ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެ ނުދިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެ ދޫކޮށް ދާން އުޅޭ ކަމުގެ ހެކި ލިބިފައިވާ ކަމަށް ތުހުމަތުކޮށް، ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދުމުން، ޕާސްޕޯޓް ހިފަހެއްޓުމުގެ އަމުރެއް ނެރެދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ މިިދިޔަ މަހުގެ 30ގައި ބާތިލް ކޮށްފަ އެވެ.

މި ހުކުމް ސްޕްރީމް ކޯޓުން ބާތިލުކުރުމާއެކު ޔާމީން މިނިވަންވުމާއި ގުޅިގެން، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތް އެއްކޮށް ނިމެންދެން، ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން ވަނީ އެދިފަ އެވެ.

މިކަމާއި ގުޅިގެން އިއްޔެ ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގައި ވާހަކަ ދައްކަމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ޝަރީއަތް ނިމެން ދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ، ރައީސް ޔާމީނު ރާއްޖެ ދޫކޮށް ދާން އުޅޭކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި އިތުރު ސަބަބުތަކުގެ ތެރޭގައި ޔާމީނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވުމުން، ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ މާލީ ހާލަތާއި ވަސީލަތްތައް ހަމަޖެއްސޭނެ ކަމަށާއި، އަދި މައްސަލައިގެ ބާވަތުން ވެސް ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޔާމީން ރާއްޖެ ފިއްލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

މި ވާހަކަތަކާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ބުނީ، އީސް ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން އެދިގެން ފުލުހުން ކޯޓުގައި އެދުނު ހިސާބުން ފެށިގެން ޕާސްޕޯޓު ހިފަހައްޓަން ކޯޓަށް ހުށަހެޅި ފޯމު ހޯދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ފޯމު ލިބުނީ މިއަދު ކޯޓަށް ހާޒިރު ވެ ތިއްބައި 9:15 އެހާކަންހާއިރު ކަމަށެވެ. އަދި ފޯމުގައި ބަޔާންކޮށްފައިވާ ކަންކަން ދިރާސާ ކުރުމަށް ދެ ހަފުތާގެ ވަގުތު ބޭނުންވާނެކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ދައުލަތުން ވަނީ ދެ ހަފުތާގެ މުއްދަތެއް ދިނުމަށް އިއުތިރާޒު ކޮށްފައެވެ. ދައުލަތުން ވިދާޅުވީ، ފޯމުގައި ހުރި ވާހަކަތަކުގެ އިތުރުން އެހެން އެއްވެސް އެއްޗެއް ދިރާސާ ކުރަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ދިފާއުން އެދުނު މުއްދަތު ދިނުން ރަނގަޅު ނޫން ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު އަމުރާ މެދު ގޮތެއް ނިއްމުމަށް ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ހިފަހައްޓައިދިނުމަށް އެދިފައިވާ ޕާސްޕޯޓުތަކަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓްތަކެއް ކަން އެނގޭ ކަމަށާއި  އެހެން ކަމުން ވުޖޫދުގައި ނެތް އެއްޗެއް ޝަރީއަތުން ނުވަތަ ކޯޓަށް ހިފެހެއްޓޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ބަޔާންކޮށްފައެއް ނެތް ކަމަށެވެ.

އެހެންކަމުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ގާޒީ ނިންމެވިއެވެ. ނަމަވެސް ރައީސް ޔާމީން ޕާސްޕޯޓް ހައްދައި ފުރަން އުޅޭ ކަމުގެ އެއްވެސް ހެއްކެއް ލިބިއްޖެ ނަމަ ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ އަމުރަށް އެދުމުގެ ފުރުސަތު އޮތް ކަމަށް ގާޒީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ