ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (14)

ތޭރަވަނަ އަދަދާއި ގުޅޭ

ރޭގަނޑުގެ ކެއުން ތައްޔާރުވުމުން އީކްއަށް ގޮވަން އަވަސްއަރުވައިލައިފައި އީވާން އައެވެ. ދޮރުކުރިމަތީގައި ހުއްޓި ލައިގެން ހުރި ޓީޝާޓަށް ދަމައިލަމުން އަވަސްވެފައިވި ހިތުގެ ހިނގުން ހަމައަކަށް އެޅެންދެން އޭނާ މަޑުކޮށްލިއެވެ. ހަމަޖެހިލަމުން ކޮޓަރީގެ ދޮރާއި ކައިރިވެލައި ޓަކިޖަހަން އީވާން އަތްއުފުލައިލިއެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވައިލަމުން ތެޅެމުންފޮޅެމުންކަހަލަ ގޮތަކަށް އީކް ބޭރަށް ދެމިގަތެވެ. ދެމީހުންކުރެ އެކަކުވެސް ނުވިސްނައި ހުރުމުގެ ސަބަބުން އެކަކު އަނެކަކު ގައިގައި އަޅައިގެންފައި ވެއްޓެން ދިޔައެވެ. ބޭއިޚުތިޔާރުގައި އީވާނަށް އީކްގެ ހިމަ އުނަގަނޑުގައި ދެއަތްވަށައިލެވުނީ އެދެއަތުގެ ހިމާޔަތް ދޭފަދައިންނެވެ.

ވެއްޓުނުގޮތުން އީވާންގެ ބުރަކަށްޓައް ތަދުވިއެވެ. އެހެނަސް އެކަމަށް އެއްވެސް ފަރުވާލެއްނެތި އޭނާ ބެލީ އޭނާގެ ގައިމަތީގައި ދެލޯމަރައި ތަގުޅިކޮށްލައިގެން އޮތް އީކްގެ ހާލެވެ. އީވާން ލައިގެންހުރި ޓީޝާޓްގައި ދެއަތުން ހިފައި ބޮނޑިކޮށްލައިގެން އީކް އޮތްގޮތުން އޭނާ ބިރުގަނެފައިއޮތްވަރު އީވާނަށް އަންދާޒާ ކޮށްލެވުނެވެ. މަޑުމަޑުން އީކްގެ އިސްތަށިގަނޑުގައި ފިރުމައިލަމުން އޭނާއަށް އެއްވެސް ކަމެއް ނުވާކަމަށް އީވާން ބުނެލިއެވެ. ދެލޯހުޅުވައި ވަށައިގެން އީކް ބަލައިލީ ދެނެވެ. އޮވެވުނީ އީވާންގެ ގައިމަތީގައިކަން އިހުސާސުވުމުން އަވަސް އަވަހަށް ތެދުވެ ހަމަޖެހިލިއެވެ. އީކް ތެދުވުމާއެކު އީވާންވެސް އޭނާގެ ހަށިގަނޑު ސީދާކޮށްލަމުން އޮތްތަނުން ތެދުވިއެވެ. ދެއަތްދެއަތާ މޮޑެންހުރި އީކްގެ ލޮލުގައިވީ ކަންބޮޑުވުމެވެ. ކިހިނެއްވީހޭބުނެ އީވާން އީކްއާ ދިމާއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު ތުރުތުރުއަޅަމުންދިޔަ އިނގިލި އީކް ދިއްކޮށްލީ ކޮޓަރިއާ ދިމާއަށެވެ. ނިތަށް ރޫއަރުވައިލަމުން އީވާން ކޮޓަރީގެ ދޮރުހުޅުވައިލަމުން އެތެރަށް ވަނެވެ. އެކިދިމަދިމާއަށް ނަޒަރު ހިންގައިލި ވަގުތު އެނދު ކައިރީގައި އޮތް ކުރަފި އޭނާގެ ލޮލުގައި އަޅައިގަތެވެ. ތުންފަތަސް ހިނިތުންވުމެއް ވެރިވުމާއެކު ދެފަރާތަށް ބޯ ހޫރައިލަމުން އޭނާ ކުރިއަށް ޖެހިލިއެވެ.

"ސޭމް އޯލްޑް ގާރލް.. އަދިވެސް ކުރަފިދެކެ އެހައި ބިރުގަނޭ ދޯ.." ހިތާހިތުން އެހެން ބުނެލި އީވާނަށް ހެވުނެވެ. އިރުކޮޅެއްފަހުން އޭނާ ކޮޓަރިން ނުކުތްއިރު ދޮރުގެ އެއްފަރާތުގައި އީކް ހުއްޓެވެ. އީވާން ނުކުތުމާއެކު އޭނާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ޑޯންޓް ވޮރީ.. އައި ޓުކް ކެއަރ އޮފް އިޓް.. ދެން ތިހެން ނުހުރެ ހިނގާ ކާން ދާން.. ތައްޔާރުވީމަ ބަލައި މިއައީވެސް.." ޝުކުރުވެރި ނަޒަރަކުން އީވާނަށް ބަލައިލަމުން ބޯޖަހައިލުމަށްފަހު އޭނާއާ އެއްހަމައެއްގައި ހުރެ އީކް ވެސް ހިނގައިގަތެވެ.

* * * * *

އެނދުމަތީގައި ބަންޑުން އޮތް އިވްލީންގެ ދެލޮލުގައި ވިދަމުންދިޔައީ ކަރުނައެވެ. ޝަމްއަލްއާ ބައްދަލުވީފަހުން އޭނާ ކުރަމުންއައި ހިތްވަރުވެސް އެލޭ ގޮތް ވެއްޖެއެވެ. މިއޮއް ހުރިހައި ދުވަހަކު ކެތްތެރިވި ނަމަވެސް، އޭނާގެ ކެތްތެރިކަން ކޮޅުންލާން އުޅޭފަދަ އިހުސާސެއް ކުރެވެމުންދިޔައެވެ. ޝަމްއަލްދެކެ އޭނާ ލޯބިވަނީ އިންތިހާއަށެވެ. ޚުދު ޝަމްއަލް އަށްވެސް އެކަން އެނގޭނެއެވެ. އެހެނަސް އެހިތުން ޖާގަދެވުނީ މުޅިން އެހެން އަންހެންކުއްޖަކަށެވެ. ދެކުނު ހުރިހައި ހުވަފެނެއް ބިލާހަކަށްވެ އެދިރިއުޅުމުން ދުރަށް އަންނަން ޖެހުނީ އިވްލީން އަށެވެ. ދެމީހުން އެއްހޮސްޕިޓަލެއްގައި މަސައްކަތް ކުރިއަސް، ޝަމްއަލްގެ ކައިވެންޏަށްފަހު އެދެމެދަށްވަނީ ނޭނގޭ ދުރުމިނެއް ވެރިވެފައެވެ. އަމިއްލަ ހިތް އިޚުތިޔާރުން ބޭރުވެދާނެތީ އިވްލީން ޖެހިލުންވަނީއެވެ. ކުރީގައި ދެމެދުގައިއޮތް އެކުވެރިކަން ނައްތައިލައި ޝަމްއަލްއާ މުޅިންހެން ދުރުވީ އެހެންވެއެވެ. ނަމަވެސް ދެން ކުރިއަށްއޮތް ދުވަސްތަކުގައި ޝަމްއަލްއާ ދިމާނުވެ ނުދާނެކަން އޭނާއަށް ވިސްނެއެވެ. އީކްގެ ކޭސްއާ ހަވާލުވުމަށްފަހު ކޮންމެވެސް ސިފައެއްގައި ޝަމްއަލްއާ ކުރިމަތިލާން ޖެހޭނެހެން ހީވެ އިވްލީން އޮތީ ހާސްކަމެއްގެ ތެރޭގައެވެ.

އިވްލީން އަކީ ނިއުޒިލޭންޑްގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އުމުރުން 25 އަހަރު ވެގެންދިޔައިރުވެސް، އިވްލީން ކައިވެންޏަކާ މެދުގައި ނުވިސްނާތީ އޭނާގެ މައިންބަފައިން ތިބެނީ ކަންބޮޑުވެފައެވެ. ދެތިން ފަހަރު އެމީހުނަށް ކަމުދާ ޒުވާނުންވެސް އިވްލީންއަށް ތަޢާރަފުކޮށްދީފިއެވެ. ނަމަވެސް އެއިން ކޮންމެ މީހަކަށް އިވްލީންވަނީ ނޫނެކޭ ބުނެފައެވެ. އެއްބަސްވާން ބޭނުންނުވިއަސް އަދިވެސް އޭނާއަށް އިންތިޒާރު ކުރެވެމުންދިޔައީ ޝަމްއަލް އަށެވެ. މަސައްކަތުގެ މައިދާނަށް ނުކުތީއްސުރެ އޭނާގެ ހިތްވަނީ ޝަމްއަލްގެ މިލްކަކަށް ވެފައެވެ. އެހިތުން އެހެން ފިރިހެނަކަށް ޖާގައެއް ދޭނެގޮތެއް އޭނާއަކަށް ނުވިސްނެއެވެ. މަޑު އާހެއް އަނގައިން ބޭރުވުމާއެކު ކައިރީގައި އޮތް ބާލީހުގައި ބައްދައިލަމުން އިވްލީނަށް ބާރަށް ރޮއެގަނެވުނެވެ. ޝަމްއަލްދެކެ އޭނާ އިންތިހާއަށް ލޯބިވާކަން އެނގިހުރެ ޝަމްއަލް އެހެން މީހަކާއި ކައިވެނިކުރުންވީ އިވްލީންގެ ހިތާމަ ދެގުނަ ކުރުވިކަމަކަށެވެ. އެހެނަސް ކެތްތެރިވެ ދިރުއުޅުމާއި ކުރިމަތިލުމަށް އޭނާ އަދިވެސް ހިތްވަރުކުރަމުން ދިޔައެވެ.

* * * * *

ގޭގެ ކުރިމަތީގައި ހައްދައިފައިއޮތް ބޮޑު ބަގީޗާގެ ތެރޭގައިހުރި ބެންޗެއްގައި، ހަށިގަނޑު ދަމައިލައިގެން ޝަމްއަލް އޮތީ އުޑާއި ދިމާއަށް ނަޒަރު ސީދާކޮށްލައިގެނެވެ. ފިޔަޖަހަމުންދިޔަ ތަރިތަކުގެ ސަމާސާއަށް ގެއްލިފައި ޝަމްއަލް އޮތްއިރު އޭނާގެ ޚިޔާލުގައިވީ އިވްލީންއެވެ. އެހައި ދުވަސް ފަހުން އިވްލީނާއި ވާހަކަދައްކައި ލެވުމުން މާޒީގެ ހަނދާންތައް އިޔާދަވަމުންދިޔައެވެ. މީހެއްގެ ފިޔަވަޅުގެ އަޑަށް ޚިޔާލުތަކުން ބޭރުވެ އޭނާ އޮތްތަނުން ތެދުވިއެވެ. އަތުން އިސްތަށިގަނޑުގައި އަތްހިންގަމުން އައި ޒާރާ ފެނުމުން ވަގުތުން ޝަމްއަލްގެ ދެބުމަ ގޮށްޖެހުނެވެ.

"ކޮންތާކަށް ގޮއްސަ ތިއައީ؟ މިހާރު ކޮންއިރެއް އަހަރެން ޒާރާ ހޯދާތާ.. ފޯނު ބަލައިލަބަލަ ކިތައް ފަހަރު އަހަންނަށް ގުޅުނުތޯ.." ހިތްހަމަނުޖެހުން އެއަޑުގައި އެކުލެވިގެންދިޔައެވެ.

"ކަލެއަށް ކޮންކަމެއް.. އަހަރެން ދާހައި ތަނެއްގެ ތަފްސީލު ކަލެއަށް ދޭކަށް ނުޖެހޭނެ.." ދަތްކުނޑި ވިކައިލަމުން ޒާރާ ހަޅޭއްލަވައިގަތެވެ.

"އިނަފް ޒާރާ.." ގޮނޑިން ތެދުވެ ޒާރާއާ ދިމާއަށް ފިޔަވަޅެއް އަޅައިލަމުން ޝަމްއަލް ދެއަތް މުށްކަވައިލިއެވެ. ހަށަންބަނދެލަމުން އިރުކޮޅަކު ޝަމްއަލްއަށް ބަލަން ހުރުމަށްފަހު އެތަނުން ދިއުމަށް ޒާރާ ހިނގައިގަތެވެ.

"ކަލޭ ކޮންމެ ފާޑެއް ޖެއްސިއަސް އަހަރެން ކަލޭދެކެ ބިރެއް ނުގަނޭ.." ޝަމްއަލްއާ އަރައި ހަމަކުރަމުން މަލާމާތުގެ ރާގަކަށް ޒާރާ ބުނެލިއެވެ. އަދި އިތުރަށް މަޑުކުރުމެއްނެތި ގެއަށްވަދެ ލިފްޓާއި ދިމާއަށް މިސްރާބުޖެހިއެވެ.

ފައިން ވިނަގަނޑު މަތީގައި ޖަހައިލެވުމާއެކު ކަރުބުޑުން އަޑެއް ޝަމްއަލްއަށް ލައްވައިލެވުނީ ނުރުހުންވީ ވަރުންނެވެ. އޭނާގެ ކެތްތެރިކަން އިމްތިހާނު ކުރާނެގޮތެއް ނޭނގިގެން ޒާރާ އުޅޭކަހަލައެވެ. އެކައިވެނި ސަލާމަތްކުރަން އޭނާ ކިތަންމެ މަސައްކަތެއް ކުރިއަސް ޒާރާގެ ފުށުން އެއްވެސް އެއްބާރުލުމެއް ނުލިބެއެވެ. ޖިންސްގެ ޖީބަށް ދެއަތް ކޮށްޕައިލަމުން އުޑާއި ދިމާއަށް އަނެއްކާވެސް ޝަމްއަލް ބަލައިލިއެވެ. އިރުކޮޅެއްކުރިން ސިކުނޑީގައި ދައުރުވަމުންދިޔަ ޚިޔާލުތައް އަނެއްކާވެސް އޭނާއަށް އުނދަގޫކުރަން ފެށިއެވެ.

"ލީން.." އިވްލީންގެ ނަން ޝަމްއަލްގެ ދުލުން ނުކުތީ ބޭއިޚުތިޔާރުގައެވެ. އެނިޔަނެތި އަންހެންކުއްޖާއާ މެދުގައި ވިސްނެމުންދިޔަ ވަރަކަށް އޭނާގެ ހިތުގެ ހަމަޖެހުން ނެތެމުންދިޔައެވެ.

* * * * *

ހޮސްޕިޓަލުން ނުކުމެ އަތުގައިއޮތް ފައިލަށް ބަލައިލަމުން ހައިތަމް ފުންނޭވައެއް ދޫކޮށްލިއެވެ. ގާތުގައިހުރި ނާއިފް އޭނާއަށް ބަލަންހުރީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އޭނާގެ ކޮނޑުގައި އަތުން ޖަހައިލަމުން ދާން ހިނގާށޭ ނާއިފް ބުނެލިއެވެ. ބޯޖަހައިލަމުން އައިސް ނާއިފްގެ ކާރަށް ހައިތަމް އެރިއެވެ. ޑްރައިވަރު ސީޓުގައި ހަމަޖެހިލަމުން ކާރު ދުއްވައިލުމުގެ ބަދަލު ނާއިފް ބަލައިލީ ފިކުރަކަށް ގެއްލިފައިއިން ހައިތަމްގެ މޫނަށެވެ.

"މިއިން އެއްވެސް ކަމެއް އީކް އަކަށް ނޭނގޭ ދޯ.." އޭނާއަށް ހީވާގޮތަށް ނާއިފް އަހައިލިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ހައިތަމް އަނެއްކާވެސް ބޯޖަހައިލީއެވެ.

"ދެން ކޮންއިރަކުން އީކް ގާތު ބުނަން ތި ވިސްނަނީ؟" ދެންވެސް ވާހަކަދެއްކީ ނާއިފް އެވެ.

"ނޭނގެ.. އީކް އެފަދަ ހާލެއްގައި ހުއްޓައި އަހަރެން ކިހިނެއް މިހުރިހައި ވާހަކައެއް އީކްއަށް ކިޔައިދޭނީ... އެއްފަހަރައި އެދަރިފުޅަށް މިހުރިހައި ކަމަކާއި ކުރިމައްޗެއް ނުލެވޭނެ ނާއިފް.. އެދަރީގެ ހާލު ދުށީމެއްނު.. އެއްކަމުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކަމަކާ އެދަރިފުޅު ކުރިމަތިލާނީ ކިހިނެއް.." ހިންދިރުވައިލަމުން ނާއިފްއަށް ބަލައިލުމަށްފަހު ހައިތަމް ދުރަށް ނަޒަރު ހުއްޓައިލިއެވެ.

"ތިވެސް ރަނގަޅު ވާހަކައެއް.. އެކަމަކު ކޮންމެވެސް ގޮތަކުން މާ ލަސްނުވަނީސް އީކްއަށް މިކަންވެސް އެންގުން މުހިންމުހެން އަހަންނަށް ހީވަނީ.. އީކްގެ ހާލަތު ތަންކޮޅެއް ރަނގަޅުވެލަންދެން މަޑުކޮށްލުމަކުން ގޯހެއް ނެތް.. އެކަމަކު އެހައި ބޮޑަށް ލަސްކުރުންވެސް މާކަ ރަނގަޅެކޭ އަހަރެންގެ ހިތެއް ނުބުނޭ.." ނާއިފްގެ ވާހަކަތަކާ އެއްބަސްވެލުމުގެ ގޮތުން ލަސްލަހުން ހައިތަމް ބޯޖަހައިލިއެވެ. ދެމެދުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތީ ކަންނޭނގެއެވެ. ހަމަހިމޭންކަން ވެރިވުމާއެކު ނާއިފް ކާރު ސްޓާރޓް ކޮށްލަމުން ދުއްވައިލީ ގެއަށް ދިއުމަށްޓަކައެވެ. މުޅި ދަތުރު ހޭދަވީ ހައިތަމް އެކި ކަންކަމާ ވިސްނައި ފިކުރު ހިންގުމުގައެވެ. އޭނާ ދޭން އޮތް ޚަބަރުން އީކްގެ ހާލަތު އިތުރަށް ގޯސްވުން ނޫންހެން ކަމެއް ނުވާނެކަން ޔަގީނެވެ. މިވަގުތަށް އެންމެ ރަނގަޅުވާނީ އެކަން އޭނާއަށް ސިއްރުކުރުމެވެ. ދެލޮލުގައި އަތްއުނގުޅައިލުމާއެކު ހައިތަމްއަށް އިސްޖަހައިލަމުން ދެލޯމަރައިލެވުނެވެ.

* * * * *

ޖެހިގެން އައި ދުވަހު ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ކޮޓަރީގައި އޮތް އީކް ގޮވައިގެން ހައިތަމް ބޭރަށް ނުކުމެލީ ހިތްހަމަޖައްސައިލުމަށްޓަކައެވެ. ދާހިތް ނުވިއަސް ހައިތަމް އެހައި ލޯބިން ބުނުމުން ދެކޮޅުހަދާން އީކްއަށް ނުކެރުނީއެވެ. ތައްޔާރުވެލައިގެން ހައިތަމްއާ އެކު ބޭރަށް އޭނާ ނުކުތީ އެހެންވެއެވެ. ލަސްހިނގުމެއްގައި ހައިތަމް އައިސް ވަނީ އެގޭގެ ފުރަގަހުގައި ހަދައިފައި އޮންނަ ޕާރކަށެވެ. ކުޑަކުދިން ކުޅުމަށްޓަކައި އެތަނުގެ އެއްބައި ޚާއްސަކުރެވިފައި އޮތްއިރު، ދެން ޖެހިގެންހުރި ހިސާބުތަކުގައިވަނީ އިނށީދެ ތިބެވޭނޭހެން ތަންތަންކޮޅުގައި ބެންޗު ޖަހައިފައެވެ. ވަށައިގެން އެކި ވައްތަރުގެ ހިޔާދޭ ބޮޑެތި ބިޔަ ގަސްތައް ހުއްޓެވެ. މީހުން ހިނގައި ހެދުމަށްޓަކައި ކުދި ވިނައިގެ މެދުން ހަތަރެސްކަން ގައު ޖަހައި ފުޅާ މަގުތަކެއް ހަދައިފައި ހުއްޓެވެ.

އީކް ގޮވައިގެން ހިނގަމުން އައިސް ހައިތަމް ހުއްޓުނީ ފެންގަނޑެއް ކުރިމައްޗަށް ވާގޮތަށް ޖަހައިފައި ހުރި ބެންޗު ކައިރިއަށެވެ. ދުރުދުރުން ފެންނަންހުރި ފަރުބަދަތައް ނުހަނު ރީތިކޮށް އެދިމާލުން ފެންނަން ހުއްޓެވެ. ފެންގަނޑު މެދުގައި އަސްދޫނިތަކެއް އެސޮރުމެންގެ އަމިއްލަ ދުނިޔެއިން އުފައުހޯދަމުން ދިޔައިރު، ކުޑަކުދިންތަކެއް އެސަރަހައްދާ ކައިރިވެ އެސޮރުމެންނަށް ކާންދިނުމުގެ ގޮތުން އަތުގައިހުރި ކޮންމެވެސް އެއްޗެއް ފެންގަނޑަށް އުކަމުންދިޔައެވެ. އެމަންޒަރަށް ބަލަން ގެއްލިފައި އީކް ހުއްޓައި ހައިތަމް އޭނާއަށް ގޮވައިލަމުން ބެންޗުގައި އިނށީނުމަށް އިޝާރާތްކޮށްލިއެވެ. ކުދި ފިޔަވަޅުތަކެއްގައި އައިސް ހައިތަމްއާ ޖެހިގެން އީކް އިނށީނެވެ.

"އީވާން ބުނި މާދަމާ ދަރިފުޅުގެ އެޕޮއިންޓްމަންޓް ހަމަޖެހިފަ އިން ވާހަކަ.. ތެދެއްތަ؟" އީކްގެ ބޮލުގައި ލޯބިން ފިރުމައިލަމުން ހައިތަމް އަހައިލިއެވެ. އީކް ކުޑަކޮށް ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. ހިނިތުންވެލަމުން އީކް ބަލަންއިން ދިމާއަށް ހައިތަމްވެސް ނަޒަރު ސީދާ ކޮށްލިއެވެ.

"ދަރިފުޅާ.. ބައްޕައަށް މަޢާފުކުރޭ.. ފަހަރެއްގައިވެސް ދަރިފުޅު ގާތު ޑޮކްޓަރެއްގެ އެހީ ހޯދަން ބައްޕަ ބުނީ ދަރިފުޅުގެ ހިތުގައި ޖެއްސުމުގެ ނިޔަތުގައެއް ނޫން.. ބައްޕަގެ ދޫނި އަވަހަށް ރަނގަޅުވާން ބައްޕައަށް އެދެވޭ ވަރުން.." ހައިތަމްގެ ވާހަކަތަކާއެކު އީކްއަށް އޭނާގެ މޫނަށް ބަލައިލެވުނެވެ. އޭރު އިސްޖެހިފައި އިން ހައިތަމްގެ ދެލޮލުގައި ކަރުނަ ވިދަވިދައި ހުއްޓެވެ. ހިތްވަރުކުރި ނަމަވެސް ހިތަށް ކުރަމުންދިޔަ އަސަރުން އޭނާއަށް ކެތްނުވީއެވެ. ހައިތަމްގެ ހާލު ފެނުމާއެކު އިތުރަށް އީކް އަކަށްވެސް ކެތެއް ނުވިއެވެ. މަޑުމަޑުން ހައިތަމްގެ ކޮނޑުގައި ބޯއަޅައިލުމާއެކު އެއަތުގައި އީކް ބާރަށް ހިފައިލިއެވެ. އޭނާގެ ހަރަކާތުން ހައިތަމްއާ މެދުގައި ހިތުގައި އެއްވެސް ޝަކުވާއެއް ނެތްކަން ހާމަކުރަން މަސައްކަތްކުރި ކަހަލައެވެ. ބޯ ގުދުކޮށްލުމާއެކު އީކްގެ ބޮލުގައި އޭނާގެ ބޯ ހައިތަމް ވިއްދައިލިއެވެ. ހަމަހިމޭންކަމާއެކު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އެކި މީހުންގެ ހަރަކާތްތަކަށް ބަލަން ދެބަފައިން ތިއްބެވެ. އިރުކޮޅަކު އެހެން އިނދެފައި ބޯހިއްލައިލައި އީކްގެ އިސްތަށިގަނޑުގައި ހައިތަމް ލުއިލުއިކޮށް ބޮސްދިނެވެ. ބައްޕަގެ އެހަރަކާތުން އީކްއަށް ދެލޯމަރައިލެވުނީ ހިތަށް ލިބިގެންދިޔަ ހަމަޖެހުމަކުންނެވެ.

* * * * *

ކާރުގައި އީވާނާއި އެކު ހޮސްޕިޓަލަށް މިސްރާބު ޖެހީއްސުރެ އީކްގެ ހިތްވީ ނުތަނަވަސް ވެފައެވެ. ވާނެގޮތެއް ނޭނގި އޭނާ ހާސްވަމުންދިޔައީ އިންތިހާއަށެވެ. އިރުއިރުކޮޅާ އީވާންގެ މޫނަށް ބަލައިލެވެނީ ހިތްބިރުގަންނަމުން ދިޔަވަރުންނެވެ. އެއިން ކޮންމެ ފަހަރަކު އީވާން ހިނިތުންވުމެއް އީކްއަށް ހަދިޔާކޮށްލަނީ އިރާދަފުޅުން ހުރިހައިކަމެއްވެސް ރަނގަޅުވާނެ ކަމުގައި ބުނަމުންނެވެ. އަދި އީކް ނިމެންދެން ކިތަންމެ އިރެއްވިއަސް އޭނާ އެތަނުގައި މަޑުކުރާނެ ކަމުގައި ބުނަމުންނެވެ. ކުޑަވިއަސް ހަމަޖެހުމެއް އެހިތަށް ލިބިގެންދަނީ އީވާންގެ އެފަދަ ބަސްތަކުންނެވެ.

އޭނާގެ އަމިއްލަ ކެބިންއަށް ވަންނަމުން ވަށައިގެން އިވްލީން ނަޒަރު ހިންގައިލީ ހުރިހައި ކަމެއްވެސް ހުރީ ރަނގަޅަށް ތޯ ޔަގީންކޮށްލުމުގެ ގޮތުންނެވެ. ހިތްހަމަޖެހޭވަރު ވުމުން ލައިގެންހުރި މަޑު ޗޮކްލެޓްކުލައިގެ ކޯޓު ބައިލަމުން އައިސް އެއްފަރާތުގައި ހުރި ހޭންގަރ ގައި އަޅުވައިލިއެވެ. ލައިގެންހުރި ހުދުކުލައިގެ ގަމީހާއި މަޑު ޗޮކްލެޓްކުލައިގެ ޖިންސުގައި ޕްރޮފެޝަނަލް ގޮތެއް އޭނާގެ ގައިގައި ހުއްޓެވެ. ދެފަރާތަށް ކަހައިލެވިފައިވި ދޮރުފޮތިތަކުގެ މެދުން ފެންނަން ހުރީ އިސްކޮޅުވަރުގެ ބޮޑު ބިއްލޫރި ދޮރެކެވެ. އެތަނުގެ ފަހަތުގައި އޮތް ގުދުރަތީ ރީތި މަންޒަރު ދޮރު ތެރެއިން ރީއްޗަށް ފެންނަން ހުއްޓެވެ. އުސްއުސް އިމާރާތްތަކުގެ އިތުރުން މަގުތަކުގައި ދުއްވައިފައިދާ އުޅަނދުތައް ފެންނަމުންދިޔައީ ހިތްގައިމުގޮތަކަށެވެ. ވިހި ބުރިއަށް ނަގައިފައިވި އެ ހޮސްޕިޓަލަކީ އިވްލީންގެ ބައްޕަ ހިންގާ އެމީހުންގެ އަމިއްލަ ޕްރައިވެޓް ހޮސްޕިޓަލެކެވެ. އެތަނުގައި އިވްލީނަށް ޚާއްސަކޮށްފައި ހުންނަ ކޮޓަރި ހުންނަނީ ފަނަރަވަނަ ފަންގިފިލައިގައެވެ. ވަށައިގެންވި މަންޒަރުތައް އެހައި ރީތިކޮށް ފެންނަމުން ދިޔައީ އެހެންވެއެވެ.

ހޮސްޕިޓަލުގެ ޕާރކިން އޭރިއާރގައި ކާރު ޕާރކް ކޮށްލުމަށްފަހު އީވާން ފޭބުމުން އީކްވެސް ފޭބިއެވެ. އަދި އިސްއުފުލައިލަމުން އެއުސް އިމާރާތަށް އޭނާ ބަލައިލީ ޝައުގުވެރި ގޮތަކަށެވެ. ބޭރަށް ނުކުތް ޝަމްއަލް އީވާން އަށް ގޮވައިލުމާއެކު އީކް ގާތު އަންނަން ބުނަމުން އީވާން އެދިމާއަށް ހިނގައިގަތެވެ. އީވާންގެ ފަހަތުން އިސްޖަހައިގެންހުރެ ހިނގައިފައި އައި އަންހެންކުއްޖާއަށް ޝަމްއަލްގެ ނަޒަރު ހުއްޓުނެވެ. އޭނާއަށްވެސް އީކް އެފެނުނީ އަލަށެވެ. ލާނެތް ގޮތަކަށް ހިނިތުންވެލަމުން އީވާނަށް ބަލައިލުމާއެކު އޭނާ ދެފަރާތަށް ބޯހޫރުވައިލީ ޝަމްއަލްގެ ބެލުމުގައިވި މާނަ ވިސްނިގެންނެވެ. ދެމީހުން އޭނާއާ އަރައި ހަމަކުރުމާއެކު އީކްއަށް ޝަމްއަލް ގޮވައިލިއެވެ. ހިނިތުންވެލަންވެސް ނޭނގިފައި އީކް ހުރީ ހާސްވެފައިހުރި ވަރުންނެވެ. އީކްގެ ހާލަތު ޝަމްއަލްއަށް ވިސްނުމާއެކު އިތުރު ވާހަކަތަކެއް ދައްކާކަށް އޭނާ ގަސްދެއް ނުކުރިއެވެ. އޭނާއާ އެކުގައި އައުމަށްބުނެ ޝަމްއަލް މިސްރާބުޖެހީ ލިފްޓާ ދިމާއަށެވެ.

ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހައިލުމާއެކު މޭޒުދޮށުގައި އިން އިވްލީން އަތުގައިއޮތް ފައިލް ލައްޕައިލަމުން ދޮރާދިމާއަށް ބަލައިލިއެވެ. އަދި ވަންނާށޭ ބުނަމުން އިންތަނުން ތެދުވެ މޭޒު ވަށައިލައިފައި އައިސް ދޮރާ ކުރިމަތިވާނޭހެން ހުއްޓިލިއެވެ. ހުޅުވިގެންދިޔަ ދޮރުން އެތެރަށް ވަތް ޝަމްއަލްއާ އޭނާގެ ހަރަރުކަޅި ހަމަވުމާއެކު ވަގުތުން އިވްލީން ދުރަށް ނަޒަރު ހުއްޓައިލީ ފަރުވާކުޑަ ގޮތަކަށެވެ. އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވަން އޭނާ ހިތްވަރުކުރަމުން ދިޔައެވެ. ޝަމްއަލް އެއްފަރާތަކަށް ޖެހިލުމާއެކު އޭނާގެ ފަހަތުން އީވާނާއި އީކް ވަނެވެ. އީވާންގެ ބިޔަ ހަށިގަނޑުގެ ފަހަތުގައި ފޮރުވެން މަސައްކަތްކުރާހެން އީކް ހުއްޓިހުރީ ކަންބޮޑުވެފައެވެ. އެތަންފެނި އިވްލީން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއަންހެންކުއްޖާގެ މޫނުމަތީގައިވި މައުސޫމުކަން ފެނި އިވްލީންގެ ހިތަށް އަސަރުކުރީ އޭނާގެ ހާލަތު ޝަމްއަލްގެ ފަރާތުން އޮޅުން ފިލައިފައިވުމުންނެވެ. ފުޅާ ހިނިތުންވުމަކާއެކު އީކްގެ ނަމުން އިވްލީން ގޮވައިލީ ހިތްހެޔޮ، އޯގާތެރި ރާގަކަށެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
23
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ