ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (5)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހަތަރުވަނަ އަދަދާއި ގުޅޭ

"އީކް.." ކުއްލިއަކަށް އޭނާގެ ނަމުން މާކިން ގޮވައިލިހެންހީވެ އީކްގެ ރުއިން ހުއްޓުމަކަށް އައެވެ. އޮތްތަނުން ފުންމައިގެން ތެދުވުމާއެކު ކޮޓަރީގެ އެތަން މިތަނަށް އޭނާ ނަޒަރު ހިންގަމުންދިޔައެވެ. މޮޔައަކު ފަދައިން އެނދުން ފައިބައި ފަހަރަކު ތަނެއް ބަލަމުން ދިޔައެވެ. ހެދުން އަލަމާރި ހުޅުވައި އޭގެ އެތެރެބެލުނީ ކީއްވެކަމެއްވެސް އީކްއަކަށް ނޭނގެއެވެ. އަނދިރިކަން ވެރިވެފައިވި ފާޚާނައިގެ ދޮރުހުޅުވަމުން އެތަންވެސް ބެލިއެވެ. ނުވިތާކަށް ކޮޓަރީގައިހުރި ބޮޑު ބިއްލޫރި ދޮރުކަހައިލަމުން ނުކުމެ ބެލްކަނީގައިވެސް މާކިން ހުރިތޯ އީކް ބެލިއެވެ. އޭނާގެ އަވަސްވަމުންދިޔަ ހިތާއި އެއްވަރަށް ހަރަކާތްތަކުގައިވެސްވީ އަވަސްކަމެވެ. ކޮޓަރީގެ މެދެއްގައި ހުއްޓި ވަށައިގެން ނަޒަރު ހިންގަމުންދިޔަ ވަރަކަށް އީކްގެ ސިކުނޑިއަށް ކުރަމުންދިޔަ ބާރު ބޮޑުވަމުން އައެވެ. އިވުނީ މާކިންގެ އަޑެއް ނޫންކަމާއި އެއީ ހީވިގޮތެއްކަން ވިސްނުނުހިނދު އީކްގެ ސިކުނޑި ހަމައިން ނެއްޓިކަހަލައެވެ. ހުރިތަނުގައި ހުރެ ބޯ މައްޗަށް ހިއްލައިލުމާއެކު ލަސްލަހުން އެދެލޯ އައިސް އަމާޒުވެލީ ބާރަށް އެނބުރެމުންދިޔަ ފަންކާއަށެވެ.

* * * * *

ނިތްމަތީގައި އެއް އަތް ބާއްވައިލައިގެން އެނދުމަތީގައި ހައިތަމް އޮތީ ފިކުރުބޮޑުވެފައެވެ. އީކްއާ މެދުގައި ވިސްނިވަރަކަށް ހަތަރެސް ފަރާތުން އޭނާ ފިތެމުންދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ހިތް ނުތަނަވަސްވާވަރުން އެނދުގައި އޮންނަން އުނދަގޫވެ އޮތްތަނުން އޭނާ ތެދުވެ އިނށީދެލިއެވެ. އެކަނި އޮންނަން ވެއްޖެނަމަ އީކްގެ ހިތާމަ މާބޮޑުވެދާނޭ ހިތައި އިންތަނުން ތެދުވަމުން ކޮޓަރިން ނުކުންނަން ހައިތަމް ހިނގައިގަތެވެ. އެދަރިފުޅާއި މެދުގައި އޭނާ ކަންބޮޑުވެ ހިތާމަކުރާވަރު އެންމެ ރަނގަޅަށް ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ.

އަވަސްހިނގުމެއްގައި އޭނާއަށް އީކްގެ ކޮޓަރިއާ ދިމާލަށް ދެވުނީ ކީއްވެކަމެއް ޚުދު ހައިތަމްއަށްވެސް ނޭނގެއެވެ. އެހެނަސް ދޮރުހުޅުވައިލުމާއެކު ފެނުނު މަންޒަރުން އޭނާގެ ވަށައިގެންވި މާހައުލު އެނބުރިގަތްކަހަލަ އިހުސާސެއް އޭނާ އަށް ކުރެވުނެވެ. އީކްގެ ނަމުން ބާރަށް ހަޅޭއްލަވައިގަންނަމުން ކޮޓަރީތެރަށް ހައިތަމް ދެމިގަތެވެ. އޭރު އެނދުމަތީގައި ޑްރެސިންގް ޓޭބަލްގެ ގޮނޑި ބަހައްޓައިގެންހުރެ އީކް މަސައްކަތްކުރަމުންދިޔައީ ފަންކާގައި އަތުއޮތް ބެޑްޝީޓް އެއްސުމަށެވެ. އީކްގެ މަގުސަދު ވިސްނި ހައިތަމްގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. ދަރިފުޅުގެ ވިސްނުން އެދަރަޖައަށް ގޮސްފާނެކަމަށް ފަހަރެއްގައިވެސް ހައިތަމްއަށް ހީވެފައެއް ނެތެވެ. އުއްމީދުވެސް ނުކުރާފަދަކަމެއް އީކްގެ ފުށުން ފެނުމުން އޭނާގެ ހާލަތު ގޯސްވެފައިވި މިންވަރު ހައިތަމް އަށް ވިސްނުނެވެ. ހައިތަމްގެ ހަޅޭކުގެ އަޑަށް ނާއިފްވެސް ދުވެފައިކަހަލަ ގޮތަކަށް އައިސް އެކޮޓަރީ ދޮރުމަތީގައި ހުއްޓުނެވެ. އެތެރެއިން ފެނުނު މަންޒަރު ގަބޫލުކުރުންވީ އޭނާއަށްވެސް ދަތިކަމަކަށެވެ. އަނގަމަތީގައި އަތްއަޅައިގެން ދެލޯ ބޮޑުވެފައި އޭރު ހައްވައްތަވެސް ނާއިފްގެ ގާތުގައި ހުއްޓެވެ. ދެލޯކުރިމަތިން ފެނުނީ ހަގީގަތެއްކަމާއި މެދުގައި ސުވާލު އުފެދިފައެވެ.

"އީކް.. ދަރިފުޅާ.." އީކްގެ ހަށިގަނޑުގައި ހިފައި ގޮނޑިމަތިން ބާލުވަމުން ހައިތަމް ހާސްވެފައި ގޮވައިލިއެވެ. ދެލޮލުން ކަރުނަ އޮއްސައިގަތީ ހައިތަމްގެ ހުއްދައަކާއި ނުލައެވެ. ތެޅިފޮޅެމުން އީކް ދިޔައީ ހައިތަމްގެ އަތުގެ ތެރެއިން ސަލާމަތްވެ އޭނާ ކުރަން އުޅުނު ކަންތަކާއިވެގެން ކުރިއަށްދިއުމަށް ބޭނުންވެފައި ހުރެއެވެ. ހައިތަމް ދައްކަމުންދިޔަ އެއްވެސް ވާހަކައެއް އީކްއަށް އަޑުނީވޭފަދައެވެ. ކަރުނަ ފައިބަމުންދިޔަ ދެލޯ ބޮޑުކޮށްލައިގެން ހުރެ ހައިތަމްގެ ކޮނޑުގައި ދެއަތުން ވިއްދައި ފަހަތަށް ކޮށްޕުމަށް އީކް މަސައްކަތްކުރަމުންދިޔައެވެ.

"އީކް..." ކެތްތެރިކަން ކޮޅުންލުމާއެކު ހައިތަމްއަށް އަޑުގެ ނެތްތަނަށް ގޮވައިލެވުނެވެ. ގިސްގެ އަޑު ބޭރުވެގެންއައީ ހައިތަމް ކުރަމުންދިޔަ ހިތްވަރު އެލުވައިލަމުންނެވެ. ހައިތަމްގެ އަޑުން ސިހިފައި އީކް ހުއްޓުންއަރާގޮތްވިއެވެ. ހަރަކާތްތެއްވެސް ކޮށްލުމެއްނެތި ހައިތަމްގެ މޫނަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ. ކޮންޓްރޯލުން އަމިއްލަ ނަފުސު ދޫވެ ހައިތަމްއަށް ބާރަށް ރޮވެމުންދިޔައިރު ހައިރާންވެފައިހުރި މީހަކުފަދައިން ހައިތަމްއަށް އީކް ބަލަހައްޓައިގެން ހުއްޓެވެ. ހިނދުކޮޅަކަށް މަސައްކަތް ހުއްޓިފައިވި ސިކުނޑި އަލުން މަސައްކަތްކުރަން ފެށިކަހަލައެވެ. ލަސްލަހުން މަތީގައިހުރި ފަންކާއަށް ބަލައިލެވުމާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. ކަންފަތު ހިނދުރީގައި ހަރުލައިފައިހުރި ބައްޕަގެ ރުއިމުގެ އަޑުން އީކްގެ ދެލޯވެސް އިތުރަށް ތެންމައިލިއެވެ. ކުރެވެން އުޅުނު ކަންތައް އިހުސާސުވީ ދެނެވެ. ހިކިފައިވި ދެތުންފަތް ތުރުތުރުއަޅައިލުމާއެކު އީކްއަށްވެސް ބާރަށް ރޮވިއްޖެއެވެ. ވަގުތުން ލޯބިވާ ދަރިފުޅު ގެނެސް އެމެޔާލައި ހައިތަމް ބޮނޑިކޮށްލިއެވެ. ތަކުރާރުކޮށް އީކްގެ ނަމުން ގޮވަމުން އޭނާ ރޮމުންދިޔައިރު އެދެލޮލުން ފައިބާ ކޮންމެ ކަރުނަތިއްކެތްގައިވީ ދަރިފުޅަށްޓަކައި ހިތުގައިވި ފުންލޯތްބެވެ. ހައިތަމް ލައިގެންހުރި ގަމީހުގައި ދެއަތުން ހިފައި ބާރުކޮށްލުމާއެކު އެމޭގައި އިތުރަށް މޫނުފޮރުވައިލީ ވަރުބަލިވެފައިވާ މީހަކުފަދައިންނެވެ. އީކްގެ ބުރަކަށީގައި ފިރުމަމުން ދަރިފުޅާއެކު ބައްޕަ އެބަހުރިކަމުގައި ހައިތަމް ބުނަމުންދިޔައީ ލޯތްބާއެކުއެވެ. އެބަސްތަކުން އީކްގެ ހިތަށް ކުޑަނަމަވެސް ޝިފާއެއް ލިބިގެންދިޔައެވެ.

ދޮރުމަތީގައިހުރި ނާއިފް ކޮޓަރިއަށް ވަންނަން އުޅުމުން ހިފެހެއްޓީ ހައްވައްތައެވެ. ދެބަފައިންނަށް ވަގުތުކޮޅެއް ދިނުމަށް ހައްވައްތަ ބުނެލިއެވެ. ދެމީހުންގެ ހަރަކާތްތަކަށް ބަލަންހުރި ނާއިފް އިސްޖަހައިލަމުން ދެލޯ ފުހެލިއެވެ. ހައްވައްތަގެ ވާހަކައަށް ބޯޖަހައިލަމުން ހުރިތަނުގައި އޭނާ މަޑުޖެހިލިއެވެ.

އެނދުގެ އެއްފަރާތުގައި އީކް ގެންގޮސް ބައިނދަމުން އެނދުމަތީގައިހުރި ގޮނޑި ހައިތަމް ނަގައި ތިރީގައި ބަހައްޓައިލިއެވެ. އަތުން މޫނުމަތި ފުހެލައި މީހާ ހަމަޖެހިލަމުން އައިސް އީކްއާއި ކުރިމަތިވާނޭހެން އޭނާ އިނށީނެވެ. ލޯބިން އީކްގެ ދެއަތްތިލަ ގެނެސް އޭނާގެ ދެއަތުގެތެރޭގައި ފޮރުވައިލިއެވެ. އަދި މަޑުމަޑުން އީކްގެ ނަމުން ލޯބިން ގޮވައިލިއެވެ. ޖެހިލުންވެފައި އިނދެ ލަސްލަހުން އެދިގު އެސްފިޔަތައް އުފުލައިލަމުން އީކް ބަލައިލިއެވެ. އެދެލޮލުގައިވި ކަންބޮޑުވުން ހައިތަމްއަށް ސިއްރެއް ނުވެއެވެ. ގަދަކަމުން ހިނިތުންވެލަމުން ހައިތަމް އިތުރަށް އީކްއާއި ގާތަށް ޖެހިލިއެވެ.

"ދަރިފުޅާ.. ދިރިއުޅުމަކީ ބައެއްފަހަރު ވަރަށް ދަތި އެއްޗެއް.. މިދުނިޔޭގަ އަބަދު ކަންތައްވާނީ އަހަރެމެން ހިތްއެދޭ ގޮތަކަށްނޫން.. ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކާ ބައްދަލުކުރާ ފަދައިން ހިތްދަތިވެ މީހާ ގޮތްހުސްވާފަދަ ހިތާމަވެރި އެތައްދުވަހަކާވެސް އަހަރެމެން ބައްދަލުކުރާން ޖެހޭނެ.. އުފާވެރިކަމުގެ ވަގުތު ޝުކުރުވެރިވާފަދައިން ހިތާމައިގެ ވަގުތު ނިކަން ކެތްތެރިވާންވެސް ވާނެ.. ބައްޕަ ކުރިންވެސް ދަރިފުޅަށް މިހުރިހައި އެއްޗެއް ކިޔައިދިނިން.. ބައްޕަގެ ދަރިފުޅަކީ އެފަދަ ހިތްވަރުގަދަ ކެތްތެރިކުއްޖަކަށް ވާން ބޭނުންވާތީ.. ދަރިފުޅު ނިކަން ވިސްނަބަލަ.. ފުރާނައަކީ މާތް ﷲ ގެ އަމާނާތެއް.. އޭގެ ވަގުތު ޖެހުމުން ވެރިރަސްކަލާނގެ ހަޟްރަތަށް އެނބުރި ދާންޖެހޭ އެއްޗެއް.. އެއީ އަހަރެމެން އެއްވެސް މީހަކަށް ބާރުފޯރުވޭނެ ކަމެއް ނޫން.. އެއަމާނާތަށް ޚިޔާނާތްތެރިވާން ހިތަށް އަރުވައިގެންވެސް ނުވާނެ.. އެފަދަގޮތަކަށް ތިމާ ނިމިގޮސްފިނަމަ އެފާފައަށް ތައުބާވާނެ ފުރުސަތެއްވެސް ނުލިބޭނެ.. އަމިއްލައަށް މަރުވުމަކީ ނުބައިކަން ބޮޑު ފާފައެއް.. އެއީކީ ދިރިއުޅުމުގަ ދިމާވާ ކަންކަމަށް އޮތް ހައްލެއްނޫން ދަރިފުޅާ.. ބައްޕަ ގަބޫލުކުރަން.. ބައެއް ހާލަތްތަކަކީ ކެތްތެރިވުމަށް ނުހަނު ދަތިވާފަދަ ހާލަތްތަކެއް.. އެހެނަސް ހިތްވަރާއެކު ކެތްތެރިވާއަޅުންނަށް އާޚިރަތުގެ ކާމިޔާބާއި އުފާވެރިކަން އޮތީ.. މާތް ރަސްކަލާނގެ ވޮޑިގެންވަނީ ކެތްތެރިންނާއެކު.. ހިތާމަތައް ލުއިކޮށްދީ ހިތަށް ހަމަޖެހުން ދެއްވުންއެދި އަހަރެމެން ދަންނަވަންޖެހޭނީ އެކަލާނގެ ހަޟްރަތުން.. މާތް ﷲ ގެ ރަޙުމަތުން މާޔޫސްވުމެއްނުވޭ ދަރިފުޅާ.. ބައްޕަ އަބަދުވެސް ދަރިފުޅު ގާތު ބުނަމެއްނު.. ދެއްވަވާނީވެސް މާތް ރަސްކަލާނގެ.. ހަފައެދައިން ގެންދަވާނީވެސް މާތް ރަސްކަލާނގެ.. އެކަމަކު އެކަލާނގެއަށް ފުރިހަމައަށް އިތުބާރުކުރާ މީހެއްގެ އަތުން އެއްޗެއް ގެންދަވައިފިނަމަ އެގެންދެވި އެއްޗަކަށްވުރެ މާހެޔޮ އެއްޗެއް ބަދަލުގައި މިންވަރުކޮށްދެއްވާނެ.. އެކަލާނގެއަށް އިތުބާރުކުރޭ ދަރިފުޅާ.. އިރާދަފުޅުން މިދުވަސްވެސް ފާއިތުވެ ހިނގައިދާނެ.. ބައްޕަގެ ލޯބިވާ ދަރިފުޅުގެ ހިތަށް ހަމަޖެހުން ދެއްވައި ހިތާމަތައް ލުއިކުރައްވާށި.. އާމީން.." މޫނުމައްޗަށް ވެރިފައިހުރި އީކްގެ ފަންއިސްތަށިގަނޑު ރީތިކޮށްލަމުން އެމޫނުގައި ހިފައިގެނެސް ނިތުގައި ހައިތަމް ބޮސްދިނެވެ. ހައިތަމްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި އީކްގެ އިސްތަށިގަނޑުތެރަށް ހިނދިގެންދިޔައީ އެބައްޕަގެ ވާހަކަތަކުން އޭނާގެ ހިތަށް ހިނދުކޮޅަކަށްވިއަސް ހަމަޖެހުން ގެނުވަމުންނެވެ. ހައިތަމްގެ މޭގައި މޫނުޖައްސައިލުމާއެކު ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ މަގާމުދޫކޮށް އީކްގެ ކޯތާފަތްމައްޗަށް އޮހިގަތެވެ. ހަމަހިމޭންކަމާއެކު އީކް މެޔާލައި ބޮނޑިކޮށްލައިގެން ހައިތަމް އިނީ އެހިތްފުރޭވަރަށް ރުއިމަށް ފުރުސަތުދީގެންކަހަލައެވެ. ފަހަރުގައި އޭރުންވެސް އެހިތަށް ހަމަޖެހުމެއް ލިބިދާނެއެވެ. ސިކުނޑިއަށް ބާރުކުރަމުންދިޔަ ޚިޔާލުތަކުން ކުޑަވަގުތުކޮޅަކަށްވިއަސް މިންޖުވެވިދާނެއެވެ. ހިތާއިހިތުން ދަރިފުޅުގެ އުފަލަށްޓަކައި ހައިތަމްއަށް ދުޢާކުރެވެމުންދިޔައިރު، އޭނާގެ ވާހަކަތަކުން ނާއިފާއި ހައްވައްތަގެ ލޮލުންވެސް ކަރުނަ ނިރާލިއެވެ. ކޮންފަދަ އަގުހުރި ނަސޭހަތްތަކެއް ހެއްޔެވެ؟ ގޮތްހުސްވެފައިހުރި ބައްޕައެއްގެ ދުލުން ލޯބިވާ ދަރިފުޅަށްޓަކައި ނުކުމެގެން އެދިޔައީ ވިސްނައިފި މީހަކަށް އަގުހުރި ބަސްތަކެއްކަން ގައިމެވެ.

* * * * *

"އީވާން ސަރ" ކްލާސް ނިންމައިފައި ނުކުތް އީވާންގެ ފަހަތުން ހަލުވިފިޔަވަޅުތަކެއްގައި ނުކުތް މާހާ ގޮވައިލީ ހިތްއަވަސްވެފައިހުރެއެވެ. މާހާގެ ފަހަތުންކަހަލަ ގޮތަކަށް ނުކުތް މައިރާގެ މޫނުމަތީގައިވީ ހައިރާންކަމެވެ. ސުވާލުގެ ނަޒަރަކުން މާހާއަށް ބަލަހައްޓައިގެން އޭނާ ހުރީ މާހާ ކުރަންއުޅޭކަމެއް ބަލައިލުމުގެ ގޮތުންނެވެ.

"ޔެސް މާހާ.." ހުރިފިޔަވަޅުމަތީގައި ހުއްޓިލަމުން ފަސްއެނބުރި އީވާން ބަލައިލިއެވެ. އޭނާއަށް ބަލަހައްޓައިގެންހުރި މާހާއަށް ނިތްއަރުވައިލުމާއެކު މާހާ ކުރިއަށް ޖެހިލިއެވެ.

"އަމް.. ސަރ މިއަދު ނަގައިދިން ފިލާވަޅުގެ ބައެއް ތަންތަން އަޅުގަނޑަށް އެހައިބޮޑަށް ފަހުމެއްނުވޭ.." އަވަސްވަމުންދިޔަ ހިތް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން މާހާ ބުނެލިއެވެ. އެވާހަކަތަކުން މައިރާގެ ހިތުގައި އުފެދިފައިވި ސުވާލުތައްވީ ހައްތަހައި އިތުރެވެ. އެއްގޮތަކަށްވެސް މާހާގެ ނިޔަތެއް އޭނާއަކަށް ނުވިސްނުނެވެ. ދެފަރާތަށް ބޯހޫރުވައިލަމުން މާހާގެ އެއްފަރާތުގައި އޭނާވެސް ހުއްޓިލިއެވެ.

"މިވަގުތު ސަރއަށް މަޑުކުރެވޭކަށްނެތް.. ދެން އޮތް ކްލާހުގެ ގަޑި އިރުކޮޅަކުން ޖެހޭނެ.. ކޮލެޖް ނިންމާލާފަ ކްލާހުގަ މާހާ މަޑުކޮށްލަންވީނު.. އޮޅުންއަރާ އެއްޗެއް އޮތްނަމަ އެގަޑީގަ އައިސް ސަރ އޮޅުންފިލުވައިދޭނަން.. އެންމެ ރަނގަޅެއްނު.." ލުއިހިނިތުންވުމެއް މާހާއަށް ދެމުން އީވާން ބުންޏެވެ. ހިނިއައިސްފައި އަވަސް އަވަހަށް މާހާ ބޯޖަހައިލިއެވެ. އެފުރުސަތު ގެއްލޭކަށް ކުޑަކޮށްވެސް އޭނާ ނޭދެއެވެ.

"މައިރާއަށްވެސް އޮޅުންއަރާ އެއްޗެއް އޮތީތަ؟" މާހާގެ ގާތުގައި މަޑުކޮށްލައިގެން މައިރާ ހުރުމުން އީވާން ސުވާލުކޮށްލިއެވެ. ނުވިސްނައި ހުއްޓައި ކުއްލިއަކަށް ކުރިމަތިވި ސުވާލަށް ޖަވާބުދޭނެގޮތެއް ނޭނގި މައިރާ އާގަންނަގޮތްވިއެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ހިނިތުންވެލައިފައި މާހާއާ އެކުގައި ކޮލެޖް ނިންމައިފައި މައިރާވެސް މަޑުކޮށްލިއަސް އެންމެ ރަނގަޅުކަމުގައި ބުނަމުން އީވާން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ވަގުތުން މާހާގެ މޫނުމަތީގެ ކުލަ އޮއްސިގެންދިޔައެވެ. ނިތަށް ރޫއަރުވައިލަމުން ޝަކުވާގެ ނަޒަރަކުން ގާތުގައިހުރި އެކުވެރިޔާގެ މޫނަށް ބަލައިލިއެވެ.

"އާރްގް.. މައި ކީއްކުރަންތަ އަހަރެންގެ ފަހަތުން ތިއައީ؟ އެއޮށްވަރުން އީވާން ސަރއާ އެއްކޮށް އެކަނިވެލަން ހޯދި ވަގުތުކޮޅުވެސް އެގެއްލުނީ.."

"ތިބުނީ؟ އައި ޖަސްޓް ވޯންޓެޑް ޓް ސީ ވަޓް ޔޫ ވަރ އަޕް ޓް.. ފަހަތުން އައީ އެހެންވެގެން.. އެހެންނޫނަސް އަހަންނަށް އެބަ އެނގޭތަ މާހާ ސަރ ގާތު ތިހާބޮޑު ދޮގެއްހަދާ އޭގަ އަހަރެންވެސް ބެދޭނެކަމެއް.." މޫނަށް ވައްތަރެއް ޖައްސައިލަމުން މައިރާ ބުންޏެވެ.

"ސަރ އާ އެއްކޮށް އެކަހެރި ވަގުތުކޮޅެއް އަހަންނަށް ހޯދެން އޮތީ އެގޮތުންކަމަށްވާނަމަ އެކަންވެސް އަހަރެން ކުރާނަން.." މާހާގެ އަޑުގައިވީ ކަމަކަށް ކެތްތެރިކަން ކުޑަވެފައިހުރިފަދަ އަސަރެކެވެ.

"އޯ ގޯޑް.. އާރ ޔޫ ސީރިއަސްލީ އިން ލަވް ވިތް ހިމް؟" ގަބޫލުނުކުރެވިފައި ހުރިފަދަ ގޮތަކަށް ދެލޯބޮޑުކޮށްލަމުން މައިރާ އަހައިލިއެވެ. އޭނާ ހީކުރީ މިއޮށްހުރިހައި ދުވަހު މާހާ އެފަދަ ވާހަކަތައް ދައްކަނީ މަޖަލަކަށްކަމަށެވެ. ފަހަރެއްގައިވެސް އޭނާގެ ހިތުގައި އީވާންގެ މައްޗަށް ލޯބިއޮތް ކަމަކަށް މައިރާއަށް ހީވެފައެއްނެތެވެ.

"އުގް.. ކާންޓް ޔޫ ސީ؟ އެހިތާ ހަމައަށް ވާސިލްވާން ކުރެވޭނެ ހުރިހައި ކަމެއްވެސް އަހަރެން ކުރާނަން.. މީ އަދި ފެށުން.. ކަމެއްނުކޮށް މިހެން ހުއްޓަ އަހަރެންގެ އަތުން ސަރ ބީވެގެންގޮސްފާނެ.. ކޮންމެވެސް ފިޔަވަޅެއް އަޅަން އަހަންނަށް މަޖުބޫރުވީ އެހެންވެ.. އެލޯބި ހިތުގަ ފޮރުވައިގެންވެސް ހުރެވިއްޖެއްނު.. ދެން ނުވާނެ ކެތެއް.. ޖަސްޓް ވެއިޓް އެންޑް ވޮޗް.. އެއީ ހަމައެކަނި އަހަރެންގެ މީހެއް.. ހަމައެކަނި.. އަހަރެންގެ... މިފަހަރު މިލޯބި ނާކާމިޔާބުވިޔަކަ އަހަންނެއް ނުދޭނަން.." މާހާގެ އަޑުގައިވީ ބޮޑާކަމެވެ. މާޒީގެ ހަނދާންތަކެއް އިއާދަކޮށްލަމުން ފަހުޖުމުލަތައް އޭނާ ބުނެލީ އަޑަށް ބާރުލައިފައެވެ. މާހާގެ ވާހަކަތަކުގައި ފޮރުވިފައިވި މާނަ ނުވިސްނި އޭނާގެ މޫނަށް ބަލަހައްޓައިގެން މައިރާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތުގައި ފުނިޖެހެމުންދިޔަ ސުވާލުތައް ދުލާއި ހަމައަށް އައުމުގެ ކުރިން ބެލްޖެހިއަޑު އިވުނީ ދެން ޖެހިގެންއޮތް ކްލާސް ފެށުނީކަން އިއުލާނުކޮށްދެމުންނެވެ. ވާހަކަ ކުރުކޮށްލަމުން ދެކުދިންވެސް އަވަސްވެލީ ލެކްޗަރަރ އައުމުގެ ކުރިން ކްލާހަށް ވަނުމަށެވެ.

* * * * *

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ހިތްގައިމު ވަގުތެވެ. މީހަކާއި ބައްދަލުކޮށްލަން ހައިތަމާއި ނާއިފް ގެއިން ބޭރަށް ދިޔައީ ހައްވައްތައާ އީކް ބެލުމަށް ހަވާލުކޮށްފައެވެ. ކުރީދުވަހުގެ ހާދިސާއަށްފަހު އެންމެ ހިނދުކޮޅަކުވެސް އީކް އެކަނި ބެހެއްޓުމަކަށް ހައިތަމްގެ ހިތެއް ނުރުހުނެވެ. އޭނާގެ އެދުމަށް އެދުވަހުން އެދުވަހަށް ހައްވައްތަ ވަނީ އީކްގެ ކޮޓަރިއަށް ބަދަލުވެފައެވެ. ދެވަނަފަހަރަށްވެސް ފިކުރުކޮށް، މާޔޫސްވެ އެފަދަ ދަރަޖައަކަށް އީކްގެ ވިސްނުން ހިނގައިދާނެތީ ހައިތަމްވަނީ ޖެހިލުންވެފައެވެ. ދަރިފުޅުގެ ރައްކައުތެރިކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްއަޅަންވެސް ހައިތަމް ނިންމީ އެހެންވެއެވެ.

ގޭގެ ބިތްދޮށުގައި ހައްދައިފައިއޮންނަ ބަގީޗާގެ އެއްފަރާތުގައިހުރި ލަކުޑި ބެންޗެއްގައި އިނށީދެލައިގެން އީކް އިނެވެ. އީކްގެ ހަރަކާތްތައް ފެންނާނޭހެން ތަންކޮޅެއް ދުރުގައި ހައްވައްތަވެސް ހުއްޓެވެ. ބަގީޗާގެ މެދެއްހައި ހިސާބުގައި ހަދާފައިހުރި ބޮޑު ފެންއަރުވާވަޑާމަށް ބަލަހައްޓައިގެން އީކް އިނީ ވިސްނުމަކަށް ގެއްލިފައެވެ. މާޙައުލުގައި ހަރުލައިފައިވި ހިތްގައިމު މައުމެލާމެލީގެ ވަހާއެކު ފެންއަރުވާވަޑާމުން އޮހެމެންދިޔަ ފެންތަކުގެ އަޑުން މުޅިއެހިސާބަށް ވެރިވެފައިވީ ހިތަށް ހަމަޖެހުން ގެނުވާފަދަ އަސަރެކެވެ. އުނގުމަތީގައި އޮތް ދެއަތްދެއަތާއި މޮޑެމުންދިޔައިރު އީކްގެ ސިކުނޑީގައިވީ މާކިން އާއި އެކުގައި ހޭދަވީ އުފައުވެރި ދުވަސްތަކެވެ. ދެލޯކުރިމަތިން ރޯލު ލަސްކުރެވިފައި ފިލްމެއް ފަދައިން އެދުވަސްތަކުގެ އެކި ހަނދާންތައް އިއާދަވާންފެށުމުން އީކްއަށް އިސްޖަހައިލެވުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ދެލޯމަރައިލީ އެމަންޒަރުތަކުންވިއަސް ވޭންއަޅަމުންދިޔަ ޒަޚަމްތަކަށް ޝިފާއެއްލިބުމަށް އެދެވިފައިވުމުންނެވެ. މެރިގެންދިޔަ ދިގުއެސްފިޔަތައް ފޫއަޅުވައިލުމަށްފަހު ކަރުނަތިއްކެތް ފައިބައިގެންއައީ އެދޮންކޯތާފަތުގައި ބޮސްދެމުންނެވެ. ފަނޑުކޮށް ނަމަވެސް ތުންފަތް ދެފަރާތަށް ދެމިލިއެވެ. "މާކިން." ހިތުގެއަޑު ކަންފަތާއި ހަމައަށް ވާސިލްވީ އެތައް އިހުސާސަކާއި އެކުއެވެ. މާޒީގެ ހިތި ކަނޑަށް އީކް ޣަރަގުވަމުންދިޔައިރު އެންމެ ފުރަތަމަ މާކިންއާއި ދިމާވިގޮތް މެރިފައިވިދެލޯ ތެރެއިން ސިފަވެގެން އައެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
1 ދުވަސްކުރިން