ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (8)

ހަތްވަނަ އަދަދާއި ގުޅޭ

ހައިތަމް އާއި އީކް ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއެކު ޑްރައިވަރު ކާރު ދުއްވައިލިއެވެ. ފަހުފަހަރަށް އުޅެބޮޑުވި އެގެއަށް ބަލައިލަމުން ސީޓުގައި އީކް ލެގިލިއެވެ. އެތައް ހަނދާނެއް ފަހަތަށް ދޫކޮށްލުމަށްފަހު ދިރިއުޅުމުގެ އައު ދަތުރަކަށް މަރުހަބާ ކިޔުމަށް އޭނާ ތައްޔާރުވެލިކަހަލައެވެ. ކާރުގައި އެންމެ ފުރަތަމަ ދާންއޮތް މަންޒިލް ހިތަށް އަރުވައިލުމާއެކު އީކްގެ ހިތް ތެޅިގަތެވެ. ފިނިވަމުންއައި ދެއަތްތިލަ، އެއްއަތްތިލަ އަނެއް އަތްތިލައިގެ ތެރެއަށްލައި މަހައިލުމާއެކު ތުންފަތުގައި އޭނާއަށް ދަތްއަޅައިލެވުނީ ހާސްވެފައި އިނދެއެވެ.

އިސްޖެހިފައިއިން އީކްގެ ޖޯޑުކޮށްލެވިފައިވި އަތްތިލައަށް ބަލައިލަމުން އެއަތްތިލައިގައި ހިފައި ހައިތަމް ފިތައިލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. ސިހިފައި އިސްއުފުލައިލަމުން ހައިތަމްގެ މޫނަށް އީކް ބަލައިލުމާއެކު ހިނިތުންވެލަމުން ހައިތަމް ބޯޖަހައިލިއެވެ. ފަނޑު ނަމަވެސް ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަން އީކް މަސައްކަތްކުރިއެވެ. ކާމިޔާބުނުވިނަމަ ވެހެއެވެ.

ފާއިތުވެދިޔަ ދެތިންދުވަސް ހައިތަމް ހޭދަކުރީ ނުހަނު ބުރަކޮށެވެ. ވަކިމުއްދަތެއް ނެތްގޮތެއްގައި ނިއުޒިލޭންޑަށް ދާން ނިންމީ އީކްއަށްޓަކައެވެ. އެކޮޅުގައި ހޭދަވާނީ ކިހައި ދުވަހެއްކަމެއް ޚުދު އޭނާއަށްވެސް ބުނާކަށް ނޭނގެއެވެ. ކޮންމެހެން ނިންމަންހުރި އޮފީހުގެ މަސައްކަތްތައްކޮށް އެތިންދުވަސްތެރޭގައި އޭނާ ނިންމީ އެހެންވެއެވެ. ބާކީހުރި ކަންކަން އޭނާގެ ދަށުން އެންމެ އިސްކޮށް މަސައްކަތްކުރުމަށް އައްޔަންކޮށްފައިހުރި ފާރޫޤާއި ހަވާލުކޮށްފައި އޭނާ އައީ މުހިންމު އެއްވެސްކަމެއް ޖެހިއްޖެނަމަ އޭނާއަށް ގުޅުމަށް ބުނެފައެވެ. ދުރުހުއްޓެއްކަމަކު އޮފީހުގެ ކަންކަން ދާގޮތް އޭނާ ބަލާނެކަމަށް ބުނެފައެވެ. އަދި އެކޮޅުހުރެވެސް ކުރަންޖެހޭ މުހިންމު މަސައްކަތްތައްކޮށް ކޮންމެހެން ހާޟިރުވާންޖެހޭ ބައްދަލުވުންތަކުގައިވެސް ވީޑިއޯ ކޮންފެރެންގެ ޒަރީއާއިން ބައިވެރިވާނެކަމުގެ ޔަގީންކަން ދީފައެވެ.

ފުރަން ތައްޔާރުވުމުގެކުރިން ހައިތަމް އާސިފާއި ވެސް ބައްދަލުކުރިއެވެ. އީކްގެ ހާލު ހުރިގޮތުން މިވަގުތަށް އެދަރިފުޅާއެކު ދިއުން މުހިންމުކަމުގައި ހައިތަމް ބުންޏެވެ. އެހެނަސް އެކޭސްއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެނގިއްޖެނަމަ ވަގުތުން އޭނާއާ އެކަމެއް ހިއްސާކުރުމަށް ހައިތަމް އެދުނެވެ. ހައިތަމްގެ ހުރިހައި ވާހަކައަކަށް އާސިފް އެއްބަސްވީ އެ އެކުވެރިޔާގެ ހާލު އޭނާއަށް ވިސްނޭތީއެވެ. ހައިތަމް ނެތަސް އޭނާއަށްވީ އެންމެ ރަނގަޅަކަށް އެކޭސްގެ ހުރިހައިކަމެއް ބަލާނެކަމުގެ ޔަޤީންކަން އާސިފް ދިނެވެ.

ދުއްވަމުންދިޔަ ކާރު ހުއްޓުމަކަށް އައުމުން ހިނދުކޮޅަކަށް ކުރަމުންދިޔަ ފިކުރުތަކާ ހައިތަމް ދުރުވާގޮތްވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ގާތުގައިއިން ދަރިފުޅުގެ މޫނަށް އޭނާ ބަލައިލިއެވެ. އެދުވަހު އީކް އެދުނީ މިފަސްގަނޑުން ފުރުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް މާކިންއަށް ޒިޔާރާތްކޮށްލުމަށް ސަހަރާއަށް ގެންދިއުމަށެވެ. އެހަށީގައި އެހިތްވަރު ހުރިކަމާއިމެދު ހައިތަމް އަށް ޝައްކެވެ. އެހެނަސް އީކްގެ އެއެދުން ބޮލާލައި ޖަހަން އޭނާ ބޭނުންނުވީއެވެ. އެއީ އެދަރިފުޅަށް ލިބިގެންވާ ހައްޤެތްކަން އޭނާއަށް ވިސްނެއެވެ.

އީކްގެ ނަމުން ހައިތަމް ގޮވައިލުމާއެކު ލަސްލަހުން އިސްއުފުލައިލައި ބޭރުން ވަށައިގެން ފެންނަމުންދިޔަ މާހައުލަށް ބަލައިލިއެވެ. ހިންދިރުވައިލަމުން ހައިތަމްގެ މޫނަށް ބަލައިލި އީކްގެ ދެލޮލުގައިވީ ކަންބޮޑުވުމެވެ. ބިރުނުގަންނާށޭބުނެ ހައިތަމްއާ އެކުގައި އައުމަށް އޭނާ އެދުނެވެ. ބޯޖަހައިލަމުން ހައިތަމްގެ ފަހަތުން ކާރުން ފައިބައި ކުރިމަތީގައިހުރި ސަހަރާއަށް އީކް ނަޒަރުހުއްޓައިލިއެވެ. އަތްފައި ވަގުތުން ފިނިވެގެންއައިއިރު ހަށިގަނޑުގައިވެސް މަޑު ތުރުތުރެއްވަނީ އުފެދިފައެވެ. އީކްގެ އަތުގައި ލޯބިން ހިފައިލަމުން އެތަނަށް އޭނާ ވަންނަން ބޭނުންތޯ ހައިތަމް ސުވާލުކޮށްލިއެވެ. އެކުޑަވަގުތުކޮޅު ތެރޭވެސް އީކްއަށް އައި ބަދަލު އެދެލޮލުން ކަސިޔާރުވެ ނުދެއެވެ. ދެލޯމަރައި، ފުންނޭވާއެއް ފަޒާގެތެރަށް ދޫކޮށްލަމުން އީކް ބޯޖަހައިލިއެވެ. އެއާއެކު ހައިތަމް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

ހައިތަމްއާ އެކުގައި ސަހަރާތެރަށް ވަދެގެންދިޔަ އީކްގެ ދެލޯ އެކި ދިމަދިމާލަށް ހުއްޓެމުންދިޔައެވެ. ބިރުވެރިކަމެއް އެހިތުގައި އުފެދިފައިވިއަސް ފިނޑިވެ ފަސްޖެހޭކަށް އޭނާ ބޭނުމެއްނުވެއެވެ. މާކިންގެ ސޫރަ އެންމެ ފަހުފަހަރަށް ދުށުމުގެ ނަސީބު އޭނާއަށް ނުލިބުނަސް، މާކިންގެ މަހާނައަށް ޒިޔާރަތްކޮށްލުމުންވެސް އެހިތަށް ހަމަޖަހުންލިބޭނެކަން އީކްއަށް ޔަގީންވެއެވެ. އެފުރުސަތު ލިބެން އޮވެމެ ގެއްލިގެންދާކަށް ހިތެއް ނުރުހެއެވެ.

ވަކިހިސާބަކަށް އައުމަށްފަހު ފިޔަވަޅުތައް މަޑުޖައްސައިލަމުން ކުރިމަތީގައިހުރި މަހާނަ ހައިތަމް އީކްއަށް ދައްކައިލިއެވެ. އެތަނަށް އީކްގެ ދެލޯ އަމާޒުވެލުމާއެކު ހިފަހައްޓަން މަސައްކަތްކުރަމުންދިޔަ ކަރުނަތައް ދެލޮލުގެ ތެރެއަށް ބޮނޑިވެގަތެވެ. ހުހަށްއޮތް އަތްތިލަ އަނގަމަތީގައި އަޅައިލެވުމާއެކު އީކްއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. ކުރިމަތިން ފެންނަންހުރި ލޯބިވާ ފިރިމީހާގެ މަހާނައަށް ބެލުމަށް އެހިތަށް ކެތްނުވީއެވެ. ދުނިޔޭގެ ހިތި ހަގީގަތް އެދެލޯކުރިމަތިން ފައުޅުވުމުން ހިތްވަރުއެލޭގޮތްވީއެވެ. މާކިން އެނބުރި އަތުވެދާނެކަމަށްއޮތް ކުޑަކުޑަ އުއްމީދުވެސް ފުނޑުފުނޑުވެ ނެތިދިޔައީއެވެ. ދެލޯހުޅުވައިލަމުން ކަރުނުން ބަރާވެފައިވި ދެލޮލުން މާކިންގެ ފުރިހަމަ ނަމާއެކު ތިރީގައި ލިޔެފައިވި ލިޔުންކޮޅު އެތައް ފަހަރަކު އީކް ކިޔެވެ. މާކިން ގާތުގައި އޭނާ ދައްކަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުއްޓެއްކަމަކު އެދުލުން އެންމެ ލަފުޒެއްވެސް ނުނިކުންނާނެކަން އެނގި ފުރަތަމަ ފަހަރަށް އަމިއްލަ ހާލާއިމެދުގައި އީކްގެ ހިތުގައި ޝަކުވާ އުފެދުނެވެ. މާކިން ނެތަސް ހިތްވަރުކުރަން އޭނާ މަސައްކަތް ކުރާނެކަމަށްބުނެ ހާމަކުރަން އީކް ބޭނުންވިއެވެ. ފަހުފަހަރަށްވެސް ވަރަށް ލޯބިވެޔޭ އެދުލުން ބުނެލަން ބޭނުންވިއެވެ. މާކިންގެ ހަނދާންތަކާއެކު އޭނާ ދިރިއުޅެން މަސައްކަތްކުރާނެ ވާހަކަ ބުނަން ހިތްއެދުނެވެ. އަބަދުވެސް އެލޯބި އީކްގެ ހިތުގެ އެންމެ ފުންމިނުގައި ވާނެކަމަށްބުނެ އެތައް ވަޢުދެއްވާން އެ ނަފުސު އެދުނެވެ. އެހެނަސް އާހް.... ހިތަށް އަރުވައިލުންފިޔަވައި އިތުރު އެއްވެސްކަމެއް އީކްއަކަށް ނުކުރެވުނެވެ. އެހިތުގެ އަޑު ހަމައެކަނި އިވުނީ އީކްގެ ކަންފަތަށެވެ. މުޅިދުނިޔެއަށް އޭނާ މާކިންދެކެ ލޯބިވާވަރު އަންގަން ބޭނުންވިއަސް އެކަން ކުރުމަށް އީކް ނުކުޅެދުނެވެ. އިސްޖަހައިލުމާއެކު ހޯސްލައިފައި އެދެލޮލުން ކަރުނައިގެ ސައިލެއް ފައިބަންފެށީ އެހިތަށްކުރި ފުން އަސަރެއްގެ ސަބަބުންނެވެ. ހިތުގެ ޝަކުވާތައް ކަރުނައިގެ ސިފައިގައި ބަންޑުންކޮށްލީކަހަލައެވެ. އިރުކޮޅަކު އީކްއަށް ބަލަން ހުރުމަށްފަހު އޭނާ ގެނެސް ގަޔާއި ކަރިރިކޮށްލަމުން ހައިތަމް އެތަނުން ނުކުންނަން މިސްރާބުޖެހީ އެދަރިފުޅުގެ ހާލަތު އިތުރަށް ގޯސްވެދާނެތީ ކަންބޮޑުވީ ވަރުންނެވެ. ހައިތަމްއާ އެއްވަރަށް ހިނގައިގަންނަމުން ފަސްއެނބުރި ފަހުފަހަރަށް އީކް މާކިންގެ މަހާނައަށް ބަލައިލިއެވެ. ވަދާޢުގެ ސަލާމެއް އެހިތުގެ މިލްކުވެރިޔާއާ ކޮށްލިފަދައިންނެވެ.

* * * * *

އީކް އަންނަ ޚަބަރާއެކު ކޮލެޖުން ކުޑަ ޗުއްޓީއެއް އީވާން ނެގިއެވެ. ހުރިހައި ގޮތަކުންވެސް އީކްއާއި ހައިތަމްއަށް އެންމެ ފުރިހަމައަށް މަރުހަބާ ކިޔަން އޭނާ ހުރީ ބޭނުންވެފައެވެ. އީކްގެ ލޯބި ސޫރަ ދެލޯކުރިމަތިން ސިފަކުރަމުން އެކަމުން އީވާން ހިތަށް އުފައުވެރިކަން ގެނުވަމުންދިޔައެވެ. އެލޯބި ނުލިބުނަސް ދެލޯކުރިމަތީގައި އީކް ފެންނަންހުރުންވެސް އެއީ އީވާންއަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.

އީވާން އުޅެމުންދިޔަގޮތުން ޝަމްއަލް ކަންބޮޑުވި ނަމަވެސް އެކުވެރިޔާއަށްޓަކައި އޭނާ އުފައުކުރިއެވެ. އެފަދައިން އީވާން ހިނިތުންވެފައި އުޅެނިކޮށް އޭނާ އެދުށީ އަލަށެވެ. ޝަމްއަލްއާ ބައްދަލުވީއްސުރެ އީވާން ފުރިހަމަ ހިނިތުންވުމަކުން ހިނިތުންވާތީ އޭނާ ނުދެކެއެވެ. އަބަދުވެސް ބޮޑު ފިކުރަކަށް ގެއްލިފައި ހުންނަ އީވާނަށް އެކުޑަ ދުވަސްކޮޅުތެރޭގައި އައި ބަދަލު ފެނި ޝަމްއަލްއަށް ހައިރާންކަމެއް ގެނުވީ އެސަބަބާއި ހުރެއެވެ. އީކްދެކެ އީވާން ލޯބިވާ މިންވަރު އޭނާގެ ކޮންމެ އަމަލަކުން ހެކިދެމުންދިޔައިރު އެލޯބީގެ ނިމުން އަންނާނެ ގޮތެއް ނޭނގި ޝަމްއަލް ކަންބޮޑުވަނީއެވެ. ދެވަނަ ފަހަރަށް އީވާންގެ ހިތް ހަލާކުވެ ނަފުސާނީ ބަލިމަޑުކަމަކާއި އޭނާ ހަނގުރާމަ ކުރާތަން ދެކޭކަށް ޝަމްއަލް ނޭދެއެވެ. އުފަލުންހުރި އީވާން މާޔޫސްވެދާނެފަދަ ވާހަކަތަކަކަށް އެކަން ވެދާނެތީ ހަނުހުރުން އެއީ މިވަގުތަށް އެންމެ ރަނގަޅުގޮތް ކަމުގައި ޝަމްއަލް ދުށްޓެވެ. އެންމެ ގާތުން އީވާންގެ ކޮންމެ ކަމެއް ބެލުމަށް ޝަމްއަލް އަމިއްލަ ނަފުސަށް ވައުދުވީ، އެތައް ހިތްވަރަކުން އޭނާ އީވާން ނެރުނު އަނދިރިކަމުގެ ތެރެއަށް އެ އެކުވެރިޔާ އަލުން ވެއްޓެން ނޭދޭތީއެވެ.

* * * * *

އެނދުމަތީގައި ބަންޑުންއޮތް މާހާގެ މޫނުމަތިން ފައުޅުވަމުންދިޔައީ ފޫހިކަމެވެ. ފާއިތުވެދިޔަ ދެދުވަހުވެސް އީވާންގެ ސޫރަ ނުފެނުމުން މާހާގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަންދަތި ވޭނެކެވެ. އެސޫރަ ދެކިލާހިތުން ކެތްމަދުވެފައި އޭނާ ހުރިވަރު އެނގޭނީ ޚުދު އޭނާއަށެވެ. ފިކުރުތަކަށް ގެއްލިފައިއޮވެ އަނގައިން އަޑެއްލައްވައިލީ ހިތަށް ލިބެމުންދިޔަ މާޔޫސްކަން ކޮންމެވެސް ސިފައެއްގައި ބޭރުކޮށްލަން ބޭނުންވެފައި ވުމުންނެވެ.

އެނދުމަތީގައި އޮތް ފޯނުގެ ރިންގްގެ އަޑާއެކު ނިތަށް ރޫއަރުވައިލަމުން މާހާ ފޯނަށް ބަލައިލިއެވެ. ދިއްލެމުންދިޔަ ސްކްރީނަށް އަރައިފައިއޮތް ނަން ފެނި އޭނާގެ ފޫހިކަން އިތުރުވުން ނޫންހެން ކަމެއް ނުވިއެވެ. މިވަގުތު އެކޯލަށް ޖަވާބު ދިނުމުގެ އެއްވެސް ޝައުގެއް އޭނާގެ ނެތެވެ. އެއަށްވުރެ ހިތުގައި އުފެދިފައިވި ހައިޖާނުގަނޑު ވަނީ ބޮޑުވެފައެވެ. އެމީހަކާއި ވާހަކަދައްކައި އިތުރަށް މޫޑު ޚަރާބުކުރުމުގެ ގަސްދެއް މާހާގެ ނެތެވެ. ކޯލު ކެނޑުމަށްފަހު އަނެއްކާވެސް ރިންގްވާން ފެށުމުން މާހާގެ މޫނުމަތިން ނުރުހުންތެރިކަން ފައުޅުވެލިއެވެ. ފޯނު ނެގުމަށްފަހު ކޯލު ކަނޑައިލަމުން ފޯނު ނިއްވައިލީ އެމީހެއްގެ އުނދަގޫ މާހާ ފޯނު ނުނަގާހައި ހިނދެއްގައި ޖެހޭނެކަން އޭނާއަށް ޔަގީންވާތީއެވެ. އެނދުމައްޗަށް ފޯނު ހޫރައިލުމާއެކު އަނެއްކާވެސް އަމިއްލަ ޚިޔާލުތަކަށް މާހާ ގެއްލިގެންދިޔައެވެ.

* * * * *

16 ގަޑިއިރުގެ ދިގުދަތުރަކަށްފަހު އޯކްލޭންޑް އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ފްލައިޓް ޖެއްސުމާއެކު ނިދިފައިއޮތް އީކްއަށް ހައިތަމް މަޑުމަޑުން ގޮވައިލިއެވެ. ހައިތަމްގެ އަޑަށް އުނދަގޫގޮތަކަށް އެސްފިޔަތައް ތަޅުވައިލަމުން އީކް ދެލޯ ހުޅުވައިލިއެވެ. ނިދީގެ އަސަރު މޫނުމަތިން ފިލުވައިލުމުގެ ގޮތުން އަތުން ދެލޮލުގައި މަޑުމަޑުން ފިރުމައިލައި ސީޓުގައި ހަށިގަނޑު ތެދުކޮށްލިއެވެ. އަދި ޖެހިގެންހުރި ކުޑަދޮރުން ފެންނަމުންދިޔަ މަންޒަރަށް ނަޒަރުހުއްޓައިލިއެވެ. ދަތުރުގެ މަންޒިލަށް ވާސިލްވެވުނުކަންވެސް އޭނާއަށް ރެއަކައިލީ ދެނެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު އީކް އިސްޖަހައިލީ ވަރުބަލިވެފައިވާ މީހަކު ފަދައިންނެވެ.

ފޮށިތައް ހިފައިގެން އެރައިވަލް ގޭޓުން ނުކުތްއިރު ނާއިފްގެ ޑްރައިވަރު ކާރުގައި އެމީހުން ބަލައި އައިސް ތިއްބެވެ. ހެނދުނުގެ ހިތްގައިމު ވަގުތުކަމުން މާޙައުލަށް ވެރިވެފައިވީ ހިތްތަކަށް ފިނިކަން ގެނުވާފަދަ އަސަރެކެވެ. ކުރީގައިހުރެ ހިނގައިގަތް ނާއިފްގެ ފަހަތުން އީކްއާ ހައިތަމްވެސް ހިނގައިގަތެވެ. ވަށައިގެން ފެންނަމުންދިޔަ މަންޒަރުތަކަށް އީކް ބަލަމުންދިޔައީ މާޒީގެ އެކި ހަނދާންތައް ސިކުނޑިއަށް ވެރިކުރުވަމުންނެވެ. މީގެ ކުރިންވެސް އޭނާ ވަނީ ހައިތަމްއާއެކު ނިއުޒިލޭންޑަށް އެތައް ފަހަރަކު އައިސްފައެވެ. ނާއިފް ދިރިއުޅުން އެތަނަށް ބަދަލުކުރީއްސުރެ ދޭތެރަކުން ލިބޭ ޗުއްޓީތައް ހޭދަކޮށްލުމަށް އެމީހުން އެތަނަށް އާދެއެވެ. އެހެނަސް އެހެންޏާ އީކްގެ މޫނުމަތިން ފައުޅުވާންހުންނަ ހިނިތުންވުން މިފަހަރު ވަނީ ގެއްލިފައެވެ. އެއްވެސް އަސަރެއް އެމޫނުމަތިން ފައުޅުވާންނެތްއިރު އެދެލޮލުގައިވެސްވީ ހުސްކަމެވެ. ކޮނޑުގައި އަޅުވައިފައިއޮތް އަތްދަބަހުގައި ހިފައި ބާރުކޮށްލުމާއެކު ނާއިފް ހުޅުވައިގެންހުރި ދޮރުން ކާރަށް އަރައި އޭނާ ހަމަޖެހިލިއެވެ. އަދި ސީޓުގައި ބުރަކަށިޖައްސައި ލެގިލުމާއެކު ވަރުބަލިވެފައިވި ދެލޯ މަރައި ބާރުކޮށްލިއެވެ.

* * * * *

ގޭގެ ބޮޑު ދޮރުހުޅުވައިލައިގެން ދޮރުމަތީގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި އީވާން ހުރީ ކެތްމަދުވެފައިހުރި މީހަކު ފަދައިންނެވެ. އިރުއިރުކޮޅާ އަތުކުރީގައިއޮތް ގަޑިއަށް ބަލައިލަމުން ގޭގެ ބޮޑު ދަގަނޑު ގޭޓާއި ދިމާލަށް ބަލައިލައެވެ. ރޭހަތަރުދަމު އޭނާއަށް ނިންޖަކަށް ވާކަހަލަ ނިންޖެއް ނުނިދެއެވެ. އިރުއިރުކޮޅުން ހޭލެވެނީ ހިތްއަވަސްވެފައިވާ ހާލުއެވެ. ފަތިސްނަމާދަށް ބަންގި ގޮވީވެސް އޭނާ އެގޮތުގައި ހޭލައި އޮތްވައެވެ. ނަމާދުން އަވަދިވެގެން އައިސް އިތުރަށް ނިދުމުގެ ޚިޔާލު އީވާން ދޫކޮށްލީ އޮށޯވެއްޖެނަމަ އީކްމެން އަންނަން ވާއިރަށް ނުހެލެވީދާނޭ ހީވާވަރުންނެވެ. އޭރުއްސުރެ ކެތްތެރިކަމެއްނެތި އޭނާ ވަގުތުގުނަމުން އެދިޔައީ ނާއިފްއާ އެކު އެދެބަފައިން އަންނާނެ އިރަކަށެވެ. ފްލައިޓް ޖެއްސުމާއެކު އެޚަބަރު އީވާނަށް ނާއިފް ދިނެވެ. ދޮރުމަތީގައި އިންތިޒާރުގައި އޭނާ ހުރީ އެހެންވެއެވެ. ދެންމާ ގިނައިރެއްނުވެ އެމީހުން އަތުވެދާނެކަން އޭނާއަށް އެނގޭތީއެވެ.

"މޭރީ.. ހުރިހައިކަމެއް ހުރީ ތައްޔާރުވެފަތަ؟" ގޭޓާއި ދިމާލަށް ބަލަންހުރެ އޭނާގެ ފަހަތުގައި ހުއްޓިލައިގެންހުރި މޭރީ ގާތުގައި އީވާން އަހައިލިއެވެ. ލައްބައޭ ބުނަމުން އަވަސް އަވަހަށް މޭރީ ބޯޖަހައިލިއެވެ.

އިރުކޮޅެއްފަހުން ގޭގެ ގޭޓުންލައިފައި ވަދެގެންއައި ކަޅުކުލައިގެ ކާރު ފެނި އީވާންގެ ހިނގުން މަޑުޖެހުނެނެވެ. ހިތުގެ ހިނގުން ފަޅި ސިކުންތެއްގެ ތެރޭގައި އިންތިހާއަށް އަވަސްވެގެންދިޔައިރު މަޑު ތުރުތުރެއް އެހަށީގައި އުފެދިގެންދިޔައެވެ. މަޑުދުވެއްޔެއްގައި ކާރު އައިސް ގޭގެ ދޮރުކުރިމަތީގައި މަޑުކޮށްލުމާއެކު ޑްރައިވަރާއި ޖެހިގެންހުރި ސީޓުގެ ދޮރުހުޅުވައިލަމުން ނާއިފް ފޭބިއެވެ. ނާއިފްއަށް ހުއްޓުނު ނަޒަރު ލަސްލަހުން ދަތުރުކޮށްލީ ފަހަތު ސީޓުގެ ދޮރުހުޅުވައިލަމުން ފޭބި ހައިތަމް އަށެވެ. ރޯމަހެއް ތެޅޭހެން ހިތްތެޅިގަތީ ހައިތަމް ހިފަހައްޓައިލައިގެންހުރި ދޮރުން މަޑުމަޑުން ބޯދިއްކޮށްލި އަންހެންކުއްޖާ ފެނިފައެވެ. ފިނިފިނި ރޯޅިއެއް އައިސް ހިތުގައި ބީހިލިކަމުގެ އިހުސާސް އީވާނަށް ކުރެވުނެވެ. ހުއްޓުން އަރައިފައި އޭނާ ބަލަހައްޓައިގެން ހުއްޓައި ކާރުން އީކް ފައިބަމުން އިސްއުފުލައިލައި އީވާންގެ މޫނަށް ބަލައިލިއެވެ. އެހިނދު އޭނާ ލައިލައިހުރި ނޭވާ ހޮޅީގައި ތާށިވިފަދަ އިހުސާސެއް އީވާނަށް ކުރެވުނެވެ. ހިންދިރުވައިލަމުން ކުރިމަތިން ފެންނަންހުރި އީކްގެ ސޫރައަށް އޭނާއަށް ބަލައިލެވުނީ ހަޔާތުގައި ދުވަހަކުވެސް އެފަދަ ގޮތަކަށް އީކް ހުއްޓައި ފެނިފައިނުވާތީއެވެ.

ދެލޯކުރިމަތިން ފެންނަމުންދިޔަ މަންޒަރަކީ ހަގީގަތެއްބާވައޭ އީވާންގެ ހިތަށް އެރިއެވެ. އޭނާގެ ހަނދާނުގައިވި ފަރި އަންހެންކުއްޖާގެ ބަދަލު އޭނާގެ ކުރިމަތީގައިހުރީ މިލައި މޯޅިވެފައިވާ މަލެއްފަދައެވެ. އެއްވެސް ދިރުމެއް އެމަލުގައި ނުވެއެވެ. ފިޔަތައް މޯޅިވެ ފުނޑުފުނޑުވާން ގާތްވެފައިވީ ކަހަލައެވެ. ހިތުގައި ބިންވަޅުނެގިފައިވި އީކްގެ ސޫރައާއި ކުރިމަތީގައި ފެންނަންހުރި އީކްއާ އީވާނަށް އަޅައިކިޔައިލެވުނީ ބޭއިޚުތިޔާރުގައެވެ. ހަށިގަނޑު އަނަރޫފަވެފައިވާއިރު، ދެކޯވެސްވަނީ ވަޅުވަދެފައެވެ. ކަރާއި ދިމާލުން ތިރީގައިހުރި ކަށިގަނޑު ހާމަކަން ބޮޑު ގޮތެއްގައި ފައުޅުވާން ހުއްޓެވެ. ވަރުބަލިކަން ވެރިވެފައިވި ދެލޮލުގައި ރަސްކަންކުރަމުންދިޔައީ ހިތާމައާއި ހިތްދަތިކަމެވެ. ހިތުގައި ފުނިޖެހިފައިވި ޝަކުވާއެވެ. ދެލޯ ވަށައިގެން ލެވިފައިވި ކަޅުކުލައިގެ ފަށަލައިން އީކްގެ ހަށިގަނޑު ނިންޖާއި ދުރުވެފައިވި މިންވަރު އަންގައިދެއެވެ. ދެލޮލުގެ ކަނުގައި ފައުޅުވާންހުރި ތެތްކަން އިޝާރާތްކުރަމުން ދިޔައީ ގަދަކަމުން ފޮރުވަން މަސައްކަތްކުރަމުންދިޔަ ކަރުނައަށްކަން ގައިމެވެ. ހަޔާތާއި މެދުގައި މާޔޫސްވެ ގޮތްހުސްވެފައިވި މިންވަރު އެމޫނުމަތިން އެއްވެސް ފޮރުވުމެއްނެތި ސާފުކޮށް ހާމަވާން ހުއްޓެވެ. އެތައް ދުވަހަކު ބަލިއެނދުގައި އޮވެފައި ގަދަކަމުން ތެދުވެއުޅޭ މީހެކޭ އީކްއެކޭ އެއްވެސް ތަފާތެއް ނެތެވެ. ފުރާނަހުއްޓަސް އެހަށީގައި އެއްވެސް ދިރުމެއްނެތެވެ. އީކްގެ ސޫރައަށް ބަލަން އިތުރަށް އީވާނަށް ކެތްނުވީ ކަންނޭނގެއެވެ. އެމޫނުން ނަޒަރު ވަކިކޮށް އިސްޖަހައިލުމާއެކު ކަރުނަތައް އެދެލޮލަށް ބޮނޑިވެގަތީ ހިތަށް ކުރުވި ފުން އަސަރުންނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
35
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޏ

    ޥެރިި ގުުދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ