކްލާސް ކުދިންގެ މެދުގައި ޕާޓީއެއް ބޭއްވުމަކީ އެންމެ ކުރިންސުރެ ރާވައިފައިއޮތް ގޮތެވެ. ޕާޓީ ބާއްވަން ހަމަޖެހުނީ އީކްގެ ގޭގައި ހުންނަ ބޮޑު ހޯލުގައެވެ. ޕާޓިގެ ކަންކަން އިންތިޒާމު ކުރުމަށް ކްލާސް ކުދިންގެ އިތުރުން އެތަނުން ބައެއްކުދިންގެ އާއިލާ ކުދިންވެސް އައިސް އުޅުނެވެ. ހޯލުތެރޭގައި ހަރަކާތްތެރިވަމުން ދަނިކޮށް އެއްލިކަޅިއަކުން ހުޅުވައިފައިހުރި ދޮރުން ވަދެގެން އައި ފިރިހެންކުއްޖާ އީކްގެ ލޮލުގައި އަޅައިގަތެވެ. ހުރިފިޔަވަޅުމަތީގައި ހުއްޓިގެން އޭނާއަށް ބަލަހައްޓައިގެން ހުރެވުނީ ހަރަކާތެއް ކޮށްލުމަށްވެސް ހަނދާންނެތިފައެވެ. އެސޫރަ ފެނުނު އެންމެ ފުރަތަމަ ސިކުންތުވެސް ހިތުގައި ޚާއްސަކަމެއް އުފެދިގެން އައިފަދަ އިހުސާސެއް އީކްއަށް ކުރެވުނެވެ. ހިތުގައި އައު ވިންދެއް އެހެން އިންސާނަކަށްޓަކައި ފުރަތަމަ ޖަހައިލީ އެދުވަހުއެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު އޭނާގެ ހިތް ނަށައިލިކަހަލައެވެ. ބުނެދޭން ނޭނގޭ އެތަށް ޖަޒުބާތަކުން ހިތްފުރިގެން އައެވެ.
"މާކިން.." އީކްގެ ފަހަތުން ކުއްޖަކު ގޮވައިލުމާއެކު މާކިން އެދިމާއަށް ބަލައިލިއެވެ. މާކިންގެ ލޮލުގައި އީކް އަޅައިގަތީދެނެވެ. މޮޔައަކުފަދައިން އޭނާއަށް ގެއްލިހުސްވެފައި ހުރި އެއަންހެންކުއްޖާ ހުރިގޮތުން ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ކުޑަކުޑަ ދޮން މޫނުކޮޅަށް ވެރިވެފައިވި ރަތްކަން އެސޫރައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެއްގެ އަސަރެވެ. މެޔާއި ހިސާބަށް އަންނަ ފަންއިސްތަށިގަނޑު ދޫކޮށްލައިފައި އޮތް އިރު މޫނުގެ ދެފަރާތާއި ދޮންކަނދުރާއޮތީ އިސްތަށިގަނޑުގެ ސަބަބުން ނިވައިވެފައެވެ. ލައިގެންހުރި ކަކުލާއި ހަމައަށް އަންނަ ހުދުކުލައިގެ ކުރުތާއާއި ތިރިން ލައިފައިހުރި ނޫކުލައިގެ ޖިންސް އެލޫޅާފަތި ހަށިގަނޑާ ނުހަނު ގުޅެއެވެ. އެނިޔަނެތި ސޫރަ ފެނުމުން މާކިންގެ ހިތަށްވެސް ކުރުވީ އާދަޔާޚިލާފު އަސަރެކެވެ. ހިތުގެ ހިނގުން އަވަސްވެގެން އައީ ކުއްލިއަކަށެވެ. އެރީތިކަން މިލްކު ކުރުމަށް ހިތްއެދިގޮވަންފެށީ މާކިންގެ އިޚުތިޔާރުން ބޭރުއެވެ. ހިތާއި ދިމާލުން މޭގައި ފިރުމައިލަމުން އީކްއާ ދިމާލަށް އޭނާއަށް ފިޔަވަޅެއް އެޅުނެވެ. އެހިނދު އީކްގެ ފަހަތުންކަހަލަ ގޮތަކަށް ނުކުމެގެން އައި ހަސަނު މާކިންގެ ލޮލުގައި އަޅައިގަތެވެ. ދޫވަމުންދިޔަ ނަފުސުގެ މައްޗަށް އަމިއްލަ ބާރުފޯރުވަމުން ހަސަނު އެދުނުފަދައިން އެތަނުގެ ލައިޓިންގްގެ މަސައްކަތް ކުރުމަށް އަވަސްވެގަތެވެ. މަސައްކަތުގައި އުޅުނެއްކަމަކު ދޭތެރަކުން އީކް ހުރި ދިމާލަށް މާކިންގެ ނަޒަރު ދަރުރުކޮށްލައެވެ. ލޯބި ހިނިތުންވުމަކާއެކު އޭނާއަށް ބަލަންހުންނަ އީކް ފެންނަ ކޮންމެފަހަރަކު އެހިތް ތެޅިގަންނަނީ އޮބި ނޯންނަވަރަށެވެ. ހަސަނުގެ ގާތުން އަހައި އީކްގެ ހުރިހައި މައުލޫމާތެއް މާކިން އޮޅުންފިލުވީ އޭނާގެ ހިތް އެކަމަށް އެދުނުވަރުންނެވެ. މާކިންއަކީ އޭނާގެ ތިމާގެ ކުއްޖެއްކަމުން މާކިން އެދުނު ކޮންމެ މައުލޫމާތެއް ހަސަނު ދިނެވެ.
ތަނުގައި ހަރަކާތްތެރިވި ހުރިހައި މީހުނަށް އެރޭގެ ޕާޓީއަށް ދައުވަތު ދިނެވެ. ފުރިހަމައަށް ތައްޔާރުވެގެން މާކިން ވެސް އައީ އީކްއާ ބައްދަލުވުމަށް އެދިއެދި ހުރެއެވެ. ކޮންމެވެސް ގޮތަކުން ދެމެދުގައި ގުޅުމެއް އުފަށްދަން މާކިން ހުރީ ބޭނުންވެފައެވެ. ހިތުގައި އަންހެންކުއްޖަކަށް ޝައުގުވެރިކަން އުފެދުނު ފުރަތަމަ ފަހަރުކަމުން އެކުއްޖަކު ބީވެގެން ދާކަށް އޭނާގެ ނަފުސު އެއްބަހެއް ނުވިއެވެ.
އެރޭގެ ޕާޓީ ނިމިގެންދިޔައީ ދެހިތުގެ އެދުންވެސް ފުރިހަމަކޮށްދެމުންނެވެ. އީކް އަށްވުރެ މާކިން ތިންއަރަދު ދޮށްޓެއްކަމަކު ދެމެދުގައި އުފެދުނީ ވަރުގަދަ ގުޅުމެކެވެ. އެރެއަށްފަހު ދެމީހުންވެސް އިންތިޒާރުކުރަމުން އައީ އީކްއަށް 18 އަހަރު ފުރޭނެ ދުވަހަކަށެވެ. ކައިވެނީގެ މަތިވެރި ގުޅުމުން ގުޅި އުފައުވެރި ދުވަސްތަކެއް އެކުގައި ހޭދަކުރުމަކީ ދެމީހުންވެސް އެދޭގޮތްކަމުން، އީކްއަށް 18 އަހަރު ފުރުނުތާ މާ ގިނަދުވަސްތަކެއް ނުވަނީސް ދެއާއިލާގެ ރުހުމުގައި ދެމީހުންގެ ކައިވެނި ބޮޑު ހަފުލާއަކާއެކު ކުރެވުނެވެ. އެއީ އީކްގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފައުވެރި ރެޔަށް ވެގެންދިޔައީ އެހިތުގެ މިލްކުވެރިޔާއާ ކައިވެނިކުރެވުނީމައެވެ. ދެމަފިރިން އުޅެން ނިންމީ އީކްގެ ގޭގައެވެ. ހައިތަމްގެ ހުރި ހަމައެކަނި ދަރިފުޅުކަމުން އޭނާއާ ވަކިކޮށް އީކް ދުރަށް ގެންދިއުމަށް މާކިން ބޭނުންނުވީއެވެ. ހައިތަމް އީކްދެކެ ވާލޯބި އޭނާއަށް އޮޅިފައެއްނެތެވެ. އެލޯތްބަށް އޭނާ ޤަދަރުކުރެއެވެ.
މާކިންވީ އީކް އެދުނުފަދަ ހެޔޮލަފާ ބައިވެރިއަކަށެވެ. އީކްގެ އެންމެ ކުޑަކުޑަ އެދުންވެސް ބުނުމެއްނެތި އޭނާ ފުއްދައިދެއެވެ. ބަސްމޮށުންތެރިކަމަކާއި ނުލައިވެސް އީކްގެ ހިތްއެދޭ ކަންތައް މާކިން ދެނެގަތުންވީ އެހިތުގައި މާކިންގެ މައްޗަށްއޮތް ލޯބި އިތުރުވިކަމަކަށެވެ. ވީވަރަކުން ހައިތަމްގެ ނަސޭހަތްތަށް ހަނދާނުގައި ބަހައްޓައި މާކިންއަށްޓަކައި ހެޔޮލަފާ ޞާލިހް އަނތްބަކަށް ވުމަށް އީކްވެސް މަސައްކަތްކުރިއެވެ.
އެހެނަސް.. ދެމީހުންގެ ކައިވެންޏަށް ހަމަސްވެސް ނުފުރިގެން އުޅެނިކޮށް މާކިން އެވަނީ އޭނާއާ ވަކިވެ މާދުރަށް ގޮސްފައެވެ. ދިރިއުޅުމަށްޓަކައި އެދެލޮލުން އެތައް ހުވަފެނެއް އީކް ދުށްޓެވެ. އެއިން އެއްވެސް ކަމެއް ފުރިހަމަނުވެ ލޯބިވާ އެވަނީ އޭނާއަށް އަލްވަދާއު ކިޔައިފައެވެ. އެހިތާމަ ބަރުދާސްތުކުރާނެ ގޮތެއް އީކްގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ޒަވާޖީ ޙަޔާތަށްޓަކައި ދެކުނު ކޮންމެ ހުވަފެނެއް، ކުރި ކޮންމެ އުއްމީދެއްކުރީ މާކިންއާ އެކުގައެވެ. މިއަދު އޭނާއާ ނުލައި ދިރިއުޅުމުގެ އޮތީ ކޮންމާނައެއް ހެއްޔެވެ؟ ކޮން ބޭނުމެއް ހެއްޔެވެ؟ ޅައުމުރުގައި ހުވަފަތްވެ ދުނިޔެއިން ބާކީވިކަމުގެ އިހުސާސު މާބޮޑަށް ކުރެވެނީ އެހެންވެއެވެ. މުސްކުޅި އުމުރަށް ދާންދެން އެކުގައި ވާނެކަމަށް ހީކުރެވުނަސް، މާކިން ވަކިވެއެދިޔައީ ދުނިޔޭގެ ހަގީގަތް އީކްއަށް އަންގައިދެމުންނެވެ. ތިމާ އެކަމަށް ތައްޔާރުވިޔަސް، އަދި ނުވިޔަސް މަރު ތިމާއާ ބައްދަލުކުރާނެކަން ބުނެދެމުންނެވެ.
ޖެހިލި ފިނި ވައިރޯޅިއަކާއެކު އީކްގެ ފަން އިސްތަށިގަނޑުން ބައެއް މޫނުމައްޗަށް ވެއްޓުމާއެކު ސިހިފައި އޭނާއަށް ދެލޯ ހުޅުވައިލެވުނެވެ. ވަށައިގެންވި މާޙައުލަށް ނަޒަރު ހިންގައިލުމާއެކު މާކިން ނެތްކަމުގެ ފަޅުކަން ހަތަރެސް ފަރާތުން ވަށައިލިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތިކިތައް އަތުގެ ނުފުށުން ފުހެލަމުން ނޯށްދަމައިލިއެވެ. އަދު ވަށައިގެންވި އެހިތްގައިމުކަމުންވެސް އީކްގެ ހިތަށް ލިބުނު ޝިފާއެއްނެތެވެ. މާކިން ނެތް ދުނިޔެއެއްގެ ރީތިކަން އެދެލޮލަށް ނުފެންނަކަހަލައެވެ.
"މާހާ.. ވެއަރ އަރ ޔޫ؟" މާޒީގެ ހަނދާންތައް ވަށައިލުމާއެކު، އޭރު އޭނާއާ އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާ މަތިން ހަނދާންވާގޮތްވިއެވެ. އީކްގެ ހިތުގައި ފުނިޖެހިފައިވި އެތައް ސުވާލެއް ހުރިއިރު އެސުވާލުތައް ދުލާއި ހަމައަށް ގެނައުމަށް އޭނާ ވަނީ ނުކުޅެދިފައެވެ. މާހާއަކީ އީކްގެ އެންމެ ގާތް ރަޙުމަތްތެރިޔާއަށްވިއަސް، މާހާ އީކްއާ މެދުގައި އެނަޒަރުން ނުދެކޭކަން އޭނާއަށް ފުރަތަމަ ފަހަރަށް އިހުސާސުވީ އޭނާގެ ކައިވެންޏާ ގުޅިގެން މާހާއަށް އައި ބަދަލުފެނިފައެވެ. އީކްއާއި މާކިންގެ ގުޅުމަށް ދެކޮޅުހެދި ހަމައެކަނި މީހަކީ މާހާއެވެ. އީކްގެ ނިންމުން ރަނގަޅުނޫންކަމުގައި ތަކުރާރުކޮށް އެތައްފަހަރަކު މާހާ ބުނީ ކީއްވެކަމެއް އޭނާއަކަށް ވިސްނައި ވިސްނައިވެސް ނޭނގުނެވެ. އެވާހަކަތަކަށް ބީރު ކަންފަތެއް އީކް ދިނީ ފަހުން މާހާއަށް ވިސްނޭނެކަމަށް ހީކޮށެވެ. ނަމަވެސް އީކްގެ ކައިވެނި ކުރެވުނު ރޭގައި އެހަފުލާގައިވެސް މާހާ ބައިވެރިވެފައެއް ނެތެވެ. ސަބަބު ޚުދު އީކްއަށްވެސް ނޭނގެއެވެ. އެރެއިން ފެށިގެން އީކްއަށް ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ގެއްލިފައެވެ. މާހާ ހޯދަން އެގެއަށް ދިޔުމުންވެސް އޭނާގެ އެއްވެސް މައުލޫމާތެއްވަނީ އީކްއަށް ލިބޭގޮތް ނުވެފައެވެ. އެއާއިލާ އެގެ ކުއްޔަށް ދިނުމަށްފަހު ފުރައިގެން ދިޔައީ ކޮންތަނަކަށް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އެންމެ ގާތް އެކުވެރިޔާ ނެތްކަމުގެ ފަޅުކަން އިހުސާސުވި ކިތަންމެ ދުވަހެއް އީކްގެ ހަޔާތުގައި އައެވެ. އެހެނަސް ކުރެވޭނެކަމެއް ނެތިފައި އޭނާ ހުރީ މާހާ އެފަދައިން ކަންތައްކުރުމުން ސުވާލުއުފެދިފައެވެ.
"މާހާ.." ހިތާހިތުން ތަކުރާރުކޮށް އަނެއްކާވެސް އެނަން އީކްއަށް ކިޔައިލެވުނެވެ.
* * * * *
ކަރުގައި އޮތް ޓައީ ދޫކޮށްލަމުން ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރަށް ޝަމްއަލް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު މޫނުގައި އައިސް ޖެހުނީ އޭނާގެ އަންނައުނެކެވެ. ނިތަށް ރޫއަރުވައިލަމުން މޫނުގައި ޖެހިފައި، ފައިބުޑަށް ވެއްޓިފައިއޮތް ޓީޝާރޓަށް ޝަމްއަލް ބަލައިލިއެވެ. ނުރުހުމުގެ އަސަރު ވަގުތުން މޫނުމަތިން ފައުޅުވެލީ އެއީ ކުރިންދުވަހު އިސްތިރިކޮށްފައި އޭނާ ބެހެއްޓި ޓީޝާރޓުކަން އެނގުމުންނެވެ. ގުދުވަމުން ޓީޝާރޓް ނެގުމަށްފަހު ކޮޓަރިއަށްވަދެ އޭނާ ދޮރުލައްޕައި ތަޅުލިއެވެ. އޭރު ރުޅިއައިސް ރަތްވެފައި އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިނށީދެ ޒާރާ އިނެވެ. ޝަމްއަލްގެ ދެލޯ އޭނާއަށް އަމާޒުވެލުމާއެކު އިންތަނުން ތެދުވެ ޒާރާ ހަށަންބަނދެލިގޮތުން ޝަމްއަލްއާ ކުރިމަތިލާން ތައްޔާރުވެލިކަހަލައެވެ.
"ކަލެއާ ހެދި މަށަށް މިހާރު ދުނިޔޭގަވެސް އުޅެން ދަތިވެއްޖޭ.. ކިހައި ބޮޑު އުނދަގުލެއްތަ؟ ކަލޭތީ އަހަރެންގެ ފިރިމީހާއަށްވީމަ އޭގެ މާނައެއްނޫނޭ އަހަރެންދާ ކޮންމެ ތަނަކަށް ފޫބުޑުލައިގެން ކަލޭ ގެންދަންޖެހޭނޭ.." ޝަމްއަލްއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލި ޒާރާގެ ދެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އެދެލޮލުގައިވީ ނަފުރަތުގެ ކުލަވަރެވެ. ދަތްކުނޑި ވިކައިލައިގެން ހުރިއިރު އެދޮންމޫނުވަނީ ރުޅިންގޮސް ރަތްވެފައެވެ.
ޒާރާގެ ވާހަކަތައް އެއްގޮތަކަށްވެސް ޝަމްއަލްއަކަށް ނުވިސްނުނެވެ. ނިތްއަރުވައިލަމުން ޓީޝާރޓް އަތުތެރޭގައި ބޮނޑިކޮށްލުމަށްފަހު އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.
"މިހާރު ކިހިނެއްވީ؟ އަހަރެން އެއްފަހަރުވެސް ބުނިތަ ޒާރާ ދާހައި ތަނަކަށް އަހަރެން ގެންދާށޭ.. ދުވަހަކުވެސް ޒާރާ ދިޔަ ތަނަކަށް ފަހަތުލައިގެން އަހަރެން ގެންގޮސްފަ އެބައޮތްތަ؟" ޒާރާގެ ވާހަކަ ހުރިގޮތުން ޝަމްއަލްވެސް ހިތްހަމަނުޖެހޭގޮތް ވިއެވެ.
"ހުރިހައިވެސް މައްސަލައަކީ އަހަރެންގެ ބައްޕަ.. އޭނައަށް ކަލޭ ވަރުގެ މީހެއްނެތް.. މަޖުބޫރުން އަހަރެން ކަލެއާ ދެވާފަވެސް އެފިރިހެނާއަށް މައިތިރިވެގެން ހުންނާކަށް ނޭނގުނޭ.. އިނދެގެން އެގެއިން ނުކުމެގެން އައީމަވެސް އެއެއްޗަކުގެ ކިބައިން ސަލާމަތެއް ނުވި.. އަދިވެސް އަހަރެންގެ ދިރިއުޅުމަށް ބާރުފޯރުވުން ނޫންހެންކަމެއް ކުރާކަށް އޭނާއަކަށް ނޭނގޭ.."
"ޒާރާ.." ޒާރާގެ ބަސްމަގު ހުރިގޮތުން ޝަމްއަލްގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. ހަރުއަޑުން ޒާރާގެ ނަމުން ގޮވައިލިއިރު އެކަމުން ޒާރާއަށް އެއްވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ.
"ކޮންމެހެން މަށަށް ގޮވާނެކަމެއްނެތް.. މީހުސް ކަލޭގެ ކަންތައް.. ކަލެއާނުލާ އަހަންނަކަށްނެތް އަހަރެންގެ އެކުވެރިންނާއެކު ދަތުރަކުވެސް ދެވޭކަށް.. ޖެހިފައޮތް ބޮޑު މުސީބާތެކޭ.." އަޑަށް ބާރުލަމުން ޒާރާ ބުންޏެވެ.
"ތިނުދެވިގެން އުޅޭތަނަކަށް ޒާރާ ދޭބަލަ.. އަހަންނެއް ނުހުއްޓުވަން.. އެކަމު ބުނަން.. ދެން ދުވަހަކުވެސް ޒާރާގެ ބައްޕައަށް ނިސްބަތްކޮށްފަ ތިވައްތަރަށް އަހަރެން ކުރިމަތީގަ ވާހަކަ ދައްކައިގެން ނުވާނެ.."
"އޮހް ހޯ.. ބަފައިބެދެކެ ހާދަހާ ލޯތްބެކޭ ދޯ ތިވަނީ.. އާން އެހެންޏަ އެހެންނުވާނީ ދޯ.. ކަލޭ ބޭނުންވިއިރަށް ވަގުތުން މިކައިވެނިވެސް ހަމަޖައްސާފަ ކޮށްދީފިވިއްޔަ.."
"ބުނަންތަ ރަނގަޅު ވާހަކައެއް.. އެންމެ ފުރަތަމަވެސް މިކައިވެންޏަށް އެދި އަހަރެންގެ ގާތަށް އައީ ޒާރާގެ ބައްޕަ.. އުފަލުން އެ އެދުން އަހަރެން ގަބޫލުކުރީ ހަގީގަތުގަވެސް އަހަރެން ޒާރާދެކެ ލޯބިވާތީ.. އެއްފަހަރުވެސް މިކައިވެނިކުރަން ޒާރާ ބޭނުންނޫނޭ އަހަރެން ގާތު ބުނިނަމަ.."
ޝަމްއަލްގެ ވާހަކައާ ވިއްދައި އެއްޗެއްބުނަން ޒާރާ އަނގަހުޅުވައިލި ވަގުތު އެނދުމަތީގައިއޮތް އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. އަވަސް ހަރަކާތަކާއެކު އެނދާއި ކައިރިއަށް ޖެހިލަމުން ބަންޑުންއޮތް ފޯނުނަގައި ދިއްލެމުންދިޔަ ސްކްރީނަށް ބަލައިލުމާއެކު މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ފޯނުނަގައި ކަންފަތުގައި ޖަހައިލައިފައި ދެތިން އެއްޗެއް ބުނަމުން ފޯނު ބޭއްވިއެވެ. އަދި އިތުރަށް ޝަމްއަލްއާ ޒުވާބުކުރަން ނުހަދައި އެއްފަރާތުގައިހުރި ޑްރެސިންގް ޓޭބަލް ކައިރިއަށް ހުއްޓިލަމުން ކޮށްފައިވި މޭކަޕް ރީތިކޮށްލިއެވެ. ދޫކޮށްލައިފައިއޮތް ބުޅި އިސްތަށިގަނޑު ވޫލް ކޮޅަކުން އައްސައިލަމުން އެތެރަށް ވަދެވޭގޮތަށް ހަދައިފައިހުރި ބޮޑު އަލަމާރި ތެރެއަށް ވަދެ ކްރޮޕް ޖެކެޓެއް، ލައިގެންހުރި ޓޮޕްކޮޅުގެ މަތިން ލުމަށްފަހު ބަހެއްވެސް ނުބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެއްގޮތަކަށްވެސް ޒާރާއަށް އައި ކުއްލިބަދަލުގެ ފަހަތުގައިވި ސަބަބެއް ޝަމްއަލްއަކަށް ނުވިސްނުނެވެ. ކޮޓަރީގެ ދޮރުމަތިން އެއްފަރާތަކަށް ޖެހިލައި ޒާރާ ދިޔުމަށް ތަންދައްކަމުން ސުވާލުގެ ނަޒަރަކުން އޭނާ ބަލަހައްޓައިގެން ހުއްޓެވެ. ބޭރަށް ނުކުމެ ކޮޓަރީގެ ދޮރު ޒާރާ ލައްޕައިލުމާއެކު ފުންނޭވައެއްދޫކޮށްލަމުން ޝަމްއަލް އިސްޖަހައިލިއެވެ. ކޮންމެ ދުވަހަކު އެފަދަ ޒުވާބުތައް ޒާރާއާ ކޮށްކޮށް އޭނާ މިހާރު ވަރުބަލިވާގޮތް ވެއްޖެއެވެ. ނިތުގައި ކަނައަތުގެ އިނގިލިތައް ހިންގައިލަމުން އައިސް އެނދުގެ އެއްފަރާތުގައި އޭނާ އިށީނީ ގޮތްހުސްވެފައިހުރި މީހަކު ފަދައިންނެވެ.
* * * * *
ޖެހިގެންއައި ދުވަހުވެސް ހައިތަމާއި ނާއިފް ގެއިން ނުކުތީ އާސިފާއި ބައްދަލުކުރަން ހަމަޖެހިފައިއޮތް ކެފޭއަށް ދިއުމުގެ ގޮތުންނެވެ. މަޑު ދުވެއްޔެއްގައި އައި ކާރު ކެފޭ ކުރިމައްޗަށް މަޑުކޮށްލުމާއެކު ނާއިފް ފެއިބިއެވެ. ޕާރކިން ޒޯނުގައި ކާރު ޕާރކް ކޮށްލުމަށްފަހު ހައިތަމްވެސް ކާރުން ފައިބައިގެން އައިސް ނާއިފް ގާތުގައި ހުއްޓިލިއެވެ. ދެމެދުގައި ވާހަކަތަކެއް ދެއްކުމަށްފަހު ކެފޭ ތެރެއަށް ވަދެގެން ހިނގައިގަތްއިރު ދެމީހުންގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ ސީރިއަސްކަމެވެ.
ސިޑިން އަރައިގެން އައި އިރު އެއްފަރާތެއްގައި ހުރި މޭޒުދޮށުގައި އާސިފްވެސް އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ގާތަށް ހުއްޓިލަމުން އާސިފްގެ ނަމުން ހައިތަމް ގޮވައިލުމާއެކު ސިހިފައި އޭނާ ބަލައިލިއެވެ. ހިނިތުންވެލަމުން ޖެހިގެންހުރި ދެގޮނޑީގައި ހައިތަމާއި ނާއިފް އިނށީދެ ހަމަޖެހިލިއެވެ.
"އިއްޔަ ހައިތަމް ދެއްކި ވާހަކަތަކާމެދު އަހަރެން ވަރަށް ވިސްނިން.. ހާދިސާ ހިނގާފައޮތްގޮތުން އެއްގޮތަކަށްވެސް މިއީ ރޭވިގެން ކުރެވުނު ކަމެކޭ ހިތަށްވެސް ނާރާ.. ނޫނީ.. މިކަން ކުރިމީހެއްގެ ކުޅަދާނަކަމުން އެކަމާއިމެދުގައި ކުޑަ ޝައްކެތްވެސް އުފެދޭނެ ޖާގައެއްނެތީ.. އެކަމަކު އަލުން މިމައްސަލަ އަހަރެން އަމިއްލައަށް ބަލަން ނިންމައިފިން.. މިފަހަރު މީހަކާ ހަވާލުކުރުމުގެ ބަދަލު ހުރިހައި ކަމެއްވެސް އެންމެ ގާތުން ބަލަހައްޓާނީ އަހަރެން.." މޭޒުމަތީގައި އޮތް ދެއަތްތިލަ ޖޯޑުކޮށްލަމުން ސީރިއަސްކަމާއެކު އާސިފް ބުންޏެވެ. ލަސްލަހުން ހައިތަމް ބޯޖަހައިލިއެވެ.
"އެންމެ ފުރަތަމަވެސް އަހަރެންގެ ހިތަށްއެރި ފަސްވަނަ ފަންގިފިލައަށް އެވަގުތު މާކިން ދާންވީ ކީއްވެގެންބާއޭ؟ އެއްގޮތަކަށްވެސް އޭނަ އެތަނަށް ދާންޖެހުނު ސަބަބެއް ނުވިސްނުނު.. މާކިންގެ އޮފީސްވެސް ހުންނާނީ ހޮޓެލްގެ އަށްވަނަ ފަންގިފިލާގަ.. ބޭއްވޭ ހުރިހައި މީޓިންގްއެއް ބޭއްވެނީ ނުވަވަނަ ފަންގިފިލާގަ ހުންނަ ބޮޑު ހޯލްގަ.. އަނެއްކާ އެވަގުތަކީ ވަރަށް މުހިންމު ކްލައިންޓަކާ ބައްދަލުކުރަންވެސް ހަމަޖެހިފައޮތް ވަގުތެއް.. މާކިންގެ ޕާރސަނަލް އެސިސްޓެންޓެއް ހުންނައިރު، އެއްގޮތަކަށްވެސް އޭނަ ފަސްވަނަ ބައިގަހުރި ސްޓޮކްރޫމަށް ދާންޖެހުނު ސަބަބެއް ނުވިސްނުނު.. ހުރިހައި އެންމެނަށްކަހަލަ ގޮތަކަށް ސަލާމަތްވެވުނުއިރު، މާކިން ސްޓޮކްރޫމްގަ ތާށިވެފަހުންނަން ޖެހުނު ސަބަބެއް އެއްގޮތަކަށްވެސް ނޭނގުނު.. މިކަންކަމާ އެވަގުތުވެސް ސުވާލު އުފެދުނު.. އެކަމަކު.. އީކްގެ ހާލު ހުރިގޮތުން އެއްވެސްކަމަކާ އުޅޭނެ ވަގުތެއް އަހަންނަށް ނުވީ..." ދުރަށް ނަޒަރު ހުއްޓައިލައިގެންއިން ހައިތަމް މަޑުމަޑުން ބުންޏެވެ. އެހުރިހައި ކަމަކާއި މެދުގައި އޭނާ ވިސްނުންހިންގަމުންދިޔަވަރު ނިތަށް އަރައިފައިވި ރޫތަކުން ސާފުކޮށް ފައުޅުވާން ހުއްޓެވެ.
"އެކަމަކު... ތިއާއިލާއަށް އެވަރުގެ ދެރައެއްދޭން ވިސްނާނީ ކާކުބާއޭ އަހަރެންގެ ހިތަށް އަރަނީ.. މިއީ ވިޔަފާރީގެ ވާދަވެރިކަމުގަ ދިން ހަމަލާއެއްބާއޭ.. ނޫނީ.. ޒާތީ ހަސަދައެއްގެ ހިތި ނަތީޖާބާއޭ.." ނާއިފްގެ ޖުމުލަތަކާއެކު އާސިފާއި ހައިތަމްގެ ނަޒަރު އޭނާގެ މޫނަށް އަމާޒުވެލިއެވެ.
(ނުނިމޭ)