ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (15)

ސާދަވަނަ އަދަދާއި ގުޅޭ

ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހައިލުމާއެކު މޭޒުދޮށުގައި އިން އިވްލީން އަތުގައިއޮތް ފައިލް ލައްޕައިލަމުން ދޮރާދިމާއަށް ބަލައިލިއެވެ. އަދި ވަންނާށޭ ބުނަމުން އިންތަނުން ތެދުވެ މޭޒު ވަށައިލައިފައި އައިސް ދޮރާ ކުރިމަތިވާނޭހެން ހުއްޓިލިއެވެ. ހުޅުވިގެންދިޔަ ދޮރުން އެތެރަށް ވަތް ޝަމްއަލްއާ އޭނާގެ ހަރަރުކަޅި ހަމަވުމާއެކު ވަގުތުން އިވްލީން ދުރަށް ނަޒަރު ހުއްޓައިލީ ފަރުވާކުޑަ ގޮތަކަށެވެ. އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވަން އޭނާ ހިތްވަރުކުރަމުން ދިޔައެވެ. ޝަމްއަލް އެއްފަރާތަކަށް ޖެހިލުމާއެކު އޭނާގެ ފަހަތުން އީވާނާއި އީކް ވަނެވެ. އީވާންގެ ބިޔަ ހަށިގަނޑުގެ ފަހަތުގައި ފޮރުވެން މަސައްކަތްކުރާހެން އީކް ހުއްޓިހުރީ ކަންބޮޑުވެފައެވެ. އެތަންފެނި އިވްލީން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއަންހެންކުއްޖާގެ މޫނުމަތީގައިވި މައުސޫމުކަން ފެނި އިވްލީންގެ ހިތަށް އަސަރުކުރީ އޭނާގެ ހާލަތު ޝަމްއަލްގެ ފަރާތުން އޮޅުން ފިލައިފައިވުމުންނެވެ. ފުޅާ ހިނިތުންވުމަކާއެކު އީކްގެ ނަމުން އިވްލީން ގޮވައިލީ ހިތްހެޔޮ، އޯގާތެރި ރާގަކަށެވެ.

ޖެހިލުންވެފައި ހުއްޓަސް އީވާންގެ ފަހަތުން ނުކުމެ ކުރިމަތީގައި ހުރި އިވްލީނަށް އީކް ބަލައިލިއެވެ. އެއާއެކު ހިނިއައިސްފައި ސަލާމަށް އަތްދިއްކޮށްލަމުން އޭނާގެ ކުޑަ ތަޢާރަފެއް އިވްލީން ދިނެވެ. ހިތްނުތަނަވަސް ވެފައިހުރެ އިވްލީންގެ އަތުގައި ހިފައިލަމުން އީކް ސަލާމް ކޮށްލިއެވެ. ބޭނުން ނުވިއަސް ޝަމްއަލްގެ މޫނަށް ބަލައިލަމުން އިވްލީން ބޯޖަހައިލިއެވެ. އިވްލީންގެ އެ އިޝާރާތް ވިސްނުނު ފަދައިން އީވާންގެ ކޮނޑުގައި ޖަހައިލަމުން އެތަނުން ނުކުންނަން ޝަމްއަލް ހިނގައިގަތެވެ. ހާސްވެފައި އީކްއަށް ވަގުތުން އީވާންގެ މޫނަށް ބަލައިލެވުނެވެ. ދިއުމުގެ ކުރިން އީކް ގާތަށް ޖެހިލަމުން ހުރިހައިކަމެއްވެސް ރަނގަޅުވާނެ ކަމުގައި އީވާން ބުނެލިއެވެ. އަދި ބޭރުގައި ހުރި ގޮނޑިބަރީގައި އީކްގެ އިންތިޒާރުގައި އޭނާ ހުންނާނެ ވާހަކަ ބުންޏެވެ. ބިރުނުގަތުމަށާއި އީކް އަކީ އަބަދުވެސް ނުހަނު ހިތްވަރުގަދަ ކުއްޖެއްކަމަށް އީވާން ބުނެލީ އީކްގެ އަމިއްލަ ނަފުސުގެ މައްޗަށް އޮރް އިތުބާރު ބޮޑުކުރުމުގެ ގޮތުންނެވެ. ލަސްލަހުން އީވާންގެ ކޮންމެ ޖުމުލައަކަށް އީކް ބޯޖަހަމުންދިޔައެވެ. ފަނޑު ހިނިތުންވުމެއް އީކްއަށް ހަދިޔާކުރުމަށްފަހު އެތަނުން ނުކުންނަން އީވާން ހިނގައިގަތެވެ. އީވާން ނުކުމެ ދޮރު ލެއްޕުނުއިރުވެސް އެދިމާއަށް ބަލަން އީކްއަށް ހުރެވުނީއެވެ. އޭނާ ސިހުނީ ދެވަނަ ފަހަރަށް އިވްލީން އޭނާގެ ނަމުން ގޮވައިލުމުންނެވެ. ތަންކޮޅެއް ދުރުގައިހުރި ސޯފާ ދައްކައިލަމުން އެތަނުގައި އިނށީންނަން އައުމަށް އިވްލީން ބުނެލިއެވެ. ބިރުންހުރެ އިވްލީން އިޝާރާތްކުރި ދިމާއަށް އީކް މިސްރާބުޖެހިއެވެ.

"ހާދަ ހާސްވެފަ.." އީވާނާ ޖެހިގެންހުރި ގޮނޑީގައި އިނށީދެލަމުން ޝަމްއަލް ދިމާކޮށްލިއެވެ. "އީކް.. އީކް ރަނގަޅު ވާނެ ދޯ.. އިވްލީންއަށް އެނގޭނެތަ އީކްއާ މުއާމަލާތްކުރަން.."

"އިރާދަކުރެއްވިއްޔާ އީކް ރަނގަޅުވާނެ.. އިވްލީން އަކީ ޤާބިލް ޑޮކްޓަރެއް.. އެކަމާމެދު އަހަރެން ކުޑަކޮށްވެސް ޝައްކެތް ނުކުރަން.. އުއްމީދުވެސް ނުކުރެވޭކަހަލަ ކޭސްތަކާ އޭނަ ޑީލްކޮށްފަ އެބަހުރި.. ހާސްނުވޭ.. ޝީޒް އިން ގުޑް ހޭންޑްސް.. ވާހަކަދެއްކުމަށް ނުކުޅެދިފަތިބޭ ކުދިންނާ މުއާމަލާތްކުރާނެ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެ.. އެފަދަ ކުދިންނާ ވާހަކަދައްކަން ބޭނުންކުރާކަހަލަ ޑިވައިސްއެއް އޭނާ ގެންގުޅޭނެ.. އެހެންވެއޭ އެންމެ ފުރަތަމަވެސް އީކް އޭނާ ގާތަށް ގެންނަން އަހަރެން ބޭނުންވީ.." ވަރަށް ތަފްސީލްކޮށް އީވާންގެ ސުވާލުތަކަށް ޝަމްއަލް ޖަވާބުދިނެވެ. ޝަމްއަލްގެ ވާހަކަތަކާ މެދުގައި ވިސްނަމުން ގޮނޑީގައި އީވާން ހަމަޖެހިލިއެވެ.

ފުރަތަމަ ސެޝަން ނިމިގެންދިޔައީ އީކް ހީކުރިވަރަށްވުރެ ފުރިހަމައަށެވެ. އިވްލީންގެ ހިތްހެޔޮކަމާއި މީހުނާއި ގުޅޭ މިޒާޖުގެ ސަބަބުން ކޮންމެވެސް ވަރަކަށް އީކްގެ ހިތުގައި އުފެދިފައިވި ބިރުވެރިކަމާއި ހާސްކަން ފިލާގޮތްވިއެވެ. އީކްގެ ކޮނޑުގައި މަޑުމަޑުން ފިރުމައިލަމުން އޭނާ ކެބިންގެ ދޮރު ހުޅުވައިލިއެވެ. ގޮނޑީގައި އިން އީވާން އެތަނުން ތެދުވީ ކުއްލިއަކަށެވެ. އީކް ފެނުމުން ހާސްވެފައިވި އޭނާގެ މޫނު މައްޗަށް ހަމަޖެހުމުގެ ކުލަވަރު ވެރިވިއެވެ. ޚާއްސަކޮށް ފަނޑުކޮށްވިއަސް އީކްގެ ތުންފަތްމަތިން ފެންނަންހުރި ހިނިތުންވުން އޭނާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ދާންވީހޭ އޭނާ އަހައިލުމާއެކު އީކް ބޯޖަހައިލިއެވެ. ދެދުވަހުން އެއްދުވަހު އީކްގެ ސެޝަންސްތައް އޮންނަ ގޮތަށް ހަމަޖައްސައި ގަޑިވެސް އީވާން ގާތުގައި އިވްލީން ބުންޏެވެ. ބޯޖަހައިލަމުން އިވްލީނަށް ޝުކުރުއަދާކޮށްލުމަށްފަހު އީކް ގޮވައިގެން ހޮސްޕިޓަލުން ނުކުންނަން އޭނާ ހިނގައިގަތެވެ. އެ ސެޝަންއާމެދު ހިތްހަމަޖެހިފައި ހުރިކަމުގެ އަސަރުތައް އީކްގެ މޫނުމަތިން ސާފުކޮށް ފައުޅުވާން ހުއްޓެވެ. އެކަމުން އީވާނަށް ލިބުނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. އިރާދަފުޅާއެކު މަޑުމަޑުން އީކްގެ ހާލަތު ރަނގަޅުވެދާނެ ކަމުގެ ފެހި ސިގްނަލެއްކަމުގައި އީވާން އެކަން ދުށްޓެވެ.

* * * * *

ޗުއްޓީ ނިންމުމަށްފަހު އީވާން ކޮލެޖަށް އެނބުރި ނުކުންނަ ޚަބަރު އެކުވެރިއެއްގެ ފަރާތުން ލިބުނީއްސުރެ މާހާގެ ހިތް އުފަލުން ނަށަމުންދިޔައެވެ. ޖެހިގެން އައި ދުވަހު ކޮލެޖަށް ދިއުމަށް ބޭނުންވެފައި ހުރިވަރުން އެރޭ ނިދުންވެސްވީ އޭނާއަށް ދަތިކަމަކަށެވެ. ފޯނު އެލަރމް ނުވަނީސް އޮތްތަނުން މާހާ ތެދުވިއެވެ. އަދި އަވަސް އަރުވައިލައިފައި ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ފެންވަރައި ތާޒާ ވެލިއެވެ.

މުޅި ހެދުން އަލަމާރި އެފުށް މިފުށަށް ޖެހިއިރުވެސް މާހާ ގަޔާވާފަދަ ހެދުމެއް ނުފެނުނެވެ. ހިތްހަމަނުޖެހިފައި އިސްތަށިގަނޑުގައި އަތްފުނަ އަޅައިލަމުން އަނެއްކާވެސް އަލަމާރިތެރެ ހާވަންފެށިއެވެ. ހިތްހަމަޖެހޭފަދަ ހެދުމެއް ފެނުނީ ކަންނޭނގެއެވެ. ތުންފަތަށް ވެރިވި ލަދުރަކި ހިނިތުންވުމާއެކު އަވަސް އަވަހަށް ތައްޔާރުވާން ފެށިއެވެ.

ކަކުލަށްވުރެ މައްޗަށްހުރި މަޑު ފިޔާތޮށި ކުލައިގެ ހެދުން މާހާގެ ހަށިގަނޑާއި ނުހަނު ގުޅެއެވެ. ގަޔަށް ހިފައިފައި އެހެދުން ހުރިއިރު، އެހަށިގަނޑުގެ ލޫޅާފަތިކަން ފެންނަން ހުއްޓެވެ. ތައްޔާރުވެ ނިންމައިލުމަށްފަހު ލޯގަނޑު ކުރިމަތީގައިހުރެ އަމިއްލަ ނަފުސަށް އެކި ގޮތްގޮތަށް މާހާ ބަލަމުން ދިޔައީ ހިތްހަމަޖެހިފައިހުރި މީހަކު ފަދައިންނެވެ. އީވާންގެ ލޮލުގައި އަޅައިގަނޭތޯ އޭނާ ކޮށްފައި ނުކުރާނެ ކަމެއް ނެތެވެ. އެހެނަސް ދެރައީ އަދި އަދަށް ދާންދެންވެސް އެފަދަ ނަޒަރަކުން އީވާން އޭނާއަށް ބަލައި ލައިފައި ނުވާތީއެވެ.

ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނުގެ ރިންގްގެ އަޑަށް މާހާ އެދިމާއަށް ބަލައިލިއެވެ. ސްކްރީނަށް އަރައިފައިވި ނަމުން އެދެބުމަ ގޮށްޖެހިގެން ދިޔައެވެ. ރުޅިވެރިކަން އެމޫނުމައްޗަށް ވެރިވުމާއެކު ކުރިއަށް ޖެހިލައި ފޯނު ނަގަމުން ކަންފަތުގައި ޖަހައިލިއެވެ.

"ކަލޭ ގާތު އަހަންނަށް ކިތަށް ފަހަރު ބުނެވިއްޖެތަ ތިގޮތަށް އަބަދު އަހަންނަށް ނުގުޅާށޭ... ކަލޭ ތިއުޅެނީ އަހަރެމެން ދެމީހުންގެ ދުވަސް ނުގޮސްގެންތަ؟" ދަތްކުނޑި ވިކައިލަމުން ވައިއަޑުން މާހާ ބުނެލިއެވެ.

"ނޫން.. މާހާ ލިސަން ޕްލީޒް.. އަހަރެން މާހާ ދެކެ ލޯބިވާވަރު އަދިވެސް މާހާއަށް އިހުސާސު ނުވަނީތަ؟" އެކޮޅުން ވާހަކަދެއްކި މީހާގެ އަޑުގައިވީ އާދޭހެވެ. ނަމަވެސް އެކަމުން މާހާގެ ހިތަށް ކުޑަވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ.

"ހެވޭ... މީގެފަހުން އެއްވެސް ބޭނުމެއްނެތި ތިގޮތަށް ބޭކާރު ވާހަކަދައްކަން އަހަންނަށް ގުޅައިގެން ނުވާނެ.. އަޑުއިވިއްޖެތަ؟" ހަޅޭއްލަވައިގަންނަމުން އެކޮޅުން ވާހަކަދައްކާނެ ފުރުސަތެއްވެސް ނުދީ މާހާ ފޯނު ކަނޑައިލިއެވެ. ނިތަށް އަރައިފައިވި ރޫތަކާއެކު ހާސްކަމެއް އެދެލޮލަށް ވެރިވެފައިވީ ކީއްވެކަމެއް ނޭނގެއެވެ. ހިނދުކޮޅެއްކުރިން މޫނުމަތިން ފެންނަންހުރި އުފައުވެރިކަމުގެ ކުލަވަރު އެފޯނު ކޯލާއެކު ފަނޑުވެއްޖެއެވެ.

* * * * *

ކަރުގައިއޮތް ހިމަ ޓައީ ރަނގަޅުކޮށްލަމުން ލެޕްޓޮޕް ދަބަސް ހިފައިގެން ގެއިން ނުކުންނަން އީވާން ހިނގައިގަތެވެ. އީކް އައުމާއެކު އޭނާ ނެގި ކުޑަ ޗުއްޓީ ނިމުމަކަށް އައީއެވެ. އެނބުރި މަސައްކަތަށް ނުކުންނަން ވުމުން ކޮންމެވެސް ވަރެއްގެ ފޫހިކަމެއް ނަފުސަށް ވެރިވެފައިވިއެވެ. ބޮޑުކޮޓަރީގެ ސޯފާއެއްގައި އިނށީދެއިން އީކްގެ ލޮލުގައި އެދިމާއަށް އައި އީވާން އަޅައިގަތުމާއެކު ހުއްޓުންއަރައިފައި ހިނދުކޮޅަކު ބަލަހައްޓައިގެން އިނދެވުނެވެ. އީކްގެ އެތަފާތު ނަޒަރު އީވާނަށް ފާހަގަ ނުވެއެއް ނުދިޔައެވެ. ހިފަހައްޓަން މަސައްކަތް ކުރިއެއްކަމަކު އެ ފިރިހެންވަންތަ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިއެވެ. އެތަންފެނި ލަދުގަތްވަރުން އީކް އަވަސް އަވަހަށް އިސްޖަހައިލިއެވެ. ކުރެވުނު ކަންތައް އޭނާއަށް އިހުސާސުވީ އީވާން ހިނިތުންވެލިގޮތް ފެނިފައެވެ. އީކްއަށް ގޮވައިލުމަށްފަހު ދަނީ ކަމުގައި އީވާން ބުނެލީ ގަސްދުގައި އިތުރަށް އީކް ލަދުގަންނަވާލުމުގެ ގޮތުންނެވެ. އިސްޖެހިގޮތަށް އިސްއުފުލާލަންވެސް ނުކެރިފައި އިނދެ އޭނާ މަޑުމަޑުން ބޯޖަހައިލިއެވެ. ހިނިއައިސްފައި ސޯފާ ފުރަގަސްދީ އީވާން ދިއުމާއެކު ލޮލުގެ ހިމަކޮޅުން އެދިމާއަށް އީކް ބަލައިލިއެވެ. މުޅި އެހިސާބުގައިވީ އީވާން ޖަހައިފައިހުރި ފިރިހެންވަންތަ ސެންޓްގެ ހިތްގައިމު ވަހެވެ. ދެލޯމަރައިލަމުން އެތެރަށް އޭނާއަށް ނޭފަތްދަމައިލެވުނީ ބޭއިޚުތިޔާރުގައެވެ. އެވަހުން ހިތާއި ނަފުސަށް ކުރުވީ ތަފާތު އަސަރެކެވެ.

މާކިންގެ މަރާއި ގުޅިގެން ކުރެވެމުންދިޔަ ތަހުގީގުގެ ކަންކަން ބަރާބަރަށް އާސިފް ހައިތަމްއަށް އަންގައެވެ. މިހައިތަނަށް އަދި އެއްވެސް ހެއްކެތް ފެނިފައި ނުވާއިރު އެކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތްވެސްވީ ދާދި ފަހަކުން ދޫކޮށްލައިފައެވެ. ތަހުގީގަށް މާބޮޑު ކުރިއެރުމެއް އަދި ލިބިފައި ނުވާކަން އާސިފް ފާހަގަކުރިއެވެ. އެހެނަސް އެދުވަހު ހޮޓެލް އާރިއާގެ ފަސްވަނަ ފަންގިފިލައިގައި ހަރުކޮށްފައިހުރި ސީސީ ޓީވީ އެއްވެސް ފޫޓޭޖެއް ފެންނަން ނެތް ވާހަކަ އާސިފް ބުންޏެވެ. އެކަންވެސް މިހާރު ބަލަމުން ދާކަމުގެ ޔަގީންކަން އޭނާ ހައިތަމަށް ދިނެވެ. އަދި އޭގެ އިތުރުންވެސް ހޮޓެލްގައި މަސައްކަތް ކުރަމުންދާ ހުރިހައި މުއައްޒިފުންނާއި ވަކިވަކިން ބައްދަލުކޮށް ތަހުގީގުކުރުން މިވަގުތު ކުރިއަށް ގެންދަމުންދާކަމަށް އާސިފް ބުނެދިނެވެ. އާސިފްގެ ވާހަކަތަކުން ހިތަށް ހަމަޖެހުމެއް ނުލިބުނަސް ހައިތަމް ކެތްތެރިކަން އިސްކުރިއެވެ. ކުޑަވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ވަގުތުން އޭނާއަށް އެނގުމަށް ހައިތަމް ތަކުރާރުކޮށް އެދުނެވެ.

ވިސްނުމަކަށް ގެއްލިފައި އިން ހައިތަމްގެ ބަނޑަށް ކުއްލިއަކަށްއެރި ތޫނު ތަދާއެކު އޭނާއަށް ބަނޑުގައި މަޑުމަޑުން އަތްޖައްސައިލެވުނެވެ. ދަތްތަކަށް ބާރުކޮށްލެވުމާއެކު ހަޑިގަނޑު ކުޑަކޮށް ގުދުކޮށްލީ އެވޭންވަރު ކުޑަވޭތޯއެވެ. ކުޑައިރުކޮޅެއްފަހުން މީހާ ހަމައަކަށް އެޅުނުފަދައިން އަނެއްކާވެސް ގޮނޑީގައި އޭނާ ހަމަޖެހިލިއެވެ. އޭރު ކުދިކުދި ދާތިކިތައް އެމޫނުގައި ވިދަމުންދިޔައެވެ. ނާއިފް ބުނިހެން ލަސްނުކޮށް އެކަންތައް އީކްއަށް އަންގަންވީ ބާވައެވެ؟ މާލަސްވެއްޖެނަމަ އެއިން ވާހަކައެއް އީކް ގާތުގައި  ބުނުމުގެ ފުރުސަތުވެސް އޭނާއަށް ނުލިބިދާނެއެވެ. އެހެނަސް ޖެހިލުންވަނީ އެކަމުން އީކްގެ ހިތަށް ކުރާނެ އަސަރު އަމިއްލައަށް އިހުސާސުކުރެވޭތީއެވެ. ލޯބިވާ ދަރިފުޅާއި މެދުގައި ވިސްނިވަރަކަށް ހައިތަމްގެ ދެލޯ ތެމެމުންދިޔައީ ހިތަށް ކުރަމުންދިޔަ ފުން އަސަރުންނެވެ. ވަގުތު ކުޑަތަންވަމުން އަންނަކަން އެނގި އެހިތް އިތުރަށް ރޮއްވައިލިއެވެ.

* * * * *

އީކްގެ ދެވަނަ ސެޝަންއަށް އީވާންގެ އިތުރުން ހައިތަމް ވެސް ދިޔައެވެ. ދެމީހުން ގޮނޑިބަރީގައި ތިބީ އީކް ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. ދެމެދު މާގިނަ ވާހަކަތަކެއް ނުދެކެވުނަސް ވެރިވެފައިވި ހަމަހިމޭންކަން ހައިތަމްއާއި އީވާނަށް ކަމުދިޔައެވެ. ޚިޔާލުތަކުގެ ކަނޑުގައި ދެކޮޅަށް ފަތަމުން ހައިތަމް ދިޔައިރު އެމޫނުމަތިން ދޭތެރަކުން މާޔޫސްކަން ފައުޅުވެލައެވެ. ވިސްނެމުންދިޔަ ވަރަކަށް ބޮލަށް ބާރުކުރާހެން ހީވެ ފުންނޭވައެއް ދޫކޮށްލަމުން ހައިތަމް ދެފަރާތަށް ބޯހޫރުވައިލިއެވެ. އަދި ޖެހިގެން އިން އީވާނަށް ފުންނަޒަރަކުން ބަލައިލިއެވެ. އެކޮޅަށް އައީއްސުރެ އީކްއާ މެދުގައި އީވާންގެ އަމަލުތައްހުރި ގޮތް ހައިތަމްއަށް އައީ ފާހަގަކުރެވެމުންނެވެ. ނުބުންޏެއްކަމަކު އީވާންގެ ހިތުގައި އީކްގެ މައްޗަށް ކޮންމެވެސް ޚާއްސަކަމެއް އުފެދިފައި އޮތްހެން އޭނާއަށް ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އީކްގެ ހުރިހައި ކަމަކާއި އިސްވެ އީވާން އުޅެމުންދިޔައީ އެހެންވެކަން ޔަގީނެވެ. އީކް ފެންނަ ކޮންމެ ފަހަރަކު އެމޫނާއި ދެލޮލަށް ވެރިވެގަންނަ އާދަޔާ ޚިލާފު ކުލަވަރު އޭނާ ދުށްޓެވެ. ކުރެވެމުންދިޔަ ޚިޔާލުން ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު އީވާންގެ ނަމުން ހައިތަމް ގޮވައިލިއެވެ.

"ބޭބެ ވާހަކައެއް އަހައިލަންތަ؟" އީވާންއާ ދިމާއަށް ކުޑަކޮށް އެނބުރިލަމުން ހައިތަމް އަހައިލިއެވެ. އީވާން ބޯޖަހައިލީ ހައިތަމް އަށް ހުއްދަދޭފަދަ ގޮތަކަށެވެ.

"އީވާން ދިރިއުޅުމެއް ފަށާކަށް ނުވިސްނަންތަ؟" ޝައުގުވެރިކަމާއެކު އީވާނަށް ބަލަން އިނދެ ހައިތަމް އަހައިލިއެވެ. އެސުވާލާއެކު އީވާންގެ ހިތް ތެޅިގަތީ ކުއްލިއަކަށެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ. ހައިތަމްގެ މޫނުން ނަޒަރު ވަކިކޮށް ދުރަށް ހުއްޓައިލަމުން އަދި ނުވިސްނަން ކަމުގައި އީވާން ބުނެލީ ކިރިޔާ އަޑުއިވޭ ވަރަށެވެ.

"އަނެއްކާ އީވާންގެ ހަޔާތުގަ އެހައި ޚާއްސަ ކުއްޖަކު ނެތީތަ؟ އީވާން ގަޔާވާފަދަ ކުއްޖަކާ އަދި ދިމާނުވަނީ ދޯ.." ކުޑަކޮށް ހިނިތުންވެލަމުން އީވާންގެ ކޮނޑުގައި ހައިތަމް ޖަހައިލިއެވެ. އެސުވާލުން އީވާންގެ ހިތަށް ވެރިވީ ހާސްކަމެވެ. ހިތުގެ ސިއްރު ބޭޒާރު ވެދާނެތީ އަވަސް އަވަހަށް އޭނާ އިސްޖަހައިލިއެވެ. އަދި ހައިތަމް ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދޭނެ ގޮތަކާއި މެދުގައި ވިސްނައިލިއެވެ. ކުޑަކޮށްވެސް އުއްމީދުވެސް ނުކުރާފަދަ ވާހަކަތަކެއް ހައިތަމް ދެއްކުމުން އީވާންއިނީ ހަގީގަތުގައިވެސް ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. ހިމޭނުން އިރުކޮޅަކު އިނުމަށްފަހު އެއްޗެއް ބުނުމަށް އަނގަހުޅުވައިލި ވަގުތު ކެބިންގެ ދޮރުހުޅުވައިލަމުން އީކް ނުކުތެވެ. ދެކެވެމުންދިޔަ ވާހަކަ ހުއްޓި ވަގުތުން ދެމީހުންގެ ނަޒަރު އަމާޒުވެލީ އީކްއަށެވެ. އީވާނަށް ލިބިފައިވި ހާސްކަންފިލައި އެދެލޯ ވިދައިގަތުމާއެކު އެމަންޒަރު ބަލަންއިން ހައިތަމްއަށް ހިނިތުންވެލަމުން އިސްޖަހައިލެވުނެވެ. އޭނާއަށް ހީވާ ހީވުމަކީ ތެދެއްތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްލެވުނެވެ. އުއްމީދުން ފުރިފައިވި ބެލުމަކުން ހައިތަމްއަށް އީވާނާއި އީކްގެ މޫނަށް ވަކިވަކިން ބަލައިލެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ހިތުގައި އުފެދިގެންއައި އައު ޚިޔާލާއިއެކު އޭނާގެ ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ.

6 މަސް ފަސް...

(ނުނިމޭ)

މިލިޔުން ކިޔާލުމުން
14
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ