އަވައްޓެރި ސްރީލަންކާގެ ގަމްޕޯލާ ހޮސްޕިޓަލުގައި ހުރި ފެން ތާންގީއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނިފައިވަނީ ލަންކާގެ "ކޮޓްމޭލް ޕޮލިސް ސްޓޭޝަން" ގައި މަސައްކަތް ކުރާ ފުލުސް ސާޖެންޓެކެވެ. އަދި އޭނާއަކީ ލަންކާގެ ގަމްޕޯލާ ހޮސްޕިޓަލުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެޑްމިޓްކޮށް، އަދި ހަމަ އެ ދުވަހު ގެއްލިގެން ހޯދަމުންދާ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން އޭނާ އެ ތާނގީގައި މަރުވެފައި އޮންނަތާ 50 އެއްހާ ދުވަސް ވާން ގާތްވެފައި ވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެކަން އަދި ޔަޤީނެއް ނުވެއެވެ.
މި ހަބަރު އެންމެ ފުރަތަމަ މީޑިއާގައި ފެތުރުނުއިރު، އޭނާއަކީ ކޮވިޑް ޕޭޝަންޓެއް ކަމަށް ހަބަރު ފެތުރުނެވެ. ނަމަވެސް ގަމްޕޯލާ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ހިތުގެ ބަލި ހުންނަ މީހެކެވެ. އަދި އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކޮވިޑަށް ޕޮޒިޓިވް ވެގެން ނޫންކަމަށާއި، އެޑްމިޓްކުރީ ހާޓް އެޓޭކެއް ޖެހުމުން ފަރުވާ ހޯދުމަށް ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް މީގެ މަހެއް ހާ ކުރި އޭނާ ކޮވިޑަށް ޕޮޒިޓިވްވިއިރު، ބަލިން އެއްކޮށް ރަނގަޅުވެފައިވާ ކަމަށް މެޑިކަލް އޮފިސަރު ބުނެފައިވެއެވެ. އަދި އޭގެ ފަހުން ހާޓް އެޓޭކެއް ޖެހިގެން އެ ހޮސްޕިޓަލަށް ގެންދިއުމުން، އެޑްމިޓްކުރުމަށް ހަދަން ޖެހޭ ކޮވިޑް ޓެސްޓު ހަދެމުން އޭރު ބައްޔަށް ނެގެޓިވް ކަމަށް ބުނެފައިވެއެވެ.
އޭނާގެ ހަށިގަނޑު އެ ހޮސްޕިޓަލުގައި ހުންނަ ފެން ތާނގީއިން ފެނިފައިވާއިރު، އެއީ އެތަނުގެ މުވައްޒަފުންނާއި ހޮސްޕިޓަލަށް ދާ ފަރާތްތައްވެސް ފެންބުއިމަށް ބޭނުންކުރާ ތާނގީއެކެވެ.
އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް މިދިޔަ މަހުގެ 30 ގައި ހެދިނަމަވެސް، މަރުވާން ދިމާވި ސަބަބު ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން މި މައްސަލަ އިތުރަށް ދަނީ ތަހުގީގުކުރަމުންނެވެ.





ހިޔާލު
Aameen