އީވާންގެ މޫނުމައްޗަށް ވެރިވަމުންދިޔަ ކުލަވަރުތައް ދޭހަކުރުމަށް ނުކުޅެދިފައި ނާއިފް އިނެވެ. އޭނާ ހީކުރީ އެޚަބަރުން އީވާން އުފަލުން ފޮޅޭނެކަމަށެވެ. ހިތް އެދެމުންއައި އެދުން އެންމެ ފަހުން ފުރިހަމަވުމުން އުފައުނުވާނީ ކާކު ހެއްޔެވެ؟ އެހެނަސް ނާއިފް އުއްމީދުކުރިފަދަ އެއްވެސް އެފައުވެރިކަމެއް އީވާންގެ ފުށުން ފައުޅުނުވީތީ އޭނާ ހައިރާންވިއެވެ. އަނެއްކާ އެހިތުގައި އީކްއަށްޓަކައި އޮތް ލޯބި ފުހެވިގެން ދިޔައީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެކަމާއި މެދުގައި އޭނާ ޝައްކެތްވެސް ނުކުރެއެވެ. އެދެލޮލުން އަދިވެސް ލޯބި ސާފުކޮށް ހާމަވާން އެބަ ހުއްޓެވެ. ވީއިރު އެހައި ސީރިއަސްވެފައި އީވާން ހުންނަންވީ ކީއްވެހެއްޔެވެ؟
"ބައްޕަ ތިބުނަނީ.. އީކް ހަމަ ހިތުން ރުހުމުން.. އަހަންނާ އިންނަން އެއްބަހޭތަ؟" ދެފަރާތަށް މަޑުމަޑުން ހިނގަމުންދިޔަ އީވާން ވިސްނަން ހުރެފައި ނާއިފަށް ބަލައިލިއެވެ. ނިތަށް ރޫއަރުވައިލަމުން ލަސްލަހުން ނާއިފް ބޯޖަހައިލިއެވެ.
"އެއްވެސް މީހަކު އީކްއަށް މަޖުބޫރެއް ނުކުރޭތަ؟" ދެންވެސް އީވާން ކޮށްލީ ސުވާލެކެވެ.
"ކާކު ވަކި އީކްއަށް މަޖުބޫރު ކުރާނީ؟ އެއީ ހައިތަމްގެ ވެސް ހުރި ހަމައެކަނި ދަރި.. ބައްޕައަށް އެނގެނީ އެއްވެސް ކަމެއްގަ ހައިތަމް އީކްއަށް މަޖުބޫރު ނުކުރާނެކަން.." އީވާންގެ ސުވާލުތަކުން ހައިރާންވިއަސް ނާއިފް ޚިޔާރުކުރީ މަޑުމައިތިރިކަމެވެ. އީވާން އެފަދައިން އޭނާއާ ސުވާލުކުރާ ސަބަބު އޭނާއަށް ވިސްނެއެވެ. އެޚަބަރު ލިބިފައި ޚުދު އޭނާ އަށްވެސް އެންމެ ފުރަތަމަވީ އެފަދަ ގޮތެކެވެ.
"އެކަމަކު.. އީކްގެ ހިތުގަ އަޅުގަނޑާމެދު އެފަދަ ޖަޒުބާތެއް ނެތްކަން ޔަގީން.. ދެން ކީއްވެ ކައިވެންޏަށް އެއްބަސް ވާންވީ..؟ ބައްޕާ.. މާކިން ނިޔާވިތާ އަދި އަހަރެއްވެސް ނުވޭ.. އީކް އަދިވެސް ލޯބިވަނީ މާކިން ދެކެކަން އަހަންނަށް ޔަގީން.. އެފަދަ އިހުސާސެއް.. އަޅުގަނޑާމެދު އެހިތުގައި.. އުފެދިދާނެކަމާއި މެދު ޝައްކު.." އިސްޖަހައިލި އީވާންގެ އަޑުގައިވީ މަޑުމޮޅިކަމެވެ.
"އެއްވެސް ސަބަބަކާހުރެ އަމިއްލަ ނަފުސަށް މަޖުބޫރުކޮށް އަޅުގަނޑާ އީކް ކައިވެނިކުރާކަށް އަޅުގަނޑަކަށް ނުރުހެވޭނެ.. ކިތަންމެ ލޯބިވިއަސް އަޅުގަނޑަކީ އަމިއްލަ އެދުން ބޮޑުމީހެއްނޫން ބައްޕާ.. ވީއިރު މިހުރިހައިކަމެއް އެނގިހުރެ.. އަޅުގަނޑު ކިހިނެއް.. އީކްއާ ކައިވެނިކުރާނީ؟" މަޑުމަޑުން އައިސް ކުޑަދޮރު ކައިރީގައި ހުއްޓިލަމުން އީވާން ބުންޏެވެ. އެބަސްތައް ގަބޫލުކުރަން ދަތިވެފައި ނާއިފް ވެސް އިންތަނުން ތެދުވިއެވެ.
"ބައްޕަ ހީކުރީ މިއީ ދަރިފުޅުވެސް ބޭނުންވާ ގޮތްކަމަށް.. އީކްއާ އިންނަން އެންމެ ފުރަތަމަވެސް ރުހޭނީ އީވާން ކަމަށް.. މިހުރިހައި ދުވަހު އީވާން އެންމެ އިންތިޒާރުކުރި ކަމަކީވެސް މިއީ ކަމަށް.." މަޑުމައިތިރި ރާގަކަށް ނާއިފް ބުނެލިއެވެ. އެދަރިފުޅުގެ ލޯބި އޭނާއަށް ކާމިޔާބުވާން ނާއިފްގެ ހިތް ނުހަނު އެދެއެވެ. ލައްކަ ދުވަހު އޭނާގެ ލޯބިވާ ދަރިފުޅު ހިތާމަވެސް ކޮށްފިއެވެ. އުފަލުން ހިނިތުންވެފައި ހުއްޓައި އޭނާއަށް އީވާން ފެންނާނީ ކޮންދުވަހަކުން ހެއްޔެވެ؟
"އަޅުގަނޑު އީކްދެކެ ލޯބިވޭ.. ވަރަށް ލޯބިވޭ.. މިހިތަށް ތަދުވާވަރު އެންމެ ރަނގަޅަށް އިހުސާސުވާނީ އަޅުގަނޑަކަށްނު.. އެކަމަކު.. އަޅުގަނޑުގެ ލޯތްބަކީ އެއްވެސް އަމިއްލަ އެދުމެއްނެތް ލޯތްބެކޭ ބައްޕާ.. އީކްގެ ހާލު އަޅުގަނޑަށް ވިސްނޭ.. އިހުސާސުވޭ.. އަޅުގަނޑު އެދެނީ އީކް އަބަދުވެސް އުފަލުގައި ހުރުން.." ދުރަށް ނަޒަރު ހުއްޓައިލައިގެންހުރި އީވާންގެ އަޑުގައިވި މާޔޫސްކަން ނާއިފަށް އިހުސާސުވިއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު އެތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. އީވާނަކީ އަބަދުވެސް އެހެން މީހުންގެ އިހުސާސުތައް ކުރިއަށް ނެރޭ ޒުވާނެއްކަން އޭނާއަށް އޮޅިފައެއް ނެތެވެ.
"ދަރިފުޅާމެދު ބައްޕަ ފަޚުރުވެރިވޭ.. ތިފަދައިން ތެދުހިތުން މިޒަމާނު ލޯބިވާނީ މަދު މީހެއް.." މަޑުމަޑުން އައިސް އީވާން އޭނާއާ ދިމާއަށް އަނބުރައިލަމުން ފެންކަޅިވެފައިހުރި ނާއިފް ބުނެލީ ހިނިތުންވެލައިގެން ހުރެއެވެ. އެތަންފެނި އީވާންގެ ތުންފަތުގައިވެސް ހިނިތުންވުމެއް ދުވެލިއެވެ.
"ތިހައި ލޯބިވާއިރުވެސް.. އަމިއްލަ އެދުން އިސްކޮށް އީކްއާ ކައިވެނިކުރަން ފުރުސަތު ލިބުމުންވެސް.. ދަރިފުޅު ތިޚިޔާރުކުރީ އީކްގެ ހަމަޖެހުން.. ހަގީގަތުގަވެސް ބައްޕަގެ ދަރިފުޅާމެދު މިއަދު ނުހަނު ފަޚުރުވެރިވެއްޖެ.." އީވާންގެ ކޮނޑުގައި ނާއިފް ޖަހައިލިއެވެ.
"އެކަމަކު.. ދެން ހައިތަމްއަށް ބައްޕަ ދޭންވީ ކޮންޖަވާބެއް.." އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ނާއިފް އަހައިލިއެވެ. އެއީ ހައިތަމް ނުހަނު ބޭނުންވެގެން އޭނާގެ ކިބައިން އެދުނު އެދުމެކެވެ. އެ އެކުވެރިޔާގެ އެދުން ފުރިހަމަކޮށްދޭން ނާއިފް ނުހަނު ބޭނުންވެއެވެ.
"އަޅުގަނޑު އީކްއާ.. ވަކިން ވާހަކަދައްކާލަން ބޭނުން.. އޭގެފަހުގަ ބައްޕައަށް ތިކަމާ ގުޅިގެން ޖަވާބެއް ދިނަސް އެންމެ ރަނގަޅުތަ؟ އީކް އެދޭގޮތް ޔަގީންކޮށްފަ ނޫނީ އެއްވެސް ގޮތެއް ނިންމާކަށް އަޅުގަނޑު ބޭނުމެއްނޫން.." ނާއިފްގެ މޫނަށް ވެރިވި ކުލަވަރު ރަނގަޅަށް ވިސްނުނު މީހަކުފަދައިން އީވާން ބުނެލިއެވެ. ހައިތަމް ކުރިމަތީގައި ހަގީގަތް ފައުޅުކުރަން ނުކެރުނަސް ފަހަރުގައި އޭނާގެ ކުރިމަތީގައި އެކައިވެންޏަށް އީކް އިންކާރު ކޮށްފާނެއެވެ. ގަދަބާރުން މަޖުބޫރުކޮށް އެއަންހެންކުއްޖާ ހާސިލް ކުރާކަށް އީވާން ނޭދެއެވެ. އީކްއާ ޚުދު އަމިއްލައަށް އެވާހަކަތައް ދައްކައި ޔަގީންކުރަން އީވާން ހުރީ ބޭނުންވެފައެވެ. ހިތް އެކައިވެންޏަށް ނުހަނު އެދުނަސް، އީކް ދެކޮޅުހަދައިފިނަމަ އޭނާ އެކައިވެނި ހުއްޓުވާނެކަން އެއީ ޔަގީން ކަމެކެވެ. ހުރިހައި ކަމަކަށްވުރެ ވެސް ބޮޑަށް އޭނާއަށް މުހިންމީ އީކް އުފައުވެ ހަމަޖެހިފައި ހުރުމެވެ.
އީވާނަށް ބަލަން ހުރި ނާއިފް އެންމެ ރަނގަޅޭބުނެ ބޯޖަހައިލިއެވެ. އެމީހުނަށް ނޭނގުނީ އެދެމެދުގައި ދެކެވުނު ވާހަކަތައް އެހެން މީހަކަށް އަޑު އިވުނުކަމެވެ. އީވާންގެ ވާހަކަތަކުން އެމީހެއްގެ ހިތަށްވެސް އިންތިހާއަށް އަސަރުކުރުވި ކަމެވެ. ނާއިފް އެވަގުތު ދޮރުލައްޕައިލިއިރު އެދޮރު ރަނގަޅަށް ނުޖެހި އިންކަމެއް އޭނާ ނުދެނަހުއްޓެވެ. ހުޅުވިފައިވި ހަނި ދޭތެރެއިން އެމީހަކު ބަލަން ހުރީ ސިއްރު ސިއްރުންނެވެ. އިވުނު ވާހަތަކާމެދުގައި ޔަގީންނުވެފައި ހުރިކަން އެމީހެއްގެ މޫނުމަތިން ފައުޅުވާން ހުއްޓެވެ.
* * * * *
ގޭގެ ބިތްދޮށް ފަރާތުގައިހުރި ބިޔަ ގަހުގެ ތިރީގައި ޖަހައިފައިހުރި ލަކުޑި ބެންޗުގައި އިނށީދެލައިގެން އީކް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އީވާންގެ ދުލުން ބޭރުވި ކޮންމެ ލަފުޒެއް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައީ އިންތިހާއަށެވެ. އެފަދަ ދަރަޖައަކަށް އީވާން އޭނާދެކެ ލޯބިވާކަން އެނގުމުން އީކްގެ ހިތަށް ކޮށްފައިވަނީ ބަޔާން ކުރަން ދަތި އިހުސާސެކެވެ. ހައިތަމް ބުނިހެން އޭނާއަށް އެކަން ކުރިން ނުވިސްނުނީ ކީއްވެހެއްޔެވެ؟ ނާއިފް ކުރިމަތީގައި އީވާން އެފަދައިން އޭނާގެ އިހުސާސުތައް އިސްކޮށް ވާހަދެއްކުމުން އެހިތުގައި އޮތް ލޯބީގެ ސާފުކަން އެނގި ހާމަވެއެވެ. އެފަދަ ލޯތްބަކަށް އިންކާރު ކުރާނެހައި ވަރެއް އީކްގެ ކިބައިގައި ނެތެވެ. ހައިތަމްގެ ވާހަކަތަކާއި މެދުގައި އޭނާވެސް ވަރަށް ވިސްނައިފިއެވެ. ކޮންމެވެސް ދުވަހަކުން އަލުން ދިރުއުޅުމެއް ފަށަންޖެހޭނެކަން އޭނާ ވެސް ގަބޫލުކުރެއެވެ. އެދުވަހާއި މިހައި އަވަހަށް ބައްދަލުވެދާނެކަމަށް ކުރިން ހީނުކުރިއަސް މިއަދު ދިރިއުޅުން މިވަނީ އެހާލަތާއިވެސް އޭނާ ކުރިމަތިކުރުވާފައެވެ. ވިސްނުމަށްފަހު ރަނގަޅު ނިންމުމެއް ނިންމުން މިއަދު އޭނާއަށް މަޖުބޫރެވެ. ފަހުން ހިތާމަކުރަން ޖެހިދާނެފަދަ ނިންމުމެއް ނިންމާކަށް އީކް ނޭދެއެވެ. އެކަމާއި މެދުގައި އޭނާއަށް އެހައި ބޮޑަށް ވިސްނެމުންދިޔައީވެސް އެހެންވެއެވެ.
"އީކް.." ފަހަތުން އިވުނު އީވާންގެ އަޑާއެކު ސިހިފައި ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަވަސް އަވަހަށް އީކް ފުހެލިއެވެ. ކިތަންމެ ސިއްރުން އެކަރުނަތައް ފުހެލި ނަމަވެސް އީވާނަށް ސާފުކޮށް އެތަން ފެނުނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން މަޑުމަޑުން އައިސް އީކްއާ ޖެހިގެން ބެންޗުގައިހުރި ހުސް ޖާގައިގައި އީވާން އިނށީނެވެ. ދުރުން ފެންނަންހުރި މަންޒަރަށް ދެލޯ އަމާޒުކޮށްލައިގެން ޖެހި ބުދެއްހެން އީކް އިނީ ގުޑިލަންވެސް ނުކެރިފައެވެ. އެހެން ފަހަރުތަކާ ޚިލާފަށް އީވާން ގާތުގައި ހުރުމުން އީކްއަށް ކުރެވެމުންދިޔަ އިހުސާސުތައް ތަފާތުވެފައި ވިއެވެ. ހިތުގެ ހިނގުން އަވަސްވެގެން އައީ އިންތިހާއަށެވެ. މަޑު ތުރުތުރެއް ހަށީގައި އުފެދިފައިވީއިރު، އީކް އިނީ ކޮންމެވެސް ވަރަކަށް ޖެހިލުންވާގޮތް ވެފައެވެ.
"އަހަރެން ވާހަކައެއް ދައްކާލަން ބޭނުން.." އީކް އެކޭ އެއްފަދައިން ދުރަށް ބަލަންއިނދެ އީވާން ބުނެލިއެވެ. ހިންދިރުވައިލަމުން މަޑުމަޑުން އީކް ބޯޖަހައިލީ އެކަމަށް ހުއްދަދޭ ފަދައިންނެވެ.
"ވާހަކަ ދިގު ކުރާކަށް އަހަރެން ނެތިން.. މިކައިވެންޏަކީ.. އީކް.. ބޭނުންވެގެން ކުރަން އެއްބަސްވި ކައިވެންޏެއްތަ؟ ޕްލީޒް.. ތެދުބަހުން އަހަންނަށް ޖަވާބު ދޭތި.. އެއްވެސް މަޖުބޫރުކަމެއް އީކް އަށް އޮވެގެންތަ އެއްބަސްވީ؟" އީވާންގެ ސުވާލުތަކާއެކު އީކްއަށް އިސްޖަހައިލަމުން ދެލޯ މަރައިލެވުނެވެ. އެތަންފެނި އީވާންގެ ހިތަށް ތަދުވެލިއެވެ. އީކްއާ ދިމާއަށް ކުޑަކޮށް އެނބުރިލަމުން އެކުޑަ ދަތްދޮޅީގައި ހިފައި އީވާން މަޑުމަޑުން އީކްގެ އިސްއުފުލައިލިއެވެ. ހަތަރުކަޅި ބައްދަލުވެގެން ދިޔަހިނދު ދެހިތަށްވެސް ކުރުވީ ތަފާތު އިހުސާސެކެވެ.
"ޓެލް މީ އީކް.. އީކް ބޭނުންވާގޮތެއް އަހަރެން ގާތު ސާފުކޮށް ބުނެބަލަ.. އީކް އެދުނު ގޮތަކަށް މިކަން ނިމިދާނީ.. އެޔަގީންކަން އަހަރެން ދެން.. އެއްވެސް ކަމަކާ ޖެހިލުންނުވޭ.. މިކައިވެންޏަށް އީކް ތައްޔާރު ނޫނިއްޔާވެސް ބުނެބަލަ.. އަހަރެން ވަގުތުން މިކަން ހުއްޓުވާނަން.." އީކްގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގެން އައީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އީވާންގެ ވާހަކަ ހުރިގޮތުން އެހިތުގައި އޭނާގެ މައްޗަށް އޮތް ޤަދަރު އެތައް ތަނެއް އުފުލިގެން އައެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އީކް އިންދައި ދެލޮލަށް ބޮނޑިވެފައިވި ކަރުތަނައް އޭގެ މަގާމުދޫކޮށް އެމަޑު ކޯތާފަތުގައި ބޮސްދެމުން ތިރިއަށް އޮހޮރިގަތެވެ. އެތަންފެނި އީވާނަށް ހިންދިރުވައިލެވުނީ ހިތަށް ކުރުވި ފުން އަސަރުންނެވެ.
* * * * *
"ލީން.." ކެބިންއިން ނުކުމެ ކުރިއަށް ހިނގައިގަތް އިވްލީނާ އަރައި ހަމަކުރަމުން ޝަމްއަލް ގޮވައިލިއެވެ. ހައިރާންވެފައި ހުރިފިޔަވަޅު މަތީގައި އިވްލީނަށް ހުއްޓެވުނީ ކުއްލިއަކަށެވެ. ފަހަކަށް އައިސް ޝަމްއަލް އޭނާއަށް މާބޮޑަށް ސަމާލުކަން ދޭހެން އިވްލީނަށް ވަނީ ހީވެފައެވެ. އެފަދައިން ޝަމްއަލްގެ އަމަލުތައް ހުރުމުން ގަބޫލުކުރަން އިވްލީނަށްވެސް ހުރީ ދަތިވެފައެވެ. ސުވާލު އުފެދުނަސް އެއިން އެއްވެސް ކަމެއް އިވްލީން ހާމައެއް ނުކުރެއެވެ. އެހައްޤު އޭނާއަށް އޮތްކަމަކަށްވެސް އޭނާ ނުދެކެއެވެ.
"ބްރޭކަށް ދޯ ތިދަނީ.." އިވްލީންގެ މޫނަށް ނަޒަރު ހުއްޓައިލައިގެންހުރެ ޝަމްއަލް އަހައިލިއެވެ. މަޑުމަޑުން ބޯޖަހައިލަމުން އަނެއްކާވެސް ކުރިއަށް އިވްލީން ހިނގައިގަތެވެ. އޭނާއާ އެއްހަމައެއްގައި ހުރެ ޝަމްއަލްވެސް ހިނގައިގަތީ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެފައި ހުރެއެވެ.
"މިތާ ކައިރި ރެސްޓޯރެންޓަށް އަހަންނާއެކު ކެއުމަކަށް ދައުވަތު ދީފިއްޔާ ދާނަންތަ؟ މިބުނީ މިގަޑީގަ.. އަހަރެންވެސް ބްރޭކް ގަޑި ވީމަ.. ވަރަށް ހައިވެފަ މިހުރީ.." އިވްލީން ބަލައިލި ގޮތުން އަނގައޮޅޭގޮތްވެ އަވަސް އަވަހަށް ޝަމްއަލް ބުނެލިއެވެ. އިވްލީނަށް ކެއުމަށް ދައުވަތު ދޭން ބޭނުންވިއަސް ޝަމްއަލްއަށް ބުނެވުނީ އެހިތުގައި ރާވައިގެން އައި ގޮތަކަށް ނޫނެވެ. އޭނާ އެއައީ އެތައް އިރަކު އިވްލީންކުރެ އެކަމަށް އެދޭނެގޮތްވެސް ފަރިތަ ކޮށްފައެވެ. ނަމަވެސް އެތޫނު ކަޅިރަވަ އަމާޒުވުމުން އެހުރިހައި އެއްޗެއް ޝަމްއަލް ހަނދާން ނެތުނީ ހިނދުކޮޅެއްގެ ތެރޭގައެވެ. އަޖައިބެކެވެ. މިއީ އެހެންޏާ އޭނާއަށް ނުވާ ގޮތެކެވެ. ކުޑަކޮށް ކަރުކެހިލަމުން ގަދަކަމުން ޝަމްއަލް ހިނިތުންވެލީ އެއަސަރުތައް ފޮރުވައިލުމުގެ ގޮތުންނެވެ.
ދޭނެ ޖަވާބަކާއި މެދުގައި ވިސްނަން އިވްލީނަށް އިރުކޮޅަކު ހުރެވުނެވެ. ހީވެސް ނުކުރާ ކަމަށް ޝަމްއަލް އެދުމުން އޭނާ ހުރީ ހަގީގަތުގައިވެސް ހައިރާން ވެފައެވެ. ތުންފަތް ހެފެމުންދިޔައީ އެކިގޮތްގޮތަށް ވިސްނުމަށްފަހުވެސް ނިންމާނެ ގޮތެއް ނޭނގުމުންނެވެ. ޝަމްއަލްއާ ޖެހެމުން އޭނާއަށް އެވާގޮތެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ ޔަގީންކަން ނެތި ދަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
"ތިހާ ވަރަށް ނުވިސްނާ އެއްބަސްވެބަލަ.. ކުރިންވެސް އަހަރެމެން އެކުގައި ބްރޭކަށް ދަމެއްނު.. އެހެންމަ މިހާރު ކީއްވެ ވަކި ނުދެވެންވީ..؟" އިވްލީން ނޫނެކޭ ބުނެފާނެތީ ކަންބޮޑުވެފައި ހުރެ ޝަމްއަލް ބުނެލިއެވެ. އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު އިވްލީން ބޯޖަހައިލީ އެކަމާއި މެދުގައި ޔަގީންނުވެފައި ހުރެއެވެ. "ތިބުނީ ދާނަމޭތަ؟" ޔަގީންކޮށްލުމުގެ ގޮތުން ޝަމްއަލް އަހައިލިއެވެ. ދެންވެސް އިވްލީން ހަމައެކަނި ބޯޖަހައިލީއެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމުގައި ޝަމްއަލްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.
* * * * *
އީކްގެ ދެލޮލުން އޮހޮރެމުންދިޔަ ހިމޭންކަރުނަތައް ބަލަން ދަތިވެ އިންތަނުން އީވާން ތެދުވިއެވެ. އެއާއެކު ތެޅިގަންނަމުން އީވާންގެ އަތުގައި ކުއްލިއަކަށް އީކް ހިފައިލިއެވެ. ކިހިނެއްވީހޭ އަހައިލަމުން ކުރިން އިންތަނުގައި އީވާނަށް އިނށީދެވުނީ އީކްއަށް ކަމެއްވީކަމުގައި ހީކޮށެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އަވަސް އަވަހަށް އަތުގެ ނުފުށުން އީކް މޫނުމަތި ފުހެލިއެވެ. އަދި އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން އީވާނާ ކުރިމަތިލިއެވެ. އެހުރިހައި އިރު އީކްއަށް ބަލަހައްޓައިގެން އީވާން އިނީ ސުވާލުއުފެދިފައެވެ.
"އީކް.. ވަޓްސް ރޯންގް؟" ގަދަކަމުން ހިނިތުންވެލަމުން އީކް ދެފަރާތަށް ބޯހޫރައިލީ ކަމެއްނުވާ ކަމުގައި ބުނުމުގެ ގޮތުންނެވެ. އަދި އަވަސް އަރުވައިލައިފައި އަތުގައި އޮތް ފޯނުގައި އޭނާ އެއްޗެއް ޓައިޕް ކޮށްލަމުން އީވާނަށް ފޯނު ދިއްކޮށްލިއެވެ. އެފޯނުގައި އޭނާ ހިފީ ހިތްއަވަސްވެފައި އިނދެއެވެ. އީކް ލިޔެފައިވި ކުރު އިބާރާތްކޮޅަށް އީވާންގެ ދެލޯ އަމާޒުވެލި ހިނދު މީހާ ދެލޯބޮޑުވެ ގަނޑުވާގޮތްވިއެވެ. ލިބުނު ސިހުމާއެކު އޭނާއަށް އީކްގެ މޫނަށް ބަލައިލެވުނީ އެފަދަ އެއްޗެއް އީކް ބުނުމުން ހައިރާންވީ ވަރުންނެވެ. އީވާންގެ ޖަވާބެއްގެ އިންތިޒާރުގައި އީކް އިންގޮތްފެނި އަނެއްކާވެސް އޭނާއަށް އަތުގައިއޮތް އީކްގެ ފޯނަށް ނަޒަރު ހުއްޓައިލެވުނެވެ.
"އީވާން ހަގީގަތުގަވެސް އަހަރެންދެކެ އެހައި ލޯބިވޭތަ؟ ޕްލީޒް ދޮގުނުހަދާ ތެދުބަހުން އަހަރެންގެ މިސުވާލަށް ޖަވާބުދީބަލަ.. އޭގެ ފަހުގަ އީވާންގެ ސުވާލުތަކަށް އަހަރެން ޖަވާބުދޭނަން.." އީކް ލިޔެފައިވި ލިޔުންކޮޅު އެތައް ފަހަރަކު އީވާނަށް ކިޔުނެވެ. ދޭނެ ޖަވާބެއް ނުވިސްނިފައި އޭނާ އިންނަން ފެށުމުން އީވާންގެ އަތުގައި ހިފައި މަޑުމަޑުން އީކް ތަޅުވައިލިއެވެ. ދުރަށް ބަލައިލުމާއެކު އީކް އަތަށް އީވާން ފޯނު ދިއްކޮށްލިއެވެ. އީކް އެދުނު ފަދައިން އެސުވާލަށް ތެދުބަހުން ޖަވާބު ދޭން އޭނާގެ ހިތް އެދި ގޮވަމުންދިޔައެވެ.
ހަގީގަތް އެނގުނު ނަމަވެސް އީކް ބޭނުންވީ އޭނާގެ ކުރިމަތީގައި އެލޯތްބަށް އީވާން އިއުތިރާފު ވާށެވެ. އޭނާގެ ކުރިމަތީގައި އެދެލުން އީވާން ހަގީގަތް ހާމަކުރާއަޑު އަހައިލަން އޭނާގެ ހިތް އެދެމުންދިޔައީ ކީއްވެކަމެއް ނުވިސްނުނަސް، ހިތުގެ އެދުމަށް ދެކޮޅުހަދަން އީކް ވެސް ބޭނުންނުވީއެވެ. އެސުވާލު އީވާނާ އޭނާ ކުރީ އެހެންވެއެވެ. އީވާންގެ ޖަވާބެއްގެ އިންތިޒާރުގައި ހިތްއަވަސްވެފައި އީކް އިނެވެ. އެންމެ ހިނދުކޮޅަކަށްވެސް އީވާންގެ މޫނުން އޭނާގެ ނަޒަރު ވަކިނުވެއެވެ. އެމޫނަށް ވެރިވާ ކޮންމެ ކުލަވަރެއް ގާތުން ދުށުމަށް ބޭނުންވެފައި އީކް އިން ކަހަލައެވެ.
"އާން.. އަހަރެން.. އަހަރެން... އީކް ދެކެ ވަރަށް ލޯބިވޭ.. ބުނެދޭންވެސް ނޭނގޭ ވަރަށް ލޯބިވޭ.. މިހިތުގަ ތިނަން ފެވުނީ ކޮންއިރަކުކަން ނޭނގުނަސް.. އަހަންނަށް އެނގޭހައިވެސް އެއްޗަކީ މުޅި އުމުރުދުވަހުވެސް އަހަރެން ލޯބިވި ހަމައެކަނި އަންހެންކުއްޖަކީ ތިއީ ކަން... ތިނޫން އެހެން މީހަކަށް އަހަރެންގެ މިބަސްނާހާ ހިތް ނޭދޭކަން.. މިހިތުގަ އަބަދުވެސް ރަނިކަން ކުރަމުންއައި މަލިކާ އަކީ ހަމައެކަނި ތިއީ ކަން.. އައި ރިއަލީ ލަވް ޔޫ އީކް.. އައި ލަވް ޔޫ ވިތް އޯލް މައި ހާރޓް.. އީކްގެ ޚިޔާލަށްވެސް ނުގެނެވޭނެހައި ބޮޑަށް ލޯބިވޭ.. އައި ލަވް ޔޫ މޯރ ދޭން އެނީ ވޯރޑްސް ކެން އެވަރ ޑިސްކްރައިބް.." ދުރަށް ހުއްޓައިލައިގެންހުރި އީވާންގެ ދެލޯ ލަސްލަހުން އައިސް އީކްގެ މޫނަށް ހުއްޓުނެވެ. ދެލޯބޮޑުވެފައި އީވާނަށް ބަލަން އީކް އިނީ އިވުނު ބަސްތަކުން ހިތަށް އަސަރުކުރި ވަރުންނެވެ. އީވާންގެ ދެލޮލާއި އީކްގެ ދެލޯ ބައްދަލުވި ހިނދު ދެހިތުގެ ތެޅުން އިންތިހާއަށް އަވަސްވެލިއެވެ. ދެމީހުންކުރެ އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގި ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. ކަރުނަތައް ވިދަމުންދިޔަ ދެލޮލުން އީވާނަށް ބަލަން އިނދެ އީކްއަށް ހިނިތުންވެލެވުނީ ބޭއިޚުތިޔާރުގައެވެ. ހިތަށް ވެރިވި ފޮނިމީރުކަމުގެ ފަހަތުގައިވި ސަބަބު ދެނެގަތުމަށް ނުކުޅެދުނަސް، އީވާންގެ ބަސްތަކުން ޒަޚަމްވެފައިވި އެހިތަށް ޝިފާއެއް ލިބިއްޖެކަން ކަށަވަރެވެ.
(ނުނިމޭ)




3 Responses
Varah reethi dhen oeh bayah
inthizaarukuran
އަނެއް ޕާޓް އަޕް ކުރާނީ ކޮންއިރަކުތަ؟؟
ވާއު