ދެމަފިރިންނަށް ޚާއްސަކުރެވިފައި ތަނުގައި ހުއްޓިގެން ތިބިއިރު ދެމީހުންގެ ހިތުގެ ހާލުވެސްވީ ހިނިތުންވުމެއްގެ ފަހަތުގައި ފަރުދާކުރެވިފައެވެ. ކައިވެނީގެ ވަލީމާއަށް މުޅީންވެސް ދައުވަތު ދެވިފައިވީ ނާއިފާއި ހައިތަމްގެ އެކުވެރިންނަށެވެ. މަދުމަދުން އީވާންގެ އެކުވެރިން ފެންނަމުންދިއަސް އެއީ މުޅިންވެސް އޭނާއާ އެންމެ ގާތްކޮށް އުޅެމުންދިޔަ މީހުނެވެ. އާއިލާ ބައަކަށް ކައިވެނީގައި ޝާމިލްވީ އީވާންގެ މަންމަ ފަރާތު މީހުންނެވެ. ހިނިއައިސްފައި އީކްގެ ގައިގައި އެމީހުން ލޯތްބާއެކު ފިރުމަމުންދިޔައީ އެޖޯޑަށް އެތައް ތަޢުރީފެއް އޮއްސަމުންނެވެ. އުނދަގޫވެފައި އީކް ހުއްޓަސް އެކަން ނުދައްކައިވޭތޯ އޭނާ ހިތްވަރުކުރަމުން ދިޔައެވެ. ޕާޓީ ނިމުމާއި ގާތްވަމުންދިޔަ ވަރަކަށް އީކްގެ ހިތުގެ ހިނގުން އަވަސްވަމުން އައެވެ. އެއީ އޭނާގެ އަލަތު ކައިވެނި ނޫންނަމަވެސް އެހިތަށް ވެރިވެފައިވި ނުތަނަވަސްކަން ވަކި ކުޑައެއްނޫނެވެ. ރޭގެ ކުރިއަށްއޮތް ތަނުގައި ކަންތައްވާނީ ކިހިނެއްތޯ އަމިއްލަ ނަފުސާ ސުވާލުކުރެވެމުންދިޔައިރު އެކަމުން ނަފުސަށް ވެރިވަމުންދިޔަ އުނދަގޫކަން އިތުރުވެފައި ވިއެވެ. އަނތްބެއްގެ ވާޖިބުތައް މީހަކު އޭނާއަށް ކިޔައި ނުދިނަސް އެނގެއެވެ. އެހެނަސް އެފަދައިން އަމަލުކުރެވިދާނެތޯ އެތައް ފަހަރަކު ޟަމީރާ އޭނާ ސުވާލުކުރިއެވެ. ކައިވެންޏަކީ އޭނާވެސް ރުހިގެން ކުރެވުނު ކައިވެންޏަކަށް ވީއިރު އީވާން އެފަދަ ގާތްކަމަކަށް އެދެފިނަމަ އެކަމުން މަނާވެގަންނަން އޭނާއަށް ހިލާ ނުކުރޭނެއެވެ. ހިތަށް ވެރިވަމުންދިޔަ ތަފާތު ޝުއޫރުތަކާއެކު ލޮލުގެ ހިމަކޮޅުން ގާތުގައި ހުއްޓިހުރި އީވާނަށް އީކް ބަލައިލިއެވެ.
އީކްގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ތަންކޮޅެއް ދުރުގައި އިވްލީން ހުއްޓެވެ. ފައުޅު ނުކުރިޔަސް އީކްގެ އިހުސާސުތައް އޭނާއަށް ސާފުކޮށް ފެންނަމުން ދިޔައެވެ. ސިކުނޑީގައި ދެން އޮތް ސެޝަންއަކަށް އެކި ކަންކަން ރާވައިލަމުން އިވްލީން ދުރަށް ނަޒަރު ހުއްޓައިލިއެވެ. އަތުގައިހުރި ޖޫސްތަށި ތުނބުގައ ޖަހައިލި ވަގުތު ފަހަތުން މީހަކު ކަރުކެހިލި އަޑަށް އިވްލީން ބަލައިލިއެވެ.
"ހާދަ އެކަނިވެފަ.." ފަހަތުގައި ހުއްޓިހުރި ޝަމްއަލް އަހައިލީ މަޑުމަޑުންނެވެ. ވަކި އެއްޗެކޭ ނުބުނެ ކުރިންވެސް ހުރިގޮތަށް އިވްލީން އެނބުރިލިއެވެ.
"ޕާޓީވެސް ނިމުމާ ގާތްވަނީ.. ލީންގެ ޑްރައިވަރާ އެކު ދޯ މިތަނަށް އައީ.." އިވްލީނާއި އެއްހަމައެއްގައި ހުއްޓެމުން ޝަމްއަލް އަހައިލިއެވެ. އަތުގައިހުރި ޖޫސްތަށްޓައް ނަޒަރު ހުއްޓައިލަމުން އިވްލީން ބޯޖަހައިލިއެވެ.
"އަހަރެން ލީން ގެއަށް ލައިދޭން ދަންތަ؟" ލައިގެންހުރި ޖިންސުގެ ދެޖީބަށް އަތްޖަހައިލަމުން ޝަމްއަލް ސުވާލުކޮށްލީ ޖެހިލުންވެފައި ހުރެއެވެ. ހައިރާންކަން ވެރިވުމާއެކު އިވްލީނަށް ޝަމްއަލްއަށް ބަލައިލެވުނީ ގަބޫލުނުކުރެވިފައެވެ. ފަހަކަށް އައިސް ޝަމްއަލް އޭނާއާ ގުޅުން އުފައްދަން އުޅެނީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. އެއްގޮތަކަށްވެސް ޝަމްއަލްގެ އަމަލުތައް އެހައި ބޮޑަށް ބަދަލުވާން ޖެހުނު ސަބަބެއް އިވްލީނަކަށް ނުވިސްނުނެވެ.
"ޝައްމުގެ ވައިފް ރުޅިއަތުވެދާނެ.." އިސްޖަހައިލަމުން އިވްލީން ބުނެލީ ހިތިގޮތަކަށެވެ. އެއަޑުގައިވި މަޑުމޮޅިކަން ޝަމްއަލް އަށްވެސް ފާހަގަވިއެވެ.
"ވަޓް.. ނޫން.. ޒާރާ އަކީ އެއަށްވުރެ މާ ކޫލް މީހެއް.. ޝީ ވޮންޓް މައިންޑް.." ލިބުނު ސިހުން ފޮރުވައިލަމުން ހިނިގަނޑެއް ޖަހައިލައިފައި ޝަމްއަލް ބުނެލިއެވެ. ޒާރާގެ ނަންވެސް ހިތަށް އަރުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކެތްތެރިވާން ބޭނުންވިއަސް އޭނާގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް މިހާރު ވަނީ ގޮސްފައެވެ. ޒާރާގެ ވާހަކައަކީ އޭނާ އެއްވެސް މީހަކާ ހިއްސާކުރާ ވާހަކަތަކެއް ނޫނެވެ. އެއީ އަދިވެސް އޭނާގެ އަނބިމީހާކަން ޝަމްއަލް ދަނެއެވެ. އަނބިމީހާގެ ނުބައި ވާހަކަ އެހެން މީހުން ގާތުގައި ދައްކައި ބަދުނާމު ކުރާކަށް އޭނާ ނޭދެއެވެ. ޒާރާގެ އަމަލުތަކުން ހިތުގައި ވޭން އެޅިއަސް ކެތްކޮށްލައިގެން އޭނާ ހުންނަނީ އެހެންވެއެވެ.
"އަހަރެން ގެއަށް ގެންދިއުމުގެ ބުރަ ޝައްމު އުފުލާނެ ކަމެއްނެތް.. ވަރަށް ބޮޑަށް ތޭންކްސް.."
"ކަމްއޯން ލީން.. ތިގޮތަށް ވާހަކަ ނުދައްކަބަލަ.. އަހަރެމެންނަށް ދެއެކުވެރިން ގޮތުގަ ނުތިބެވޭންވީ ކީއްވެތަ؟"
"ޝައްމުއަށް ތިސުވާލުގެ ޖަވާބު ވަރަށް ރަނގަޅަށް އެނގޭނެ.. އަހަރެން ބޭނުމެއްނޫން ޝައްމުގެ ދިރިއުޅުން ތެރަށް އޮޅުމަކުންވެސް ވަންނާކަށް.." ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ގަދަކަމުން ހިންދައިލަމުން އެތަނުން ދުރަށް ދިއުމަށް އިވްލީން ހިނގައިގަތެވެ. ދެފަރާތަށް ބޯހޫރައިލުމާއެކު ޝަމްއަލްއަށް އިސްޖަހައިލެވުނެވެ. އުއްމީދު ކުރިފަދައިން ނުވުމުން ހިތަށް ލިބެގެންދިޔައީ މާޔޫސްކަމެވެ.
ޕާޓީ ނިމުމާއެކު ލޯބިން ފުރިފައިވި ނަޒަރަކުން ހައިތަމް އީކްއަށް ބަލައިލިއެވެ. ލޯބިން ގެނެސް މޭގައި ޖައްސައިލުމާއެކު ނިތުގައި ބޮސްދިނެވެ. މިއަދު އުމުރަށް ލޯމަރާލަން ޖެހުނަސް އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ލޯބިވާ ދަރިފުޅަށް އުފައުވެރި މުސްތަގުބަލެއް ހޯދައިދެވިއްޖެކަން އޭނާއަށް ޔަގީންވެއެވެ. އޭނާގެ ހިތް ދޮގުނުހަދާނެކަން ގައިމެވެ. އީވާނަކީ އީކްގެ މައްޗަށް އޯތާތެރި ފިރިއަކަށް ވާނެކަމާއިމެދު އޭނާ އެއްވެސް ޝައްކެތް ނުކުރެއެވެ. ފެންކަޅިވެފައި ހުރި އީކް ހައިތަމްގެ މޭގައި ލައްވެލުމާއެކު އޭނާގެ ކޮނޑުގައި ނުހަނު ލޯބިން ހައިތަމް ފިރުމައިލިއެވެ. އަދި ހުރިހައި ކަމެއްވެސް ﷲ އިރާދަފުޅާއެކު ރަނގަޅުވާނެ ކަމުގައި ބުނެލިއެވެ.
އިވްލީން އައިސް އީކްގެ ގާތުގައި ހުއްޓުމުން އޭނާއާ އެކުގައި ކޮޓަރިއަށް ދިއުމަށް ހައިތަމް ބުނެލިއެވެ. މިރޭން ފެށިގެން އީކް އުޅޭނީ އީވާންގެ ކޮޓަރީގައިކަން ހިތަށް އެރުމާއެކު އެމޫނުމައްޗަށް ކަންބޮޑުވުން ވެރިވިއެވެ. އީކްގެ އަތުގައި މަޑުމަޑުން ހިފައިލަމުން އިވްލީން ފިތައިލީ އޭނާއަށް އެހުރިހައި ކަމަކާއި ކުރިމަތިލެވޭނެ ކަމުގައި ބުނަމުންނެވެ. އޭނާގެ ވާހަކަތައް ހަނދާނުގައި އަބަދުވެސް ބެހެއްޓުމަށް އިވްލީން ނަސޭހަތްތެރިވިއެވެ. ބޯޖަހައިލުމާއެކު ހެދުމުގެ ދެފަރާތުން ހިފައި ހިއްލައިލަމުން އީކް ހިނގައިގަތެވެ. ތަންކޮޅެއް ދުރުގައި އެމަންޒަރު ބަލަން އީވާން ހުއްޓެވެ. ކުއްލި ގޮތަކަށް ކުރެވުނު ކައިވެންޏަކަސް އެގުޅުމަށް ވަގުތު ދޭން ޚުދު އޭނާވެސް ބޭނުންވެއެވެ. އޭނާ އެދެނީ އީކް އަބަދުވެސް އުފަލުގައި ހުރުމެވެ. އެމޫނުމަތިން ފައުޅުވާ ހިތާމަވެރިކަން ފިލައި އަބަދުވެސް ހިނިތުންވެފައި ހުރުމެވެ.
ޝަމްއަލް ގެއަށް ދިއުމާއެކު އީވާން ކޮޓަރިއަށް ދިއުމަށް މިސްރާބުޖެހިއެވެ. ލަސްހިނގުމެއްގައި އައިއިރު އޭނާގެ ޚިޔާލުތަކުގައިވީ އީކް އެވެ. އެއީ މިހާރު އޭނާގެ ލޯބިވާ އަނބިމީހާއެވެ. ދުވަސްތަކެއް ކުރިންނަމަ އެއީ ވާނެކަމެއްކަމުގައިވެސް އޭނާ ގަބޫލުނުކުރީހެވެ. އެހެނަސް ތަޤުދީރުގައި ރޭވިފައިވީ މުޅިން އެހެން ގޮތެވެ. އެލޯބި އޭނާއާ ހަމައަށް ގެނެސްދެއްވި މާތް ރަސްކަލާނގެއަށް ޙަމްދު ހުއްޓެވެ. އޭނާއާ ހަވާލުކުރެވުނު އެއަމާނާތަށް ކޮންމެ ހާލެއްގައިވެސް އޭނާ ރައްކައުތެރިވާނެއެވެ. ކުރިއަށް އޮތީ ދަތި އުނދަގޫ ރާސްތާއެއްކަން ގައިމެވެ. ނަމަވެސް އޭނާ އެހުރީ ދިރިއުޅުން ކުރިމަތިކުރުވާ ކޮންމެ ގޮންޖެހުމަކާއިވެސް ކުރިމަތިލާން ފުރިހަމައަށް ތައްޔާރުވެގެންނެވެ. ކިތަންމެ ދިގު ރާސްތާއެއް ކަނޑައްތުކުރަން ޖެހުނަސް އެއްވެސް ފަރުވާލެއްނެތެވެ. އެހިތުގެ ލޯތްބަށްޓަކައި އޭނާ ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އީކްގެ ހިތާއި ހަމައަށް އިރާދަފުޅުން ކޮންމެވެސް ދުވަހަކުން އަދި އޭނާ ވާސިލްވާނެއެވެ. އޭނާއަށް އޮތީ އަދިވެސް އިންތިޒާރު ކުރުމެވެ. ދިގު އިންތިޒާރެއްގެ ނިމުން ފޮނިވާނޭ މީހުން ބުނެއެއް ނޫންހެއްޔެވެ؟..
ކޮޓަރީގެ ދޮރުހުޅުވައިލިއިރު އެނދުގެ އެއްފަރާތުގައި އިނށީދެލައިގެން އިސްޖެހިފައި އީކް އިނެވެ. އީވާން ކޮޓަރިއަށްވަދެ ދޮރުލައްޕައިލި އަޑަށް އީކް ދިޔައީ ސިހިގެންނެވެ. ސިކުނޑީގައި ރަސްކަން ކުރަމުންދިޔަ މާކިންގެ ޚިޔާލުތައް ފުހެވިގެން ދިޔައެވެ. ކުރިމަތީގައިހުރި އޭނާގެ ފިރިމީހާއަށް ލަސްލަހުން އީކްގެ ނަޒަރު ދަތުރުކޮށްލިއެވެ. ހިންދިރުވައިލެވުމާއެކު އީވާންގެ މޫނަށް ބަލަހައްޓައިގެން އީކްއަށް އިނދެވުނީ ހަރަކާތެއްވެސް ކޮށްލަން ނުކެރިފައެވެ.
"ހާދަ ހާސްވެފަ.. ހެދުން ބަދަލުކޮށްލާ ފްރެޝްވެލަން ދާންވީނު.." ގަމީސް މަތިން ލައިގެންހުރި ކޯޓު ބައިލަމުން އީވާން ހިނިތުންވެލިއެވެ. ބޯޖަހައިލަމުން އިންތަނުން އީކް ތެދުވިއެވެ. ނުކެރިފައި ކަހަލަ ގޮތަކަށްހުރެ އޭނާ އައިސް ޑްރެސިންގް ޓޭބަލްގެ ކުރިމަތީގައިހުރި ގޮނޑީގައި އިނށީދެލިއެވެ. އެކޮޓަރިއަށްވަނީ އެމީހުންގެ ކައިވެންޏާ ގުޅިގެން ބަދަލުތަކެއް ގެނެސްފައެވެ. ކޮޓަރީގައި ލައިފައިހުރި ކުލައިގެ އިތުރުން ފަރުނީޗަރވެސް ވަނީ އައުކޮށްފައެވެ. ދެމަފިރިއަކަށް އުޅެވޭނަފަދަ ގޮތަކަށް ކޮޓަރީތެރެ ތަރުތީބުކޮށްފައި ހުއްޓެވެ.
ބޮލުގައި އެކިތަންތަނަށް ޖަހައިފައިހުރި ކުދި ދަތިތައް ނެއްޓުން އީކްއަށްވީ އުނދަގޫކަމަކަށެވެ. ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަން އިނދެ އެކަންވޭތޯ އޭނާ މަސައްކަތް ކުރަމުންދިޔައެވެ. އެމަންޒަރު ބަލަން އިރުކޮޅަކު ހުރުމަށްފަހު އީވާން އައިސް އީކްގެ ފަހަތުގައި ހުއްޓިލިއެވެ. ލޯގަނޑުން ފެންނަމުންދިޔަ އެކަކު އަނެކެއްގެ ސޫރައަށް ބަލަހައްޓައިގެން ދެމީހުން ތިއްބެވެ. އެންމެ ފުރަތަމަ ނަޒަރު ވަކިކޮށްލީ އީކްއެވެ. އޭނާ އިސްޖަހައިލީ އީވާންގެ ތޫނު ނަޒަރުން ލަދުގަތްވަރުންނެވެ. ހިތުގެ ހިނގުން އިންތިހާއަށް އަވަސްވެގެން އައުމާއެކު އެމޫނަށް ޖަންބުކުލަ ފާއްދައިލިއެވެ.
"ގެނޭ އަހަރެން އަތަށް.. ލެޓް މީ ހެލްޕް ޔޫ.." ލުއިހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު އީކްއާ އީވާން އިތުރަށް ގާތްވެލިއެވެ. ދެކޮޅުހެދުމެއްނެތި އީވާނަށް އެފުރުސަތު ދެމުން އިސްތަށިގަނޑުގައި ޖައްސައިލައިގެންހުރި ދެއަތްތިލަ އީކް ތިރިކޮށްލިއެވެ. އެއާއެކު ފަހަރަކު ދައްޗެއް އިސްތަށިގަނޑުން ނައްޓަމުން އީވާން ދިޔައެވެ.
"މިވަރަށް ދަތި ނުޖަހަންޏާ އިސްތަށިގަނޑު ސްޓައިލް ކުރެވޭކަމަށް ހަމަ ނުވަނީތަ؟" މޫނަށް ވައްތަރެއް ޖައްސައިލަމުން އީވާން ބުނެލިގޮތުން އީކް ގާތަށް ހިނިއަންނަގޮތްވިއެވެ. ސީރިއަސްކަން ވެރިވެފައިވި މޫނުމަތީގެ ކުލަވަރު ބަދުލުވެގެން ދިޔަގޮތްފެނި އީވާންވެސް ހިނިތުންވެލިއެވެ. އޭނާގެ މަގުސަދު ކާމިޔާބު ވެއްޖެއެވެ. އީކް މާމަޑުން އިނުމުން އެގޮތް އީވާނަށް ކަމުނުދިޔައީއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައި އީކްގެ އެހަމަހިމޭންކަން ފޫއަޅުވައިލާން އޭނާ ބޭނުންވީ އެހެންވެއެވެ.
އީކްގެ އިސްތަށިގަނޑުގައި ޖަހައިފައިހުރި ހުޅި ނައްޓައިލަމުން އެއޮމާން އިސްތަށިގަނޑުގައި އީވާން އަތްހިންގައިލިއެވެ. އީކްއަށް ބެލުމެއްނެތި ކޮޓަރީ ތެރެއިން ވަދެވެންހުރި ކްލޯސެޓަށް ވަދެ އެތަނުގައި އަޅުވައިހުރި އީކްގެ ހެދުންތައް އޭނާ ހާވައިލިއެވެ. ހިތްހަމަޖެހޭފަދަ ހެދުމެއް ފެނުމުން އެހިފައިގެން އީވާން އެތަނުން ނުކުތެވެ. އެހުރިހައި އިރު އީވާން ކުރަމުންދިޔަ ކަމަކަށް ޝައުގުވެރިވެފައި ބަލަން އީކް އިނެވެ. އަތުގައި އޮތް ދޫ ކުރުތާއާއި ހަރުވާޅު ދިއްކޮށްލަމުން ފެންވަރައިލައިގެން އައުމަށް އީވާން ބުނެލިއެވެ. އީވާން އެދުނު ފަދައިން ހަރުގައި އަޅުވައިފައިހުރި އޭނާގެ ތުވާލި ހިފައިގެން އެއްއަތުން ހެދުން ހިއްލައިލުމަށްފަހު އޭނާ ގޮސް ފާޚާނާ ތެރަށް ވެނެވެ. "ވުޟޫކޮށްލައިގެން ނުކުންނައްޗޭ.." ދޮރުލެއްޕުމުގެ ކުރިން އީވާން އެހެން ބުނުމުން ހައިރާންވެފައިހުރެ އީކް ބޯޖަހައިލީއެވެ. ހިތަށް ލިބުނު ހަމަޖެހުމުގައި އީވާން އައިސް އެއްފަރާތުގައިހުރި ސޯފާގައި އިނށީނެވެ.
ބޮލުގައި ތުވާލިއޮޅައިލައިގެން އީކް ނުކުތުމާއެކު އިންތަނުން ތެދުވަމުން އީކްގެ އަތުގައިއޮތް ކައިވެނީގެ ހެދުން އީވާން އަތުލިއެވެ. އަދި އޭތި ގެންގޮސް އަލަމާރީ ތެރޭގައިހުރި ކޮނޑެއްގައި އަޅުވައިލަމުން ނުކުތެވެ. ތެތް އިސްތަށިގަނޑު ހިއްކައިލުމަށްފަހު ހަރުގައި ތުވާލި އަޅުވަމުން ޑްރެސިންގް ޓޭބަލް ދޮށުގައި އީކް އިނށީނެވެ. އޭރު އީވާން އޮތީ އޭނާ ބޭނުންކުރާ ހެޔަރ ޑްރަޔަރ ނަގައި މޭޒުމަތީގައި ބާއްވައިލައިފައެވެ. ފަނޑު ހިނިތުންވުމެއް ތުންފަތުގައި ދުވެލުމާއެކު އޭތި އޮންކޮށްލަމުން އިސްތަށިގަނޑު ހިއްކަން އީކް ފެށިއެވެ. ތުވާލި ނަގައިގެން ފާޚާނާއަށް އީވާން ވަނީ އީކް އެމަސައްކަތުގައި އިންދައެވެ. ފެންވަރައި ތާޒާވެލައިގެން އޭނާ ނުކުތީ ދޫ ސްވެޓްޕޭންޓަކާއި ޓީޝާޓެއް ލައިގެންނެވެ.
"މޭ އައި؟" ބޮލުގައި ފުނާ އަޅަން އުޅުނު އީކްގެ ފަހަތުގައި ހުއްޓިލަމުން އީވާން އަހައިލިއެވެ. ޖެހިލުންވިއަސް އީކް މަޑުމަޑުން ބޯޖަހައިލީ އީވާނަށް ހުއްދަ ދިނުމުގެ ގޮތުންނެވެ. އީވާން އަތްދިއްކޮލުމާއެކު އަތުގައިއޮތް ފުނާ އީވާންގެ އަތުތެރަށް ލިއެވެ. ގަޔާވެފައިހުރެ އީކްގެ ކޮނޑާއި ހަމައަށް އަންނަ ފަންއިސްތަށިކޮޅު މަތިން ފެށިގެން ރީތިގޮތަކަށް ދޫކޮށްހުންނާނެހެން އީވާން ގަތައިލިއެވެ. އީވާނަށް ބަލަން އިނދެ އީކްއަށް ހިނިތުންވެލެވުނީ ހީވެސްނުކުރާފަދަ ކަމެއް އޭނާގެ ފުށުން ފެނުމުންނެވެ. އީކްއާ ދުރަށްޖެހިލަމުން ސޯފާގެ އެއްފަރާތުގައި ބާއްވައިފައިއޮތް މުސައްލަ ނަގައި އޭނާއާ އެކުގައި ސުންނަތް ނަމާދެއް ކުރަން އައުމަށް އީވާން އެދުނެވެ.
ކައިވެނީގެ ޙަޔާތް އީވާން ފަށަން ބޭނުންވީ އެންމެ ފުރިހަމަ ގޮތުގައެވެ. ނަމާދަށްފަހު އީކްއާ އެކުގައި ދުޢާކުރަން އޭނާ އިރުކޮޅެއް ވަންދެން މުސައްލަ މަތީގައި އިނެވެ. އޭނާ ދުޢާ ކުރަމުންދިޔައީ ގާތުގައި ދެއަތް އުފުލައިލައިގެން އިސްޖެހިފައި އިން އީކްއަށްވެސް އަޑުއިވޭނޭ ވަރަށެވެ. ކަނުލައި އަޑުއަހަން އިނދެ އިރުކޮޅުކޮޅުން ހިތާހިތުން އާމީން ކިޔަމުން އީކް ދިޔައެވެ.
ނަމާދުކޮށް ނިންމައިލުމަށްފަހު މުސައްލަ ނެގުމުގެ ކުރިން ގާތުގައިއިން އީކްއަށް އީވާންގެ ނަޒަރު ހުއްޓުނެވެ. ހިތަށްވެރިގަތް އިހުސާސުތަކާއެކު ލޯބިންފުރިގެންވި ގޮތަކަށް އަތް އުފުލައިލަމުން އަތުގެ ނުފުށުން އީކްގެ ކޮލުގައި އީވާން މަޑުމަޑުން ފިރުމައިލިއެވެ. އީވާންގެ އެއަމަލުން އީކް އިސްޖަހައިލުމާއެކު މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު އޭނާ ރަނގަޅުކޮށްލައި ދިނެވެ. އަދި ނިދަން ހިނގާށޭ ބުނެލީ އީކްގެ މޫނުން ފައުޅުވަމުންދިޔަ ވަރުބަލިކަން ފެނިފައެވެ.
އެނދުގައި އީކް އިށޯވެ ހަމަޖެހިލުމާއެކު ހުދުކުލައިގެ މަޑު ކުއިލްޓް އީކްގެ ގައިމަތީގައި އީވާން އަޅައިލިއެވެ. އަދި ބޭކާރު ޚިޔާލުތައް ނުކޮށް އަރާމުކޮށްލުމަށް ނުހަނު ލޯބިން ބުނެލިއެވެ. އެއާއެކު އީކް ދެލޯމަރައިލިއެވެ. އީވާން ހުރި ފަރާތްނޫން އަނެއްފަރާތަށް އޭނާ އެނބުރިލީ އީވާންގެ ނަޒަރު އޭނާއަށް އަމާޒުވެފައި ހުންނާނެކަން އެނގި އުނދަގޫވީ ވަރުންނެވެ. އީކްގެ އެއަމަލު ވިސްނުނު މީހަކުފަދައިން އެހުރިތަނުގައި އީވާން ހުއްޓެވެ. އޭނާއަށްވީ އެންމެ ރަނގަޅަކަށް އެއަންހެންކުއްޖާއާ މެދުގައި ކަންތައް ކޮށްދިނުމަށް އީވާން ބޭނުންވެއެވެ. އޭނާގެ ކޮންމެ އަމަލެއްގައިވި ލޯބި އީކްގެ ހިތާއި ހަމައަށް ވާސިލްވުމަށް އެދެވުނެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލްތައް ކޮންޓްރޯލް ކޮށްލަމުން ލަސްހިނގުމެއްގައި އައިސް އެއްފަރާތުގައި ހުރި ސޯފާގައި އޭނާ އިނށީނީ އީކްއާ ކުރިމަތިވާނޭހެންނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަރާމު ނިންޖަކަށް ގެނބިފައިއޮތް އީކްއަށް ފުންނަޒަރަކުން އީވާން ބަލައިލިއެވެ. ފަނޑުވިއަސް ހިނިތުންވުމެއް އެތުންފަތަށް ވެރިވިއެއްކަމަކު އެދެލޮލުގައިވީ ނޭނގޭ ރިހުމެކެވެ. ދެލޮލުގެ ކަނުން ކަރުނައިގެ އަސަރު ފައުޅުވެލުމާއެކު އީވާންގެ އަނގައިން މަޑު އާޙެއް ބޭރުވެލިއެވެ.
(ނުނިމޭ)





ހިޔާލު
ވާއު ވަރަށް ވަރަށް ސަޅި މި ބައި