ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (17)

17 ވަނަ އަދަދާއި ގުޅޭ

އެނދުގައި އިނށީދެ ހަމަޖެހިލަމުން އޭނާއާ ކުރިމަތިވާނޭހެން އިނށީނުމަށް ހައިތަމް އީކް ގާތުން އެދުނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން އީކް ވެސް ހިސާބަކަށް ކަންބޮޑުވާގޮތް ވިއެވެ. ވެގެން އުޅޭގޮތެއް ނޭނގި އޭނާ ވެސް އިނީ ސުވާލު އުފެދިފައެވެ. އެއްޗެއް ބުނުމަށް ހައިތަމް އަނގަ ހުޅުވައިލި ވަގުތު ބަނޑުގައި ގަދަ ރިހުމެއް އުފެދުނެވެ. އެހިސާބުގައި އަތް ޖައްސައިލަމުން ހައިތަމްއަށް ދަތްޕިލަ ޖައްސައި ބާރުކޮށްލެވުނެވެ. އަޅަމުންދިޔަ ވޭނަށް ކެތްކުރުން އޭނާއަށްވީ ދަތި ކަމަކަށެވެ. ހައިތަމްއަށް ވަމުންދިޔަ ގޮތްފެނި އީކްގެ ހާސްކަން އިތުރުވިއެވެ. އިންތަނުން ތެދުވަމުން ހައިތަމްގެ އަތުގައި އީކް ހިފައިލީ ކަންބޮޑުވެފައި ހުރެއެވެ. އޯކަށް ދެމިގަތުމާއެކު ކުއްލިއަކަށް އިންތަނުން ތެދުވަމުން ފާޚާނާއާ ދިމާއަށް ހައިތަމް ދުއްވައިގަތެވެ. ކަންބޮޑުވެ ހާސްވެފައިހުރެ އީކް ވެސް ހައިތަމް ފަހަތުން ދުއްވައިގަތެވެ. އޭރު ނޭނގޭ ބާރު މިނެއްގައި އެހިތް ތެޅެމުންދިޔައެވެ. ދެލޮލަށް ކަރުނަ ބޮނޑިވެފައި ހުރިކަންވެސް އޭނާއަށް އިހުސާސުނުވިއެވެ. ފާޚާނާތައްޓާއި ދިމާއަށް ގުދުވެއޮތް ހައިތަމް އޯކަށް ދެމިލުމާއެކު ހޮޑުލެވުނެވެ. އޭނާ ހޮޑުލަމުން ދިޔައިރު ދޮރުމަތީގައި ހުއްޓި ދެލޯ ބޮޑުވެފައި އީކް ހުރީ ހުއްޓުން އަރައިފައިހުރި މީހަކު ފަދައިންނެވެ. ހޮޑާއެކުވެ އަންނަމުންދިޔަ ލޭތައް ފެނުމާއެކު އީކްގެ ހެޔަށްވެސް ގޮތްވިހެން ހީވިއެވެ. ފެންނަމުންދިޔަ މަންޒަރާމެދު ޔަގީން ނުވެފައި އީކްއަށް ބަލަން ހުރެވުނީ ހަދާނެގޮތެއް ނޭނގިފައެވެ. ހޮޑުލައި ނިންމައިލަމުން ހިންދެމިލި ވަގުތު މޫނު މައްޗަށް އަނދިރިވެ ހައިތަމް އަރިއަޅައިލާ ގޮތްވިއެވެ. ދެލޯބޮޑުކޮށްލަމުން އީކްއަށް އެދިމާއަށް ދުއްވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އޭރު އެދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތް މައްޗަށް ފައިބަމުންދިޔައެވެ.

މުށިތަކުގެ މައްޗަށް ހައިތަމް ވެއްޓުނުތަން ފެނި އީކް އަށް ހުރެވުނުތަންވެސް ނޭނގުނެވެ. ހައިތަމްގެ ބިޔަ ހަށިގަނޑު އުފުލައިލުންވީ އޭނާއަށް ދަތިކަމަކަށެވެ. ދެކަކޫ މައްޗަށް ތިރިވެ އިނދެ ހައިތަމްގެ ކޮނޑުގައި ހިފައި އީކް ތަޅުވައިގަތެވެ. އެހެނަސް ހައިތަމްގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުނެވެ. ހާސްވެފައި ހަދާނެ ގޮތަކާއި މެދުގައި ވިސްނައިލަމުން އިންތަނުން ތެދުވެ ފާޚާނާއިން ނުކުންނަން އީކް ދުއްވައިގަތެވެ. އީވާންގެ ކޮޓަރިއާ ދިމާއަށް އޭނާ މިސްރާބުޖެހީ ގެންފައިހުރި ބިރެއްގެ ސަބަބުން ހަދާނެގޮތް ހުސްވެފައިހުރި މީހަކު ފަދައިންނެވެ.

ކޮޓަރީ ދޮރުގައި މާ ބާރަށް މީހަކު ޓަކިޖަހަން ފެށުމުން ހަލުވި ފިޔަވަޅުތަކެއްގައި އައިސް އީވާން ދޮރުހުޅުވައިލިއެވެ. ރޮވިފައި ދޮރުމަތީގައިހުރި އީކް ފެނުމުން ކަންބޮޑުވެފައި އޭނާ ސުވާލުކުރަން ފެށިއެވެ. އީވާންގެ އަތުގައިހިފައި ދަމައިގަންނަމުން އީކް ތެޅިގަތީ އެނބުރި އޭނާގެ ކޮޓަރިއަށް ދިއުމަށެވެ. މިވަނީ ކިހިނެއްކަން ނުވިސްނި އީވާންގެ ކަންބޮޑުވުން އިތުރުވިއެވެ. އީކް ރޯންވީ ސަބަބެއް އެއްގޮތަކަށްވެސް އީވާނަކަށް ނުވިސްނުނެވެ. އަނެއްކާ ހައިތަމް ކޮބައިބާއެވެ؟ ހަމަގައިމުވެސް އީކްއާ އެކު އެކޮޓަރިއަށް ހައިތަމް ދިޔަކަން ޔަގީނެވެ. އެތައް ސުވާލެއް ސިކުނޑީގައި ބުރުޖަހަމުންދިއަސް އެކަން ހިންދައިލަމުން އީކް ފަހަތުން އީވާން ވެސް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެވުމާއެކު އީކް މިސްރާބުޖެހީ ފާޚާނާއާ ދިމާލަށެވެ. ނިތަށް ރޫއަރުވައިލަމުން އީވާން އީކްގެ މޫނަށް ބަލައިލިއެވެ. އެއަންހެން ކުއްޖާ އެދެމުންދިޔައީ ފާޚާނާއަށް ވަނުމަށެވެ. އެތަނުގައި އަނެއްކާ އެއްޗެއް އޮތީހެއްޔެވެ؟ އީކް ބިރުގަންނަފަދަ ކަމަކާއި ކުރިމަތިލާން ޖެހުނީބާއެވެ؟ ހިތުގައި ބުރުޖަހަމުންދިޔަ ސުވާލުތައް އެއްފަރާތް ކޮށްލަމުން އީވާން އައިސް އީކްގެ ފަހަތުން ފާޚާނާ ދޮރުމަތީގައި ހުއްޓިލިއެވެ. ހޭނެތި ތަށިމުށިމައްޗަށް ވެއްޓިފައިއޮތް ހައިތަމް އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ދެލޯބޮޑުކޮށްލަމުން އީވާން އަވަސް އަވަހަށް އައިސް ހައިތަމް ގާތުގައި އިނށީނެވެ. އަދި އީކްއަށް ބަލައިލަމުން ޖީބުގައިއޮތް ފޯނު ނަގައި އެމްބިއުލާންސަށް ގުޅިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ހައިތަމް އުފުލައިލަން އީވާން އުޅުނެވެ. އީވާންއަށް ވީވަރަކުން އެހީވަމުން އީކް ދިޔައެވެ. އޭރުވެސް އެދެލޮލުން ކަރުނަ ނުހިކެއެވެ. އެއްގޮތަކަށްވެސް ހައިތަމް އަށް އެވީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ. އީކްގެ ހާލުފެނި ސުވާލުކުރުން މިވަގުތު ރަނގަޅު ނުވާނެކަން އީވާން ދެނެގަތެވެ. އެނދުމަތީގައި ހައިތަމް ބާއްވައިލުމާއެކު އޭނާ ވަގުތުން ނާއިފްއަށް ގުޅައި އެޚަބަރު ދިނެވެ.

* * * * *

ހައިތަމް ހޭއަރާނެ އިރެއްގެ އިންތިޒާރުގައި އެމަރޖެންސީ ރޫމްގެ ދޮރުކުރިމަތީގައި ހުރި ގޮނޑިބަރީގައި އީވާނާއި އީކްގެ އިތުރުން ނާއިފްވެސް އިނެވެ. ނާއިފްގެ މޫނުމަތިން ފައުޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އެކަކަށް ނޭނގުނަސް ހައިތަމްގެ ހާލު އޭނާއަށް އޮޅިފައެއްނެތެވެ. އެޚަބަރު ލިބުމާއެކު އޮފީހުގެ މަސައްކަތްތައް މަޑު ޖައްސައިލަމުން އޭނާ އަވަހަށް އައީވެސް އެހެންވެއެވެ. އިރުއިރުކޮޅުން އެއްފަރާތުގައި އިސްޖެހިފައިއިން އީކްގެ މޫނަށް ނާއިފަށް ބަލައިލެވެއެވެ. ހާސްވަމުންދިޔަ ވަރަކަށް ތުނބުޅީގައި އޭނާއަށް އަތް ހިންގެމުންދިޔައީ ދެން ހަދާނެ ގޮތަކާއި މެދުގައި ފިކުރު ކުރަމުންނެވެ. މާކުރިންވެސް މިދުވަސް އަންނާނެކަން އޭނާއަށް އެނގެއެވެ. އެހެނަސް މިފަދަ ގޮތަކަށް ހަގީގަތާއި ކުރިމަތިލާން ޖެހިދާނެކަމަށް އޭނާ ހިއެއް ނުކުރެއެވެ.

އެމަރޖެންސީ ރޫމުން ޑޮކްޓަރ މައިކަލް ނުކުތުމާއެކު އީވާން އަވަސް އަވަހަށް އޭނާގެ ގާތަށް ޖެހިލިއެވެ. ގޮނޑީގައި އިން ނާއިފާއި އީކްވެސް އިންތަނުން ތެދުވަމުން މައިކަލްއާ ކުރިމަތިވާނޭހެން ހުއްޓިލީ ހައިތަމްގެ ހާލު އޮޅުން ފިލުވުމަށް ކެތްތެރިކަން ކުޑަވެފައިވީ ވަރުންނެވެ. އެންމެންގެ މޫނަށް ވަކިވަކިން ބަލައިލަމުން މިވަގުތު ހައިތަމްގެ ހާލު ރަނގަޅުކަމުގައި އޭނާ ބުނެލިއެވެ. އެހިތި ހަގީގަތަކީ ހައިތަމްގެ ދުލުން އާއިލާއަށް އޭނާ އަންގަން ބޭނުންވާ ކަމެއްކަން ވިސްނި މައިކަލް އިތުރު ތަފުސީލަކަށް ނުދެއެވެ. އެހެނަސް ހިސާބެއްގެ ނުތަނަވަސްކަމެއް އޭނާގެ ދެލޮލުގައި ވިއެވެ. އީކްއަށް ފުންނަޒަރަކުން ބަލައިލަމުން ހައިތަމް ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކުރުމުގެ ހުއްދަ މައިކަލް ދިނެވެ. އެއާއެކު އީވާން އަވަސްވެގަތީ ޕްރައިވެޓް ކޮޓަރިއެއް ހަމަޖައްސާށެވެ. ނާއިފަށް ބަލައިލަމުން ބޯޖަހައިލުމަށްފަހު މައިކަލް އެތަނުން ދިއުމަށް ހިނގައިގަތެވެ. ނޭފަތް އެތެރަށް ދަމައިލުމާއެކު އީކް މޫނުގައި އަތްކާއްތައިލީ ހައިތަމްގެ ހާލު ރަނގަޅުކަން އެނގުމުން ހިތްހަމަޖެހިފައި ހުރެއެވެ. ނަމަވެސް ދެން އަންނަން އޮތް ތޫފާނުގެ ވަރުގަދަކަން އެނިކަމެތި އަންހެންކުއްޖާއަށް އެނގޭނޭ ނަމައެވެ.

* * * * *

ފާއިތުވެދިޔަ ދުވަސްތަކު އިވްލީނާއި މެދުގައި ޝަމްއަލް އަށް ފިކުރު ހިންގޭ ވަގުތު ވަނީ އިތުރުވެފައެވެ. ނޭނގި ނަމަވެސް އެ އަންހެންކުއްޖާގެ ހިތް ހަލާކު ކޮށްލެވުނީތީ އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައެވެ. އަލަށް ހިތުގައި އުފަންވަމުން އައި އިހުސާސުތަކަށް ދޭނޭ ނަމެއް ޚުދު ޝަމްއަލްއަށް ވެސް ނޭނގެއެވެ. އެހެނަސް އިވްލީން ފެންނަ ހިސާބުގައި ހުރުމުން ހިތްހަމަޖެހެއެވެ. ދޭތެރަކުން އީކްގެ ސެޝަންތައް ނިމޭ ވަގުތު އީވާނާއި އެކުގައި އެތަނުގައި އޭނާ މަޑުކުރާ މައިގަނޑު ސަބަބަބީވެސް އެއީ އެވެ. އެސޫރަ އެކަނި ފެނިލުމުންވެސް ހިތަށް ފިނިކަން ލިއްބައިދޭތީއެވެ.

ދުވަހެއް ދުވަހަކަށް ޒާރާއާއި ދެމެދު އޮތް ގުޅުން އައީ ހީނަރުވަމުންނެވެ. ގިނަ ވަގުތު ގެއިން ބޭރުގައި ޒާރާ ހޭދަކުރަނީ ކޮންބަޔަކާއެކު ކީއްކުރަންކަންވެސް އޭނާއަށް ނޭނގެއެވެ. ވާހަކައެއް ދެކެވިއްޖެނަމަ ޒުވާބަކަށް ބަދަލުނުވާ އެންމެ ދުވަހައެއްވެސް ނުދެއެވެ. ކިތަންމެ ފަހަރަކު އެގުޅުން އިތުރަށް ކުރިއަށް ނުގެންގޮސް މެދުކަނޑައިލަން ޝަމްއަލްގެ ހިތަށް އަރައެވެ. ނަމަވެސް ފަސްޖެހެވެނީ ޒާރާގެ ބައްޕައަށް އޭނާގެ ހިތުގައި އޮތް ޤަދަރެއްގެ ބޮޑުކަމުންނެވެ.

* * * * *

ހޭވެރިކަން ވުމާއެކު ހައިތަމް ވަށައިގެން ލޯހިންގައިލީ އޮވެވުނު ތަނާއި މެދުގައި ސުވާލު އުފެދިފައި އޮވެއެވެ. އުނދަގޫ ގޮތަކަށް އެސްފިޔަތައް ތަޅުވައިލަމުން އެނދު ކައިރީގައި ހުރި ގޮނޑީގައި އިނށީދެއިން އީކްއަށް ނަޒަރު ސީދާ ކޮށްލިއެވެ. އެއާއެކު އެންމެ ފަހުން ހިނގައިދިޔަ ހާދިސާ ހަނދާނަށް އަންނަގޮތް ވިއެވެ. ހިންދިރުވައިލަމުން ކޮޓަރީގެ ތަންކޮޅެއް ދުރުގައިހުރި ސޯފާގައި އިނށީދެލައިގެން ތިބި އީވާނާއި ނާއިފަށް ހައިތަމް ބަލައިލިއެވެ. އެވަގުތު ލޯބިން ހައިތަމްގެ އަތުގައިހިފައި އީކް ބާރުކޮށްލިއެވެ. އެދެލޮލުގައިވި ކަންބޮޑުވުންފެނި ކުށްވެރިކަމުގެ އިހުސާސު އޭނާއަށް ކުރެވުނެވެ. ފެންކަޅިވެފައި ހައިތަމްގެ އަތުގައި ފިރުމައިލަ ފިރުމައިލައި އީކް އިނެވެ. ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން އީކްގެ އަތަށް ހައިތަމް ފިތައިލިއެވެ.

"ހައިތަމް.." އިންތަނުން ތެދުވެގެން އައިސް ހައިތަމް އޮތް އެނދު ކައިރީގައި ހުއްޓިލަމުން ނާއިފް ގޮވައިލިއެވެ. ކުޑަކޮށް ބޯތަޅުވައިލަމުން ވަރުބަލި ގޮތަކަށް ނާއިފަށް ބަލަހައްޓައިގެން ހައިތަމް އޮތެވެ.

"އަހަރެން އީކްއާ ކުޑަ ވާހަކައެއް ދައްކައިލަން ބޭނުން.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ދެން ވާހަކަ ދެއްކީ ހައިތަމް އެވެ. ހިނދުކޮޅެއްގެ ނުތަނަވަސްކަމެއް ނާއިފްގެ މޫނަށް ވެރިވިއަސް އެންމެ ރަނގަޅު ކަމުގައި ބުނަމުން އީވާން ގޮވައިގެން އެތަނުން ނުކުންނަން ނާއިފް މިސްރާބު ޖެހިއެވެ. ދެން ކަންތައްވާނެ ގޮތަކާއި މެދު އޭނާއަށް ފުންކޮށް ވިސްނެމުން ދިޔައެވެ. ލިބެން އުޅޭ ޚަބަރާއި އީކް ކުރިމަތިލާނީ ކިހިނެއްބާއޭ އޭނާ ހިތަށް ތަކުރާރުކޮށް އަރަމުންދިޔައެވެ. ނާއިފް ނުކުމެ ކޮޓަރީގެ ދޮރު ލައްޕައިލުމާއެކު ފުންނޭވާއެއް ދޫކޮށްލަމުން ހައިތަމް އީކްއަށް ބަލައިލިއެވެ. މަޑުމަޑުން އީކްގެ އަތަށް ބާރުކޮށްލަމުން އޭނާ ދައްކާ ވާހަކަ ރަނގަޅަށް އަޑުއެހުމަށް ހައިތަމް އެދުނެވެ. ކުރިއަށް އޮތްތަނުގައި ވާނެގޮތެއް ނޭނގޭތީ އެންމެ ހިނދުކޮޅެއްވެސް ލަސްކުރާކަށް ހައިތަމް ނޭދެއެވެ.

"ދަރިފުޅު..ބައްޕަ ކުރިންވެސް މިވާހަކަ ދަރިފުޅު ގާތުގަ ބުނަން މަސައްކަތް ކުރިން.. އެކަމަކު ބައްޕައަށް ހިތްވަރެއް ނުލިބުނު.. މިއަދު.. މިއަދު ބައްޕައަށް މިނޫން ގޮތެއްނެތް.. ބައްޕައަށް ވެގެން ވާނަމަ އުމުރު ދުވަހުވެސް މިކަން ހިތުގައި ފޮރުވައިލައިގެން ހުރީމުސް.. މިއީ ދަރިފުޅަށް ފެންނަން ބައްޕަ އެދުނުފަދަ މަންޒަރެއް ނޫން.." އަތަށް ގުޅައިފައިވާ އައިވީއަށް ބަލައިލަމުން ހައިތަމް ދެލޯމަރައިލީ ހިތްދަތި ގޮތަކަށެވެ. އެއްގޮތަކަށްވެސް ހައިތަމްގެ ވާހަކަތަކުގެ މިސްރާބު ހުރި ދިމާލެއް އީކްގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެހެނަސް ކަނުލައި ހައިތަމް ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އޭނާ އިނެވެ.

"ދަރިފުޅާ.. ބައްޕައަށް.. ވަނީ.. ބަނޑުގެ ކެންސަރު.. ޖެހިފަ.." އަރުބެދޭގޮތްވެ ވާހަކަ ދައްކަން އުނދަގޫވުމުން ހައިތަމްގެ އަޑު އައީ ކެނޑިކެނޑިގެންނެވެ. އިވުނު ވާހަކައާއެކު އީކްއަށް ދެލޯ ބޮޑުކޮށްލަމުން ދެފަރާތަށް ބޯހޫރުވައިލެވުނެވެ. ކަރުނަތައް ބޮނޑިވަމުންއައި ދެލޯ ބޮޑުކޮށްލައިގެން އޭނާ ހައިތަމްއަށް ބަލަން އިނީ ގަނޑުވެފައިއިން މީހަކު ފަދައިންނެވެ. އެއްގޮތަކަށްވެސް ހައިތަމްގެ ދުލުން ބޭރުވި ޖުމުލަ ގަބޫލުކުރާކަށް އޭނާގެ ހިތެއް ނޭދުނެވެ. ހިތްދަތިކަން ނަފުސު ވަށައިލި ހިނދު، އެކި ސެޝަން ތަކުގައި އިވްލީން ދައްކައިފައިވާ ވާހަކަތައް ސިކުނޑިއަށް ވެރިވެގަތެވެ. ހާސްވެ ތެޅިފޮޅެމުންދިޔަ ހިތުގެ މައްޗަށް ބާރުފޯރުވަން އީކް މަސައްކަތް ކުރިއެވެ. އުއްމީދުވެސް ނުކުރާފަދަ ޚަބަރެއް ލިބުމުން ހިތަށް ކިތަންމެ ތަދުވިއަސް އެކަމާއި މިފަހަރު ކެރިގެން ކުރިމަތިލާން އޭނާގެ ޟަމީރު ގޮވައިލިއެވެ. އަމިއްލަ ނަފުސު ބަލިކަށިވެގެން ދިއުމުގެ ކުރިން ސަލާމަތުގެ އައްސޭރިއެއް އަތުޖެހޭތޯ ހިތްވަރުކުރަން އީކް ބޭނުންވިއެވެ.

ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ހައިތަމްގެ އަތްތިލަ ގެނެސް ތުންފަތުގައި އީކް ޖައްސައިލިއެވެ. ހިތުގައި ޝަކުވާތައް ފުނިޖެހިފައި ވިއަސް އެ ބައްޕައަށްޓަކައި ކޮންމެ ފަދަ ހާލެއްގައިވެސް ހުރެދޭން އީކްގެ ހިތް އެދުނެވެ. ހައިތަމް އަށްޓަކައި އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރުކުރަން އީކް ބޭނުންވިއެވެ. އެސްފިޔަ ޖަހައިލަންވެސް ބޭނުންނުވެފައި ދަރިފުޅުގެ މިލައިފައިވި މޫނަށް ބަލަން ހައިތަމް އޮތެވެ. އީކް ކެތްތެރިވާން މަސައްކަތް ކުރަމުންދިޔަގޮތް ފެނި އެހިތަށް ކުޑަވިއަސް ހަމަޖެހުމެއް ލިބުނެވެ. އެދަރިފުޅުގެ ހާލު އޭނާގެ ސަބަބުން ގޯސްވެދާކަށް ހައިތަމް ނޭދެއެވެ. ނަމަވެސް މިއަދު އޭނާއަށް މިނޫން ގޮތެއް ނެތީއެވެ.

"އީކް.. ބައްޕައަށް.. ދެން މާ ގިނަ ދުވަހެއް.. ނެތް.." ހިތްވަރުކުރަން ބޭނުންވިއަސް ހައިތަމްގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. ދެލޯމަރައި ތަގުޅިކޮށްލުމާއެކު މަޑު އާހެއް ހައިތަމްގެ އަނގައިން ބޭރުވިއެވެ. ޑޮކްޓަރު ދެއްކި ވާހަކަތައް ސިކުނޑި ތެރޭގައި ދައުރުވަމުން ދިޔައިރު، އޭނާއަށް ވިސްނެމުން ދިޔައީ ގާތުގައިއިން އޭނާގެ ލޯބިވާ ހަމައެކަނި ދަރިފުޅާ މެދުއެވެ. އޭނާ ނެތް ދުވަހެއް އައިސްފިނަމަ އީކް އެކަނިވެރި ވާނޭވަރު ވިސްނި ހައިތަމްގެ ހިތް ގިސްލައި ރޮމުންދިޔައެވެ. މުޅި ދުނިޔެއަށް އެދަރިފުޅު އެކަނި ދޫކޮށްލުމަށްފަހު ދާކަށް އޭނާގެ ހިތެއް ނުރުހެއެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގި އިސްޖަހައިގެން އިން އީކްއަށް ވެސް ހައިތަމްގެ ވާހަކަތަކުން ރޮވެމުންދިޔައެވެ.

"ދަރިފުޅު.. ބައްޕައަށް.. އެހައި ވަގުތެއްނެތް.. ބައްޕަގެ ލޯބިވާ ދަރިފުޅު.. އެކަނިކޮށްލައިފައި ދާކަށް ދުވަހަކުވެސް ބައްޕަގެ މިހިތެއް ނޭދޭނެ.. އެކަމަކު މަރަކީ.. އެއްވެސް މީހަކަށް ހިފޭއްޓޭނެ އެއްޗެއް ނޫނޭ ކުރިންވެސް.. ބައްޕަ ބުނީމެއްނު.. ބައްޕަ އަށްޓަކައިވެސް.. ދަރިފުޅު ހިތްވަރުކުރަން ވާނެ އިނގޭ.. އީކް.. ބައްޕަ އަބަދުވެސް ދެކުނު ހުވަފެނެއް އެއީ.. ދަރިފުޅު ޒަވާޖީ ޙަޔާތެއް ފަށައި.. ލޯބި ލޯބި ދަރިންކޮޅަކާއެކު.. އުފަލުގައި އުޅޭ މަންޒަރު ދުށުމަކީ.. އެހުވަފެން.. ފުރިހަމަވާތަން ދެކެން ހުންނަން ބައްޕަގެ ހިތް ކިތަންމެހައިވެސް އެދޭ.." ކަރުނަވީ ދެލޮލުން އީކްއަށް ބަލަން އޮވެ ހައިތަމް ހިނިތުންވެލިއެވެ. ހައިތަމްގެ އަތުގައި ހިފަހައްޓައިލިގޮތަށް އެދެލޮލަށް ނަޒަރު ސީދާކޮށްލައިގެން އީކް އިނެވެ.

"ބައްޕަގެ ޕްރިންސެސް.. ހެހެ.. ބައްޕަ ނެތް ދުނިޔެއަކު އެކަނިވެރިވެފަ ދަރިފުޅު ހުންނާކަށް ބައްޕަ ނޭދެން.. ދުވަހަކުވެސް ނޭދެން.. ދަރިފުޅާއެކު އަބަދުވެސް ހަޔާތުގެ ބައިވެރިއެއްވުމަށް ބައްޕަގެ ހިތް މިހައި ބޮޑަށް އެދެނީ އެހެންވެކަން ޔަގީން.. ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ.. ދެގޮތެއްނުވެ މިއަތްތިލައިގައި ހިފައިގެން ހުންނާނެފަދަ ހެޔޮލަފާ ޞާލިޙް ބައިވެރިއެއް.. މިލޯބި މޫނު މައްޗަށް އަލުން ހިނިތުންވުން ގެނުވާނެފަދަ ކެތްތެރި ބައިވެރިއެއް.. ދަރިފުޅަށްޓަކައި ހިތާއި ފުރާނައިން ޤުރުބާންވާން ޖެހުނަސް އެކަންވެސް އުފަލާއެކު ކުރާނެފަދަ ހިތްވަރުގަދަ ހިތްތިރި ޒުވާނެއް.." އީކްގެ އަތްތިލައަށް ފިތައިލުމަށްފަހު އެމޫނުގައި ލޯބިން ފިރުމައިލަމުން ހައިތަމް ބުނެލިއެވެ. ހައިތަމްގެ ވާހަކަތަކުން އީކްއަށް ސިފަވީ މާކިން އެވެ. އޭނާގެ އަލަތު ލޯތްބެވެ. އެ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. އެފަދަ މީހަކާއި ދެވަނަ ފަހަރަށް ބައްދަލުވެދާނެތޯ އެވަގުތު އަމިއްލަ ނަފުސާއި ސުވާލުކޮށްލެވުނެވެ. ހައިތަމް އެބުނާފަދައިން އޭނާދެކެ ކޮންމެ ފަދަ ހާލެއްގައި ވިއަސް ލޯބިވާނެ މީހަކު ހުރެދާނެ ހެއްޔެވެ؟ ނޫނީ އެފަދަ މީހަކު ފެނިއްޖެނަމަ އޭނާއަށް އެމީހަކުދެކެ ލޯބި ވެވިދާނެ ހެއްޔެވެ؟ މާކިންއަށް ހިތުގައި އޮތް ލޯބި ފުހެވިގެން ނުދަނީސް އަލުން އެފަދަ ލޯތްބެއް އޭނާއަށް ވެވިދާނެ ބާވައެވެ؟ ނޫނެކެވެ. އެއީ ދުވަހަކުވެސް އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ދިރިއުޅުމެއް އަލުން ފަށާކަށް ކުޑަކޮށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އުމުރު ދުވަސް މާކިންގެ ހަނދާނުގައި ވޭތިކޮށްލުންވެސް އެޔަށްވުރެ އޭނާއަށް މާ ރަނގަޅެވެ.

"ދަރިފުޅާ.. އަލުން ދަރިފުޅު.. ޒަވާޖީ ޙަޔާތެއް ފަށަންވީނު.. ބައްޕަ މިބުނިފަދަ ހެޔޮލަފާ މީހަކު ބައްޕައަށް ފެނިއްޖެ.. އޭނާ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާކަން ބައްޕައަށް ޔަޤީން.. އެހިތުގައި ދަރިފުޅުގެ ނަން ފެވުނީ ކިހިނެއް ކޮންއިރަކުކަމެއް ބުނެދޭކަށް.. ބައްޕައަކަށް ނޭނގެ.. އެހެނަސް.. އެދެލޮލުން... ބައްޕަ ލޯބި ދުށިން.. ދަރިފުޅަށްޓަކައިވި ނިމުމެއްނުވާ، ފުން، މަތިވެރި ލޯތްބެއް.. އެއްވެސް އަމިއްލަ އެދުމެއްނުވާ ސާފު ތެދުވެރި ލޯތްބެއް.. ދެން ދުވަހަކުވެސް އެފަދައިން ދަރިފުޅުދެކެ ލޯބިވާނެ މީހަކު.. ފެނިދާނެކަމާއިމެދު.. ބައްޕައަށް ޝައްކު.. ބައްޕަގެ ހިތް އެދެނީ ދަރިފުޅަށް އެލޯބި ލިބެން.. ފަހަރުގައި ބައްޕައަކީ އަމިއްލަ އެދުން ބޮޑު މީހަކު ކަމުގައިވެސް ވެދާނެ.. އެހެނަސް.. ބައްޕަގެ ދަރިފުޅު އަތުން އެފަދަ ލޯތްބެއް ބީވެދާކަށް ބައްޕަގެ ހިތެއް ނޭދޭ.." ހައިތަމްގެ ދުލުން ބޭރުވި ކޮންމެ ޖުމުލައެއް އީކްގެ ކަންފަތް ބުޑުގައި ގުގުމަމުން ދިޔައެވެ. ޚިޔާލަށްވެސް އައިސްފައި ނުވާފަދަ ކަމަކަށް ހައިތަމް އެދުމުން ބުނާނެ އެއްޗެއްވެސް އީކްއަކަށް ނުވިސްނުނެވެ. ބުދެއްހެން ހުއްޓުން އަރައިފައި އޭނާއަށް އިނދެވުނީ ހައިތަމްގެ ވާހަކަތަކާ މެދުގައި ވިސްނާށެވެ. ހައިތަމް އެ އިޝާރާތްކުރާ މީހަކީ ކާކުބާއޭ ހިތަށް އެރުމާއެކު ސުވާލުގެ ނަޒަރަކުން އީކްއަށް ހައިތަމްގެ މޫނަށް ބަލައިލެވުނެވެ. އެދެލޮލުގައިވި ސުވާލު ވިސްނުމާއެކު ފަނޑު ހިނިތުންވުމެއް ހައިތަމްގެ ތުންފަތުގައި ކުޅެލިއެވެ.

"ބައްޕަ ދަރިފުޅަށް މަޖުބޫރު ކުރާކަށް ނެތިން.. އެކަމަކު.. ބައްޕަ ދެލޯ މަރައިލުމުގެ ކުރިން ދަރިފުޅު އުފަލުގައި ހުންނަތަން ދެކިލަން ބައްޕަގެ ހިތް އިންތިހާއަށް އެދޭ.. ބައްޕައަށް ޔަޤީން.. އޭނާ ދަރިފުޅު ގެންގުޅޭނީ ވަރަށް ލޯބިން.. ނުހަނު އުފަލުގައިކަން.." ހިނިތުންވެފައި އީކްއަށް ބަލަންއޮވެ ހައިތަމް ބުންޏެވެ. ހައިތަމްގެ އަތުގައި ހިފައި އީކް ކުޑަކޮށް ތަޅުވައިލީ އެއީ ކާކުކަން އެނގެން ބޭނުންވެފައި އިނދެއެވެ. އެއަމަލު ވިސްނި ހައިތަމްގެ ހިނިތުންވުން ފުންވެލިއެވެ.

"މިއޮއް ހުރިހައި ދުވަހު ދަރިފުޅުގެ ކުރިމަތީގައި އުޅުނުއިރުވެސް ދަރިފުޅަށް އެކަން ފާހަގަނުވީތީ ބައްޕަ ހައިރާންވޭ.. އެކަމަކު ބައްޕަގެ ދެލޮލުން އެކަން ކަސިޔާރުވެ ނުދިޔަ.... އީވާން... އީވާންގެ ދެލޮލުން އެކަނިވެސް.. ދަރިފުޅަށްޓަކައި އެހިތުގައި އޮތް މަތިވެރި ލޯބި ހެކިދޭ.. ކިތަންމެ ދުވަހެއްވިއަސް އޭނާ އެކަން ފައުޅުކުރާނޭ ބައްޕަގެ ހިތެއް ނުބުނޭ.. އީވާން ދަރިފުޅު ދެކެވަނީ އެއްވެސް އަމިއްލަ އެދުމެއްނުވާ ޠޯހިރު ލޯތްބެއްކަން ޔަގީން.." އީކްގެ މަޑު އަތްތިލައަށް ކުޑަކޮށް ފިތައިލަމުން ހައިތަމް އެހެން ބުނެލުމާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ ގަބޫލުކުރަން ދަތިވީ ވަރުންނެވެ. ހައިތަމް އެބުނާފަދައިން، އީވާން ހަގީގަތުގައިވެސް އޭނާ ދެކެ ލޯބިވަނީ ހެއްޔެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ