"ސޫރިޔަވަންޝީ" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް!

މި މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި "ސޫރިޔަވަންޝީ" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.

ރޯހިތު ޝެޓީ ޑައިރެކްޓުކުރި ކޮޕް ޑްރާމާ މި ފިލްމްގެ ލީޑު ރޯލުން ފެނިގެންދަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންކަމުގައިވާ އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފް އެވެ. މި ފިލްމަށް ކްރިޓިކްސް ފަރާތުންވެސް ވަރަށް ޕޮޒިޓިވް ކޮމެންޓުތައް ލިބެމުން އަންނަ އިރު، ބެލުންތެރިންގެ މެދުގައިވެސް މި ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބީއަށް ބަލާއިރު، އެންމެ ފަސް ދުވަސް ތެރޭގައި ފިލްމް ވަނީ ސަތޭކަ ކްރޯޑްގެ އާމްދަނީއެއް ހޯދައިފައެވެ. އެގޮތުން މިހާތަނަށް މި ފިލްމް ވަނީ 150 ކްރޯޑް ރުޕީސް ގެ އާމްދަނީއެއް ހޯދައިފައެވެ. މި ފިލްމް އެޅުވި ފުރަތަމަ ދުވަހުންވެސް ފިލްމް ވަނީ 39 ކްރޯޑް ރުޕީސް ހޯދައިފައެވެ. އަދި ވަރަށް އަވަހަށް މި ފިލްމަށް 200 ކްރޯޑް ރުޕީސް ގެ އާމްދަނީއެއް ލިބޭނެ ކަމަށް މީހުން ލަފާކޮށްފައި ވެއެވެ.

މި ފިލްމަކީ ރިލީޒްކުރި ހަފުތާ ބަންދުގެ ދުވަސްތަކުގައި އެންމެ ގިނައިން ފައިސާ ލިބުނު އަކްޝޭގެ ފިލްމަށް ވުމުގެ އިތުރުން މިއީ މުމްބާއި އާ ގުޅިފައިވާ ހިސާބުތަކުން 30 ކްރޯޑު ލިބުނު އަކްޝޭގެ ފުރަތަމަ ފިލްމެވެ. އަދި މިއީ ކޮވިޑް ތެރޭގައި ސިނަމާގައި ފިލްމް އަޅުވާ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމްވެސް މެއެވެ.

"ސޫރިޔަވަންޝީ" ރޯހިތު ޝެޓީ މީގެ ކުރިން ގެނެސްދީފައިވާ ކޮޕް ޑްރާމާ ފިލްމްތައް ކަމުގައިވާ "'ސިންގަމް" އަދި "ސިމްބާ"ގެ ސްޕިން-އޯފް ގޮތަށް ގެނެސްދީފައިވާ ފިލްމެކެވެ. ސިންގަމް ގައި ފުލުހެއްގެ ރޯލު އަދާކުރީ އަޖޭ ދޭވެގަން އެވެ. އަދި ސިމްބާގައި ރަންވީރު ސިންހް އެވެ. މި ތިން ފިލްމްގައިވެސް ވަރަށް ވަރުގަދަ އަދި މޮޅު ފުލުހެއްގެ ވާހަކަ ކިޔައިދޭއިރު، ރޯހިތް އަންނަނީ މި ފިލްމްތަކާއެކު އޭނަގެ އަމިއްލަ "ކޮޕް ޑްރާމާ ޔުނިވާސް" އެއް އުފައްދަމުންނެވެ.

"ސޫރިޔަވަންޝީ" ގައިވެސް ހާއްސަ ފެނިލުމަކުން ސިންގަމް އާއި ސިމްބާގައި އަދާކުރި ފުލުހުންގެ ރޯލުން އަޖޭ އާއި ރަންވީރު ފެނިގެންދެ އެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ