ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (18)

ސަތާރަވަނަ އަދަދާއި ގުޅޭ

"މިއޮއް ހުރިހައި ދުވަހު ދަރިފުޅުގެ ކުރިމަތީގައި އުޅުނުއިރުވެސް ދަރިފުޅަށް އެކަން ފާހަގަނުވީތީ ބައްޕަ ހައިރާންވޭ.. އެކަމަކު ބައްޕަގެ ދެލޮލުން އެކަން ކަސިޔާރުވެ ނުދިޔަ.... އީވާން... އީވާންގެ ދެލޮލުން އެކަނިވެސް.. ދަރިފުޅަށްޓަކައި އެހިތުގައި އޮތް މަތިވެރި ލޯބި ހެކިދޭ.. ކިތަންމެ ދުވަހެއްވިއަސް އޭނާ އެކަން ފައުޅުކުރާނޭ ބައްޕަގެ ހިތެއް ނުބުނޭ.. އީވާން ދަރިފުޅު ދެކެވަނީ އެއްވެސް އަމިއްލަ އެދުމެއްނުވާ ޠޯހިރު ލޯތްބެއްކަން ޔަގީން.." އީކްގެ މަޑު އަތްތިލައަށް ކުޑަކޮށް ފިތައިލަމުން ހައިތަމް އެހެން ބުނެލުމާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ ގަބޫލުކުރަން ދަތިވީ ވަރުންނެވެ. ހައިތަމް އެބުނާފަދައިން، އީވާން ހަގީގަތުގައިވެސް އޭނާ ދެކެ ލޯބިވަނީ ހެއްޔެވެ؟

ހަރަކާތެއްވެސް ކޮށްނުލައި މަޑުމަޑުން އީކް އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ހައިތަމްގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އެސިކުނޑިއަކަށް ނައެވެ. އަލުން ދިރިއުޅުމެއް ފެށުމުގެ ގަސްދެއް އޭނާގެ ނެތެވެ. އެހެނަސް އެކަން ހާމަކުރާން އީކް ފަސްޖެހުނެވެ. ބައްޕައަށްޓަކައި އެބައްޕަ އެދުނު ކޮންމެ ކަމެއް ފުރިހަމަކޮށްދޭންވެސް އޭނާ ބޭނުންވެއެވެ. ދެޚިޔާލެއްގައި އީކް އިންދައި ނުހަނު ލޯބިން ހައިތަމް އަނެއްކާވެސް ގޮވައިލިއެވެ.

"ދަރިފުޅު ތީ އަދި ޒުވާން ކުއްޖެއް.. އުމުރު ދުވަހު ތިހެން ހުސްކޮށް ހުންނަންތަ ދަރިފުޅު ބޭނުންވަނީ؟ ހަޔާތުގަ ކޮންމެވެސް ހިސާބަކުން ބައިވެރިޔަކަށް ބޭނުންވާނެ ދަރިފުޅާ.. ބައްޕަ މިދެއްކި ވާހަކަތަކާމެދު ދަރިފުޅު ވިސްނާލަން ބައްޕަ އެދެން.. ގޮތެއް ނިންމަންވާނީ އޭގެ ފަހުން.. ދަރިފުޅުގެ ކޮންމެ ނިންމުމެއްވެސް ބައްޕަ ހެޔޮހިތުން ބަލައިގަންނާނަން.. ދަރިފުޅަށް އެއްވެސް މަޖުބޫރުކަމެއް ނެތް.." ލުއި ހިނިތުންވުމެއް އީކްއަށް ހަދިޔާކޮށްލަމުން ހައިތަމް ބުނެލިއެވެ. މަޑުމަޑުން އީކް ބޯޖަހައިލީއެވެ. އޭނާވެސް އެހުރިހައި ކަމަކާއި މެދުގައި ރަނގަޅަށް ވިސްނައިލަން ބޭނުންވެއެވެ. މިފަދަ ވަގުތެއްގައި އެހައި ބޮޑު ނިންމުމެއް ނިންމަން ވުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހިތާއި ނަފުސަށް ވެރިވެފައިވިއެވެ.

* * * * *

ހޮސްޕިޓަލުން ހައިތަމް ދޫކޮށްލީ ދެދުވަސް ފަހުންނެވެ. ޑޮކްޓަރ މައިކަލް ވަނީ ހައިތަމްގެ ހާލަތު އީކްއާއި ނާއިފަށް ވަރަށް ރަނގަޅަށް ހާމަކޮށްދީފައެވެ. ލޯބިވާ ބައްޕައަށް ދެން މާގިނަދުވަހެއް ނެތްކަން އެނގުނު ހިނދު ތޫނު ތަދެއްގެ އިހުސާސު ހިތަށް ކުރެވުނެވެ. އެހެނަސް މިފަހަރު އެކަމަށް ކެތްތެރިވެ ހިތްވަރުކުރަން އީކް ބޭނުންވިއެވެ. އެހިތާމައިގައި އަމިއްލަ ނަފުސު ބެހިގެން ދިޔަނުދިނުމަށް އަމިއްލަ ނަފުސަށް ވައުދުވިއެވެ.

ނާއިފްގެ ފަރާތުން ހައިތަމްއަށް ބަނޑުގެ ކެންސަރު ޖެހިފައިވާކަން އެނގުމުން އީވާން ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އުއްމީދު ނުކުރާފަދަ ޚަބަރެއް ލިބުމުން ކަމަށްވެސް ވެދާނެއެވެ. އެކަން ގަބޫލުކުރަން ދަތިވެފައިހުރެ އޭނާއަށް އެންމެ ފުރަތަމަވެސް ވިސްނުން ހިންގައިލެވުނީ އީކްއާ މެދުގައެވެ. ކުރިއަށްވުރެ ބޮޑަށް އީކްގެ ކަންކަމަށް ސަމާލުވާން އެހިނދު އޭނާގެ ޟަމީރު ގޮވައިލިއެވެ. ހިތާމައިންގޮސް އީކް ނިމިދާކަށް އޭނާއަކަށް ނުރުހެވޭނެއެވެ.

އަތުގައި އޮތް ހައިތަމްގެ ފައިލަށް ބަލަހައްޓައިގެން ކޮޓަރީގައިހުރި ސޯފާގައި އީކް އިނެވެ. ފައިލުގައި ހުރި ގަނޑުތަކަށް ދެލޯ އަމާޒުވެފައި ވިއަސް އީކްގެ ސިކުނޑީގައިވީ ހައިތަމް ދެއްކި ވާހަކަތަކެވެ. ފާއިތުވެދިޔަ ދެދުވަސްވެސް އޭނާ ހޭދަކުރީ އެކަމާއި މެދުގައި ވިސްނައި ފިކުރުކުރުމުގައެވެ. ނިންމާނެ ގޮތެއް އަދިވެސް އޭނާއަކަށް ނޭނގެއެވެ. ހައިތަމްގެ ވާހަކަތަކަށްފަހު އޭނާއަށް އީވާނަށް ބެލެމުންދިޔައީވެސް ތަފާތު ނަޒަރަކުންނެވެ. އީވާން އޭނާއަށް އަޅައިލައި އެބަހައްޓާ ގާތްކަމުގެ ސިއްރަކީވެސް އެހިތުގައި އޭނާގެ މައްޗަށް އޮތް ލޯބި ހެއްޔެވެ؟ ދެފަރާތަށް ބޯހޫރުވައިލަމުން އީކް ފައިލު ލައްޕައިލިއެވެ.

ހައިތަމްއަށް އެވަރުގެ ބޮޑުކަމެއް ދިމާވިއިރުވެސް އޭނާއަށް އެކަން ފާހަގަނުވީތީ އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައެވެ. ދެލޯކުރިމަތީގައި ގިނަވަގުތު ބައްޕަ އުޅޭއިރުވެސް ކުޑަވެސް ޝައްކެތް އޭނާއަށް ނުވީ ކީއްވެހެއްޔެވެ؟ ދުވަސްދުވަސްކޮޅުން ވިޔަފާރި ދަތުރުތަކުގެ ބަހަނާގައި ހަގީގަތުގައި ހައިތަމް ރާއްޖޭން ބޭރަށް އައީ މިހެންވެ ހެއްޔެވެ؟ ފަހަކަށް އައިސް ހައިތަމް ރާއްޖޭން ބޭރަށް ކުރި ދަތުރުތައް އިތުރުވެފައިވިކަންވެސް އޭނާއަށް ފާހަގަމިވީ ވިސްނައިލުމުންނެވެ. އަދި އެދަތުރުތަކުގެ މުއްދަތު އެހެންޏާ އޭނާ ކުރާ ދަތުރުތަކަށްވުރެވެސް އިތުރުކަން ވިސްނައިލުމުން އީކްއަށް އެނގުނެވެ. އޭރު ކުޑަވެސް ޝައްކެތް ހިތުގައި ނުއުފެދުނީތީ އީކް ހައިރާންވެއެވެ. ހައިތަމް ބުނިއްޔާ ބުނިހައި އެއްޗެއް ގަބޫލުކޮށްލައިގެން ހެވިފައި އޭނާ ހުރީއެވެ. ލޯބިވާ ބައްޕައާ މެދުގައި ފަރުވާކުޑަ ކުރެވިއްޖެ ކަމުގެ އިހުސާސުން އެހިތަށް އިތުރަށް ތަދުވިއެވެ. އެހެނަސް ކުރިއަށް އޮތް ތަނުގައި އެބައްޕައަށްޓަކައި އޭނާގެ ހުރިހައި ވަގުތެއް ހުސްކޮށްލާނެއެވެ. ކުރިން ނުދެވުނު އަޅައިލުމާއި ލޯބި އޭނާގެ ފަރާތުން އިންތިހާއަށް ދޭނެއެވެ. އެބައްޕަގެ ހިތުގައި ޖެހޭނެފަދަ އެއްވެސް ކަމެއް ކުރާކަށް އީކް ނޭދެއެވެ. އެހިނދު އެސިކުނޑިއަށް އަނެއްކާވެސް ވެރިވެގަތީ ހައިތަމް ދެއްކި ވާހަކަތަކެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ އިސްޖަހައިލީ ހައިތަމްގެ އެދުމާއި މެދުގައި ގޮތެއް ނިންމަމުންނެވެ.

* * * * *

ކޮލެޖުން ނުކުންނަންދިޔަ އީވާނަށް ގޮވައިލަމުން އޭނާގެ ފަހަތުން ދުވެފައިކަހަލަ ގޮތަކަށް މާހާ އައެވެ. ހުރިފިޔަވަޅު މަތީގައި ހުއްޓިލަމުން އީވާން ފަހަތަށް އެނބުރިލިއެވެ. މާހާ ފެނުމުން ސުވާލުގެ ނަޒަރަކުން އީވާން ބަލަހައްޓައިގެން ހުރީ މާހާ އައިސް އެހިސާބާއި އަރައި ހަމަކުރަންދެނެވެ. ދުވުމުގެ ސަބަބުން ވަރުބަލިވެފައިހުރި މާހާ ހަމައަކަށް އެޅެން ވަގުތުކޮޅެއް ނެގިއެވެ. ކޮނޑުގައި އޮތް ދަބަސް ރަނގަޅުކޮށްލަމުން އީވާނަށް މާހާ ބަލައިލިއެވެ.

"އަޅުގަނޑު... އަޅުގަނޑު.. ސަރ އާ ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން.." އަވަސްވަމުންއައި ހިތުގެ މައްޗަށް ބާރު ފޯރުވަމުން މާހާ ބުނެލިއެވެ. ކޮންވާހަކައެއްހޭ ބުނެ އީވާން އޭނާގެ ހުރިހައި ސަމާލުކަމެއް މާހާއަށް ހުއްޓައިލިއެވެ.

"މިތާކު ނޫން.. ހިނގާބަ ކްލާސް ރޫމަށް.. ޕްލީޒް ސަރ.. އަޅުގަނޑު ބޭނުމީ އެކަހެރި ތަނަކު އެވާހަކަދައްކަން.. އެއްވެސް މީހަކަށް އަޑުއިވޭކަށް ބޭނުމެއްނޫން.." ޖެހިލުންވިއަސް ހިތްވަރުކޮށްފައި މާހާ ބުންޏެވެ. މާހާގެ ވާހަކަތަކުން ދޭހަކުރަންވީ އެއްޗެއް ނުވިސްނިފައި އީވާން އިރުކޮޅަކު ހުއްޓެވެ.

"ޕްލީޒް ސަރ.." އީވާނަށް ބަލަންހުރެ މާހާ އާދޭސްކޮށްލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް އަވަސް ނަޒަރެއް ދެމުން އެންމެ ރަނގަޅުކަމުގައި އީވާން ބުނެލިއެވެ. އުފަލުންގޮސް މާހާގެ ހިތް އުދުއްސައިގަތް ކަހަލައެވެ. ހިނގާށޭބުނެ އޭނާ މިސްރާބުޖެހީ އެތަނުން ކްލާހަކާއި ދިމާއަށެވެ. ވަރުބަލިކަމާއެކު ދެލޮލުގައި އިނގިލީގެ ކުރިން ފިރުމައިލަމުން އޭނާގެ ފަހަތުން އީވާންވެސް އައިސް ކްލާހަށް ވަނެވެ. ވަށައިގެން އެ ކްލާހަށް ނަޒަރު ހިންގައިލަމުން މާހާ ގާތުގައި އެބުނަން އުޅޭ ވާހަކައެއް އަވަހަށް ބުނުމަށް އީވާން އެދުނެވެ. ސީސީޓީވީ ކެމެރާވެސް ހަލާކުވެފައިހުރި ކްލާހަކަށް މާހާ އޭނާ ގެނައުމުން އީވާންގެ ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހެމުން އައެވެ. އީވާންގެ މޫނަށް މޮޔައަކު ފަދައިން ބަލަހައްޓައިގެން މާހާ ހުންނަން ފެށުމުން މާހާގެ ނަމުން އީވާން ގޮވައިލިއެވެ. އެއާއެކު އިތުރު ވިސްނުމަކަށްވެސް ނުގޮސް ކުރިއަށް ޖެހިލަމުން އީވާންގެ ހަށިގަނޑުގައި މާހާ އޮޅުލައިގަތެވެ.

"އައި ލަވް ޔޫ އީވާން.. އައި ލަވް ޔޫ ސޯ މަޗް.. އަހަންނަށް އީވާންއާ ނުލާ ދެން އެންމެ ސުކުންތެއްވެސް ކެތެއް ނުވާނެ" ހިނދުކޮޅަކަށް އެއީ އޭނާގެ ލެކްޗަރަރ ކަންވެސް މާހާ ހަނދާން ނެތުނުފަދައެވެ. ނުވިސްނައި ހުއްޓައި މާހާ ކުރިކަމަކުން އީވާންގެ ދެލޯ ބޮޑުވެ މީހާ ގަނޑުވާގޮތްވިއެވެ. މާހާގެ ދުލުން ބޭރުވި ބަސްތައް އޭނާގެ ކަންފަތްބުޑުގައި ގުގުމައިގަތީ އުނދަގޫވާހައި ބާރަށެވެ.

* * * * *

ހައިތަމް އެދުނު ފަދައިން އެކައިވެންޏާއި އެއްބަސްކަން އީކް ހާމަކުރިއެވެ. އީކްގެ ފަރާތުން ލިބުނު ޖަވާބުން ހައިތަމްގެ ހިތަށް ލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. ހިތަށް ލިބުނު ފިނިކަމުގައި އީކްއާ މެދުގައި ކުރެވެމުންދިޔަ ފިކުރުތައް އެއްފަރާތް ވެގެން ދިޔައެވެ. ބައްޕައަށްޓަކައި އެނިންމުން ނިންމި ނަމަވެސް އީވާންއާ އެކުގައި ޒަވާޖީ ހަޔާތެއް އުޅެވިދާނެކަމާއި މެދުގައި އޭނާ ހުރީ ޔަގީންނުވެފައެވެ. އީވާންދެކެ އޭނާއަށް ލޯބިނުވެވިއްޖެނަމަ ދެން ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ ކުޑަކޮށްވެސް އެފަދަ ނަޒަރަކުން އީވާންއާ މެދުގައި ދެކެވިފައި ނުވާއިރު، ކައިވެންޏެއްކޮށްގެން އޭނާއަށް އީވާންއާ އެކުގައި އުޅެވިދާނެ ހެއްޔެވެ؟ މާކިންގެ ނަން އެހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގިފައި ވީއިރު، އެހެން ފިރިހެނަކަށް އެހިތުން ޖާގައެއް ދެވިދާނެ ހެއްޔެވެ؟ އަމިއްލަ ނަފުސާއި ކުރެވެމުންދިޔަ އެއްވެސް ސުވާލެއްގެ ޖަވާބެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އެހެނަސް ހައިތަމްގެ އުފަލަށްޓަކައި އެ ގުޅުމަށް އޭނާ އެއްބަސްވީ އެއީ އެބައްޕަ އޭނާގެ ފުށުން އެދޭ އެންމެ ފަހު އެދުމަށްވެސް ވެދާނެހެން ހީވުމުންނެވެ. އެބައްޕަގެ ހިތުގައި ޖައްސާކަށް އޭނާ ނޭދެއެވެ.

އީކްގެ ޖަވާބު ލިބުމާއެކު އެންމެ ސުކުންތެއްވެސް ލަސްކުރާކަށް ހައިތަމް ބޭނުމެއްނުވިއެވެ. ނާއިފް އޮފީހުން އައުމާއެކު އޭނާގެ ހުށައެޅުމާއިގެން ނާއިފްގެ ކުރިމައްޗަށް ހައިތަމް ދިޔައީ އެތައް އުއްމީދަކާ އެކުއެވެ. ހައިތަމް ދެއްކި ވާހަކަތައް ގަބޫލުކުރަން ދަތިވެފައި ނާއިފް އިނެވެ. އީކް އެގުޅުމަށް އެއްބަސްވެދާނެ ކަމާއި މެދުގައި އޭނާ އިނީ އަދިވެސް ޔަގީންނުވެފައެވެ. އެހެނަސް އީކްގެ ނުރުހުމުގައި ހައިތަމް އެވަރުގެ ބޮޑު ނިންމުމެއް ނުނިންމާނެކަން އޭނާއަށް އެނގެއެވެ.

"އީކް.. ހަމަ ހަގީގަތުގަވެސް އީވާންއާ އިންނަން ގަބޫލުތަ؟" އަދިވެސް ޔަގީންނުވެފައި އިނދެ ނާއިފަށް އަހައިލެވުނެވެ. ހިނިއައިސްފައި ހައިތަމް ބޯޖަހައިލިއެވެ. މިފަހަރު ފަނޑު ހިނިތުންވުމެއް ނާއިފްގެ ތުންފަތުގައިވެސް ދުވެލިއެވެ. އެތައް ދުވަހަކު އޭނާގެ ލޯބިވާ ދަރިފުޅު އިންތިޒާރު ކުރި ލޯބި އެދަރިފުޅަށް ކާމިޔާބުވަނީ ހެއްޔެވެ؟ މާތް ރަސްކަލާނގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. މުޅިދުނިޔެއަށް ސިއްރުކުރި ނަމަވެސް އެކަލާނގެއަށް އެއްވެސް ކަމެއް ސިއްރުވެގެން ނުވެއެވެ. އެކަލާނގެއީ ހިތްތަކުގައި ވާހައި ސިއްރެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހުރިހައި ކަމަށް އެންމެ މޮޅަށް ރާއްވަވައި ހިންގަވާ ރަސްކަލާނގެއެވެ. ހީވެސްނުކުރާފަދަ ގޮތަކަށް އަހަރެމެންގެ ޙަޔާތުގެ ކަންކަން ހިންމަވައިދެއްވާ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ޙަޟްރަތަށް އުފުލައިފި އަތެއް މާޔޫސްކަމާއެކު ތިރިކުރާކަށް ނުޖެހެއެވެ. އެހެނީ އެކަނލާގެއީ އަޅުތަކުންގެ ދުޢާ އިޖާބަކޮށްދެއްވާ އެންމެ އޯގާވަންތަ، ކޮންމެ ކަމެއްގެ މައްޗަށްވެސް ކުޅަދުންވަންތަވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ހިތަށް ވެރިވެގެންއައި ތަފާތު ޝުޢޫރުތަކާއެކު މާތް ﷲ އަށް ޙަމްދުކޮށްލަމުން ނާއިފަށް ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާގެ ލޯބިވާ ދަރިފުޅަށްޓަކައި އޭނާކުރި ދުޢާ އިޖާބަވެއްޖެކަމުގެ އިހުސާސުން އެހިތަށް ވެރިވެގެންދިޔައީ ބަޔާންކުރަން ދަތި އުފަލެކެވެ.

* * * * *

"މާހާ.. ވަޓްސް ރޯންގް ވިތް ޔޫ..؟" ހިތްހަމަނުޖެހުނެއްކަމަކު އަމިއްލަ ނަފުސު ކޮންޓްރޯލް ކޮށްލަމުން މާހާގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާއި އީވާން ދުރުކޮށްލިއެވެ. އެފަދަ ކަމެއް މާހާ ކޮށްފާނެކަމަށް ކުޑަކޮށްވެސް އީވާން ހިއެއްނުކުރެއެވެ. މާހާ ދުރުކޮށްލުމާއެކު އޭނާ ގަދަހަދަމުންދިޔައީ އަނެއްކާވެސް އީވާންގެ ހަށިގަނޑުގައި ބެއްދުމަށެވެ. ނިތަށް ރޫއެރުމާއެކު ތަންކޮޅެއް ބާރަށް މާހާގެ ނަމުން އީވާން ގޮވައިލިއެވެ. އެއްގޮތަކަށްވެސް މާހާގެ އަމަލުތައް އެފަދައިން ހައްދުން ނައްޓަންޖެހުނު ސަބަބެއް އީވާނަކަށް ނުވިސްނުނެވެ. ލޯބިވުމަކުން މައްސަލައެއް ނެތެވެ. އެއީ ކުށެއްވެސް ނޫނެވެ. ލޯތްބަކީ އެއްވެސް މީހަކަށް ބާރު ހިންގޭ އެއްޗެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ އޭނާއަކަށް ނޫންހެއްޔެވެ؟ ހަޔާތުގައި ވެވުނު އަލަތު ލޯބި އަދިވެސް އެހިތުން ފިލައިގެން ނުދެއެވެ. އެހެނަސް މިއަށްވުރެ ރީތިކޮށްވެސް މާހާއަށް އޭނާގެ އިހުސާސުތައް ހާމަކުރެވުނީހެވެ. އެއިހުސާސުތަކަށް އީވާން ޤަދަރުވެސް ކުރީހެވެ. ނަމަވެސް ލޯބިވެޔޭ ކިޔައި އައިސް އެފަދައިން ގަޔަށް ބޮލަށް އެރުމަކީ އެއްގޮތަކަށްވެސް އީވާން ރުހޭކަމެއް ނޫނެވެ.

"އީވާން ޕްލީޒް.. އަހަރެން ހާދަ ލޯބިވެޔޭ.. އަހަރެން.. އަހަރެން ބޭނުންވަނީ ތީހަމައެކަނި އަހަރެންގެ މީހަކަށް ވާން.." މާހާގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތުމާއެކު އޭނާ އިސްޖަހައިލިއެވެ. އީވާންގެ މޫނުމަތިން ފައުޅުވަމުންދިޔަ ނުރުހުމުގެ އަސަރުން އެހިތުގައި ޖެހުނީއެވެ. ލަދު އެއްފަރާތް ކޮށްލުމަށްފަހު އޭނާ އީވާނާއި ކުރިމަތިލީ ނުހަނު ފޮނި އުއްމީދަކާ އެކުއެވެ.

"މާހާ އެހަށް ހަމަޖެހިބަލަ.." މާހާ ރޯން ފެށުމުން ކަންބޮޑުވެފައި އީވާން ބުނެލިއެވެ. އެއްޗެކޭ ނުބުނެ އީވާންގެ މޫނަށް ބަލައިލުމަށްފަހު މާހާ އެ ކްލާހުން ނުކުންނަން ދުއްވައިގަތެވެ. އީވާން ގޮވައިލުމުންވެސް އޭނާ ނުހުއްޓުނެވެ. އުއްމީދުކުރި ފަދައިން އެކަން ނުދިއުމުން މާހާގެ ހިތަށް ތަދުވީއެވެ. އެވަރުކަމަކާ އީވާން ނުރުހުން ވެދާނޭކަމަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާ ހީކުރީ ކެރިގެން ކުރިމަތިލުމުން އީވާން ވެސް އޭނާއާ ގަޔާވެދާނެ ކަމަށެވެ. ޖެހިލުންވުމެއްނެތި އީވާން ގައިގައި ބައްދައިލީވެސް އެކަމުން އީވާންގެ ހިތުގައި އެފަދަ އިހުސާސުތަކެއް އުފެދިދާނެކަމަށެވެ. ނަމަވެސް އީވާން އޭނާ ދުރުކޮށްލިގޮތުން މާހާއަށް ލިބުނީ ކުޑަ ޝޮކެކެވެ. ހިތަށް ތަދުވިއަސް އަދިވެސް އެލޯބި އެހައި ފަސޭހައިން ދޫކޮށްލުމުގެ ނިޔަތެއް މާހާގެ ނެތެވެ. އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވެސް އޭނާ ހުރީ އީވާންގެ ލޯބި ހޯދަން ނިންމައިގެންނެވެ. އެލޯބި އޭނާއަށް ކާމިޔާބު ނުވެއްޖެނަމަ އެހެން މީހަކު ކާމިޔާބުކުރިޔަކަވެސް އޭނާ ނުދޭނެއެވެ.

މާހާ ދިޔަދިމާއަށް ބަލަންހުރި އީވާން ކަރުބުޑުން ނުރުހުމެ އަޑެއް ލައްވައިލަމުން ނިތްމަތީގައި އަތްހިންގައިލިއެވެ. މިވީގޮތުން މާހާއާ އޭނާ ކުރިމަތިލާނީވެސް ކިހިނަކުން ހެއްޔެވެ؟ އޭނާގެ ދަރިވަރެއްގެ ހިތުގައި އެފަދަ ޖަޒުބާތުތަކެއް އޭނާގެ މައްޗަށް އުފެދުމުން އީވާން ހުރީ ގަބޫލުކުރަން ދަތިވެފައެވެ. މާހާގެ ނަޒަރުތަކުގައި ހުންނަ ތަފާތުކަމުގެ ސިއްރު އަދި މިއެނގުނީއެވެ.

* * * * *

ގެއަށް އައިސް ވަތްއިރު އީވާންގެ މުޅި މޫޑު ހުރީ ޚަރާބުވެފައެވެ. ކޮލެޖުގައި ދިމާވި ކަންތަކަށްފަހު އޭނާގެ ސިކުނޑިވަނީ ހަލަބޮލިވެފައެވެ. އަދިވެސް އީވާނަށް ވިސްނެމުން ދިޔައީ އެކަމާއެވެ. ކޮޓަރިއަށް ވަދެ ދޮރުތަޅުލަމުން ލައިގެންހުރި އަންނައުޅުތައް ބޭލުމަށްފަހު އޭނާ ފާޚާނާއަށް ވަނީ ފެންވަރައިލަން ބޭނުންވެފައި ހުރެއެވެ. ފެންވަރައިލުމުން އެބޭކާރު ޚިޔާލުތަކާ ދުރުވެދާނެކަމަށް އީވާން ނިންމިއެވެ.

މާގަނޑުން އޮހޮރެމުންދިޔަ ފިނި ފެންތަކުން ސިކުނޑީގެ އުދާސްކަން ފިލައިދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ވަރުބަލިކަން ވެރިވެފައިވި ހަށިގަނޑަށް ތާޒާކަން ލިބިގެންދިޔައެވެ. މަޑުނަޑުން އެ ޚިޔާލުތަކާއި މީހާ ދުރުވާގޮތްވިއެވެ. ހަމަޖެހުމުގެ ނޭވާއެއް އީވާނަށް ދޫކޮށްލެވުނެވެ. ފެންވަރައި ނިންމައިލުމަށްފަހު އުނުގައި ތުވާލި އޮޅައިލަމުން އީވާން ފާޚާނާއިން ނުކުތެވެ.

ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ސޯޓާއެކު މަޑު ކްރީމް ކުލައިގެ ޓީޝާޓެއް ގަޔަށް މަހައިލަމުން ލޯގަނޑުން އަމިއްލަ ސޫރައަށް އީވާން ބަލައިލިއެވެ. އީކްގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އޭނާ އަވަސްވެގަތީ އެހިތުގެ މަލިކާ ދުށުމަށް ދިއުމަށެވެ. ގަޔަށް ސެންޓްކޮޅެއް ޖަހައިލަމުން ކޮޓަރިން ނުކުންނަން އީވާން އައެވެ. ދޮރުހުޅުވައިލި ވަގުތު އޭނާ ސިހުނީ ކުރިމައްޗަށް އައިސް ހުއްޓުނު ނާއިފް ފެނިފައެވެ.

"ދަރިފުޅު ތަނަކަށް ދާންތަ ތިދަނީ؟" ހިނިއައިސްފައި އީވާނަށް ބަލަންހުރެ ނާއިފް އަހައިލިއެވެ. ނޫނެކޭބުނެ އީވާން ދެފަރާތަށް ކުޑަކޮށް ބޯހޫރުވައިލިއެވެ.

"އެހެންވީއިރު ހިނގާބަލަ އެތެރެއަށް.. ބައްޕަ މިއައީ އީވާންއާ ކުޑަ ވާހަކައެއް ދައިކައިލަން ކަމަށް.." ކޮޓަރިއަށް އިޝާރާތް ކޮށްލަމުން ނާއިފް ބުނެލިއެވެ. ސުވާލު އުފެދިފައިހުރެ އީވާން އަލުން ކޮޓަރިއަށް ވަނެވެ. އީވާންގެ ފަހަތުން އެކޮޓަރިއަށް ވަންނަމުން ނާއިފް ދޮރުލައްޕައިލިއެވެ. އަދި މަޑުމަޑުން އައިސް އެއްފަރާތުގައިހުރި ބޮޑު ސޯފާގައި އޭނާ އިނށީނެވެ. ނާއިފާއި ޖެހިގެންކަހަލަ ގޮތަކަށް އިނށީންނަމުން އީވާން އަހައިލީ ކިހިނެއްވީތޯއެވެ. އީވާންގެ ސުވާލުން ނާއިފްގެ ހިނިތުންވުން ފުޅާވެލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ހައިތަމް އޭނާގެ ގާތުން އެދުނު ކަންތަކުގެ ވާހަކަ ނާއިފް ހާމަކޮށްލިއެވެ. އިވެމުންދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިވެ، އިންތަނުން އީވާނަށް ތެދުވެވުނީ ކުއްލިއަކަށެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
141
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ