އެނދުގައި އީކް އިށޯވެ ހަމަޖެހިލުމާއެކު ހުދުކުލައިގެ މަޑު ކުއިލްޓް އީކްގެ ގައިމަތީގައި އީވާން އަޅައިލިއެވެ. އަދި ބޭކާރު ޚިޔާލުތައް ނުކޮށް އަރާމުކޮށްލުމަށް ނުހަނު ލޯބިން ބުނެލިއެވެ. އެއާއެކު އީކް ދެލޯމަރައިލިއެވެ. އީވާން ހުރި ފަރާތްނޫން އަނެއްފަރާތަށް އޭނާ އެނބުރިލީ އީވާންގެ ނަޒަރު އޭނާއަށް އަމާޒުވެފައި ހުންނާނެކަން އެނގި އުނދަގޫވީ ވަރުންނެވެ. އީކްގެ އެއަމަލު ވިސްނުނު މީހަކުފަދައިން އެހުރިތަނުގައި އީވާން ހުއްޓެވެ. އޭނާއަށްވީ އެންމެ ރަނގަޅަކަށް އެއަންހެންކުއްޖާއާ މެދުގައި ކަންތައް ކޮށްދިނުމަށް އީވާން ބޭނުންވެއެވެ. އޭނާގެ ކޮންމެ އަމަލެއްގައިވި ލޯބި އީކްގެ ހިތާއި ހަމައަށް ވާސިލްވުމަށް އެދެވުނެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލްތައް ކޮންޓްރޯލް ކޮށްލަމުން ލަސްހިނގުމެއްގައި އައިސް އެއްފަރާތުގައި ހުރި ސޯފާގައި އޭނާ އިނށީނީ އީކްއާ ކުރިމަތިވާނޭހެންނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަރާމު ނިންޖަކަށް ގެނބިފައިއޮތް އީކްއަށް ފުންނަޒަރަކުން އީވާން ބަލައިލިއެވެ. ފަނޑުވިއަސް ހިނިތުންވުމެއް އެތުންފަތަށް ވެރިވިއެއްކަމަކު އެދެލޮލުގައިވީ ނޭނގޭ ރިހުމެކެވެ. ދެލޮލުގެ ކަނުން ކަރުނައިގެ އަސަރު ފައުޅުވެލުމާއެކު އީވާންގެ އަނގައިން މަޑު އާޙެއް ބޭރުވެލިއެވެ.
ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ގަދަކަމުން ދިރުވައިލުމަށްފަހު މޫނުމަތީގައި އަތް ހިންގައިލަމުން އިންތަނުން އީވާން ތެދުވިއެވެ. ތަންކޮޅެއް ކުރިން ދުވަހެއްގައި އިވްލީން ބުނެފައިވި ވާހަކަތައް ހަނދާންވުމުން ލަސްނުކޮށް އެކަމާ އުޅެން އޭނާ ބޭނުންވީއެވެ. ނިދިފައިއޮތް އީކްއަށް ބަލައިލަމުން އައިސް ލެޕްޓޮޕް ދަބަސް ތެރެއިން ނެގުމަށްފަހު ކުރިންވެސް އިންތަނުގައި އައިސް އިނށީދެލިއެވެ. އުނގުމަތީގައި ކުށަންއެއް ބާއްވައިލަމުން ހަމަޖެހިލުމަށްފަހު ހިތުގައި އަޅައިގެންއުޅުނު ކަންތަކާއިގެން އޭނާ ކުރިއަށް ދިޔައެވެ. ލެޕްޓޮޕްގެ ސްކްރީނުން ފެންނަން ހުރި އެއްޗެއް ކިޔައިލަމުން އީވާން ހިނިތުންވެލިއެވެ. ދެލޮލަށް ނިދި ސަވާރުވީ އެގޮތުގައި އޭނާ އިންދައެވެ. އާފުރިލަމުން ކުރިމަތީގައި ހުރި މޭޒުމަތީ ލެޕްޓޮޕް ލައްޕައިލުމަށްފަހު ބެހެއްޓިއެވެ. އަދި ސޯފާގެ އެއްފަރާތުގައި އޭނާ ބޭއްވި ރަޖާގަނޑު ނަގަމުން ރީތިކޮށް ހަށިގަނޑު ދަމައިލިއެވެ. އެނދާއިވީ ދިމާއަށް އެނބުރިލުމާއެކު އޭނާގެ ދެލޯ އީކްއާ އަމާޒުވެލިއެވެ. ގަބޫލުކުރަން ދަތިވިއަސް އެނދުގައި އަރާމުކޮށް ނިދައިލައިފައި އެއޮތީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. ދުވަހަކު ލިބޭނެކަމަށް އުއްމީދު ނުކުރެވުނު ނަމަވެސް މިއަދު އެއީ އޭނާގެ ހައްޤެކެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވުމާއެކު އީވާން ދެލޯމަރައިލިއެވެ. ނިދީގެ ފޮނިމީރުކަމުގެ ތެރަށް އޭނާ ގެނބިގެންދިޔައީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭރުވެސް އެސިކުނޑީގައި ރަސްކަން ކުރަމުންދިޔައީ އީކްގެ ޚިޔާލުތަކެވެ.
ނިދިން ބަރުވެފައިވި އެސްފިޔަތައް ތަޅުވައިލަމުން އީކް ދެލޯ ހުޅުވައިލީ ގާތުގައި އިނދެ މީހަކު އޭނާއަށް ގޮވަމުންދިޔަ ކަމުގެ އިހުސާސުކުރެވުމުންނެވެ. އުނދަގޫ ގޮތަކަށް އެއްފަރާތަކަށް އޭނާ މޫނު އަނބުރައިލިއެވެ. ފުޅާ ހިނިތުންވުމަކާއެކު އޭނާގެ ގާތުގައި އިން އީވާން ފެނުމުން ސިހިފައި އޮތްތަނުން އީކްއަށް ތެދުވެވުނެވެ. އީކްގެ އެކުއްލި އަމަލުން އީވާނަށްވެސް ސިހުން ގެނުވިއެވެ. ކުރެވުނު ކަންތައް އިހުސާސުވެ އީކް އިސްޖަހައިލީ ލަދުގަތް ވަރުންނެވެ. އީވާން ހިތަށް އަރައިފާނެ އެއްޗަކާއި މެދުގައި ވިސްނައިލުމުން އެމޫނަށް ލަދުވެތިކަމުގެ ރަތްކުލަ ފާއްދައިލިއެވެ.
"ސޮރީ.. ނިދާފަ އޮއްވަ ހޭލައްވައި ލެވުނީމަ.." އިންތަނުން ތެދުވަމުން އީވާން ބުނެލީ ކުށްވެރިއަކު ފަދައިންނެވެ. ނޫނެކޭ ބުނުމުގެ ގޮތުން އީކް ދެފަރާތަށް ބޯހޫރުވައިލިއެވެ.
"ތިންގަޑި ބައިވަނީ.. އަހަންނާއެކު ދަމު ނަމާދުކޮށްލަން އަންނަންވީނު.. އީކް ތައްޔާރުވެލަންދެން އަހަރެން މަޑު ކުރާނަން.." މަޑުމައިތިރި އަޑަކުން އީވާން އެދުނެވެ. ގަބޫލުކުރަން ދަތިވެފައި އީކްއަށް އީވާންގެ މޫނަށް ބަލައިލެވުނެވެ. ހަޔާތުގައި އަލަށްވެސް ސުންނަތް ނަމާދެއް އަމިއްލަ އަށް ފެނިގެން ކޮށްފައިނުވާއިރު، އެއްވެސް މީހަކު އިސްވެ އޭނާގެ ފަރާތުން އެފަދަ ކަމަކަށް އެދިފައެއްވެސް ނުވެއެވެ. މާކިންގެ ފަރާތުންވެސް އީކްއަށް އެފަދަ އެދުމެއް އައިސްފައެއް ނެތެވެ. އީވާންގެ ފުށުން ފެންނަމުންދިޔައީ އީކް ހިތަށްވެސް ނާރާފަދަ އަމަލުތަކެއްކަމުން ހުއްޓުން އަރައިފައި ހިނދުކޮޅަކު އޭނާއަށް އިނދެވުނީއެވެ. ދެވަނަ ފަހަރަށް އީވާން ގޮވައިލީ ހަރަކާތެއްވެސް ކޮށްލުމެއްނެތި އެހެން އިންދައެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އެނދުން އޭނާ ފޭބިއެވެ. އެވަގުތު ސޯފާގައި ރީތިކޮށް ފަތްޖަހައިލައިފައި އޮތް ރަޖާގަނޑު އޭނާގެ ލޮލުގައި އަޅައިގަތެވެ. ރޭގައި އީވާން ނިދީ އެތަނުގައި ހެއްޔެވެ؟ ހިތަށް ވެރިވެގަތް ސުވާލާއެކު އީކްގެ ދެލޯ ހުއްޓިލީ އެނދުގައި އޭނާ އޮތް ފަރާތް ނޫން އަނެއްފަރާތަށެވެ. ކިންގް ސައިޒް އެނދެއްކަމުން ދެމީހުނަށް އެއްވެސް ދަތިކަމެއްނެތި ނިދޭނެހައި ޖާގަ އޮތެވެ. އެހެނަސް އީވާން ސޯފާގައި ނިދުމުން އެކަމުން އީކްގެ ނަފުސަށް ނޭނގޭ އުދަނގޫކަމެއް ވެރިވިއެވެ.
ފާޚާނާއަށް ވަދެ ތާޒާ ވެލައިގެން އޭނާ ނުކުތެވެ. ދެމީހުން އެކުގައި ދަމުނަމާދުކުރަން ފެށިއިރު އީކްގެ މުޅި ރޫޙަށް ވެރިވެފައިވީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. ހިތާއި ނަފުސަށް ލިބިގެންދިޔައީ މިއިން ދުވަހަކުވެސް އިހުސާސު ނުކުރެވޭފަދަ ފިނިކަމެކެވެ. ހިތަށް ކުރެވެމުންއައި ފޮނި މީރުކަމުގައި އޭނާގެ ދެލޯފުރިއައީ ކުރިން އެފަދައިން ސުންނަތް ނަމާދުތަކަށް ފަރުވާކުޑަކުރެވިފައި ވިކަން ހަނދާން ވުމުންނެވެ. ސަލާމް ދިނުމާއެކު ދެއަތް އުފުލައިލީ ކާއިނާތުގެ ވެރި އިލާހުގެ ހަޟްރަތަށް އެހިތުގައި ފުނިޖެހިފައި ހުރިހައި ކަމެއް ބަންޑުންކޮށްލަން ބޭނުންވެފައި އިންވަރުންނެވެ. ހަމަހިމޭންކަމާއެކު ދުޢާ ކުރުމުގައި ދެމަފިރިން ތިބިއިރު އެކަމުން އީކްއަށް ލިބެމުންދިޔަ ހިތްހަމަޖެހުން އެތައް ގުނައެއް އިތުރުވެފައިވިއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް ރަނގަޅު ނިންމުމެއް ނިންމިއްޖެކަމުގެ އިހުސާސު އޭނާ ވަށައިލިއެވެ. އޭނާއަކީ އެކަނިވެރިއެއް ނޫންކަމުގައި ގަބޫލުކުރެވިއްޖެއެވެ. ގާތުގައި އެއިނީ ދެގޮތެއްނުވެ އޭނާދެކެ އަބަދުވެސް ލޯބިވާނެ ހެޔޮލަފާ ޞާލިޙް ބައިވެރިއެއްކަމުގައި ހިތް ބުނެލީ އެކަމަށް އީކްއަށްވެސް ދެކޮޅު ނުހެދޭނެފަދަ ގޮތަކަށެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އޭނާއަށް އީވާންގެ މޫނަށް ބަލައިލެވުނެވެ.
ފަތިސް ނަމާދުވެސް ކުރީ ދެމަފިރިން އެކުގައެވެ. ނަމާދުން އަވަދިވުމާއެކު އެބަ އަންނަން ކަމުގައި ބުނަމުން އީވާން ކޮޓަރިން ނުކުތެވެ. ބަދިގެއަށް ވަންނަމުން އެއްފަރާތު ކައުންޓަރު މަތީގައިހުރި ކޮފީ މެޝިނުން ދެކޮފީ ތައްޔާރުކޮށްލުމަށްފަހު ކުޑަ ތަބަކެއްގައި އަތުރައިލަމުން އަލުން އައިސް ކޮޓަރިއަށް އޭނާ ވަނެވެ. އީވާންގެ އިންތިޒާރުގައި އެނދުގައި އިން އީކްގެ ދެލޯ އޭނާގެ އަތުގައިހުރި ތަބަކަށް ހުއްޓިލިއެވެ. ބޮލުގެ އިޝާރާތުން އޭނާއާ އެކުގައި އައުމަށް ބުނަމުން އީވާން އައިސް އެއްފަރާތުގައިހުރި ދޮރުފޮތިގަނޑު ކަހައިލަމުން ބެލްކަންޏަށް ނުކުވެންހުރި ބިއްލޫރި ބޮޑު ދޮރު ހުޅުވައިލިއެވެ.
ތަނަވަސް ބެލްކަނީގެ އެއްފަރާތުގައި ބަހައްޓައިފައިހުރި ކޮފީ ޓޭބަލް މަތީގައި އަތުގައިހުރި ތަބަށް ބަހައްޓަމުން އީކް ގާތުގައި އެތަނުން ގޮނޑިއެއްގައި އިނށީނުމަށް އީވާން އެދުނެވެ. އޭރު އަދި ރަނގަޅަށް އަލިނުވިލެއެވެ. މާޙައުލަށް ވެރިވެފައި ތެތްފިނިކަން ހަށިގަނޑަށް ގެނުވައިދިނީ ތަފާތު އަރާމެކެވެ. ދެއަތް ދެއަތާއި މޮޑެމުންއައިސް އީވާންއާ ކުރިމަތިވާނޭހެން ހުރި ގޮނޑީގައި އީކް އިނށީނެވެ. ތަބަކުން ކޮފީ މަގެއް ނަގަމުން އީކްގެ ކުރިމަތީގައި އީވާން ބަހައްޓައިލިއެވެ.
ކޮފީ މަގުން އެތިފޮދެއް ބޯލަމުން އޭނާ އީކްއަށް ބަލައިލިއެވެ. "ރޭގަ އަހަރެން ވަރަށް ރިސާޗް ކުރިން.. ވަރަށް ރަނގަޅު ސްޕީޗް ތެރެޕިސްޓެއް މިކޮޅުގަ އެބަހުރި.. ރަނގަޅު މީހެއްވީމަ ހީވަނީ ވަރަށް އުނދަގޫވާނެހެން އެޕޮއިންޓްމަންޓްސް ހަމަޖައްސަން.. އެހެންވިއަސް އިރާދަކުރެއްވިއްޔާ މިއަދު އަހަރެން އެކަމާ އުޅޭނަން.. އިވްލީން ބުންޏެއްނު ސްޕީޗް ތެރަޕިސްޓަކާ ކޮންސަލްޓް ކުރަން މިހާރު އީކް ތައްޔާރޭ.. އެހެންވީމަ އިތުރަށް ލަސްކުރުމުގެ ބޭނުމެއް ނެތެއްނު.." އީވާންގެ ވާހަކަތަކަށް އެއްބަސް ވުމުގެ ގޮތުން އީކް ބޯޖަހައިލިއެވެ. އަތުގައިހުރި ކޮފީ މަގު ތުނބުގައި ޖަހައިލަމުން އެތިފޮދެއް އޭނާ ބޯލިއެވެ. އެއާއެކު ވަރުބަލިވެފައިވި ސިކުނޑިއަށް ތާޒާކަން ލިބިގެންދިޔައެވެ. ޝުކުރުގެ ނަޒަރަކުން އޭނާއަށް އީވާނަށް ބަލައިލެވުނެވެ.
"ކަންބޮޑުވެ ހާސްނުވާތި.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ތިކަމުން އީކްއަށް އަރައިގަނެވޭނެ.. އެންޑް ޔޫ ވިލް ސްޓާރޓް ސްޕީކިންގް އަގެއިން.." މޭޒުމަތީގައި އޮތް އީކް މަޑު ފުށްކޮޅެއްކަހަލަ އަތްތިލައަށް ފިތައިލަމުން އީވާން ބުނެލީ ނުހަނު ލޯބިންނެވެ. މަޑުމަޑުން ބޯޖަހައިލުމާއެކު އީވާންގެ އަތްތިލައަށް އީކްއަށް ބާރުކޮށްލެވުނެވެ.
* * * * *
އީވާން ހީކުރި ފަދައިން ސްޕީޗް ތެރަޕިސްޓަށް އެޕޮއިންޓްމަންޓެއް ހަމަޖެއްސުންވީ ދަތި ކަމަކަށެވެ. އޭނާ ކުރި ހިތްވަރުން އެންމެ އަވަހަށްވެސް އެޕޮއިންޓްމަންޓް ހަމަޖެހޭ ގޮތްވީ ހަފުތާއެއް ފަހަށެވެ. އީކްގެ އިތުރުން ހައިތަމާއި ނާއިފާއި ވެސް އެވާހަކަ އީވާން ހިއްސާކުރިއެވެ. ހިތަށް ލިބުނު އުފަލުގައި އީވާންގެ ގައިގައި ހައިތަމްއަށް ބައްދައިލެވުނީ ބޭއިޚުތިޔާރުގައެވެ.
ކައިވެންޏާ ދިމާކޮށް އީވާން ނެގި ޗުއްޓީ ބޭކާރުވެދާކަށް އޭނާ ބޭނުމެއްނުވިއެވެ. ނާއިފާއި ވާހަކަދެއްކުމަށްފަހު އީކް ގޮވައިގެން ފަރުބަދަމަތީގައި ހުންނަ އެމީހުންގެ ކޮޓޭޖަކަށް ދިއުމުގެ ކަންތައް އީވާން ހަމަޖެއްސިއެވެ. އެއީ އަދި އަލަށްވެސް އީކް ދިއަތަނެއް ނޫނެވެ. ހަފުތާއެއްފަހުން އީކްގެ ފަރުވާ ފެށޭއިރު އެސިކުނޑިއަށް ބާރުކުރަމުންދިޔަ ޚިޔާލުތަކާ އޭނާ ދުރުކޮށްލުމުގެ ވިސްނުން އީވާންގެ ވިއެވެ.
އީވާންގެ އެދުމަށް ދެކޮޅު ހަދާކަށް އީކްއަކަށް ނުކެރުނެވެ. ދަނީ ދެމީހުން އެކަނިކަން އެނގުމުން ކުޑަކޮށްވިއަސް ޖެހިލުންވާގޮތް އޭނާ ވިއެވެ. އެހެނަސް ކައިވެނި ކާމިޔާބުވާނީ ދެމީހުންވެސް ހިތްވަރު ލައިގެން ކަމުގައި އިވްލީން ބުނި ބަސް އޭނާ ހަނދާނުގައި ވިއެވެ. ހިތުގައިވި ޖެހިލުންވުން އެއްފަރާތްކޮށްލީ އެހެންވެއެވެ. އީވާނަށް އޭނާ ފުރިހަމައަށް އިތުބާރުކުރާއިރު ކަންބޮޑުވާންވީ އެއްވެސް ސަބަބެއް ހަގީގަތުގައި ނެތްކަމުގައި ޟަމީރު ވިސްނައިދިނެވެ.
* * * * *
ރުޅިގަދަވެފައި ހުރެ ކޮޓަރީގައި ދެފަރާތަށް ހިނގަމުން މާހާ ދިޔައެވެ. ދަތްކުނޑި ވިކައިލަމުން އަތުގައިއޮތް ފޯނަށް އޭނާ ބަލައިލިއެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އަތުގައިއޮތް ފޯނުން ކޮންމެވެސް ނަމްބަރަކަށް ގުޅައިލަމުން އެނދުގެ އެއްފަރާތުގައި އޭނާ އިނށީނެވެ.
"ރާހިލް.." އެކޮޅުން ފޯނު ނެގުމާއެކު މާހާ ގޮވައިލިއެވެ. އެއަޑުގައިވީ ކެތްތެރިކަން ކުޑަ ކަމެވެ.
"މާހާ.. އަހަރެން ކޮންދުވަހެއް މާހާ އަށް ގުޅަން މަސައްކަތް ކުރާތާ.. ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ..؟" ރާހިލްގެ އަޑުގައިވީ ކަންބޮޑުވުމެވެ.
"ފޯނު.. ފޯނު ހަލާކުވީ.. ދެން އެވާހަކަ ބާއްވާ.. އަހަރެން މިގުޅީ ރާހިލްގެ އެހީ އަހަންނަށް ވަރަށް ބޮޑަށް ބޭނުންވެގެން.."
"ކިހިނެއްވީ އަނެއްކާ؟ ހުރިހައި ކަމެއް ރަނގަޅުތަ ލޯބީ؟" ރާހިލްގެ އަޑަށް ހާސްކަން ވެރިވީ މާހާގެ ވާހަކަތަކުންނެވެ.
"ނޫން.. ރާހިލް އަހަރެންދެކެ ވަރަށް ލޯބިވެއެއްނު ދޯ.. އަހަރެން ބުނި ކޮންމެ ކަމެއް ކޮށްދޭނަމެއްނު ދޯ.." މާހާ ހީވަނީ މޮޔަވެފައި ހުރިހެނެވެ. އަޑަށް ހިތާމައިގެ އަސަރު ވެރިކޮށްލަމުން އޭނާ މަސައްކަތް ކުރަމުންދިޔައީ ރާހިލްގެ ހިތާއި ކުޅެލުމަށެވެ.
"އޮފްކޯރޒް ޑާރލިންގް.. މިހިސާބަށް ވެސް އައިސް މިހުރީ މާހާ އެދުނުހައި ކަމެއް ކޮށްދީގެންނު.." ލޯތްބާއެކު ރާހިލް ބުންޏެވެ.
ރާހިލްގެ ވާހަކަތަކުން މާހާގެ މޫނަށް ވެރިވީ ކާމިޔާބީގެ ވިހަ ހިނިތުންވުމެކެވެ. ހިތުގައި ރާވައިފައި އޮތްގޮތް ރާހިލްއާ ހިއްސާކޮށްލުމާއެކު ރާހިލްގެ ފުށުން ފައުޅުވީ ކަންބޮޑުވުމެވެ.
"މާހާ ކީއްވެ އަހަންނަށް ތިހެން ތިހަދަނީ.. މާހާއަށްޓަކައި ލޯބިންގޮސް އަހަރެން މަރުދޭއިރުވެސް.. މާހާ ތިއުޅެނީ އެހެން ފިރިހެނުންނާ ހެދި.. ހެޔޮނުވާނެ.. މިކުޅިގަނޑު ހުއްޓާކަށް އަދިވެސް ނުވޭތަ؟ އެއްފަހަރުވެސް އަހަރެންނަށް ފުރުސަތެއް ދީބަލަ.." މަޑުމޮޅިކަމާއެކު ރާހިލް ބުނެލީ ހިތާމަވެރި ގޮތަކަށެވެ. ހަގީގަތުގައިވެސް މާހާގެ ވާހަކަތަކުން އެހިތަށް ފުން އަސަރެއް ކުރުވައިފިއެވެ.
"އާރގްގް... ރާހިލް ތިހެން ވާހަކަ ދައްކާތީއޭ އަހަރެން ގުޅާ ހިތް ނުވަނީ.. ޕްލީޒް.. އެންމެ ފަހަރަކު.. އަހަންނަށް މިކަން ކޮށްދީ.. އޭރުން ހަމަ ޔަގީނުންވެސް އަހަރެން ވާނީ ހަމައެކަނި ރާހިލްގެ މީހަކަށް.." އާދޭސްކޮށްލަމުން މާހާ ތުއިވެލީ އެގޮތަށް ކަންތައް ކުރުމުން ރާހިލް ޔަގީނުންވެސް ގަބޫލުވާނެކަން އެނގޭތީ އެވެ. ވީވެސް އޭނާ ހީކުރި ފަދައިންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާގެ އެދުމަށް ރާހިލް އެއްބަސްވީ މާހާގެ ލޯތްބަށް ކަރުހިއްކައިގަނެފައި ހުރިވަރުންނެވެ. ކޮންމެ ގޮތެއް ހަދައިގެންވިއަސް އެލޯބި ހޯދަން އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ.
"އެކަމަކު... އަހަރެން ތިކޮޅަށް ދާނީ ކިހިނެއް؟ އަހަންނަށް ހީވަނީ ތަހުގީގުކޮށްފައި އަހަރެން ދޫކޮށްލިއަސް.. އަދިވެސް ޕޮލިހުން އަހަންނަށް ފާރަލަމުންދާހެން.. އެމީހުން އަދިވެސް އަހަންނަށް ޝައްކު ކުރާކަން ޔަގީން.." ކަންބޮޑުވެފައި ރާހިލް ބުނެލިއެވެ.
"ހާސްނުވޭ.. ހުރިހައިކަމެއް އަހަރެން ހަމަޖައްސާނަން.. ރާހިލް މިކޮޅަށް އަންނަން ތައްޔާރަށް ހުރޭ.. ވަރަށް އަވަހަށް އަހަރެމެން ބައްދަލުވާނެ.. އަޅެ ރާހިލް އުފަލެއް ނުވޭތަ؟ އަހަރެން ދެކިލާހިތެއް ނުވޭތަ؟" މަސްތީ ރާގަކަށް މާހާ އެހެން ބުނެލުމާއެކު ރާހިލްގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް ވާންވެގެން ދިޔައެވެ. އުފަލުންގޮސް އޭނާއަށް ހެވެންފެށިއެވެ. މާހާއަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަމަށް އޭނާ ބުނެލީ ހަމަ ރަނގަޅަށްވެސް މާހާގެ ޖާދުލުގައި ޖެހި ބަނދެވިފައި ހުރެއެވެ. ނުލަފާ ހިނިތުންވުމެއް ތުންފަތުގައި ކުޅެލުމާއެކު ފަހުން ގުޅާނެކަމަށްބުނެ މާހާ ފޯނު ބޭއްވިއެވެ.
* * * * *
ފަރުބަދަ މަތީގައި ހަދައިފައިހުރި ހަނި މަގުތަކުން ކާރުގައި އައިސް އެމީހުންގެ ކޮޓޭޖް ކުރިމަތީގައި އީވާން މަޑުކޮށްލިއެވެ. އެއާއެކު ހައިރާންވެފައި ވަށައިގެން ބަލަމުންދިޔަ އީކް ކާރުގެ ދޮރު ހުޅުވައިލަމުން ފޭބިއެވެ. ފަޒާގައިވި ފިނިކަން ހަށިގަނޑަށް އިހުސާސުވުމާއެކު ލައިގެންހުރި ބޯކެހެރި ޖެކެޓުގެ ދެޖީބަށް އަވަސް އަވަހަށް އަތްކޮށްޕައިލިއެވެ. ހިތްހަމަޖެހިފައި ވަށައިގެން އީވާންވެސް ބަލަމުންދިޔައީ އެތަނަށް ނާންނަތާ ލައްކަ ދުވަސްވެފައި ވުމުންނެވެ.
ކާރުގެ ޑިކީއިން އެމީހުންގެ ދަބަސްތައް ނަގަމުން އީކް ގާތުގައި އައުމަށް އީވާން ބުނެލިއެވެ. ކޮޓޭޖްގެ ދޮރު ހުޅުވައިލަމުން އޭނާ އެތެރަށް ވަނެވެ. ފަހަތުން ހައިރާންވެ އާޝޯޚުވެފައި ހުރެ އީކްވެސް ވަނެވެ. ދެމަފިރިއަކު ލޯބިވެތި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އެއަށްވުރެ ފުރިހަމަ ދެވަނަ ތަނެއް ނުވާނޭ އީކްގެ ހިތަށް އެރިއެވެ. ވަރުގަދަ ލަކުޑިން ގެހަދައިފައި ހުރިއިރު ބިތްތަކުގައިވީ ބޯ ބިއްލޫރި ހަރުކޮށްފައެވެ. ވަށައިގެންވި ގުދުރަތުގެ ޗާލު މަންޒަރުތައް ގޭތެރޭގައި ތިބޭއިރުވެސް ފެންނަމުންދިޔައީ ހިތްތައް މޮޔަވާފަދަ ގޮތަކަށެވެ. ދުރުދުރުން ފެންނަން އޮތް ވާދީއެއްކަހަލަ ތަނަކަށް އީކްގެ ނަޒަރު ހުއްޓުނެވެ. ވަށައިގެން އެކި ދިމަދިމާ އޭނާ ބަލަމުންދިޔައިރު އެތުންފަތުން ހިނިތުންވުން ފިލައި ނުދެއެވެ.
އެކޮޓޭޖް އަކީ އެއްކޮޓަރިއާއި ކުޑަ ބަދިގެކޮޅެއްގެ އިތުރުން ސިޓިންގްރޫމެއް ހުންނާނެހެން ފަރުމާކޮށްފައި ހުރިތަނެކެވެ. ކޮޓަރީގައި ދަބަސްތައް ބަހައްޓައިލަމުން އީވާން ނުކުތްއިރު އެތަނުން ކުޑަދޮރެއްގެ ކައިރީގައި އީކް ހުއްޓެވެ. އީކްއަށް ބަލައިލަމުން އީވާން އައިސް ހުއްޓުނީ އެތަނުގައި ޒަމާނީ ގޮތަކަށް ހަދައިފައިހުރި "ފަޔަރޕްލޭސް" ކައިރިއަށެވެ. އެއްފަރާތުގައިހުރި ތަނުން ލަކުޑިކޮޅުތަކެއް ނަގަމުން އޭގެއަށް ލުމަށްފަހު އޭނާ އަލިފާން ރޮއެކޮށްލިއެވެ. ގޭތެރަށް ވެރިވެގެންދިޔައީ ހަށިގަނޑަށް އަރާމަލިއްބައިދޭފަދަ ހޫނުކަމެކެވެ. އިރުއޮއްސެމުންއައި ވަގުތުކަމުން މާހައުލަށް ވެރިވެފައިވީ އަނދިރިކަމެވެ. އަނދަމުންދިޔަ އަލިފާނުގެ އަލި ސިޓިންގްރޫމަށް އެޅިފައިވީ ހިތްގައިމު ގޮތަކަށެވެ. ދެއަތް ދެއަތާއި އުނގުޅައިލަމުން އީވާން އައިސް އީކްގެ ފަހަތުގައި ހުއްޓިލިއެވެ. އެކަން އިހުސާސުވެ އީކް އަތުން އިޝާރާތްކޮށްލީ ބޭރުން ފެންނަމުންދިޔަ މަންޒަރަށެވެ.
ގަނޑުފެން ފައިބަމުންދިޔަތަން ފެނި އީވާނަށް ހިނިތުންވެލެވުނެވެ. "ސްނޯ" އަކީ އަބަދުވެސް އީކް ނުހަނު ގަޔާވާ އެއްޗެއްކަން އޭނާ ދަނެއެވެ. ފިނި މޫސުމުގެ ދުވަސްތައް ފެށުނީކަން އެނގުމުން އީވާންގެ ހިތަށްވެސް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެއީ އޭނާ ވެސް އެންމެ ގަޔާވާ އެއް މޫސުމެވެ. ކުޑަކުއްޖަކު ފަދައިން ހިނިއައިސްފައިހުރެ އީކް އީވާނަށް ބަލައިލިއެވެ. ފައިބަމުންދިޔަ ކުދި ކުދި ގަނޑުފެންކޮޅުތަން އެފަނޑު އަލިކަމުގެ ތެރޭގައި ފެންނަމުންދިޔައީ ހުވަފެނީ ގޮތަކަށެވެ. އީކްގެ މައުސޫމުކަމުން ފުރިފައިވި ދެލޮލަށް ބަލައިލެވުމާއެކު އީވާންގެ ހިތް ތެޅިފޮޅިގަތެވެ. އެބޮޑު ދެލޮލުގައި ބޮސްދޭން ހިތްއެދުނެވެ. ހަށިގަނޑަށް އެނގުންވެގެން ދިއުމާއެކު އަވަސް އަވަހަށް އީވާނަށް ނަޒަރު ވަކިކޮށްލެވުނެވެ. އެވަގުތު އީވާންގެ އަތުގައިހިފައި ބާރުކޮށްލުމާއެކު އީކް އެއަތްތިލައަށް ފިތައިލީ އޭނާ އުފަލުގައި ބެހެއްޓުމަށްޓަކައި އީވާން ކޮށްދެމުންއައި ކޮންމެ ކަމަށް ހިތުގެ ފުންމިނުން ޝުކުރުވެރިވާ ހާލުއެވެ. އީކްގެ ފިނިއަތްތިލައަށް އީވާން ފިތައިލީ އޭނާގެ އެއަމަލު ވިސްނުނު ފަދައިންނެވެ. އެހައި ގާތުން އީވާންގެ ދެލޮލަށް ބަލައިލެވުމުން އީކްއަށް ހުއްޓުންއަރާގޮތް ވިއެވެ. އެއްވެސް ފޮރުވުމެއްނެތި އެދެލޮލުން ފެންނަމުންދިޔަ ސާފު ތެދުވެރި ލޯބީގެ އޮއެވަރުގައިޖެހި ހިނދުކޮޅަކަށް އޭނާގެ ނަފުސު ބެހިގެންދިޔަފަދަ އިހުސާސެއް އީކްއަށް ކުރެވުނެވެ.
* * * * *
ހިމޭން ދޫ އެތައް ޚާއްސަ ވާހަކަ ދައްކައޭ...
ބުނީމާ މި ފަރަޤެއް ވާނެހޭ...
އެދޭހާ އުފާތައް ހޯދަދޭނަން މީ ތެދޭ...
އެދޭ އެންމެ ގޮތުގާ ހިތް ރުހޭ...
ނޭނގޭ ބުނާކަށް... ހިތްއެދި މިވާވަރު...
ވާ ލޯބި ދެން ނޭނގޭހޭ...
ބޭނުން މިވާވަރު... ދީވާނަ ވީމާ...
ސީދާ ލޮލުން ނުފެނޭހޭ...
ބޭނުން އެހާ... ހިތް އިންތިހާ...
* * * * *
(ނުނިމޭ)




