ހޮސްޕިޓަލެއްގައި ރޯވެ އަލަށް އުފަންވި 4 ކުދިން މަރުވެއްޖެ

ސެންޓްރަލް އިންޑިއާގެ މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ބޯޕާލް ސިޓީގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލެއްގެ ރޯވެ އަލަށް އުފަންވި 4 ކުދިން މަރުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގީ ބޯޕާލް ސިޓީގައި ހުންނަ ކަމްލާ ނެހްރޫ ޗިލްޑްރަންސް ހޮސްޕިޓަލުގެ އަލަށް އުފަންވާ ކުދިން ބައިތިއްވާ ނާސަރީ ޔުނިޓެއްގައެވެ. މި އަލިފާނުގެ ހާދިސާގައި ނާސަރީގައި އޮތް އަލަށް އުފަންވި 4 ކުއްޖަކު މަރުވި އިރު، ސަލާމަތް ކުރެވުނީ 36 ކުދިން ކަމަށް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައި ނުވީނަމަވެސް، މިއީ ކަރަންޓް ޝޯޓެއް ވެގެން ހިނގި ހާދިސާއެއް ކަމަށް ބެލެވެއެވެ.

ރޭ އިންޑިއާގެ ގަޑިން 21:00 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގެ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި، ނާސަރީ ޔުނިޓުގައި އަލިފާން ރޯވުމާއެކު އެތާ އޮތް އެތައް ކުދިންގެ މައިންބަފައިން ދަރިން ސަލާމަތް ކުރުމަށް އެތަނަށް ވަންނަން އުޅޭ މަންޒަފު ފެނެއެވެ. އަދި ސެކިއުރިޓީ އަށް އެމީހުން ކޮންޓްރޯލުނުވެގެން އުޅޭ މަންޒަރު ފެނިގެންދެއެވެ.

މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޝިވްރާޖް ސިންހް ޗޯހަން ބުނީ، މި ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އޭނާ ވަނީ މި ހާދިސާގައި މަރުވި އަދި އަނިޔާވި ކުދިންގެ އާއިލާއަށް 4 ލައްކަ ރުޕީސް ދިނުމަށް ނިންމައިފައިވާ ކަން އިއުލާންކޮށްފައެވެ. އަދި މި ހާދިސާ ރަނގަޅަށް ތަހުޤީގުކުރުމަށް އޭނާ ވަނީ އަމުރުކޮށްފައެވެ.

ފަޔާފައިޓާއިން ވަނީ އެ ހޮސްޕިޓަލުގައި ރޯވި އަލިފާންގަނޑު ނިއްވާލަން 3 ގަޑިއިރުގެ މަސައްކަތެއް ކޮށްފައެވެ.

އިންޑިއާގެ ހޮސްޕިޓަލު ތަކުގައި ކަރަންޓު ޝޯޓުގެވެގެން އަލިފާނުގެ ހާދިސާތައް ހިނގުމަކީ ވަރަށް އާއްމުކަމެކެވެ. މިދިޔަ އާދިއްތަ ދުވަހުވެސް އިންޑިއާ މަހަރަޝްތްރާގެ ހޮސްޕިޓަލެއްގެ ކޮވިޑް އައިސީޔޫގައި ރޯވެ ކޮވިޑް ބަލި ޖެހިފައިވާ 10 މީހަކު މަރުވި ހާދިސާއެއް ވަނީ ހިނގައިފައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ