ބިލް ގޭޓްސްގެ އަންހެން ދަރިފުޅު ކައިވެނިކޮށްފި

މައިކްރޯސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ އެމެރިކާގެ ވިޔަފާރިވެރިޔާ ބިލް ގޭޓްސް އާއި އޭނަގެ އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ޖޭޓްސް ކައިވެނިކޮށްފިއެވެ.

ޖެނިފާ ކައިވެނިކޮށްފައި ވަނީ އޭނަގެ ދުވަސްވީ ލޯބިވެރިޔާ ނަޔެލް ނައްސާރު އާއި އެވެ. މި ދެމީހުން ކައިވެނީގެ ހަފުލާ އޮތީ މިދިޔަ ހޮނިހިރު ދުވަހު ނިއު ޔޯކްގެ ވެސްޓްޗެސްޓާ ކައުންޓީގަ އެވެ.

ޖެނިފާ، 25، އާއި ނައްސާރު، 30، ކައިވެނިކޮށްފައިވާއިރު، މި ދެމީހުން އެންގޭޖްވެފައިވާކަން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ ޖެނުވަރީ މަސްތެރޭގައެވެ.

މި ދެމީހުންގެ ކައިވެނީގެ ހަފްލާގެ އެއްވެސް ފޮޓޯއެއް އަދި ރަސްމީކޮށް އިއުލާން ނުކުރިނަމަވެސް، ހަފްލާގެ ތެރެއިން ލީކުވެފައިވާ ބައެއް ފޮޓޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެގޮތުން މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު ކައިވެނީގެ ހަފުލާގައި ޖެނިފާ ލައިގެން ހުރީ ކްރީމް ކުލައިގެ ހެދުމެކެވެ.

ގޭޓްސް އާއި މެލިންޑާގެ ދޮށީ ދަރިފުޅު ކައިވެނިކުރި އިރު، މި ދެމީހުންގެ 27 އަހަރުވީ ކައިވެނި ރޫޅާލަން ނިންމައިފައިވާކަން އިއުލާންކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އަދި ރަސްމީކޮށް ވަރިވެފައި ވަނީ އޮގަސްޓު މަހުއެވެ.

މި ދެމީހުންގެ ވަކިވުމަށްފަހު ފުރަތަމަ ފަހަރަށް އެކުގައި މިދެމީހުން ފެނިފައިވަނީވެސް މިދިޔަ ހޮނިހިރު ދުވަހު އޮތް ދޮށީ އަންހެން ދަރިފުޅުގެ ކައިވެނީގެ ހަފްލާއިންނެވެ. އެގޮތުން ގޭޓްސް އާއި މެލިންޑާ ވަރަށް އުފަލުން އެ ދެމީހުންގެ ދޮށީ އަންހެން ދަރިފުޅާއެކު ހުއްޓާ ނަގާފައިވާ ފޮޓޯ މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ