ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (13)

ބާރަވަނަ އަދަދާއި ގުޅޭ

"އީކް.. ލުކް އެޓް މީ.. ލިސަން ޓް މީ.." އޯގާތެރިކަމާއެކު މަޑުމަޑުން އީވާން ބުންޏެވެ. ނޭފަތް އެތެރަށް ދަމައިލަމުން ކަރުނުން ބަރާވެފައިވި ދެލޯ އީވާންގެ ދެލޮލާއި އީކް ސީދާ ކޮށްލިއެވެ. ހިތުގައި އުފެދިގެންދިޔަ މަޑު ރިހުމާއެކު ކަކުލުގައި އަޅުވައިލައިގެން ހުރި އަތްތިލަ އީވާނަށް މުށްކަވައިލެވުނެވެ. އެކަރުނަތައް ލޯބިން ފުހެލައި ދިނުމަށް އީވާން ބޭނުންވިއެވެ. ދެލޮލުގައިހުރި ހުސްކަން ފުރާލަދޭން ބޭނުންވިއެވެ. ލޯބިން އެނިޔަނެތި އަންހެންކުއްޖާ ގެނެސް މެޔާއިލައި ބޮނޑިކޮށްލަން ހިތް އެދުނެވެ. ދުޔިގޭގެ ހުރިހައި އުފަލެއް ހޯދައިދޭން ނިހާޔަތަށް އެދެވުނެވެ. އޭނާގެ ހިތުގައި ކުރިމަތީގައިއިން އަންހެންކުއްޖާ އަށްޓަކައިވީ އެހައިވެސް ފުން ލޯތްބެކެވެ. އީކް އަށް އެކަން އެނގޭނޭ ނަމައެވެ.

"އީކް ތީ އެކަނިވެރިއެއް ނޫން.. ބޭކާރު މީހެއްވެސް ނޫން.. ބޭބެގެ ދިރިއުޅުން އީކްއާ ނުލާ ފުރިހަމަނުވާނެކަން އެނގޭތަ؟ ބޭބެ އީކްދެކެ އިންތިހާއަށް ލޯބިވޭ.. މިދުނިޔޭގަ ބޭބެގެ ހުރި ހަމައެކަނި މީހަކީ ތީ.. ހުރިހައި އެއްޗެއް ދޫކޮށް ބޭބެ އައިސް އެހުރީ އީކް އަށްޓަކައި.. ތީ އެމޭގެ އެތިކޮޅު.. ބޭބެއަށްޓަކައިވެސް އީކް ރަނގަޅުވާން މަސައްކަތްކުރަންވާނު.. އަހަރެމެން އިންސާނުންނަކީ އެކަކު އަނެކެއްގެ އެހީ ބޭނުންވާ ބައެއް.. ދިރިއުޅުމުގަ ބައެއްފަހަރު ދިމާވާ ޙާލަތްތަކުގެ ސަބަބުން ނަފުސާނީ ޑޮކްޓަރުންގެ އެހީވެސް ހޯދަންޖެހޭފަދަ ވަގުތުތައް އާދޭ.. ނަފުސާނީ ބައްޔަކީވެސް އެހެން ބަލިތައްފަދައިން އޮންނަ އެއްޗެއް.. އާދައިގެ އެހެން ބަލިތައް ޖެހެމުން ޑޮކްޓަރީ ފަރުވާ ހޯދާފަދައިން، ނަފުސާނީ ބަލިމަޑުކަމުގެވެސް ފަރުވާ ހޯދަން އަހަރެމެން ދާން ޖެހޭ ބަޔަކީ އެއީ.. އެމީހުންގެ އެހީ ހޯދުން އެއީ ފިނޑިވުމެއްނޫން އީކް.. ވަރަށް ހިތްވަރުގަދަ މީހަކަށް ތިފަދަ ބަލިމަޑުކަމަކާ ކުރިމަތިލައި ކުރިހޯދޭނީ.. އެހީއަށްއެދި އެފަދަ ޑޮކްޓަރެއް ގާތަށް ދިއުމަކީވެސް ނުހަނު ހިތްވަރު ހުރެގެން ކުރެވޭކަމެއް.. އެހެންވީމަ އީކް ފިނޑިވެފަ ކޮބާ؟ ތިމާއަށް ކުރިމަތިވި އިމްތިހާނުގަ ހިތާމައިންގޮސް ހަލާކުވުމަށްވުރެ އެކަމުން އަރައިގަނެ ދިރިއުޅުމާއިގެން ކުރިއަށްދިއުމަށް ފިޔަވަޅެއް އަޅާނީ ކިހައި ހިތްވަރުގަދަ މީހުންކަން އީކްއަށް އެނގޭތަ؟ އަމިއްލަ ހިތުގައިވި ބިރުވެރިކަމާ ކެރިގެން ކުރިމަތިލުން ފިނޑިކަމަކަށް ވާނީ ކިހިނެއް؟ އީކް ތީ ހިތްވަރުގަދަ ކުއްޖެއް.. އީކްއަށް މިކަން ވާނެކަން އަހަންނަށް ޔަގީން.. އީކްއާ އެކު އަހަރެމެން އެންމެން އެބަތިބީމު.. ހިނދުކޮޅަކަށްވެސް އެކަނިވެރިވިޔަކަ ނުދޭނަން.. ބިރުނުގަނޭ.. އިރާދަފުޅުން ހުރިހައި ކަމެއްވެސް ދާނީ ރަނގަޅަށް.. ކޮންމެވެސް ދުވަހަކުން އީކްގެ ނިންމުމާމެދު އުފާވާނެކަން ޔަގީން.. ޕްލީޒް.. ލެޓްސް ޑޫ ދިސް.. އައި ނޯ ޔޫ ކޭން.. އައި ބިލީވް އިން ޔޫ... ޓްރަސްޓް މީ.." ސީދާ އީކްގެ ދެލޮލަށް ބަލަން އިނދެ އީވާން ބުންޏެވެ. އީވާންގެ ވާހަކަތަކުން އީކްގެ ހިތުގައި ނިވެމުންދިޔަ އުއްމީދުގެ ހުޅުކޮޅު އިތުރަށް ރޯވެ އަނދައިގަތެވެ. އަމިއްލަ ނަފުސުގެ މައްޗަށް އޮތް އިތުބާރު އިތުރުވެގެން ދިޔައެވެ. އޮހޮރެމުންދިޔަ ކަރުނަތަކަށް ނިމުމެއް އައުމާއެކު ލަސްލަހުން އޭނާއަށް ބޯޖަހައިލެވުނީ އީވާންގެ ވާހަކަތަކަށް އާނބަސް ބުނުމުގެ ގޮތުންނެވެ. ކީއްވެކަން ނޭނގުނަސް ހިނދުކޮޅަކަށް އެހިތުގައި އުފެދިފައިވި ބިރުވެރިކަން ފިލައިގެން ދިޔައެވެ. އީކްގެ އެއަމަލުން އީވާންގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ލިބުނު ކާމިޔާބާއިއެކު ހެއްދެވި ފަރާތަށް ޙަމްދުކޮށްލަމުން އީވާން ދެލޯމަރައިލިއެވެ.

* * * * *

"ކިހިނެއްވިއްޔޭ؟" ކެފޭގެ މޭޒު ދޮށުގައި ހަމަޖެހިލެވުމާއެކު ޝަމްއަލް އަހައިލިއެވެ. "މީ ޝައްމުގެ ކަމެއް ދޯ.." އަތުގައި އޮތް ފޯނު ދައްކައިލަމުން ހިނިއައިސްފައި އީވާން ސުވާލުކޮށްލިއެވެ. "ކާރު ތެރޭގަ ދޯ ފޯނު އޮތީ.. ތި ނުފެނިގެން މިހާރު އަހަރެން ނުބަލާ ތަނެއް ނެތް.. ހިތަށްވެސް އެރިއޭ ކުރިން ދުވަހު އީވާންގެ ކާރު ނަގާފަ އޭގަ ބޭއްވުނިއްޔޭ.. އެކަމަކު ފަހުން ބިޒީވެގެން އީވާން ގާތު އަހައިލާން ހަނދާނެއްވެސްނުވި.." އެފޯނު އަތުލަމުން ދެފަރާތަށް ބޯހޫރައިލުމަށްފަހު ޝަމްއަލް ހިނިގަނޑެއް ޖަހައިލިއެވެ.

"ދެން ބުނެބަލަ.. އަސްލު ކޮން ކަމަކުތަ މާ އަވަސްއަރުވާލާފަ ބައްދަލުކުރަން ބުނީ؟.." ނިތް އަރުވައިލަމުން ޝަމްއަލް އަހައިލިއެވެ.

"ވަގުތީ ގޮތުން ވާހަކަނުދެއްކޭ މީހުނަށް ޚާއްސަ ނަފުސާނީ ޑޮކްޓަރެއް ޝައްމު ދަންނަންތަ؟" އީވާންގެ ސުވާލާއެކު ފުންވިސްނުމަކަށް ޝަމްއަލް ގެއްލުނެވެ. އޭނާގެ ހަނދާނަށް ވެރިވެގަތް ސޫރައާއެކު އިސްޖަހައިލެވުނެވެ. ކުޑަ ހިނދުކޮޅަކަށްވިއަސް އެއަންހެންކުއްޖެއްގެ މަތިން ޟަމީރު ހަނދާންކޮށްލައިދިނެވެ. އީވާން އެފަދަ ސުވާލެއްކުރީ އީކްގެ ކަމެއްގައިކަން ވިސްނި އެކުވެރިޔާއަށް އެހީވާން އޭނާގެ ނަފުސު އެދުނެވެ. ހަމަހިމޭންކަމުގައި އިރުކޮޅަކު އިނުމަށްފަހު ޝަމްއަލް ބޯޖަހައިލިއެވެ.

"އަލަޙަމްދުލިﷲ.. ނަސީބެއްނު.. އެއީ ރަނގަޅު ޑޮކްޓަރެއްތަ؟ އަހަރެން ބޭނުން އީކްއަށް ރަނގަޅު ފަރުވާއެއްލިބެން.."

"ޔެސް.. ޝީޒް ވަން އޮފް ދި ބެސްޓް.." ޚިޔާލަކަށް ގެއްލިފައި އިންހެން ޝަމްއަލް ބުނެލިއެވެ.

"އެހެންވީއިރު ތިބުނާ މީހަކަށް އެޕޮއިންޓްމެންޓެއް ހަމަޖައްސައި ދޭންވީނު.. އެންމެ ދުވަހެއްވެސް ލަސްކުރާކަށް އަހަރެން ބޭނުމެއްނޫން.." ހިތްއަވަސްވެފައި އިން އީވާން ބުންޏެވެ.

"އޯކޭ.. އޭނައާ ވާހަކަދައްކާލާފަ އަހަރެން އީވާނަށް އަންގައިލާނަން.. އީކް ފެނުނުފަހުން އީވާންގެ ހާލަތުވެސް ވަރަށް ރަނގަޅުވެއްޖެހެން ހީވޭ.." ވެއިޓަރ އައިސް ކުރިމަތީގައި ބެހެއްޓި ކަޅުކޮފީ ޖޯޑުން އެތިފޮދެއް ބޯލަމުން ޝަމްއަލް ދިމާކޮށްލިއެވެ. ވަކި ޖަވާބެއް ދިނުމެއްނެތި އީވާން ލުއިގޮތަކަށް ހިނިތުންވެލިއެވެ. މީހަކު އެކަން ފާހަގަކޮށްފައި ނުބުންޏަސް އަމިއްލަ ނަފުސަށް އަންނަމުންދިޔަ ހެޔޮބަދަލު ޚުދު އޭނާއަށްވެސް ފާހަގަވެއެވެ. އީކް އެކަނި ފެނިލުމުންވެސް އޭނާގެ ހިތާމަތައް ލުއިވެގެންދިޔަފަދައެވެ. ދެލޯކުރިމަތީގައި އެސޫރަ ހުރިހައި ހިނދެއްގައި އޭނާގެ ހިތަށް ލިބިގެންދާނީ ބަޔާންކުރަންދަތި އުފަލެއްކަން ޔަގީނެވެ. އީވާންގެ އަމަލުން ޝަމްއަލްވެސް ލުއިކޮށް ހިނިތުންވެލިއެވެ. އޭރުވެސް އެސިކުނޑީގައި ބުރުޖަހަމުން ދިޔައީ މުޅިން އެހެން ޚިޔާލުތަކެކެވެ.

* * * * *

ތަނަވަސް ބޮޑު ކެބިން އެކެވެ. ވަށައިގެންވި ފާރުތަކުގައި ހުދުކުލަ ލައިފައި ހުރިއިރު، ވަންނައިރު ކުރިމައްޗަށްހުރި ފާރުގައި ބޮޑު ކުރެހުމެއް ބަހައްޓައިފައި ހުއްޓެވެ. ކަޅުކުލައިގެ ފުޅާ މޭޒުދޮށުގައި ބޮޑު ލެދަރ ގޮނޑިއެއް ހުއްޓެވެ. އޭގެ ކުރިމައްޗަށްވާގޮތަށް އިނށީދެވޭނޭހެން ދެގޮނޑި ބަހައްޓައިފައި ހުއްޓެވެ. ތަންކޮޅެއް ދުރުގައި ކަޅުކުލައިގެ ބޮޑު ސޯފާއެއް ހުރިއިރު އޭގެ ކުރިމައްޗަށްވާގޮތަށް ބިއްލޫރި ވަށް މޭޒެއް ހުއްޓެވެ. އަދި އެކަކަށް އިނށީދެވޭނޭހެން މޭޒުގެ ވައަތްފަރާތުގައި އިތުރު ސޯފާ ގޮނޑިއެއް ހުއްޓެވެ. ކެބިންގެ ވައަތްފަރާތުގައި ހުރި ކަބަޑު ފުރިފައިވީ އެކިވައްތަރުގެ ފޮތާއި ކަރުދާސްއަޅައި ފުރައިފައިހުރި ފައިލްތަކުންނެވެ. ކަބަޑުގެ އެއްފަރާތް ތަޅުލެވޭގޮތަށްހުރިއިރު، އަނެއްފަރާތްހުރީ ބިއްލޫރި ދޮރެއްލައި ކަހައިލެވޭގޮތަށް ހަދައިފައެވެ. ކެބިންގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. އެއްފަރާތުގައިހުރ "ކްލޯތްސް ހޭންގަރ ސްޓޭންޑް"ގައި ކަޅުކުލައިގެ އަތްދަބަހެއްގެ އިތުރުން ހަމައެކުލައިގެ ކެހެރި ކޯޓެއް އަޅުވައިލައިފައި ހުއްޓެވެ.

ކެބިންގެ ދޮރުހުޅުވައިލަމުން ކަންފަތުގައި ޖަހައިލައިގެންހުރި ފޯނުން ވާހަކަދައްކަމުން އެތެރަށް އަންހެންކުއްޖަކު ވަނެވެ. ހީވާގޮތުން އޭނާ ހުރީ ކޮންމެވެސް މުހިންމު ކޯލެއްގައެވެ. ދެތިން އެއްޗެއް ބުނެލުމަށްފަހު ފޯނު ބާއްވަމުން ހޭންގަރގައި އަޅުވައިލައިފައިހުރި އަތްދަބަސް ނެގިއެވެ. އަދި އޭގައި އަޅުވައިފައިހުރި ކެހެރި ކޯޓުނަގައި ގަޔަށް މަހައިލަމުން އަތުގައިއޮތް ފޯނު ދަބަސް ތެރެއަށް ލުމަށްފަހު އަލުން ކެބިންއިން ނުކުންނަން ހިނގައިގަތެވެ. އަރައިފައިހުރި އުސްފައިވާނުގެ އަޑު އޭނާ ހިނގަމުންދިޔަވަރަކަށް އިވިއިވި ހުއްޓެވެ.

ކެބިންއިން ނުކުމެ އެތަން ތަޅުލަމުން އޭނާ މިސްރާބުޖެހީ ފެންނަންއޮތް ހިމަ މަގުންލައިފައި ކުރިއަށެވެ. މައްޗަށް އައްސައިފައިވި އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން އޭނާ ހިނގަމުންދިޔައީ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރެ، ފެންނަ ކޮންމެ މީހަކު އެހިނިތުންވުމުގެ އަސަރުގައި ޖައްސަމުންނެވެ.

"އިވްލީން.." ފަހަތުން އޭނާގެ ނަމުން ގޮވައިލިއަޑަށް އިވްލީންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އިވުނު އަޑާމެދުގައި އޭނާ ހުރީ ޔަގީންނުވެފައެވެ. އެއީ އަނެއްކާ އޭނާއަށް ހީވިގޮތެއް ބާވައެވެ. ނޫނީ ހަގީގަތުގައިވެސް އެއީ ހަމަ އެއަޑުގެ ވެރިޔާހެއްޔެވެ؟ ދެޚިޔާލެއްގައިހުރެ ލަސްލަހުން އިވްލީން ފަހަތަށް އެނބުރި ބަލައިލިއެވެ. ތަންކޮޅެއް ދުރުގައި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލައިގެން ހުއްޓިހުރި ޝަމްއަލްގެ ދެލޮލާ އޭނާގެ ނަޒަރު ސީދާވެލުމާއެކު އިވްލީންގެ ހިތް އޭގެ މަގާމުދޫކޮށް އުދުއްސައިގަތް ކަހަލަ އިހުސާސެއް ކުރެވުނެވެ. އަރުތެރެ ހިކިގެންދިއުމާއެކު ހިތުގެ ހިނގުން އަވަސްވެލިއެވެ.

* * * * *

ދެލޯމަރައިލައިގެން ނިތުގައި އަތް ބާއްވައިލައިގެން އެނދުމަތީގައި އޮތް މާހާ ކަރުބުޑުން އަޑެއްލައްވައިލަމުން ތެދުވެ އެނދުމަތީގައި ދެއަތުން ތަޅައިގަތެވެ. އުޅެއުޅެވެސް އީވާނާއެކު ހުރި އަންހެންކުއްޖާ މާހާގެ ސިކުނޑިން ފިލާގޮތެއް ނުވިއެވެ. ފުރަގަހުން ފެނުނެއްކަމަކު އެސޫރައިގައި އޭނާ ދަންނަގޮތެއް ހުރިހެން މާހާއަށް ހީވަނީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނުނެވެ. ވިސްނިވަރަކަށް ބޮލުގައި އުފެދެމުންއައި ރިހުން ދިޔައީ އިތުރުވަމުންނެވެ. އަތުން ނިތްމަތި މަސާޖްކޮށްލަމުން މާހާ ދެފަރާތަށް ބޯހޫރުވައިލިއެވެ.

"ފުރަތަމަ ލޯބިވެސް ނާކާމިޔާބުވީ ކަމެއްނުކޮށް މިހެން ހުންނަން ހަދައިގެން.. ދެވަނަފަހަރަށް އެހެންވިޔަ ދޭކަށް ބޭނުމެއްނޫން.. އީވާން ވާން ޖެހޭނީ ހަމައެކަނި އަހަރެންގެ މީހަކަށް.. އެހަޔާތުގަ އިތުރު މީހަކު ހުރިނަމަވެސް އެމީހަކު ޖެހޭނީ މިދެމެދުން ދުރަށްދާން.. ކޮންމެ ކަމެއް ކުރަންޖެހުނަސް ވަރިހަމަ.. އީވާންގެ ހަޔާތުން އަހަރެން ޖާގައެއް ހޯދާނަން.. އެހިތް މިލްކު ކުރާނަން.. ތީ ކޮންމެ މީހަކަށްވިއަސް އަހަންނަށް ހެޔޮ.. އީވާނާ އަހަރެންނާ ދެމެދަށް ވަނުމުގެ ހަނި ފުރުސަތެއްވެސް ކަލެއަކަށް ނުދޭނަން.." އެއަންހެންކުއްޖާ ސިފަކޮށްލަމުން ދަތްކުނޑި ވިކައިލައިފައި މާހާ ބުންޏެވެ. އެދެލޮލުން ފައުޅުވާންހުރީ ނުރައްކާތެރި ކުލަވަރެކެވެ. ހިނދުކޮޅަކަށް ސިކުނޑި ހަމައިން ނައްޓައިފައިހުރި ކަހަލައެވެ. ދަތްތަކަށް ބާރުކޮށްލައިގެން ހުރިގޮތުން ދެލޮލުން ފެންއަންނަން ފެށިއެވެ. އެހެނަސް އެއިން ކަމަކަށް މާހާގެ އެއްވެސް ފަރުވާލެއްނެތެވެ. އޭނާގެ ހިތާއި ސިކުނޑީގައި ބުރުޖަހަމުންދިޔައީ އީވާނާއި އެއަންހެންކުއްޖާއެވެ. އުނގުމަތީގައިއޮތް އަތް މުށްކަވައިލުމާއެކު އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ.

* * * * *

ހޮސްޕިޓަލުގެ ގޯތިތެރޭގައިހުރި ބެންޗެއްގައި ޝަމްއަލްއާއި އިވްލީން އިނށީންދެގެން ތިއްބެވެ. ދެމެދަށް ވެރިވެފައިވި ހިމޭންކަން ނައްތައިލަން ދެމީހުންކުރެ އެކަކުވެސް ނޫޅެއެވެ. އިސްވެ ވާހަކަދައްކަން ނުކެރިފައި ދެމީހުން އެހެން ތިބޭތާ މިހާރު ދިހަވަރަކަށް މިނިޓްވީއެވެ. ދުރަށް ނަޒަރު ހުއްޓައިލައިގެން ޝަމްއަލް އިންއިރު ކޮންމެވެސް ކަމަކުން އޭނާއަށް އުނދަގޫވެފައި އިންހެން ހީވެއެވެ. އިސްޖަހައިލައިގެން އުނގުމަތީގައި ޖޯޑުކޮށްލެވިފައިވި ދެއަތްތިލަ މޮޑެލަމޮޑެލައި އިވްލީން އިނެވެ. އެންމެފަހުން އޭނާއަށް ކެތްނުވީ ކަންނޭނގެއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ހިތްވަރުކޮށްފައި ޝަމްއަލްގެ މޫނަށް ބަލައިލިއެވެ.

"އަހަ..ރެން.. މިތަނަށް ގެނައީ ކީއްކުރަން.." އަރުތެރެ ހިކިފައިވުމުން ވާހަކަދައްކަން އޭނާއަށް ކޮންމެވެސް ވަރަކަށް ދަތިވިއެވެ. އިވްލީންގެ އަޑު ކަންފަތުގައި ޖެހުމާއެކު ހިންދިރުވައިލަމުން ކުށްވެރިއަކުފަދައިން އޭނާގެ މޫނަށް ޝަމްއަލް ބަލައިލިއެވެ.

"ލީން.. ކިހިނެއްތަ؟" ނުކެރިއިނދެފައި މަޑުމަޑުން ޝަމްއަލް އަހައިލިއެވެ. އޭނާގެ ސުވާލާއެކު އިވްލީނަށް ލިބުނީ ހައިރާންކަމެވެ.

"ގެޓް ޓް ދި ޕޮއިންޓް ޝަމްއަލް.." ހަރުކަށިކަން ދައްކަން ބޭނުންވިއަސް އިވްލީނަކަށް ކާމިޔާބެއް ނުވިއެވެ. އެއަޑުގައިވީ މަޑު ތުރުތުރު ފާހަގަވެ ޝަމްއަލް ލުއިގޮތަކަށް ހިނިތުންވެލިއެވެ. އޭނާގެ ސުވާލަށް ޖަވާބުދޭން އިވްލީން ބޭނުންނުވީކަން ޝަމްއަލް ދެނެގަތެވެ. އިތުރަށް ވާހަކަ ދިގުކުރުމުގެ އެއްވެސް ސަބަބެއް އޮތްކަމަކަށް ޝަމްއަލް ނުދެކުނެވެ.

"އައި ނީޑް ޔޯ ހެލްޕް.."

"ބުނޭ.." އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށް އިވްލީން ބުނެލިއެވެ.

ފުންނޭވާއެއް ދޫކޮށްލަމުން އިރުކޮޅަކު ވިސްނަން އިނދެފައި އީކްގެ ވާހަކަ އިވްލީނަށް ޝަމްއަލް ކިޔައިދިނެވެ. އޭނާއަށް އެނގޭ މިންވަރަކުން ވީހައިވެސް ތަފްސީލުކޮށް ކިޔައިދެވޭތޯ ޝަމްއަލް މަސައްކަތްކުރިއެވެ. އޭނާގެ ވާހަކަތައް ކަނުލައި އަޑުއަހަން އިން އިވްލީންގެ މޫނަށް އެއްފަހަރާ އެތައް ކުލަތަކެއް އަރައިފައިބަމުން ދިޔައެވެ. އާންމުކޮށް އޭނާ ކުރިމަތިލާފަދަ ކޭސްތަކާ ތަފާތުވުމުން ޝައުގުވެރިކަން ހިތުގައި އުފެދިގެން އައެވެ. ނަފުސާނީ ބަލިމަޑުކަމާއި ކުރިމަތިލާ ކޮންމެ މީހެއްގެ ކޭސްވެސް ފުރިފައިވަނީ ހީނުކުރާފަދަ ތަފާތު އެތައް ކަމަކުންނެވެ. އެދާއިރާއަށް އޭނާގެ ޝައުގު އުފެދުނު އެންމެ ބޮޑު އެއްސަބަބަކީވެސް އެއީއެވެ. ބަހެއްވެސް ނުބުނެ ޝަމްއަލްގެ ވާހަކަ ނިމެންދެން އިވްލީން ހުއްޓެވެ. ހިތުގައި ފުނިޖެހިފައިހުރި ސުވާލުތައް އޭނާ ކުރީ އޭގެ ފަހުންނެވެ. އިވްލީންގެ ސުވާލުތަކަށް އޭނާއަށް އެނގުނު މިންވަރަކުން ޝަމްއަލް ޖަވާބުދިނެވެ. އިރުކޮޅަކު އެކަމާއި މެދުގައި ވިސްނަން އިނުމަށްފަހު އިވްލީން އެކޭސްއާ ހަވާލުވެދާނެކަމަށް ބުނެލިއެވެ. ޝުކުރުވެރި ނަޒަރަކުން އިވްލީނަށް ޝަމްއަލް ބަލައިލިއެވެ. އޭނާގެ ނަޒަރު އަމާޒުވެލުމާއެކު އަވަސް އަވަހަށް އިވްލީން އިސްޖަހައިލީ އެމޫނަށް ބަލަން ބޭނުންނުވުމުންނެވެ.

"އިތުރު ވާހަކައެއް ދައްކަން ނެތިއްޔާ އަހަރެން ދެން ދަނީ.." އިންތަނުން ތެދުވަމުން އިވްލީން އެހެން ބުނެލުމާއެކު ޝަމްއަލް ބޯޖަހައިލިއެވެ. ބުނާނެ އިތުރު އެއްޗެއް އެސިކުނޑިއަށް ނުވެސް އައީއެވެ. ތުންފިއްތައިލި އިވްލީން ކުރިއަށް ހިނގައިގަތްއިރު އެދެލޮލުގައި ބޮނޑިވެފައިވީ ކަރުނައިގެ މުތީއެވެ. ޝަމްއަލް އަށް ފުރަގަސް ދިނުމާއެކު އޭނާ ކުރަމުންއައި ހިތްވަރު އެލިގެންދިޔައެވެ. ނުރޯން މަސައްކަތް ކުރިއަސް އެލޮލުން ކަރުނަތިއްކެތް ފައިބައިގެން އައީ އިވްލީންގެ އިޚުތިޔާރުން ބޭރުއެވެ. ދަބަހަށް އަތްކޮށްޕައިލަމުން ކުޑަ ޓީޝޫ ބޮނޑިއެއް ނެގުމަށްފަހު، އޭގެން ޓިޝޫއެއްނަގައި އަވަސް އަވަހަށް ދެލޮލުގައި ޖައްސައިލިއެވެ. ކޮށްފައިވި ލުއި މޭކަޕް ހަޑިވުމުގެ ކުރިން މޫނުމަތި ކުޑަކޮށް ފުހެލައި އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލީ ނުހަނު އަވަހަށެވެ. އިވްލީންގެ ކޮންމެ ހަރަކާތަކަށް ސަމާލުވެ ބަލަންއިން ޝަމްއަލްއަށް އެތަން ފެނުމުން އިސްޖަހައިލީ ކުރެވެމުންދިޔަ ކުށްވެރިކަމުގެ އިހުސާސުންނެވެ.

* * * * *

ރޭގަނޑުގެ ކެއުން ތައްޔާރުވުމުން އީކްއަށް ގޮވަން އަވަސްއަރުވައިލައިފައި އީވާން އައެވެ. ދޮރުކުރިމަތީގައި ހުއްޓި ލައިގެން ހުރި ޓީޝާޓަށް ދަމައިލަމުން އަވަސްވެފައިވި ހިތުގެ ހިނގުން ހަމައަކަށް އެޅެންދެން އޭނާ މަޑުކޮށްލިއެވެ. ހަމަޖެހިލަމުން ކޮޓަރީގެ ދޮރާއި ކައިރިވެލައި ޓަކިޖަހަން އީވާން އަތްއުފުލައިލިއެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވައިލަމުން ތެޅެމުންފޮޅެމުންކަހަލަ ގޮތަކަށް އީކް ބޭރަށް ދެމިގަތެވެ. ދެމީހުންކުރެ އެކަކުވެސް ނުވިސްނައި ހުރުމުގެ ސަބަބުން އެކަކު އަނެކަކު ގައިގައި އަޅައިގެންފައި ވެއްޓެން ދިޔައެވެ. ބޭއިޚުތިޔާރުގައި އީވާނަށް އީކްގެ ހިމަ އުނަގަނޑުގައި ދެއަތްވަށައިލެވުނީ އެދެއަތުގެ ހިމާޔަތް ދޭފަދައިންނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ