ހިތުގެ ބޭޤަރާރުކަން އެދެލޮލަށް ވެރިވެގަތީ އީވާންގެ ހުއްދައަކާ ނުލައެވެ. އިވެމުންދިޔަ ބައިތުތަކުން ނަފުސުގެ ކޮންޓްރޯލްގެއްލި ބެހިގެންދާފަދަ އިހުސާސެއް އީވާނަށް ކުރެވުނެވެ. މޫނުމައްޗަސް ހާސްކަން ވެރިވުމާއެކު އީކް އަވަސް އަވަހަށް އީވާންގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އެދެލޮލުން ފައުޅުވަމުންދިޔަ ޝުއޫރުތައް ދެނެގަތުމަށް އީކް ނުކުޅެދުނެވެ. ހިތުގެ ހިނގުން އަވަސްވެގެން އައިހެން ހީވެ އޭނާ ހިތްބިރުގަންނަ ގޮތްވިއެވެ. ޖެހިލުންވީވަރުން އީވާނަށްވެސް ބެލުމެއްނެތި ހަރަކާތް އަވަސްކޮށްލުމަށްފަހު ކާރުގެ ދޮރުހުޅުވައިލަމުން ނުކުމެ އީކް ދުއްވައިގަތެވެ. ހަމަބިމަށް އީވާނަށް އާދެވުނީ ދެނެވެ. ކުރެވުނު ކަންތައް އިހުސާސުވެ އޭނާގެ ނިތަށް ރޫއަރައިގެންދިޔައެވެ. އިވެމުންދިޔަ ލަވަ ނިއްވައިލައި، އަތުން ހުންގާނު ބުރުގައި ޖަހައިލަމުން ސީޓުގައި ލެގިލުމަށްފަހު އިސްތަށިގަނޑު ތެރޭގައި އަތްހިންގައިލިއެވެ.
"ޑޭމް އިޓް" ހިތްހަމަނުޖެހުމުގެ އަޑެއް ކަރުބުޑުން ލައްވައިލަމުން އީވާނަށް ބުނެލެވުނެވެ.
"މީ ޝައްމު ކަންތައްކަން ޔަގީނޭ.." އޯޑިއޯ ސިސްޓަމް ކައިރީގައި އޮތް ޝަމްއަލް ގެންގުޅޭ ކުޑަ ފޯނު ފެނުމުން އީވާން ދެފަރާތަށް ބޯހޫރުވައިލިއެވެ. އީކް އޭނާއާ މެދުގައި ގޯސްގޮތަކަށް ވިސްނައިފާނެތީ އީވާން ކަންބޮޑުވިއެވެ. އެދެލޮލުން ހިތުގެ ސިއްރު ބޭޒާރުވީފަދަ އިހުސާސެއް ކުރެވުނެވެ. ހަދާނެ ގޮތެއް ނޭނގި ހުންގާނު ބުރުގައި ދެއަތުން ހިފަހައްޓައިލައި މޫނުޖައްސައިލަމުން އީވާން ދެލޯމަރައިލިއެވެ. ކުޑަކޮށްވެސް އޭނާގެ ހިތުގައި އީކްއާ މެދުގައި އުފެދިފައިވި ފުން ޖަޒުބާތުތައް އީކްއަށް އެނގޭކަށް އީވާން ނޭދެއެވެ. އޭނާ ހެޔޮހިތުން ކޮށްދޭ ކަންތަކާއި މެދުގައި އީކް ނުބައި ގޮތަކަށް ދެކެފާނެތީއެވެ.
އިރުގަނޑަކު ކާރުގައި އިނުމަށްފަހު އެންމެފަހުން އޭގެއިން ނުކުމެ ގެއާދިމާލަށް އީވާން ހިނގައިގަތެވެ. އޭރުވެސް އެސިކުނޑީގައިވީ އީކްގެ ޚިޔާލުތަކެވެ. ކޮޓަރިއަށް ވަދެ ދޮރުލެއްޕުމަށްފަހު ލައިގެންހުރި އަންނައުނުތައް ބާލަމުން ފާޚާނާއާ ދިމާލަށް މިސްރާބުޖެހީ ތާޒާވެލުމުގެ ނިޔަތުގައެވެ. ފެންމާގަނޑު ދަށުގައި ހުއްޓިހުރިއިރު އީވާންގެ ދެލޯވަނީ މެރިފައެވެ. ފާރުގައި އަތްވިދެލައިގެން އޭނާ ހުރިއިރު އީކްގެ މޫނުކޮޅުން ފައުޅުވާންހުރި ކަންބޮޑުވުމާއި ހާސްކަމުގެ އަސަރު އެދެލޯ ތެރެއިން ސިފަވަމުންދިޔައެވެ. ކުށްވެރިކަމުގެ އިހުސާސު އީވާނަށް ކުރެވެމުންދިޔައީ އިންތިހާއަށެވެ. ހިންދިރުވައިލެވުމާއެކު އީކްއާ ކުރިމަތިލާނެ ގޮތަކާއި މެދުގައި އޭނާ ފުންކޮށް ވިސްނައިލިއެވެ.
* * * * *
"އެއީ ހަމަ އީވާން ސަރ ތަ؟ ގާތުގަ އެއީ ކޮންއަންހެން ކުއްޖެއްބާ؟ މައި އަށް އެކުއްޖެއްގެ މޫނު ފެނުނުތަ؟" މާހާގެ މޫނުމަތިން ފައުޅުވަމުންދިޔައީ ކަންބޮޑު ވުމެވެ. އެދެލޮލުގައިވީ ނުތަނަވަސްކަމެވެ. ރެސްޓޯރެންޓް ތެރެއިން އަންހެންކުއްޖަކާއެކު އީވާން ފެނުނީއްސުރެ އެނޫން ކަމަކާއި މެދުގައި މާހާއަކަށް ނުވިސްނެއެވެ. އަނެއްކާ އީވާންގެ ހަޔާތުގައި ޚާއްސަ ކުއްޖަކު ހުރީހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އޭނާ ހުއްޓައި އޭނާ ނޫން މީހަކަށް އީވާންގެ ހަޔާތުން ޖާގަލިބިގެން ނުވާނެއެވެ. އެހިތުގެ މިލްކުވެރިއަކަށް ވާން ޖެހޭނީ ހަމައެކަނި އޭނާއެވެ. އިތުރު މީހަކު އެދެމެދަށް އަންނާނެ ކުޑަވެސް ފުރުސަތެއް ދޭކަށް މާހާ ނޭދެއެވެ. މަޑުމަޑުން ހުންނަން ވެއްޖެނަމަ އީވާން ގެއްލިދާނެ ކަމުގެ ބިރު މާހާގެ ހަފަރާތުން ވަށައިލިއެވެ. ކޮންމެވެސް ސިފައެއްގައި އީވާނާއި ކުރިމަތިލާން އެބަޖެހެއެވެ. އެއްގޮތަކަށްވެސް ދެއަތް އުރައިލައިގެން ވާނެ އެއްޗެއްވެ ނިމެންދެން ހުރެވޭކަށް ނެތެވެ.
"ނޮޕް.. ނުދެކެން.. ވެދާނު އެއީ ސަރގެ ފެމެލީ ކުއްޖެއްކަމަށް.. ނޫނީ ފްރެންޑެއް ކަންނޭނގެ.." ކުރިމަތީގައިހުރި އޮރެންޖް ޖޫސްތަށީގައިހުރި ހޮޅިއާ ކުޅެން އިން މާހާއަށް ބަލަން އިނދެ މައިރާ ބުންޏެވެ. ވިސްނުމަކަށް ގެއްލިފައިއިންކަހަލަ ގޮތަކަށް މާހާ އިނީއެވެ. އެމަންޒަރު ފެނުނީއްސުރެ އޭނާގެ މޫޑުވަނީ ޚަރާބުވެފައެވެ. ކާހިތްވެސް ކެނޑިއްޖެއެވެ. މާހާ ބޭނުންވަނީ އީވާންގެ ފަހަތުން ގޮސް އެއީ ކާކުތޯ ބަލާށެވެ. އެހެނަސް އެހިތްވަރުކުރަން ނުކެރިފައި ހުރިހައިއިރު މާހާއަށް އިނދެވުނީއެވެ.
"ޔަގީނެއް ނޫނެއްނު.. އެއީ އީވާންގެ ގާރލްފްރެންޑަށްވެސް ވެދާނު.." ނިތަށް ރޫއަރުވައިލަމުން ރުންކުރު ގޮތަކަށް މާހާ ބުނެލިއެވެ. ނިތްއަރުވައިލުން ފިޔަވައި އިތުރު އެއްޗެއް ބުނާކަށް މައިރާ ގަސްދެއް ނުކުރިއެވެ. އޭނާ ކޮންމެ އެއްޗެއް ބުންޏަސް މިވަގުތު މާހާ ގަބޫލު ނުކުރާނެކަން އޭނާއަށް އެނގެއެވެ.
"އަހަރެން ބޭނުންވަނީ މިތަނުން ދާން.. އެއްވެސްކަމެއް ކުރާހިތެއް ނެތް.."
"ކަމްއޯން މާހާ.. އަދި ތިވަރު ވާކަށް ނުވެއެއްނު.. އެއީ ކާކުކަމެއްވެސް އެނގެނީކީ ނޫން.. ތިހާ ނެގެޓިވް ކޮށް ނުވިސްނަބަލަ.." ހިތްހަމަނުޖެހުން މައިރާގެ އަޑުގައި އެކުލެވިގެންދިޔައެވެ.
"ޔޫ ވޮންޓް ނޯ.. މައިއަށްވެސް ލޯބި ވެވުނީމަ އެނގޭނީ.. އެއީ ބަލަން ކިހައި ހިތްދަތި މަންޒަރެއްކަން.." ދުރަށް ނަޒަރު ހުއްޓައިލަމުން މަޑުމަޑުން މާހާ ބުންޏެވެ. އިރުކޮޅެއްކުރިން އެއަޑުގައިވި ނުރުހުމުގެ އަސަރެއް މިހާރު ނެތެވެ. އެއްޗެއް ނުބުނެ މައިރާ ތުންފިއްތައިލިއެވެ. ޖަވާބުގައި ބުނާނެ އެއްޗެއްވެސް އޭނާގެ ސިކުނޑިއަށް ނައީއެވެ. މާހާ އެބުނާ ފަދައިން އޭނާއަށް ހަޔާތުގައި އަދި ދުވަހަކުވެސް މީހަކާމެދު އެފަދަ ނަޒަރަކުން ދެކެވިފައެއް ނެތެވެ. އެހެންކަމުން އެކަމާއި ވިއްދައި އެއްޗެއް ބުނުމަށްވުރެ ހިމޭނުންއިނުން ރަނގަޅުކަމުގައި މައިރާއަށް ވިސްނުނެވެ.
* * * * *
އެނދުގައި އޮށޯވެ އޮތް އީކްގެ ސިކުނޑި ފުނިޖެހިފައިވީ އެކި ޚިޔާލުތަކުންނެވެ. ހުއްޓުން އަރައިފައި އެއްދިމާލަކަށް ގެއްލިހުސްވެފައި އޭނާ އޮތެވެ. ދުވެފައި އައި ގޮތަށް އެނދުމައްޗަށް ވެއްޓިގަނެ އެގޮތުގައި އޭނާ އޮންނަތާ ކިތަންމެ އިރެއް ވެއްޖެއެވެ. އީވާންގެ ދެލޮލުން ފެންނަން ހުރި އަސަރުތައް މާނަކުރުމުގައި އޭނާ ނުކުޅެދިފައިވިއެވެ. ހިތްބިރުގަތީ އިވުނު ބައިތުތަކާ އެދެލޮލުން ފައުޅުވި އަސަރުތަކާ ގުޅުވައިލެވުމުންނެވެ. އެހެނަސް އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ އީވާން އޭނާއާ މެދުގައި އެފަދައިން ނުދެކޭނެކަން ޔަގީނެވެ. ނޫނީ ސިއްރުކުރެވިފައި، އެހިތުގައި އެފަދަ އިހުސާސުތަކެއް ވަނީ ހެއްޔެވެ؟
ދެފަރާތަށް ބޯހޫރުވައިލަމުން ބޮލުގައި އީކް ހިފަހައްޓައިލިއެވެ. މާކިން އޭނާ އެކަނި ކޮށްފައި ދިޔައީ ކީއްވެހެއްޔެވެ؟ ދުނިޔެއަށް އެކަނިވެ ދާނެ މަގެއް ނޭނގި މަގުގެއްލިފައިވި މުސާފިރެކޭ އޭނާއެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ؟ ދަތުރުފެށިއިރު ސާފުކޮށް ފެންނަން އޮތް މަންޒިލް ފުސްވެއްޖެއެވެ. ކުރިއަށްދާނެ މަގު އޮޅިއްޖެއެވެ. ހުރިހިސާބުގައި ހުއްޓި ހުރެވޭކަށްވެސް ނެތެވެ. ދިރިހުރީތީ ކުރިޔަށްދާންވެސް އެބަޖެހެއެވެ. މަޖުބޫރެވެ. ސަލާމަތުގެ ކޮންމެވެސް އައްސޭރިއެއް ހޯދަން މަސައްކަތްކުރަން ޖެހެއެވެ. ދާނެ ވަކި ދިމާލެއް ނޭނގި ހަތަރެސް ފަރާތުން ބެދިފައިވީނަމަވެހެވެ.
ދެލޮލުގެ ހިމަކޮޅުން ކަރުނަތިއްކެތް ފައިބައިގެން އައީ އެހިތަށް ކުރަމުންދިޔަ އަސަރު ބަޔާން ކޮށްދެމުންނެވެ. ލިބުނު ކުޑަކުޑަ ހިތްވަރުވެސް ކުއްލިއަކަށް އެލިގެން ގޮސްފިއެވެ. އެއްވެސް މީހަކާއި ކުރިމަތިލާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދުނިޔެއަށް އޭނާއަކީ ބޭކާރު މީހެއް ގޮތުގައި މާބޮޑަށް އިހުސާސުކުރެވެން ފަށައިފިއެވެ. މިތަނަކީ ދިރިހުރުމަށް ވޭންދެނިވި، އަނިޔާވެރި ތަނެއް ގޮތުގައި ވިސްނެން ފެށިއެވެ. އޭނާ ދިރިހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގައި ޟަމީރު ބުނެލިއެވެ. ބަންޑުން އޮށޯވެގެންއޮތް ބާލީހުގައި ދެއަތުން ހިފައި ބާރުކޮށްލުމާއެކު، ބާލީސް ތެރޭގައި މޫނު ފޮރުވައިލަމުން އީކްއަށް ބާރަށް ރޮއެގަނެވުނެވެ. ހިތަށް ތަދުވަމުން ދިޔަވަރަކަށް ވަސްވާސްތަކުން އެހިތް ފުރެމުންދިޔައެވެ. އެކަމާއި ދެކޮޅަށް ހަނގުރާމަކުރަން މަސައްކަތް ކުރިއެއްކަމަކު، އޭނާގެ ނަފުސު ބަލިކަށިވުން ނޫންހެންކަމެއް ނުވިއެވެ.
* * * * *
ޖެހިގެން އައި ދުވަހު ހެނދުނުގެ ވަގުތެވެ. ސައިމޭޒު ދޮށުގައި އެންމެން ތިބިއިރު އެތަނަށް ވެރިވެފައިވީ ހިމޭންކަމެވެ. އިސްޖެހިފައި އަތުގައި އޮތް ޕާން ފޮއްޗަށް ނަޒަރު ހުއްޓައިލިގޮތަށް އީކް އިނީއެވެ. ކުޑަކޮށްވެސް ކާހިތް ނެތިފައެވެ. ރޭގައި ރޯން އޮތްވައި އޭނާއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ހޭލެވުނީ އޭނާގެ ބޮލުގައި ފިރުމަމުން ހައިތަމް ގޮވައިލިއަޑަށެވެ. ތައްޔާރުވެގެން ސައިބޯން ތިރިއަށް އަންނަން ބުނުމުން ދެކޮޅުހަދަން ނުކެރުނީއެވެ. އިސްޖަހައިގެން އިނީ އޮޅުމަކުންވެސް އީވާންގެ މޫނަށް ބެލިދާނެތީ ޖެހިލުންވީ ވަރުންނެވެ.
ޕާން ފޮތިން އެތިކޮޅެއް ކައިލަމުން އީކްގެ ހަރަކާތްތަކަށް އީވާން ބަލައިލިއެވެ. ޖެހިލުންވުން އެދެލޮލުގައިވެސް ވިއެވެ. ތަނަށް ވެރިވެފައިވި ހިމޭންކަން ނައްތައިލަމުން އެވަގުތު ނާއިފް ކޮންމެވެސް ވާހަކައެއް ހައިތަމްއާ ފެށިއެވެ. އިރުކޮޅަކު ނާއިފާއި ވާހަކަދައްކަން އިނުމަށްފަހު ގާތުގައިއިން އީކްއަށް ހައިތަމް ބަލައިލިއެވެ.
"ދަރިފުޅު.. ބައްޕަ ވާހަކައެއް ބުނަންވެފަ އެބަ އޮތޭ.. ރޭގަ އެވާހަކަ ދައްކަން ދިޔައިރު ދަރިފުޅަށް އޮތީ ނިދިފަ.. އެހެންވެ އަޅައިނުލީ.." ހައިތަމްގެ ވާހަކަތަކާއެކު އެމޫނަށް އީކް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"ބައްޕަ ނިންމައިފިން ދަރިފުޅު ނަފުސާނީ ޑޮކްޓަރަކަށް ދައްކަން.. ދަރިފުޅުގެ ހާލާމެދު ބައްޕަ ނުހަނު ކަންބޮޑުވޭ.. ބައްޕަ އެދެނީ ބައްޕަގެ ދެލޮލުގެ ނޫރު އަވަހަށް ރަނގަޅުވުމަށް.." އީކްގެ ކޮލުގައި އަތުން ފިރުމައިލަމުން ހައިތަމް ބުނެލީ ލޯތްބާއެކުއެވެ. ހައިތަމްގެ މޫނަށް ބަލަންއިން އީކްގެ ދެލޮލަށް ހާސްކަމާއި ބިރުވެރިކަން ވެރިވެގަތެވެ. ކަރުނަތައް ބޮނޑިވެގަތުމާއެކު ދެފަރާތަށް ބޯހޫރުވައިލަމުން އިންތަނުން ތެދުވެ ގެއިން ބޭރަށް އޭނާ ކުއްލިއަކަށް ދުއްވައިގަތެވެ. ބުނެވުނީ ގޯސްއެއްޗެއްތޯ އަމިއްލަ ނަފުސާ ސުވާލުކުރަމުން އިންތަނުން ތެދުވެ ހައިތަމް ބާރަށް އީކްގެ ނަމުން ގޮވައިލިއެވެ. އަދި އޭނާގެ ފަހަތުން ދިއުމަށް އުޅުނެވެ. އެވަގުތު އީވާންވެސް އިންތަނުން ތެދުވަމުން ހައިތަމްއަށް ގޮވައިލައި އޭނާ އީކްއާ ވާހަކަދައްކަން އެބަދަންކަމުގައި ބުނެލިއެވެ. ދެޚިޔާލެއްގައި ހުރި މީހަކުފަދައިން ލަސްލަހުން ހައިތަމް ބޯޖަހައިލިއެވެ. އެމޫނުގައިވީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އީކްއަށް އެފަދަ ބަދަލެއް އަންނަން ޖެހުނު ސަބަބެއް ހައިތަމްއަކަށް ނުވިސްނުނެވެ. ގޯސްކޮށް ބުނެވުނީ ކޮންއެއްޗެއްކަމާއި މެދު ވިސްނުން ހިންގަން ހުއްޓައި ފަހަތުން ނާއިފް އޭނާގެ ކޮނޑުގައި އަތްޖަސައިލަމުން ކުޑަކޮށް ފިތައިލީ ހިތްވަރުކުރުމަށް ބުނަމުންނެވެ. ތުނބުޅީގައި އަތްހިންގައިލަމުން ގަދަކަމުން ހިނިތުންވެލަން ހައިތަމް މަސައްކަތްކުރިއެވެ. އީކްއަށް ކުއްލި ކުއްލިއަށް އަންނަ ބަދަލުތައް ދެނެގަތުމަށް އޭނާއަށް ދަތިވަނީއެވެ.
އީކްގެ ނަމުން ގޮވަމުން ހަލުވި ފިޔަވަޅުތަކެއްގައި އޭނާގެ ފަހަތުން އީވާން ވެސް ގޭގެ ގޯތިތެރަށް ނުކުތެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެމުންގޮސް އީކް އިނށީނީ ބަގީޗާގެ މެދުގައި ވަށައިގެން ގަސްހުންނާނެހެން ހަދައިފައިހުރި ހިލަ ގޮނޑިއެއްގައެވެ. އެތެރަށް ނޭފަތްދަމައިލުމާއެކު އޭނާ ތުންފަތުގައި ދަތްއަޅައިލިއެވެ. އޭނާ އަކީ ބަލިމީހަކީ ހެއްޔެވެ؟ ނޫނީ އަމިއްލަ ހިތާމަތައް ނުއުފުލޭވަރުގެ ބަލިކަށި އިންސާނަކީ ހެއްޔެވެ؟ ނަފުސާނީ ޑޮކްޓަރެއްގެ އެހީ ހޯދާހައި އޭނާ ފިނޑީހެއްޔެވެ؟ އީކްގެ ސިކުނޑީގައި ފުނިޖެހެމުންދިޔައީ ހުސްވެސް ޝަކުވާއެވެ. ހައިތަމް ގާތުގައި ހުއްޓައި ނުވެސް ދަންނަ މީހަކާއި އޭނާގެ ހިތާމަތަކާއި އިހުސާސުތައް ހިއްސާކުރަން ޖެހެންވީ ކީއްވެހެއްޔެވެ؟ އަބަދުވެސް ގާތުގައި ހުރެދޭނެކަމަށް އެބައްޕަ އޭނާއަށް ވަޢުދުވިއެވެ. ދެން ކީއްވެހެއްޔެވެ؟
ކުދި ކުދި ކަންކަމުގައިވެސް ފަހަކަށް އައިސް އީކްއަށް ވިސްނެނީ އެންމެ ނުބައިކޮށެވެ. ރަނގަޅު ވިސްނުމެއް ސިކުނޑިއަށް ނުވެސް އަންނަނީއެވެ. އޭނާއަށް ހީވީ އޭނާގެ ވާހަކަތައް އަޑުއެހުމަށް ހައިތަމް އުޒުރުވެރިވީ ހެންނެވެ. އެފަދަ ޑޮކްޓަރެއްގެ އެހީ ހޯދަން ހައިތަމް ނިންމީ އެހެންވެކަމަށެވެ. އެއްގޮތަކަށްވެސް އެއީ އީކްއަށްޓަކައި އެންމެ ރަނގަޅުގޮތަށް ވާތީ ހައިތަމް ނިންމި ނިންމުމެއްކަން ގަބޫލުކުރާކަށް އޭނާގެ ނަފުސު ބޭނުމެއްނުވިއެވެ. ސިކުނޑީގައި ވަކިހިއްޕައިފައިވި ނުބައި ވަސްވާސްތަކުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނޫނީ އެ ޚީޔާލުތަކާ ދެކޮޅަށް ކުރިމަތިލާން އީކް ބިރުގަންނަނީއެވެ.
"އީކް.." އެތަނަށް އައިސް ހުއްޓުނު އީވާން ގޮވައިލިއެވެ. ކަރުނަވީ ދެލޮލުން އީވާންގެ މޫނަށް އީކް ބަލައިލިއެވެ. އެދެލޮލުގައިވެސްވީ ރިހުމެއްގެ އަސަރެވެ. އީކްއަށް ބަލަންހުރެ އޭނާއާއި ޖެހިގެން ގޮނޑީގައި ހުސްކޮށްހުރި ތަންކޮޅުގައި އީވާން އިނށީނެވެ. އީކްގެ އިހުސާސުތަކާއި މެދުގައި ވިސްނުން ހިންގަމުން އެކަމަށް ސަމާލުވެ އިނދެ ވާހަކަދައްކަން އީވާން މަސައްކަތްކުރިއެވެ.
"ރަނގަޅަށް ސައިވެސް ނުބޮމެއްނު.." ހިމޭންކަމުގެ ވަގުތުކޮޅެއް ހޭދަވުމަށްފަހު އީވާން ބުންޏެވެ. ދުރަށް ބަލަހައްޓައިގެން އެއިން ގޮތަށް އީކް އިނެވެ.
"ޑޮކްޓަރަށް ދައްކަން އީކް ބޭނުންނުވަނީތަ؟" މިފަހަރު އީވާންގެ ސުވާލަށް އީކް ބޯޖަހައިލިއެވެ.
"ކީއްވެ..؟" ރޭގެ ހާދިސާ ހިތަށް އުނދަގޫކުރިއަސް އެކަން ނުދައްކައި އެހެންނާވެސް އީކްއާ ވާހަކަދައްކާ ގޮތަށް ވާހަކަދެއްކުމަށް އީވާން އިސްކަމެއް ދިނެވެ. އީކްގެ އަމަލުތައް ހުރިގޮތުން އޭނާވެސް އެކަން ދައްކަން ބޭނުންނުވާކަން އީވާން ދެނެގަތެވެ.
އީވާންގެ ސުވާލާއެކު އަތުތެރޭގައި އޮތް ފޯނުގައި އަވަސް އަރުވައިލައިފައި އީކް ކޮންމެސް އެއްޗެއް ލިޔެލިއެވެ. އޭރުވެސް ހުއްޓުމެއްނެތި އެދެލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. އެމަންޒަރުވީ އީވާނަށް ބަލަން އުނދަގޫ މަންޒަރަކަށެވެ. އީވާންގެ އަތަށް އީކް ފޯނު ދިއްކޮށްލުމާއެކު އޭގައި ލިޔެފައިވާ އެއްޗެއް އީވާން ކިޔައިލިއެވެ.
"ބިރުގަންނަނީ.. ވަރަށް ބޮޑަށް ބިރުގަންނަނީ.. އެއްވެސް މީހަކާ ކުރިމަތިލައި ހިތުގަ އުފެދިފަ ހުރި ޒަޚަމްތައް ހިއްސާކުރާނެހައި ވަރެއް އަހަރެންގެ ހަށީގަނެތް.. ދެން އަދި އަމުދުން ނުދަންނަ މީހެއް ކުރިމަތީ އެޒަޚަމްތައް ފައުޅުކުރާނީ ކިހިނެއް؟ އަހަންނަށް އިހުސާސުވަނީ އަހަރެންމީ އެކަނިވެރިއެކޭ.. ބޭކާރު މީހެކޭ.. މިހިތާމަތަކުން ދުވަހަކުވެސް މިންޖުވުމެއް ނެތޭ.. ވީއިރު ކީއްކުރަން ބޭކާރު މަސައްކަތެއް ކުރަނީ؟ އެކަހަލަ ޑޮކްޓަރުން ގާތަށް ދަނީ ފިނޑިން.. އަހަރެން ބޭނުމެއްނޫން ފިނޑިއެއްގޮތަށް ލޭބަލް ވާކަށް.. އަހަންނާ ހެދި އެހެން މީހުނަށް އެއްވެސް އުނދަގުލެއް ވާކަށް.. އެއްވެސް މީހަކަށް ބުރައަކަށް ވާކަށް ނޭދެން.. އެހެންވެ ދާން ބޭނުންނުވަނީ.. ހިތާމައިންގޮސް މަރުވަންދެން އަހަރެން މިހެން ހުރެފާނަން.." އީކް ލިޔެފައިވި ކުޑަ ލިޔުންކޮޅު ކިޔައިލުމާއެކު އީވާނަށް ދެލޯމަރައިލެވުނީ ބޭއިޚުތިޔާރުގައެވެ. ހީކުރިވަރަށްވުރެ ބޮޑަށް އަދިވެސް އީކްގެ ހާލަތު ގޯސްކަން އޭނާ ލަފާކޮށްލިއެވެ. އެފަދަ ދަރަޖައަކަށް އީކްގެ ވިސްނުންދާނީ ހަމަޔަގީނުންވެސް އެހެންވީމައިކަން ކަށަވަރެވެ. ފަރުވާނުދެވި ލަސްވެއްޖެނަމަ އިތުރަށް އީކްގެ ހާލަތު ގޯސްވެދާނެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އީކްއަތަށް އީވާން ފޯނު ދިއްކޮށްލިއެވެ. އަދި އިންތަނުން ތެދުވެ އީކްއާ ކުރިމަތި ވާނޭހެން ކޮޅުކަކޫ މައްޗަށް ތިރިވެލިއެވެ. އީކްއަށް ވިސްނައި ދިނުމަށްޓަކައި އަމިއްލަ ނަފުސު ތައްޔާރުކޮށްލި ކަހަލައެވެ.
"އީކް.. ލުކް އެޓް މީ.. ލިސަން ޓް މީ.." އޯގާތެރިކަމާއެކު މަޑުމަޑުން އީވާން ބުންޏެވެ. ނޭފަތް އެތެރަށް ދަމައިލަމުން ކަރުނުން ބަރާވެފައިވި ދެލޯ އީވާންގެ ދެލޮލާއި އީކް ސީދާ ކޮށްލިއެވެ. ހިތުގައި އުފެދިގެންދިޔަ މަޑު ރިހުމާއެކު ކަކުލުގައި އަޅުވައިލައިގެން ހުރި އަތްތިލަ އީވާނަށް މުށްކަވައިލެވުނެވެ. އެކަރުނަތައް ލޯބިން ފުހެލައި ދިނުމަށް އީވާން ބޭނުންވިއެވެ. ދެލޮލުގައިހުރި ހުސްކަން ފުރާލަދޭން ބޭނުންވިއެވެ. ލޯބިން އެނިޔަނެތި އަންހެންކުއްޖާ ގެނެސް މެޔާއިލައި ބޮނޑިކޮށްލަން ހިތް އެދުނެވެ. ދުޔިގޭގެ ހުރިހައި އުފަލެއް ހޯދައިދޭން ނިހާޔަތަށް އެދެވުނެވެ. އޭނާގެ ހިތުގައި ކުރިމަތީގައިއިން އަންހެންކުއްޖާ އަށްޓަކައިވީ އެހައިވެސް ފުން ލޯތްބެކެވެ. އީކް އަށް އެކަން އެނގޭނޭ ނަމައެވެ.
(ނުނިމޭ)