ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (7)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހަވަނަ އަދަދާއި ގުޅޭ

"އެކަމަކު... ތިއާއިލާއަށް އެވަރުގެ ދެރައެއްދޭން ވިސްނާނީ ކާކުބާއޭ އަހަރެންގެ ހިތަށް އަރަނީ.. މިއީ ވިޔަފާރީގެ ވާދަވެރިކަމުގަ ދިން ހަމަލާއެއްބާއޭ.. ނޫނީ.. ޒާތީ ހަސަދައެއްގެ ހިތި ނަތީޖާބާއޭ.." ނާއިފްގެ ޖުމުލަތަކާއެކު އާސިފާއި ހައިތަމްގެ ނަޒަރު އޭނާގެ މޫނަށް އަމާޒުވެލިއެވެ.

"ހާސްނުވޭ.. އިރާދަކުރެއްވިއްޔާ ތިހުރިހައި ސުވާލުތަކެއްގެ ޖަވާބުވެސް އަހަރެން ހޯދާނަން.. ހައިތަމް.. މިވަގުތު މިކޭސްއާ ހަވާލުވެހުރީ އަހަރެންގެ ވަރަށް ގާތް ޕޮލިސް އޮފިސަރެއް.. އަހަރެން އޭނާއާ މިހުރިހައި ވާހަކައެއްވެސް ހިއްސާކުރާނަން.. އެންމެ ގާތުން ވާނުވާ ބަލައި ހައިތަމްއަށް އަންގާނަން.. އަހަންނަށް އިތުބާރުކުރޭ.. މިއީ ހަގީގަތުގަވެސް ރޭވިގެން ހިންގިކަމެއްނަމަ، އެމީހުނަށް ހައްގުއަދަބު ދިނުމަށް އަހަރެންނަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް އިރާދަފުޅުން ކޮށްދޭނަން..." ހައިތަމްއަށް ބަލައިލަމުން އާސިފް ޔަގީންކަންދިނެވެ. މަޑުމަޑުން ހައިތަމް ބޯޖަހައިލިއެވެ. އަތުކުރީގައިއޮތް ގަޑިއަށް ނަޒަރެއް ދެމުން އާސިފް އިންތަނުން ތެދުވީ މުހިންމު ކަމަކު ދާންޖެހިއްޖެކަމުގައި ބުނަމުންނެވެ. އެންމެ ރަނގަޅުކަމުގައި ބުނަމުން ހައިތަމް ހިނިތުންވެލިއެވެ.

އޯޑަރކޮށްގެން ގެނައި ކަޅު ކޮފީއިން ކޯވަރެއް ބޯލަމުން ނާއިފް ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ފުންނަޒަރަކުން އިސްޖެހިފައިއިން ހައިތަމްއަށް ބަލައިލީ ހިތުގައި އޮތް ވާހަކަ ފަށާނެގޮތަކާއި މެދުގައި ވިސްނައިލަމުންނެވެ. ނާއިފް ކަރުކެހިލިއަޑަށް ޚިޔާލަކަށް ގެއްލިފައިއިން ހައިތަމް ސިހިފައި ބަލައިލިއެވެ. ނިތްއަރުވައިލީ ކިހިނެއްވީތޯ ނާއިފާއި ސުވާލުކުރާފަދަ ގޮތަކަށެވެ.

"ހައިތަމް ގާތު އަހަރެން ވާހަކައެއް ދައްކަން އުޅޭތާ މިހާރު ދެތިން ދުވަސްވެއްޖެ.."

"އަނެއްކާ ކޮންވާހަކައެއް؟ އަވަހަށް ބުނޭ.." ނާއިފަށް ހުރިހައި ސަމާލުކަމެއް ހުއްޓައިލަމުން ހައިތަމް ބުންޏެވެ. ނާއިފްގެ ރާގުހުރިގޮތުން ދައްކަން އުޅެނީ މުހިންމު ވާހަކައެއްކަން ހައިތަމް ލަފާކޮށްލިއެވެ.

"އީކް.. އެދަރީގެ ހާލު އަދިވެސް ރަނގަޅެއްނޫން.. އަބަދު ދެލޮލުން ކަރުނަ އޮހުރުން ނޫންކަމެއް އޭނާ ނުކުރޭ.. ބަލަބަލާ ހުއްޓަ މުޅި ކުއްޖާ އަނަރޫފަވެ ދަނީ.. އެތައް ދުވަހަކު ބޮޑު ބައްޔެއް ތަހައްމަލް ކޮށްފަ ތެދުވެއުޅޭ މީހެކޭ އީކްއެކޭ އެއްވެސް ތަފާތެއްނެތް.. އަހަންނަކަށް ކެތެއްނުވޭ އީކްގެ އެހާލު ދެކޭކަށް ހައިތަމް.. އަހަރެން ބޭނުން އެދަރިއަށް އެހީވާން.. ދުވަސްކޮޅަކަށް ހައިތަމްއާއި އީކް އަހަރެންނާ އެއްކޮށް ނިއުޒިލޭންޑަށް ބަދަލުވާންވީނު.. އެކޮޅުން ރަނގަޅު ނަފްސާނީ ޑޮކްޓަރަކަށް އީކް ދައްކަން އަހަރެން ބޭނުން.. އަނެއްކޮޅުން މާހައުލު ބަދަލުވެލަނިކޮށްވެސް އީކްގެ ހިތާމަތަކަށް ކުޑަނަމަވެސް ލުޔެއް ލިބިދާނޭ އަހަރެންގެ ހިތް ބުނޭ.. ކީކޭ ހައިތަމް ބުނަނީ؟"

ނާއިފް ދެއްކި ވާހަކަތަކާމެދުގައި ހައިތަމް ފުންކޮށް ވިސްނައިލިއެވެ. އެވާހަކަތަކުގެ ތެދުކަން ޚުދު އޭނާއަށްވެސް ވިސްނެއެވެ. އީކްގެ ހާލާއި މެދުގައި އޭނާވެސް ވަނީ ކަންބޮޑުވެފައެވެ. އެދަރިފުޅުގެ ހިތަށް ހަމަޖެހުމެއް ލިބޭން އޭނާވެސް އެދެއެވެ.

"އަހަރެން ތިކަމާ ވިސްނާނަން.. އީކްއާވެސް ވާހަކަދައްކާލާފަ ގޮތެއް ނިންމަން ބޭނުންވަނީ.. މިކޮޅުން ފުރުމުގެ ކުރިން ނިންމަންޖެހޭ ވިޔަފާރީގެ ބައެއްކަންކަންވެސް ހުންނާނު.."

"އެންމެ ރަނގަޅު.. ހައިތަމް ގޮތެއް ނިންމާފަ އަހަންނަށް އަންގާލާ.. އޭރަށް ދަތުރުގެ ހުރިހައި ކަމެއް އަހަރެން ހަމަޖައްސާނަން.. މިކޮޅުން އަހަރެން ފުރަން ބޭނުމީ ހައިތަމްމެން ގޮވައިގެން.." އެކުވެރިޔާގެ ކޮނޑުގައި ލުއިކޮށް ޖަހައިލަމުން ނާއިފް ހިނިތުންވެލިއެވެ. ނާއިފް ފަދަ އެކުވެރިޔަކު ލިބުނުކަމަށްޓަކައި ހައިތަމްއަށް ޝުކުރުކޮށްލެވުނެވެ. ދިރިއުޅުމުގައި ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައިވެސް އަބަދުވެސް އޭނާއާ އެންމެ ގާތުގައި ނާއިފް ހުރެއެވެ. އެފަދަ ހެޔޮލަފާ އެކުވެރިއަކު ލިބޭނީ ނަސީބުވެރިއަކަށްކަން ހައިތަމް ގަބޫލުކުރެއެވެ.

* * * * *

އުނގުމަތީގައި އޮތް ފޮޓޯ އަލްބަމަށް ބަލަހައްޓައިގެން އީކް އިނީ ގަނޑުވެފައިކަހަލަ ގޮތަކަށެވެ. އިރުގަނޑަކު އެހެން އިނުމަށްފަހު ތުރުތުރުއަޅަމުންދިޔަ އަތުން އަލްމަބްގައި އޭނާ ފިރުމައިލިއެވެ. އެއީ އޭނާއާއި މާކިންގެ ކައިވެނީގެ އެކި ހަނދާންތައް ރައްކައުކުރެވިފައިވާ އަލްބަމެވެ. ފަނޑު ހިނިތުންވުމެއް ތުންފަތުގައި ދުވެލުމާއެކު ލަސްލަހުން އަލްބަމް ހުޅުވައިލިއެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކައިވެނި ކުރެވުނު ވަގުތު އެކަމަށް ޚާއްސަކޮށްފައިހުރި މޭޒުދޮށުގައި ދެމަފިރިން ތިއްބައި ނަގައިފައިހުރި ފޮޓޯއެކެވެ. ހުދުކުލައިގެ ކައިވެނި ހެދުމުގައި އީކް އިންއިރު ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި އޭނާއާ ޖެހިގެން މާކިން އިނީ ހިނިއައިސްފައެވެ. އެހިނިތުންވުން އީކްގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ލޯބި ހިނިތުންވުމެއް އީކްގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތުގައިވީއިރު އެދެލޮލުގައިވީ އާދަޔާ ޚިލާފު ވިދުމެކެވެ.

ހިންދިރުވައިލަމުން މަޑުމަޑުން މާކިންގެ ތަސްވީރުގައި އީކް ފިރުމައިލިއެވެ. ގާތުގައި ހުރިނަމަވެސް ފިރުމައިލާނެހައި ލޯބިންނެވެ. ތަސްވީރަށް ގެއްލިފައި އިންދައި ދެލޮލަށް ކަރުނަތައް ޖަމާވީ ކޮންއިރަކުކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ދެލޯފުސްވުމާއެކު އީކްއަށް ލޯމަރައިލެވުނެވެ. ހިމަރޮނގެއްހެން ކޯތާފަތްމަތިން ދެމިގެންއައި ކަރުނަތިކި އެކުޑަ ދަތްދޮޅިން ލައިފައިއައިސް ބޮސްދިނީ ތަސްވީރުގައި ފެންނަންއިން މާކިންގެ މޫނަށެވެ. ތުރުތުރުއަޅައިގެންދިޔަ ތުންފަތުގައި އީކްއަށް ދަތްއަޅައިލެވުނެވެ. ހައިތަމް ބުނިފަދައިން ހިތްވަރުކުރަން އަމިއްލަ ނަފުސަށް އޭނާ މަޖުބޫރުކުރަމުންދިޔައެވެ. އެހެނަސް ކުރަމުން އައި ހިތްވަރު އެލުމާއެކު ގިސްގެ އަޑު އެތުންފަތް ފޫއަޅުވައިލުމަށްފަހު ނުކުތެވެ. އިތުރަށް އެންމެ ފޮޓޮއެއްވެސް ބަލާނެހައިވަރެއް އެހަށީގައެއް ނެތެވެ. ނޭފަށް އެތެރަށް ދަމައިލަމުން އަލްބަމް ގެނެސް މޭގައި ޖައްސައި ބާރުކޮށްލިގޮތުން އެހިތަށް އަސަރުކޮށްފައިވާ މިންވަރު ހާމަވައެވެ. އީކްގެ މަޑުގިސްލުމުގެ އަޑުން ކޮޓަރީގެ ހިމޭންކަން ނެތިފައިވިއެވެ.

"އީކް.." ދޮރުހުޅުވައިލަމުން އެތެރަށް ވަތް ހައިތަމް ލޯތްބާއެކު ގޮވައިލިއެވެ. އީކްގެ މޭގައި ޖައްސައި ބާރުކޮށްލައިގެންއިން އަލްބަމް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ވެގެންއުޅޭގޮތް ކޮންމެވެސް ވަރަކަށް ހައިތަމްއަށް ވިސްނުނެވެ. ވަގުތުން ނާއިފްގެ ވާހަކަތައް ހައިތަމްގެ ހިތާއި ސިކުނޑި ވަށައިލިއެވެ. ހަމަޖެހިގެން ދިރިއުޅުމާއިގެން އީކްއަށް ކުރިޔަށް ދެވޭނީ، އެހުރިހައި ހަނދާންތަކަކާއި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އީކް ދުރަށް ގޮސްގެންކަން ހައިތަމްގެ ޟަމީރު ވިސްނައިދިނެވެ.

އަވަސްހިނގުމެއްގައި އައިސް އީކްގެ ގާތުގައި އިނށީދެލުމާއެކު އެހަޑިގަނޑު ގެނެސް މެޔާލައި ހައިތަމް ބޮނޑިކޮށްލިއެވެ. ބައްޕަގެ ހިމާޔަތާއި އޯގާތެރިކަން ލިބުމާއެކު އީކްގެ ރުއިންވީ ބާރެވެ. ހައިތަމްގެ މޭގައި މޫނުފޮރުވައިލައިގެން އިނދެ އެތައްއިރަކު އޭނާ ރުޔެވެ. ހިތްފުރޭވަރުވީ ކަންނޭނގެއެވެ. ގިސްގެއަޑު މަޑުވުމާއެކު ހައިތަމްއާ ދުރަށްޖެހިލަމުން އަތުގައިއޮތް އަލްބަމް އެނދުމަތީގައި ބާއްވައިލިއެވެ. އަދި އެއާއި ޖެހިގެން އޮތް އޭނާގެ ފޯނު ނަގައި ދިއްލިގެންދިޔަ ސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ. މޫނުމަތީގައިހުރި ކަރުނައިގެ އަސަރުވެސް ފިލުވައިލުމެއްނެތި ދެއަތުގެ ބޮޑުވައި އިނގިލި ސްކްރީންމަތީގައި ހަރަކާތްކޮށްލަމުން ކޮންމެވެސް އެއްޗެއް އޭނާ ލިޔެލިއެވެ. އަދި އެއިންގޮތަށް އިނދެ ފޯނު ހައިތަމަށް ދިއްކޮށްލިއެވެ. އީކްގެ ހަރަކާތްތައް ހުރިގޮތުން ހިސާބަކަށް ހައިރާންވެފައި އިނދެ އޭނާ ދިއްކޮށްގެންއިން ފޯނުގައި ހިފަމުން އޭގެއަށް ހައިތަމް ބަލައިލިއެވެ. މެސެޖުބައިގައި އީކް ލިޔެފައިއޮތް ކުރު އިބާރާތްކޮޅު ހައިތަމް ކިޔައިލިއެވެ.

"އަޅުގަނޑު މިތަނުން ގެންދޭ ބައްޕާ.. ޕްލީޒް.. މިތަނުގަ.. އަޅުގަނޑު.. މޮޔަވެދާނެ.." ހިތްދަތިގޮތަކަށް އީކްގެ މޫނަށް ބަލައިލިއިރު އަނެއްކާވެސް އެދެލޯފުރި ބަންޑުންވާތަންފެނި ހައިތަމްގެ މޭގައި ރިއްސައިލިއެވެ. ލޯތްބާއެކު އެދެލޯފުހެދެމުން ހައިތަމް ބޯޖަހައިލީ އެކަމާއި އެއްބަސްވުމުގެ ގޮތުންނެވެ. އެއާއެކު ހައިތަމްގެ އަތުން ފޯނު އަތުލުމަށްފަހު އަނެއްކާވެސް އެއްޗެއް ލިޔެލަމުން އީކް ފޯނު ދިއްކޮށްލިއެވެ. އަވަސްއަވަހަށް އޭގައި ލިޔެފައިވި އެއްޗެއް ހައިތަމް ކިޔައިލިއެވެ. އެއާއެކު ބުނާނެ އެއްޗެއް ނޭނގި މީހާ ހުއްޓުންއަރާގޮތްވިއެވެ. އިސްޖެހިފައިއިން އީކްއަށް ހައިތަމް ބަލައިލީ ކުލުނާއެކުއެވެ. ބުނާނެއެއްޗެއް ސިކުނޑިއަށް ނުވިސްނުމުން ބޯޖަހައިލަމުން އީކްގެ ފަންއިސްތަށިގަނޑުގައި ހައިތަމް ފިރުމައިލިއެވެ. އަދި އަނެއްކާވެސް އެދަރިފުޅުގެނެސް މޭގައި ޖައްސައިލަމުން އޭނާގެ ބޮލުގައި ހައިތަމް ބޮސްދިނެވެ.

* * * * *

ކަންފަތުގައި ޖަހައިލައިގެންހުރި ފޯނު ތިރިކޮށްލުމާއެކު އުފަލުންގޮސް އީވާނަށް ހެވުނެވެ. ހޭވިފައިވި އިސްތަށިގަނޑުގައި އަތްފުނައަޅައިލުމާއެކު އީކްގެ ނަން އޭނާއަށް ކިޔައިލެވުނީ ބޭއިޚުތިޔާރުގައެވެ. ހާމަޔަށްއޮތް މޭމަތީގައި އަތުންފިރުމައިލެވުނީ އެހެންޏާ ނުތެޅޭ ގޮތަކަށް ހިތްތެޅިލިކަމުގެ އިހުސާސުންނެވެ. ކޮޓަރީ ތެރެއިން ނުކުމެވެންހުރި ބޮޑު ބެލްކަނީގައިހުރެ ވަށައިގެން އޭނާ ނަޒަރު ހިންގައިލިއެވެ. އެމާޙައުލުގެ ޗާލުކަންވެސް އެހެންދުވަސްތަކާ ޚިލާފަށް އިތުރުވެފައިވީހެން އީވާނަށް ހީވިއެވެ. ލައިގެންހުރި އަޅިކުލައިގެ ދޫ ޓްރެކްސޫޓް މަތިން އެއްވެސް އެއްޗެއްނުލައި ހުރުމުން ޖެހިލާ ލުއި ރޯޅިތައް އެއްވެސް ހުރަހެއްނެތި އައިސް ބޮސްދެމުންދިޔައީ އެތަނަވަސް މޭމަތީގައެވެ. ހަށިގަނޑަށް އިހުސާސުކުރެވުނު ފިނީގެ އަސަރުން ހިތްހަމަޖެހިފައި އީވާނަށް ލޯމަރައިލެވުނެވެ. ވަގުތުން އީކްގެ ސޫރަ އެދެލޯތެރެއިން ސިފަވެލިއެވެ. އެއާއެކު އީވާންގެ ހިނިތުންވުން އިތުރަށް ފުޅާވެލިއެވެ.

"މޭރީ... މޭރީ..." ހަލުވިފިޔަވަޅުތަކެއްގައި ގޭގެ ބޮޑުކޮޓަރިތެރަށް ނުކުންނަމުން އީވާން ގޮވައިލިއެވެ. ނާއިފް ގުޅައިފައި ހައިތަމާއި އީކް އަންނަން އުޅޭކަމުގެ ޚަބަރު ދިނީއްސުރެ އެހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. އީކްގެ ލޯބި ސޫރަ ދެކިލާހިތުން އެހިތް ބޭޤަރާރުވަމުންދިޔައެވެ. އުފަލުންގޮސް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ޚުދު އޭނާއަށް ނޭނގެއެވެ.

"ލައްބަ" އަތުގައިއޮތް ފޮތިކޮޅުން ދެއަތްތިލަ ފުހެމުން ބަދިގެތެރެއިން މޭރީ ނުމުކެގެން އައެވެ. މާހިނިއައިސްފައި އީވާން ހުރުމުން މޭރީވެސް ހިނިތުންވެލަމުން ވީގޮތެއް އަހައިލިއެވެ.

"މިގޭގަ ހުރި އެންމެ ބޮޑު ދެ ގެސްޓްރޫމްސް ރެޑީކުރޭ.. އެތަނުން އެންމެ ރީތި ވިއު އިން ކޮޓަރީގެ ބެޑްޝީޓާ ދޮރުފޮތިތައް މަޑު ނޫކުލައަށް ބަދަލުކުރާނީ.. ތިންދުވަސްތެރޭ ދެކޮޓަރި އެއްކޮށް ފޮޅާ ސާފުކޮށް އެތަން ތައްޔާރުކުރަން ޖެހޭނެ.." ލައިނުގަނެގެން އުޅޭ މީހަކުފަދައިން ފައްޗަކަށް އީވާން އަމުނައިލިއެވެ. ހައިރާންވެފައިހުރެ އީވާން ދެމުންދިޔަ އިރުޝާދުތަކަށް ބޯޖަހަމުން އެކަން ސިކުނޑީގައި ނޯޓްކުރަމުން މޭރީ ދިޔައެވެ. އަދި އީވާން ވާހަކަދައްކައި ނިންމައިލުމާއެކު އެންމެ ރަނގަޅުކަމަށް ބުނަމުން އަވަހަށް އޭނާއާ ހަވާލުކުރެވުނު މަސައްކަތާއިވެގެން ކުރިއަށް ދިޔުމަށް އުޅެގަތެވެ. އަވަސް ހިނގުމެއްގައި ޚާދިމުންނަށް ޚާއްސަކުރެވިފައިހުރި ބަޔާއި ދިމާލަށްދިޔަ މޭރީއަށް ބަލަންހުރި އީވާނަށް އިސްޖަހައިލަމުން ފަނޑު ގޮތަކަށް ހިނިތުންވެލެވުނެވެ. އަމިއްލަ އަމަލުތަކާމެދު އޭނާއަށް ވިސްނުންހިންގައިލެވުނީ ދެނެވެ. އުޅެވެމުންދިޔަގޮތް ހިތަށް އެރުމާއެކު ދެފަރާތަށް ބޯހޫރައިލަމުން އެތަނުން ދިޔުމަށް އީވާންވެސް ހިނގައިގަތެވެ.

* * * * *

ފަނޑުއަލިކަން ރަސްކަންކުރަމުންދިޔަ ކޮޓަރިތެރޭގައި ކެވިންގެ މޭމަތީގައި ބޯއަޅައިލައިގެން ޒާރާ އޮތެވެ. އެމޫނުމަތީގައިވީ ހިތްހަމަޖެހިފައިވާކަމުގެ އަސަރުތަކެވެ. ކެވިންއަކީ ކޮލެޖް ދައުރުއްސުރެ ޒާރާ ލޯބީގެ ގޮތުން ގުޅިގެންއުޅޭ ނިއުޒިލެންޑްގެ ރަށްވެއްސެކެވެ. ކޮލެޖް ނިންމުމަށްފަހު ކައިވެނިކުރަން ހިތުލައިގެން ހުއްޓައި ކުއްލިއަކަށް އޭނާގެ ކައިވެނި، ނުވެސްދެނަހުއްޓައި ޝަމްއަލްއާ ހަމަޖެހުނުކަމުގެ ޚަބަރުން އެހިތް މާޔޫސްކޮށްލިއެވެ. ބައްޕަގެ ކުރިމަތީގައި ދެކޮޅަށް އެއްވެސް ބަހަނާއެއްދެއްކުމަށް ޒާރާ ނުކުޅެދުނީއެވެ. ޝަމްއަލްދެކެ ކުޑަކޮށްވެސް ލޯބިނުވިއަސް އެކައިވެނިކުރަން އޭނާއަށް މަޖުބޫރުވީ ބައްޕަގެ ނުފޫޒުގެ ސަބަބުންނެވެ. ޝަމްއަލްދެކެ ރުޅިއައިސް ނުރުހުން ފައުޅުކުރެވެނީ އެސަބަބާއި ހެދިއެވެ. އެދެމެދަށް އެޅުނު ހުރަހަކީ ޝަމްއަލް ކަމުގައި ޒާރާ ގަބޫލުކުރާތީއެވެ. ހިތްނޭދޭ އިންސާނަކާ އިންނަން އޭނާއަށް ޖެހުނީ ޝަމްއަލް އެކައިވެންޏަށް ގަބޫލުވުމުން ކަމުގައި އޭނާ ދެކޭތީއެވެ. އެގުޅުމުގައި ބަނދެވިފައި ހުންނަން ޒާރާއަށް ކިތަންމެ އުނދަގުލަސް ވަރިވެއްޖެނަމަ ޒާރާއަށް އެނބުރި ގެއަށް ނާދެވޭނެކަމުގެ އިންޒާރު ޒާހިދުވަނީ ދީފައެވެ. އަދި އޭނާގެ މުދަލުން ލޯލާރިއެއްވެސް ޒާރާއަށް ނުލިބޭނެކަމުގައި ޒާހިދު ވަނީ ބުނެފައެވެ. އަމިއްލަ ނަފުސަށް މަޖުބޫރުކޮށްގެންވިއަސް ކައިވެނީގެ ގުޅުމުގައި ދެމިހުންނަން އޭނާ ނިންމީ އެހެންވެއެވެ. އެހެނަސް ކޮންމެވެސް ދުވަހަކުން އެގުޅުމުން މިނިވަންނެ ދާއިމީގޮތެއްގައި އެނބުރި ކެވިންގެ ގާތަށް އަންނަންވެސް ޒާރާ ދިޔައީ ވިސްނަމުންނެވެ. ދެރައީ ބައްޕަގެ ނުފޫޒުން ސަލާމަތްވި ދުވަހަކުން ނޫނީ އޭނާއަށް އެއްވެސްކަމެއް ކުރެވޭން ނެތްކަމެވެ. މިހާރުވެސް އޭނާގެ ގިނަ އެދުންތައް ފުއްދަނީ ޒާހިދު އަތުން ހޯދާ ފައިސާއިންނެވެ. ޝަމްއަލްއަށް އެކަން އެނގިއްޖެނަމަ ހިތްހަމަނުޖެހޭނެވަރު ޒާރާއަށް އެނގެއެވެ. ނަމަވެސް ކުޑަކޮށްވެސް އެކަމަށް ޒާރާގެ އެއްވެސް ފަރުވާލެއްނެތެވެ.

ކައިވެންޏަށް ފަހުވެސް ކެވިންއާ އޮތްގުޅުން ކަނޑައިނުލާ ޒާރާ ކުރިއަށް ގެންދިޔައީ މުޅި ދުނިޔެއަށް ސިއްރުންނެވެ. ކެވިންދެކެ އޭނާއަށްވަނީ ހިތާއި ފުރާނައިން ލޯބިވެވިފައެވެ. ދުވަހަކުވެސް އެލޯތްބާއި ނުލައި އުޅޭނެގޮތެއް އޭނާއަކަށް ނުވިސްނެއެވެ. ސިއްރެއް ގޮތުގައި ފެށުނު ގުޅުން، ސިއްރެއްގޮތުގައި ކުރިއަށްގެންދަމުންދިޔައީ އެއީ ދެމީހުންވެސް ބޭނުންވާގޮތްކަމަށް ވީމައެވެ. ޝަމްއަލްއަށް ކުޑަކޮށްވެސް އެކަމުގެ ޝައްކެތްވާކަށް ޒާރާ ނޭދެއެވެ. އެހުރިހައި ކަމަކާއި ސަމާލުވެ ހުންނަން އޭނާ އިސްކަމެއް ދެއެވެ. ފިކުރުތަކުގެ ކަނޑުގައި ފީނަމުންދިޔަ ޒާރާ ސިހުނީ އޭނާގެ ކޮނޑުގައި މަޑުމަޑުން ކެވިން ފިރުމައިލުމުންނެވެ. މޫނުމަތީގެ ކުލަވަރުގެ ބަދަލުވެގެންދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ހިނިއައިސްފައި އެމޭގައި ފިރުމައިލަމުން އިތުރަށް ކެވިންގެ ހަށިގަނޑާލައި ޒާރާ ފިތިލިއެވެ.

* * * * *

ގޭގެ ޑަބަލް ތަޅުދަނޑިފަތި ހައްވައްތައާ ހަވާލުކޮށްލަމުން ހިތްހެޔޮކުރުމަށް ހައިތަމް ބުނެލިއެވެ. ހައްވައްތަ އަކީ އޭނާއާއި އާރިއާ ކައިވެނިކޮށްގެން އައީއްސުރެ އެގޭގެ ހުރިހައިކަމެއް ބެލެހެއްޓުމަށް ހަވާލުވެހުރި އެންމެ އިސް ޚާދިމެވެ. ހައްވައްތައަށް އެފަދަ ދަރަޖައަކަށް ހައިތަމްއަށް އިތުބާރުކުރެވެނީ އެހެންވެއެވެ. އާރިއާގެ ވަކިވުމަށްފަހު ތުއްތު އީކް ބަލައި ބޮޑުކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ހައިތަމްއަށް ލިބުނީވެސް ހައްވައްތަގެ ފަރާތުންނެވެ. ޚާދިމަކަށްވުރެ ބޮޑަށް އޭނާއަށް ހައްވައްތައާ މެދުގައި ދެކެވެނީ ދޮށީ ދައްތައެއްގެ ހައިސިއްޔަތުންނެވެ. ތަޅުދަނޑިފަތީގައި ހިފަމުން ހައްވައްތަވެސް ހިނިތުންވެލައި އަމާން ދަތުރަކަށްއެދި ދުޢާކޮށްލިއެވެ. އަދި ހައިތަމް ގާތުގައި އަބަދުވެސް އޭނާގެ ހިތް އެދެބަފައިންގެ މައްޗަށް ހެޔޮވާނެކަމުގައި ބުނެލިއެވެ. ބޯޖަހައިލަމުން ގާތުގައިހުރި އީކްގެ ކޮނޑުގައިހިފައި ގާތްކޮށްލުމަށްފަހު ކާރަށް އަރަން ހައިތަމް ބުނެލިއެވެ. ހައިތަމްގެ މޫނަށް ބަލައިލަމުން އީކް ކުރިއަށް ޖެހިލައި ހައްވައްތަގެ ގައިގައި ބައްދައިލިއެވެ. ލޯތްބާއެކު އެބުރަކަށީގައި ފިރުމައިލަމުން ހިތްވަރު ކުރުމަށް ހައްވައްތަ ބުންޏެވެ.

ހައިތަމް އާއި އީކް ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއެކު ޑްރައިވަރު ކާރު ދުއްވައިލިއެވެ. ފަހުފަހަރަށް އުޅެބޮޑުވި އެގެއަށް ބަލައިލަމުން ސީޓުގައި އީކް ލެގިލިއެވެ. އެތައް ހަނދާނެއް ފަހަތަށް ދޫކޮށްލުމަށްފަހު ދިރިއުޅުމުގެ އައު ދަތުރަކަށް މަރުހަބާ ކިޔުމަށް އޭނާ ތައްޔާރުވެލިކަހަލައެވެ. ކާރުގައި އެންމެ ފުރަތަމަ ދާންއޮތް މަންޒިލް ހިތަށް އަރުވައިލުމާއެކު އީކްގެ ހިތް ތެޅިގަތެވެ. ފިނިވަމުންއައި ދެއަތްތިލަ، އެއްއަތްތިލަ އަނެއް އަތްތިލައިގެ ތެރެއަށްލައި މަހައިލުމާއެކު ތުންފަތުގައި އޭނާއަށް ދަތްއަޅައިލެވުނީ ހާސްވެފައި އިނދެއެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް