ރާއްޖެއިން ކޮވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯން ފެނުމާ ގުޅިގެން، ހޮންގްކޮންގުން ރާއްޖެއަށް ދަތުރު ކުރުން އެ ގައުމުން މަނާކޮށްފިއެވެ.
ހޮންގްކޮންގް އިން، އެ ގައުމަށް ދަތުރުކުރުން މަނާ ލިސްޓްގައި ރާއްޖެ ހިމެނީ އިއްޔެ އެވެ. އެއާއެކު ހޮންގްކޮންގުން ދަތުރުކުރުން މަނާ ތިން ގައުމެއް މިހާރު ވަނީ ކަނޑައަޅައިފައެވެ. އެއީ ރާއްޖޭގެ އިތުރުން ޓޫނީޝިއާ އާއި ސެނެގަލްއެވެ.
ހޮންކޮންގަށް ދަތުރުކުރުން މަނާ ލިސްޓުގައި ރާއްޖެ ހިމަނައިފައި މިވަނީ، ދެކުނު އެފްރިކާއިން ރާއްޖެ އައި ފަތުރުވެރިއެއްގެ ގައިން ކޮވިޑްގެ އާ ވޭރިއަންޓް ފެނުމާއި ގުޅިގެންނެވެ. މިއީ ރާއްޖެއިން ފެނުނު އާ ވޭރިއަންޓުގެ ފުރަތަމަ ކޭސް އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ފެނިފައިވާ މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެއްގެ ފަރާތުން ފެނިފައިވާ ކޭސްއެއް ކަމަށެވެ. އަދި މި މައުލޫމާތު ލިބިފައި ވަނީ ވޭރިއެންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސީކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް މިދިޔަ މަހުގެ30 ވަނަ ދުވަހު ފޮނުވި ސާމްޕަލް ޓެސްޓު ކުރުމުން ކަމަށެވެ.
އަދި ޖިނޯމިކް ސިކުއެންސިންގ ހެދުމަށްޓަކައި ގަވާއިދުން ވަކި އަދަދެއްގެ ސުންކު ދުނިޔޭގެ ސިއްހަތި ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ އެހީގައި ޓެސްޓު ކުރަމުންދާ ކަމަށް އެ އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި ރާއްޖެއިން މިގޮތަށް ހެދި ސުންކުތަކުގައި އާއްމުކޮށް ފެނިފައި ވަނީ ޑެލްޓާ ވޭރިއެންޓް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.




