"އާން.. އަހަރެން.. އަހަރެން... އީކް ދެކެ ވަރަށް ލޯބިވޭ.. ބުނެދޭންވެސް ނޭނގޭ ވަރަށް ލޯބިވޭ.. މިހިތުގަ ތިނަން ފެވުނީ ކޮންއިރަކުކަން ނޭނގުނަސް.. އަހަންނަށް އެނގޭހައިވެސް އެއްޗަކީ މުޅި އުމުރުދުވަހުވެސް އަހަރެން ލޯބިވި ހަމައެކަނި އަންހެންކުއްޖަކީ ތިއީ ކަން... ތިނޫން އެހެން މީހަކަށް އަހަރެންގެ މިބަސްނާހާ ހިތް ނޭދޭކަން.. މިހިތުގަ އަބަދުވެސް ރަނިކަން ކުރަމުންއައި މަލިކާ އަކީ ހަމައެކަނި ތިއީ ކަން.. އައި ރިއަލީ ލަވް ޔޫ އީކް.. އައި ލަވް ޔޫ ވިތް އޯލް މައި ހާރޓް.. އީކްގެ ޚިޔާލަށްވެސް ނުގެނެވޭނެހައި ބޮޑަށް ލޯބިވޭ.. އައި ލަވް ޔޫ މޯރ ދޭން އެނީ ވޯރޑްސް ކެން އެވަރ ޑިސްކްރައިބް.." ދުރަށް ހުއްޓައިލައިގެންހުރި އީވާންގެ ދެލޯ ލަސްލަހުން އައިސް އީކްގެ މޫނަށް ހުއްޓުނެވެ. ދެލޯބޮޑުވެފައި އީވާނަށް ބަލަން އީކް އިނީ އިވުނު ބަސްތަކުން ހިތަށް އަސަރުކުރި ވަރުންނެވެ. އީވާންގެ ދެލޮލާއި އީކްގެ ދެލޯ ބައްދަލުވި ހިނދު ދެހިތުގެ ތެޅުން އިންތިހާއަށް އަވަސްވެލިއެވެ. ދެމީހުންކުރެ އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގި ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. ކަރުނަތައް ވިދަމުންދިޔަ ދެލޮލުން އީވާނަށް ބަލަން އިނދެ އީކްއަށް ހިނިތުންވެލެވުނީ ބޭއިޚުތިޔާރުގައެވެ. ހިތަށް ވެރިވި ފޮނިމީރުކަމުގެ ފަހަތުގައިވި ސަބަބު ދެނެގަތުމަށް ނުކުޅެދުނަސް، އީވާންގެ ބަސްތަކުން ޒަޚަމްވެފައިވި އެހިތަށް ޝިފާއެއް ލިބިއްޖެކަން ކަށަވަރެވެ.
އީކް ހިނިތުންވެލިތަން ފެނި އީވާންގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އިސްޖަހައިލެވުނީ އެނާއަށް ބުނެވުނު ވާހަކަތަކާއި މެދުގައި ވިސްނައިލަމުންނެވެ. ދުވަހެއްގެ ކޮޅުންވެސް އީކްގެ ކުރިމަތީގައި އޭނާގެ ހިތުގައިވީ ލޯތްބަށް އެފަދައިން އިއުތިރާފު ވެވިދާނެކަމަށް އީވާން ހިއެއްނުކުރެއެވެ. އެހެނަސް ހިތުގެ ސިއްރު ދުލުން ބޭރުވުމުން ހިތަށް ހަމަޖެހުން ލިބުނެވެ. ބޮޑު ބުރައެއް ބޮލުން އުފުލިގެންދިޔަފަދަ އިހުސާސެއް ކުރެވުނެވެ.
އީވާން އިސްޖަހައިލުމުން އީކްވެސް ދުރަށް ނަޒަރު ހުއްޓައިލިއެވެ. އީވާންގެ ވާހަކަތަކާމެދު ވަރަށް ފުންކޮށް އީކް ވިސްނައިލިއެވެ. ހައިތަމް ބުނިފަދައިން އީވާން ލޯބިވާވަރަށް އޭނާދެކެ ލޯބިވާނެ އިތުރު މީހަކާއި ބައްދަލުވެދާނެކަމަށް އޭނާއަށް ޝައްކެވެ. އެހިތުގައިވި ސާފު ލޯބި އޭނާއަށް އެނގި ހާމަވެއްޖެއެވެ. ދާންވީ މަގު ނުހަނު ސާފުކޮށް އޭނާގެ ކުރިމަތީގައި އެއޮތީ ފެންނާށެވެ. ހަށިފުރާ ނޭވާއެއް އީކް އަށް ދޫކޮށްލެވުނެވެ. ނިންމަން ކިތަންމެ އުނދަގޫ ނިންމުމަކަސް އޭނާއަށް މިއަދު މިނޫން ގޮތެއް ނެތެވެ. އައު ދިރިއުޅުމެއް އީކް ވެސް ފަށަން ބޭނުންވަނީ ގޮތް އެނގޭ އިތުބާރުކުރެވޭފަދަ މީހަކާ އެކުއެވެ.
އަތުގައި އޮތް ފޯނުގައި އެއްޗެހިތަކެއް ލިޔެލުމަށްފަހު އީވާނަށް އޭނާ ދިއްކޮށްލިއެވެ. އޭގައި ހިފުމާއެކު އަވަސް އަވަހަށް އީކް ލިޔެފައިވި ލިޔުންކޮޅު އީވާން ކިޔަން ފެށިއެވެ.
"ތެދަށް ބުނާނަމަ އައު ދިރިއުޅުމެއް ފެށުމަކީ އަހަންނަށްވެސް މާ ފަސޭހަކަމެއް ނޫން.. މާޒީއިން އަރުތެރޭގައި ލައްވައިލި ހިތިރަހަ އަދިވެސް އަހަރެންގެ ކަރުބުޑުން ފިލައިނުދޭ.. އެހެނަސް.. އައު ހަޔާތެއް ފެށުމަކީވެސް ކޮންމެވެސް ދުވަހަކުން އަހަރެން ކުރަން ޖެހޭނެކަމެއްކަމަށް ގަބޫލުކުރަން.. ދުވަހަކުވެސް އެބައްޕަގެ އެދުމެއްގައި އަހަރެން ކޮޅުފައިޖަހައިފައެއް ނޯންނާނެ.. ބައްޕަ އެދުނު ކޮންމެ ކަމެއް ފުރިހަމަކޮށްދޭން އަހަރެން މަސައްކަތް ކުރަން.. އެކަމަކު އޭގެ މާނައެއް ނޫން އަހަރެންނަށް އެއްވެސް ކަމަކަށް ބައްޕަ މަޖުބޫރުކުރާނޭ.. އަހަރެންގެ ބައްޕައަކީ އެފަދަ މީހެއްނޫން.. އީވާންއާ ކައިވެނިކުރަން އަހަރެންގެ ގާތުން އެދުނަސް ބައްޕަ ބުނި އަހަރެންނަށް އެއްވެސް މަޖުބޫރުކަމެއް ނެތޭ.. އެހެންވީމަ މިކައިވެންޏާ އަހަރެން ގަބޫލުވީ އަހަރެންގެ އަމިއްލަ ރުހުމުގަ.. އެތައް ގޮތަކަށް ވިސްނުމަށްފަހު.. އީވާން.. ފަހަރުގަ މިއީ ބައްޕަ އަހަރެންގެ ފަރާތުން އެދޭ އެންމެ ފަހުގެ އެދުމަށްވެސް ވެދާނެ.. ކޮންމެ ހާލަކުންވިއަސް ބައްޕަގެ މިއެދުން ފުރިހަމަކޮށްދޭން އަހަރެން ބޭނުން.. އީވާންއާ.. ކައިވެނިކުރަން.. އަހަރެން ބޭނުން.." ފޯނުގެ ސްކްރީނަށް ހުއްޓިފައިވި ދެލޯ އީކްގެ މޫނަށް ހުއްޓައިލަމުން އީވާން ލަސްލަހުން ބޯޖަހައިލިއެވެ. އީކްގެ ވާހަކަތަކަށް އެއްބަސް ވުމުގެ ގޮތުންނެވެ. ނަމަވެސް ހިސާބެއްގެ ނުތަނަވަސްކަމެއް އަދިވެސް އެމޫނުން ފައުޅުވާން ހުއްޓެވެ. އަދިވެސް އެނިންމުމާއި މެދުގައި އޭނާ ވިސްނަމުންދިޔަ ކަހަލައެވެ.
އީވާން ދިއްކޮށްލި ފޯނުގައި އަނެއްކާވެސް އެއްޗެއް ލިޔެލަމުން އީވާން އަތަށް އީކް ދިނެވެ. ހަމަހިމޭންކަމުގައި އިނދެ އީކް ބުނަން ބޭނުންވެފައިވި ވާހަކަތައް އީވާން ކިޔަމުންދިޔައެވެ.
"އަހަންނަށް.. އީވާނަށްޓަކައި އެންމެ ފުރިހަމަ އަނތްބަކަށް ނުވެވިދާނެ. އެކަމަކު އަހަރެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެން.. މިކައިވެނި ދަމަހައްޓަން އަހަރެންނަށް ވީވަރަކުން މަސައްކަތް ކުރާނަން.. އެހެނަސް.. އަދި.. އަހަންނަށް ވަގުތު ބޭނުންވޭ.. އަހަރެން އެދޭފަދައިން އީވާން އަހަންނަށް ވަގުތު ދޭނެކަމަށް ހީކުރަން.."
ފުންނޭވާއެއް ދޫކޮށްލަމުން އީކްއަތަށް ފޯނު ދިނުމަށްފަހު އިންތަނުން ތެދުވަމުން އީކްގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށް އީވާން ތިރިވެލިއެވެ. އަދި ނުހަނު ލޯބިން އެކުޑަ މޫނުކޮޅަށް ބަލައިލިއެވެ. އޭރު އީކްވެސް އިނީ ސީދާ އީވާނަށް ބަލަހައްޓައިގެންނެވެ. ފަނޑު ހިނިތުންވުމެއް އީވާންގެ ތުންފަތަށް ވެރިވިއެވެ.
"އީކް.. އަހަންނަށް އީކްގެ އިހުސާސުތައް އޮޅިފައެއްނެތް.. އެ އިހުސާސުތަކަށް އަހަރެން ޤަދަރުކުރަން.. އަހަންނަކީ އަމިއްލަ އެދުން އިސްކުރާނެ މީހެއްނޫން.. އީކް ނުރުހޭނެފަދަ އެއްވެސް ކަމެއް އިރާދަފުޅުން އަހަރެންގެ ފަރާތުން ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެން.. ކޮންމެ ގޮތަކަށް ކުރެވޭ ކައިވެންޏަކަސް، އީކްއަށް އަހަރެންގެ ފަރާތުން އެއްވެސް މަޖުބޫރުކަމަކާއި ކުރިމަތިލާކަށް ނުޖެހޭނެ.. އަމިއްލަ ނަފުސަށް ބޭނުންވާވަރަށް ވަގުތުދީ.. އިރާދަކުރެއްވިއްޔާ ތިހިތާމަތަކުން އަރައިގަތުމަށް އީކްއަށް އެހީވުމުގަ އަބަދުވެސް އެންމެ ގާތުގަ ހުރެދޭނަން.. ކިތަންމެ ދުވަހެއްވިއަސް އީކް އަހަންނަށް ބޭނުންވެގެން ތިއަތްތިލަ ދިއްކޮށްލާނެ ދުވަހަކަށް އަހަރެން ކެތްތެރިކަމާއެކު އިންތިޒާރުކުރާނަން.." އީވާންގެ ވާހަތަކުން އީކްގެ މޫނަށް ހަމަޖެހުން ވެރިވިއެވެ. ހިތުގައިވި ހާސްކަން ކޮންމެވެސް ވަރަކަށް ފިލައިދިޔައެވެ. ބޯޖަހައިލަމުން ގަދަކަމުން އީކްވެސް ހިނިތުންވެލީ އީވާން އޭނާއަށް ބަލަން އިނުމުންނެވެ.
* * * * *
"ސަރ.." ކްލާސް ނިންމުމަށްފަހު ނުކުންނަން އުޅުނު އީވާނަށް މާހާ ގޮވައިލީ ޖެހިލުންވެފައި ހުރެއެވެ. މާހާގެ ގާތުގައި މައިރާ އައިސް ހުއްޓިލުމާއެކު އޭނާއަށް ވަގުތުކޮޅެއް ދިނުމަށް މާހާ އެދުނެވެ. ސުވާލުގެ ނަޒަރަކުން އީވާނާއި މާހާއަށް ބަލައިލަމުން ކްލާހުން ނުކުންނަމުންދިޔަ ކުދިންތަކުގެ ފަހަތުން މައިރާ ވެސް ހިނގައިގަތެވެ. މޭޒުމަތީގައި ދެއަތް ވިއްދައިލައިގެން އީވާން ހުރީ މާހާ ދައްކާ ވާހަކައެއް އަޑުއެހުމުގެ ގޮތުންނެވެ. އަދި އޭނާގެ ހިތުގައިވި ކަންކަންވެސް މާހާއަށް ތެދުބަހުން ހާމަކުރަން ބޭނުންވެފައި ހުރުމުންނެވެ. އެއްވެސް ބޭކާރު އިންތިޒާރެއް އޭނާއަށްޓަކައި އަންހެންކުއްޖަކު ކުރާކަށް އީވާން ނޭދެއެވެ. ތެދުބަހުން ހުރިހައި ވާހަކަތަކެއް މާހާއަށް ކިޔައިދޭން އީވާން ބޭނުންވަނީ އެހެންވެއެވެ.
"ކުރިން ދުވަހު.. އަޅުގަނޑަށް... ކުރެވުނު ކަންތަކަށް މަޢާފަށް އެދެން.. އެދުވަހު އަޅުގަނޑަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫކަން ގަބޫލުކުރަން.. އެކަމަކު.. އަޅުގަނޑު ސަރގެ ކުރިމަތީގައި ފައުޅުކުރީ ދޮގު ވާހަކަތަކެއް ނޫން.. ހަގީގަތުގަވެސް.. އަޅުގަނޑަށް ސަރ ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ.." އަތުގައިހުރި ފޮތްތައް މެޔާލައި ބޮނޑިކޮށްލައިގެން މާހާ ހުރީ ހިތްތެޅެމުންދިޔަ ވަރުންނެވެ. އީވާންގެ ކުރިމަތީގައި އެފަދައިން ވާހަކަދައްކަން އޭނާ ހިތްވަރު ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެނަސް ކުރީ ދުވަހު ކަންތައްކުރެވުނު ގޮތުން ނަފުސަށް ވެރިވެފައިވި ލަދުވެތިކަން އެކަމަށް ހުރަސް އެޅީއެވެ.
"އިޓްސް އޯކޭ މާހާ.. ލޯބިވުމަކީ ކުށެއްނޫން.. އަހަރެންގެ ހިތުގަ މާހާގެ މައްޗަކަށް އެއްވެސް ބުރަކަމެއް ނެތް.. އެކަމަކު.."
"އެކަމަކު ކިހިނެއްވީ؟" ތުރުތުރުއަޅަމުންދިޔަ އަޑުން މާހާ އަހައިލިއެވެ.
"އަހަންނަށް މަޢާފުކުރޭ.. މާހާ އެދޭ އެދުން ފުރިހަމަކޮށްދެވޭކަށް ނެތް.. މާހާ އެކޭ އެއްފަދައިން އަހަންނަށްވެސް ވަނީ އަންހެންކުއްޖެއް ދެކެ އިންތިހާއަށް ލޯބިވެވިފަ.. މީގެ އެތައް އަހަރުތަކެއް ކުރިން.. އެލޯބި އަތުން ބީވިކަމަށް ހީކުރެވުނު.. އެކަމަކު ﷲ ގެ އިރާދަފުޅާއެކު އަހަންނަށް މިއަދު އެ ޙަޔާތުން ފުރުސަތެއް ލިބިއްޖެ.. މާހާ.. އައި އެމް ރިއަލީ ވެރީ ސޮރީ.. އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނިކުރަން.. މާހާއަށް ދެން އެންމެ ރަނގަޅުވާނީ އަހަރެންގެ މަތިން ހަނދާން ނައްތައިލުން.. ތިހިތު ޖެއްސުމުގެ ގަސްދެއް އަހަރެންގެ ނެތް.. އެކަމަކު.. ކޮންމެ ގޮތަކަށް އަހަރެން މިޚަބަރު ދިންކަމުގައިވިއަސް ތިހިތަށް ތަދުވާނެކަން އެނގޭ.. މަޢާފަށް މިއެދެނީ އެހެންވެ.." މާހާއަށް ބަލަން ހުރެ އީވާން ބުންޏެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ކްލާހުން ނުކުންނަން މާހާ ހިނގައިގަތެވެ. އިވުނު ވާހަކަތަކުން އެހިތުގައި ހަސަދައިގެ ގިނި ރޯވެ އަނދައިގަތެވެ. އެއަންހެންކުއްޖަކަށް ދުވަހަކު އުފަލެއް ނުލިބުމަށް އެދެވެމުންދިޔައެވެ. ހިތް ޒަޚަމްވިއަސް އަދިވެސް ބަލިގަބޫލުކުރުމުގެ ނިޔަތެއް މާހާގެ ނެތެވެ. އީވާން މީހެއްގެ ފިރިއަކަށްވިއަސް، އެލޯބި ހޯދަން އޭނާ މަސައްކަތް ކުރާނެއެވެ. އެވަގުތަށް އެއްޗެއް ނުބުނުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި މާހާ ދެކުނެވެ. އީވާން ފަސްދިނުމާއެކު މާހާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގަތެވެ. އޭނާގެ ގޮތް އަދި އީވާނަށް ނޭނގެނީއެވެ. އިންތިޒާރު ނުކުރާށޭ ބުނުމަކުން އަދި އެކަން ނިމުނީކީ ނޫންކަމުގައި މާހާ އަމިއްލަ ނަފުސަށް ބުނެލިއެވެ.
* * * * *
އީކްއާއި އީވާންގެ ކައިވެނީގެ ޚަބަރުން އެންމެ ބޮޑު ސިހުމެއް ލިބުނީ ޝަމްއަލް އަށެވެ. އޭނާއަށް އަންގައިލުމެއްވެސް ނެތި އީވާން އެހިސާބަށް ކަންތައް ގެންދިއުމުން ހިތުގައި ޝަކުވާ އުފެދުނެވެ. އެހެނަސް އޭނާ ހުރީ އެކުވެރިޔާއަށްޓަކައި އުފަލުންނެވެ. އެތައް ދުވަހަކު އެއެކުވެރިޔާ ދެކެމުންއައި ހުވަފެން ފުރިހަމަވާތަން ދުށުމަށް ޝަމްއަލް ނުހަނު އެދުނެވެ. އެތައް ނަސޭހަތެއް އީވާނަށް ދިނީ އަދިވެސް އީކްގެ ހާލަތު މުޅިން "ސްޓޭބަލް" ނޫންކަން ވިސްނައިދެމުންނެވެ. އީކްއާ މެދުގައި ކެތްތެރިވުމަށް ޝަމްއަލް އެދުނެވެ.
ދެއާއިލާގެ ރުހުމާއެކު ކައިވެނީގެ ތައްޔާރީތައް ކުރިއަށް ދިޔައެވެ. އެޚަބަރުވީ އިވްލީންވެސް ހައިރާން ކުރުވި ކަމަކަށެވެ. ހިނިއައިސްފައި އީކްއާ އެވާހަކަދެއްކިއަސް އީކްގެ ހިތުގައިވި ނުތަނަވަސްކަން އޭނާއަށް އިހުސާސުވިއެވެ. އިވްލީންގެ ވާހަކަތަކުން އީކްގެ ހިތަށް ހަމަޖެހުމެއް ގެނެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އީކްއަށް މިވަގުތު އެފަދަ ހިތްވަރެއް ބޭނުންވާނެކަން އޭނާއަށް ވިސްނުނެވެ. ކޮއްކޮއެއްގެ ނަޒަރުން އީކްއާ މެދުގައި ދެކެވެމުންދިޔައީތީ އީކް އަބަދުވެސް އުފަލުގައި ހުރުމަށް އޭނާއަށް އެދެވުނެވެ.
ރަންކިޔުމުގެ ހަފުލާ އާދައިގެ ގޮތަކަށް ނިމިގެންދިޔަސް، ކައިވެނީގެ ވަލީމާ ވަރަށް ކުލަގަދަކޮށް ބާއްވަން ނާއިފާއި ހައިތަމް ބޭނުންވިއެވެ. އެދެމީހުންގެ އެދުމަށް އީވާނާއި އީކްވެސް ގަބޫލުވިއެވެ. ހައިތަމް އުފަލުންގޮސް ހެވިފައި ހުންނަތަން ފެނުމުން އީކްގެ ހިތަށް ހަމަޖެހުން ލިބެއެވެ. އަބަދުވެސް ބައްޕަ އެގޮތުގައި ދެމިހުރުމަށް ތަކުރާރުކޮށް އެދެވުނެވެ. އޭނާގެ ސަބަބުން ބައްޕައަށް ލިބިފައިވި އުފައުވެރިކަން ފެނުމުން އޭނާގެ މުޅި ނަފުސަށް ލިއްބައިދެމުންދިޔައީ ތަފާތު އުފަލެކެވެ. އެބައްޕަގެ އެންމެ ފަހު ދުވަސްތައް އެތައް ހަނދާންތަކަކުން ފުރައިލުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ.
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުންދިޔައީ އެއްބައެއްގެ އިންތިޒާރަށް ނިމުން ގެނުވަމުންނެވެ. ކެތްތެރިކަމެއްނެތި އީވާން އިންތިޒާރު ކުރަމުން އައި ދުވަސް އައިއްޖެހުނުއިރު އޭނާއަށް ވެސް ވަނީ ހިސާބެއްގެ ހާސްކަމެއް ވެރިވެފައެވެ. ހަޔާތުން އައު ބާބެއް ފެށެން އުޅޭހިނދު ކޮންމެ މީހަކަށްވެސް އެފަދައިން އިހުސާސުކުރެވޭނެ ކަމުގައި ޝަމްއަލް ބުނެލިއެވެ. އީވާންގެ ކޮޓަރީގައި އޭނާ ތައްޔާރުވުމަށް އެހީތެރިވުމުގައި ޝަމްއަލް އުޅުނެވެ. ފަހު ކަމަކަށް ލައިގެންހުރި ހުދު ގަމީހުގެ މަތިން ކަޅުކުލައިގެ ކޯޓު އީވާން ލުމާއެކު އޭނާގެ ގަޔަށް ސެންޓްކޮޅެއް ޝަމްއަލް ޖަހައިލިއެވެ. އޭރުވެސް މެދުނުކެނޑި އޭނާ އަނގަތަޅަމުންދިޔައީ އީވާންއާ ދިމާކުރުމުގެ ގޮތުންނެވެ. ޝަމްއަލްގެ ވާހަކަތައް ހުރިގޮތުން ހިނިއައިސްފައި ދެފަރާތަށް އޭނާ ބޯހޫރައިލިއެވެ.
"މަނިކުފާނުގެ ވާން އުޅޭ އަނބިކަމަނާވެސް މިހާރު ތައްޔާރުވެ ނިމިދާނެ.. ތިރިއަށް ދާންޖެހޭ ގަޑިވެސް ޖެހުނީނު.." ލޯގަނޑުން ފެންނަމުންދިޔަ އީވާންގެ ސޫރައަށް ބަލަން ހުރެ ޝަމްއަލް ބުނެލިއެވެ. އީކްގެ ނަން ހިތަށް އެރުމާއެކު އީވާނަށް ހިންދިރުވައިލެވުނެވެ. އަދިވެސް ކައިވެނިކުރެވެން އުޅެނީ އެހިތުގެ މަލިކާއާ ކަމުގައި ގަބޫލުކުރަން އޭނާއަށް ދަތިވެފައިވިއެވެ. އުޅެވެމުންދިޔައީ ހުވަފެނެއްގެ ތެރޭގައިތޯ އެތައް ފަހަރަކު އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ. ހިތަށް ލިބިފައިވި އުފައުވެރިކަން ގެއްލިދާކަށް އީވާން ނޭދެއެވެ. އޭނާއަށް މިވަރުވެސް ފުދެއެވެ. އުމުރު ދުވަހު އޭނާގެ އަނތްބެއްގެ މަގާމުގައި އީކް ހުރުމަށްއެދި އީވާނަށް ދުޢާކޮށްލެވުނެވެ. އެހިތުން އަދި އޭނާއަށްޓަކައި ޖާގައެއް ހުސްވެފައި ނެތްނަމަވެސް އުއްމީދު ގެއްލުވައިލާކަށް އީވާން ބޭނުމެއް ނުވެއެވެ. އެންމެ ފަހު ނޭވަޔާއި ޖެހެންދެންވެސް އީކްގެ އިންތިޒާރުގައި އޭނާ ހުންނާނެއެވެ.
ތައްޔާރުކޮށްދެން އައިސް ތިބި ކުދިންގެ ތެރެއިން ކުއްޖަކު، އީކްގެ އިސްތަޑިގަނޑުގައި ރީތި ހުޅިއެއް ޖަހައިލުމަށްފަހު ކުދި އެސްތަކަކުން ޖަރީކޮށްފައިވާ ކުޑަކުޑަ ޓިއަރާއެއް އަޅުވައިލިއެވެ. ލައިގެންހުރި ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި އީކް ހީވަނީ ރަސްދަރިކަނބަލެއް ހެންނެވެ. ތިރިއަށް ފުޅާކޮށްހުރި އެހެދުން އީކްގެ ހިމަހިމަ އުނަގަނޑާއި ދިމާލުން ގަޔަށް ހިފައިފައިހުރިއިރު އެހަށިގަނޑުގެ ލޫޅާފަތިކަން ފައުޅުވާން ހުއްޓެވެ. އުނަގަނޑާއި ދިމާލުން ބަންދެއް ހަރުކޮށްފައި ހުރިއިރު ބަންދުގެ ތިރިން ބޮޑުރޫނަގައި ރީތި ޑިސައިނެއް ހަދައިފައި ހުއްޓެވެ. ހެދުމުގެ ދެއަތްހުރީ ލޭސްފޮތިންނެވެ. އޭގެ މަތީގައި ހުދުކުލައިގެ މައުތަކެއް ރީތި ގޮތަކަށް ހަރުކޮށްފައި ހުއްޓެވެ. ކޮށްފައިވި މަޑު މޭކަޕް އެމޫނާއި ނުހަނު ގުޅެއެވެ. ކަންފަތާއި ދިމާލުން ކުޑަ އިސްތަށިކޮޅެއް ވައްޓައިލައިފައި އޮތެވެ. އިސްޖަހައިލައިގެން ހުރިއިރު އެމޫނުމައްޗަށް ވެރިވެފައިވީ ކޮންފަދަ އަސަރެއްކަމެއް ބުނެދޭކަށް ނޭނގެއެވެ. އީކް ތައްޔާރުކޮށް ނިންމައިލުމާއެކު ފަހަތުގައި ހުއްޓިހުރި އިވްލީން ތަޢުރީފުގެ ބަސްތައް އޮއްސައިލިއެވެ. އޭނާ އެތަނަށް އައިސް ހުރީ އީކްގެ އެދުމުގެ މަތިންނެވެ. އަތުކުރީގައި އޮތް ހިމަ ގަޑިއަށް ބަލައިލަމުން ދާންވީކަމުގައި އިވްލީން ބުނެލިއެވެ. އެއާއެކު އީކްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިގަތެވެ. ގާތަށް ޖެހިލަމުން އީކްގެ ކޮނޑުގައި ފިރުމައިލުމަށްފަހު ހުރިހައިކަމެއްވެސް ރަނގަޅުވާނެ ކަމުގައި އިވްލީން ބުނެލީ މަޑުމަޑުންނެވެ.
ވަލީމާ ބާއްވަން ހަމަޖެހުނީ ގޭގެ ގޯތިތޭގައެވެ. މުޅިތަން ތައްޔާރުކޮށްފައިވީ ނާއިފްގެ ބެލުމުގެ ދަށުން އޭނާ ބޭނުންވި ގޮތަށެވެ. ރޭގަނޑުގެ ވަގުތުކަމުން ގޯތިތެރޭގައި ހުރި ގަސްގަހުގައި އެކިގޮތްގޮތަށް ހަރުކޮށްފައިހުރި ފެއަރީ ލައިޓްސްތަކުން އެމުޅި ސަރަހައްދަށް ވެރިވެފައިވީ ބަލައިފޫހިނުވާނެފަދަ ހިތްގައިމު އަސަރުތަކެކެވެ. ތަންތަންކޮޅުގައި އިނށީދެވޭނޭހެން މޭޒުޖަހައި ގޮނޑި އަތުރައިފައި ހުއްޓެވެ. ހުދުފޮތިން ނިވައިކޮށްފައިހުރި ކޮންމެ މޭޒެއްގެ މެދުގައި، ޒަމާނީ ރީތި ޑިޒައިނަކަށް ފަރުމާކޮށްފައިހުރި ކުޑަ ފުޅިބައްތިއެއް ބަހައްޓައިފައިހުރިއިރު އޭގެން އަންނަމުންދިޔަ އޮރެންޖްއަލިން އެމޭޒުތަކުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. މުޅި މާހައުލަށް ވެރިވެފައިވީ ހުވަފެނީ ކުލަވަރެކެވެ. ހިތްހަމަޖެހިފައި އެކިދިމަދިމާލަށް ބަލަން ނާއިފް ހުއްޓެވެ. އެވަގުތު ގޭގެ ދޮރުމައްޗަށް ކާރެއް މަޑުކޮށްލުމުން ގާތުގައިހުރި ހައިތަމްގެ ކޮނޑުގައި ޖަހައިލަމުން އެދިމާއަށް ހިނގައިގަތެވެ. އެކާރުން ފޭބި ޣާޒީ އާއި އޭނާއާ އެކުގައި ތިބި މީހުން ގޮވައިގެން ނާއިފް މިސްރާބުޖެހީ ގެއަށް ވަނުމަށެވެ.
ކައިވެނިކުރުމަށް ތައްޔާރުކޮށްފައިހުރި މޭޒުހުރީ ގޭގެ ބޮޑުކޮޓަރިތެރޭގައެވެ. މޭޒު ކައިރީގައި އީވާން ހުރީ ސިޑިއާ ދިމާއަށް ނަޒަރު ހުއްޓައިލައިގެންނެވެ. އަވަސްވަމުންއައި ހިތުގެ ހިނގުން ހަމައަކަށް އަޅުވަން އޭނާ މަސައްކަތް ކުރަމުންދިޔައެވެ. އިވްލީނާ އެކުގައި ސިޑިން ފައިބަންއައި އީކް ލޮލުގައި އަޅައިގަތުމާއެކު ހިނދުކޮޅަކަށް ހިތުގެ ހިނގުންވެސް މަޑުޖެހިލިހެން އީވާނަށް ހީވިއެވެ. އާޝޯޚުވެފައި އޭނާއަށް ބަލަހައްޓައިގެން ހުރެވުނީ އީކްގެ ފުރިހަމަކަމާއި މެދުގައި ހިތުން އެތައް ތަޢުރީފެއް ކުރުމުގައެވެ. ވަށައިގެންވި މަންޒަރު ފުސްވުމާއެކު އޭނާއަށް ހަމައެކަނި ފެންނަމުންދިޔައީ ކައިވެނީގެ ހުދު ހެދުމުގައި އިސްޖެހިފައިހުރެ ސިޑިން ފައިބަމުންއައި އީކް އެވެ. އެވަގުތުކޮޅު ހުއްޓުމަކަށް އައުމަށް އީވާނަށް އެދެވުނެވެ. ޖެހިބުދެއްހެން ހުއްޓުން އަރައިފައި އޭނާ ހުއްޓައި ހޭވެރިކަންވީ ފަހަތުން ޝަމްއަލް އޭނާގެ ކޮނޑުގައި ޖަހައިލުމުންނެވެ. އޭރު އީކް އައިސް އޭނާ ކުރިމަތީގައި ހުއްޓެނީއެވެ.
ގޭތެރަށް ވަދެގެން އައި ޣާޒީ ފެނުމާއެކު ހަށިގަނޑު އިހުނަށްވުރެ ސީދާކޮށްލަމުން އީވާން ހިނިތުންވެލިއެވެ. އަތުގެ އިޝާރާތުން ގޮނޑީގައި އިނށީނުމަށް ނާއިފް ބުނެލުމާއެކު ބޯޖަހައިލަމުން އޭނާއަށް ޚާއްސަކޮށްފައިހުރި ގޮނޑީގައި އީވާން އިނށީނެވެ. ވަގުތުން އީކްގެ ކޮނޑުގައި އަތްޖައްސައިލަމުން ޖެހިގެންހުރި ގޮނޑީގައި އިނށީނުމަށް އިވްލީން ބުނެލިއެވެ. އަތުގައިއޮތް ހުދުކުލައިގެ ލޭސްފޮތިގަނޑު އީކްގެ ބޮލުގައި އަޅުވައި ނިވައިކޮށްލަމުން އޭނާ ދުރަށް ޖެހިލިއެވެ.
މޭޒުދޮށުގައި އެންމެން ހަމަވުމާއެކު ކައިވެނީގެ އަގުދު ފެށިގެންދިޔައެވެ. އިވެމުންދިޔަ ކައިވެނީގެ ޚުތުބާ އަޑުއަހަން އީވާން އިނީ ޝައުގުވެރިކަމާއެކުއެވެ. އެއިން ކޮންމެ ޖުމުލައެއް ސިކުނޑީގައި ބިންވަޅުނެގެމުންދިޔައީ ހިތުގައި އެފަދައިން އަމަލުކުރުމަށް ވަރުގަދަ އަޒުމެއް ކަނޑައަޅަމުންނެވެ. އިސްޖަހައިލައިގެން އުނގުމަތީގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލައަށް ބަލަން އީކް އިނީ ކަންބޮޑުވެފައެވެ. އަމިއްލަ ނަފުސުގެ މައްޗަށް ކުޑަވެސް ޔަގީންކަމެއް ނެތްއިރު، މާކިންގެ ޚިޔާލުތަކުން އޭނާގެ ސިކުނޑިފުރި ބަރާވަމުން އައެވެ. އެހަނދާންތައް އާވާންފެށީ އިންތިހާއަށެވެ. ހިންދިރުވައިލަމުން ދެލޮލަށް ބޮނޑިވަމުންއައި ކަރުނަތައް ކޮންޓްރޯލް ކުރުމުގައި އީކް ކުރިހޯދިއެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން ދެއަތް ދެއަތާއި މޮޑެން ފެށިއެވެ. ތުންފަތުގައި ދަތްއަޅައިލެވުމާއެކު ލޮލުގެ ހިމަކޮޅުން އީވާންގެ މޫނަށް އޭނާ ބަލައިލިއެވެ. އެވަގުތު ޣާޒީގެ ދުލުން ނުކުތް ބަސްތަކާއެކު ހިނިތުންވެފައި އިން އީވާން އީކްއަށް ބަލައިލީ ލޯބިން ފުރިގެންވި ނަޒަރަކުންނެވެ.
"އަނބި ޤަބޫލު ކޮށްފިން.." ސީދާ އީކްގެ މޫނަށް ބަލަންއިނދެ އީވާން ބުނެލިއެވެ. ދެލޯމަރައި ބާރުކޮށްލެވުމާއެކު އީކްއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ. އީކްއަށް ވަމުންދިޔަގޮތް ގާތުން ފެނުމާއެކު އީވާންގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެލިއެވެ. ލޯބިވަނީ ހަމައެކަނި އޭނާ ކަމާއި އެކައިވެނިން އުފަލުގެ ޒައްރެއްގެ މިންވަރުވިއަސް އިހުސާސުވަމުންދިޔައީ ހަމައެކަނި އޭނާއަށްކަން އެވަގުތު ޟަމީރު ހަނދާންކޮށްދިނެވެ. ބޭނުން ނުވިއަސް ހިތަށް ކުރުވި ފުންއަސަރަކާއެކު އީވާނަށް އިސްޖަހައިލެވުނެވެ.
* * * * *
ގުޅުމެއްވީ ކަމުގާ ވިއަސް.. ގުޅިފާ ނުވޭ ހިތްދެން..
ތިޔަލޯތްބަށް ޤުރުބާން ވިއަސް.. ގުޅިފާ ނުވޭ ހިތްދެން..
ވާލޯތްބެއް އެނގިފާ ވިއަސް.. ގުޅިފާ ނުވޭ ހިތްދެން..
މިޙަޔާތާ ގުޅިފާ ވިއަސް.. ގުޅިފާ ނުވޭ ހިތްދެން..
ނޭނގޭ ބުނާކަށް.. ހިތްއެދި މިވާވަރު..
ވާލޯބި ދެން ނޭނގޭހޭ..
* * * * *
(ނުނިމޭ)




2 Responses
ކިޔާހިތުން އިންދާ އެ ނިމުނީ މިބައި. އުއްމީދު ކުރަން ވާހަކަ މިޔަށް ވުރެން ދިގުކޮށް އަޕްލޯޑްކޮށްލަ ދޭނެކަމަށް. ޝުކުރިއްޔާ ކިޔުންތެރިން ހިތްހަމ ޖައްސަން ތިކުރާ މަސައްކަތަށް.
ޖަސްޓް ލަވް ދިސް️ ..