މާދަމާ ސްރީލަންކާގައި ފެށުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކާ އަގު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދުމުގެ މަތިން 3000 ރުޕީސް އަށް ކުޑަކޮށްފިއެވެ.
މި މުބާރާތުގައި ރާއްޖެ އާއި ލަންކާ މާދަމާ ރޭ ކުޅޭ މެޗަށް ދިވެހިންނަށް މެޗު ބަލަން ވަދެވޭގޮތަށް ކުރިން އޮތީ މީހަކަށް 5000 ރުޕީސްއަށެވެ. އަދި ލަންކާ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަނީ 200 ރުޕީސް އަށެވެ. ނަމަވެސް އަގުބޮޑުކޮށް ދިވެހިންނަށް ޓިކެޓް ވިއްކާ ކަމަށް ބުނެ ދިވެހި ސަޕޯޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދިވަޑައިގެންނެވުމުގެ މަތިން ދިވެހިންނަށް ޓިކެޓް ވިއްކާ އަގު ހެޔޮ ކުރުމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޖަސްވާރް އުމަރު އާ މަޝްވަރާ ކުރެެއްވި ކަމަށެވެ.
އެ މަޝްވަރާގެ މަތިން މިހާރު އެބޭފުޅުން ވަނީ، ދަނޑުގެ އެހެން ސަރަހައްދަކުން ދިވެހިންނަށް 3،000 ރުޕީސް (15 ޑޮލަރަށް) ޓިކެޓް ދޫކުރަން އެއްބަސްވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗު މާދަމާ ރޭ ކުޅޭއިރު މި މެޗުގެ ޓިކެޓުތައް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ.
ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ލަންކާ ގަޑިން އަށެއް ޖަހާއިރު އެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 އެވެ.



