ދުނިޔޭގެ އެންމެ މަޤުބޫލު މީސްމީޑިއާ ކުންފުނިކަމުގައިވާ ފޭސްބުކްގެ ނަން، "މެޓަ" އަށް ބަދަލުކޮށްފި އެ ކުންފުނިން އިއުލާންކޮށްފިއެވެ.
ފޭސްބުކްގެ ނަން ބަދަލުކޮށް، ރީބްރޭންޑްކޮށްފައިވާކަން އިއުލާންކުރީ އިއްޔެ އޮތް އެކުންފުނީގެ އެނުއަލް "ކޮނެކްޓް ކޮންފަރެންސް" ގައެވެ. އެކަން އިއުލާންކޮށްދެއްވީ ފޭސްބުކްގެ ބާނީ މާކް ޒުކަބާގް އެވެ. ފޭސްބުކްގެ ނަން ބަދަލުކުރަން ނިންމިކަން އިއުލާންކުރުމުގެ ކުރިންވެސް، ނަން ބަދަލުކޮށް ރީބްރޭންޑް ކުރަން އުޅޭކަމަށް އޮތީ ހަބަރު ފެތުރިފައެވެ.
ފޭސްބުކްގެ ނަން ބަދަލުކުރަން މާކް ޒަކަބާގް ނިންމީ ޒަމާނުއްސުރެ އާއްމުންގެ މެދުގައި ހަމައެކަނި މީސްމީޑިއާ ކުންފުންޏެއްގެ ގޮތުގައި އެކުންފުނި މަޝްހޫރުވެފައި އޮތްއޮތުން ބަދަލުކޮށް، "މެޓަވާސް" ނުވަތަ އޮންލައިން ދުނިޔެއެއް ބިނާކުރާ ކުރުމުގެ ކުންފުންޏަކަށް ބަދަލުކުރުން ކަމަށް މާކް ބުންޏެވެ.
މާކް ބުނީ، މިއަދު ފޭސްބުކަކީ ހަމައެކަނި ސޯޝަލް މީޑިއާ ކުންފުންޏެއްގެ ގޮތުގައި ފެނިފައި އޮތަސް، އެމީހުންގެ ޑީއެންއޭގައި އެ ކުންފުންޏަކީ އެކަކު އަނެކަކު ގުޅުވައިދިނުމަށް ޓެކްނޮލޮޖީ ބިނާކުރުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ "މެޓަވާސް" ނުވަތަ ކޮންމެ މީހަކަށް ވެސް ޑިޖިޓަލް ދުނިޔެއެއް ތަރައްގީ ކޮށްދިނުން ކަމަށެވެ.
ފޭސްބުކް ކުންފުނީގެ އާ ނަން އިއުލާންކޮށް އެކުންފުނިން ބުނީ، އެކުންފުނީގެ "ސްޓޮކް ޓިކަރ" ނުވަތަ ހިއްސާގެ ބާޒާރުގައި ލިސްޓް ކޮށްފައިވާ "އެފްބީ"ގެ ނަން "އެމްވީއާރްއެސް" އަށް އަންނަ ޑިސެމްބަރު 1 އިން ފެށިގެން ބަދަލުކުރެވިފެން
މި ކުންފުނީގެ އަމާޒަކީ "މެޓަވާސް" ދުނިޔެއެއް ތަރައްޤީކޮށް، ބިލިއަން މީހުންނަށް ވާސިލުވެ، އެތައް ސަތޭކަ ބިލިއަން ޑޯލަރެއް ޑިޖިޓަލް ކޮމާސްއަށް ހޭދަކޮށް، އުފެއްދުންތެރިންނަށް މިލިއަނުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލުން ކަމުގައި މާކް ޒަކަބާގް ވަނީ ބުނެފައެވެ.
މިދިޔަ މަސް ތެރޭގައި ފޭސްބުކުން ވަނީ އެކުންފުނީގެ ވާޗުއަލް ރިއަލިޓީ(ވީއާރު) ގޭމިންގް ޕްލެޓް ފޯމަށް މީގެ ކުރިން ކިޔާފާއިވާ ނަން ކަމަށްވާ "ހޮރައިޒަން" ގެ ނަން "ހޮރައިޒަން ވޯލްޑްސް"އަށް ބަދަލުކޮށްފައެވެ.




