ސުނީއަށް ދުނިޔޭގެ ފެންވަރުގެ އެވޯޑެއް!

'ރުލާ އެވޯޑްސް' އިން ދޭ 'އޭޝިއާ އެވޯޑްސް' ގެ ޝަރަފުވެރި ދެ އެވޯޑެއް ރާއްޖޭގެ މޮޅު ނެށުންތެރިޔާ ސުނީތާ(ސުނީ)އަލީ އަށް ލިބިއްޖެ އެވެ.

ސުނީ އަކީ ތަފާތު ފަންނާނެއްކަން އެކިގޮތްގޮތުން އޭނާ އަންނަނީ ދިވެހިންނަށް ސާބިތުކޮށްދެމުންނެވެ. އެގޮތުން ސުނީ އޭނަގެ ނަން އަމިއްލަ ބްރޭންޑަކަށް ބަދަލުކޮށްލާ، އޭނާގެ އުފެއްދުންތެރިކަމުގެ ހުނަރު އެކި ގޮތްގޮތަށް އަންނަނީ ދައްކަމުންނެވެ. އޭޝިއާ ސަރަޙައްދުގައި ދެމުންދާ އެންމެ ޝަރަފުވެރި މި އެވޯޑުވެސް ސުނީއަށް ލިބުނީ އޭނާގެ އާދަޔާ ހިލާފު މަސައްކަތާއި ހިތްވަރުންނެވެ.

އޭޝިއާ އެވޯޑްސްގައި ސުނީ އަށް ލިބުނީ،  'އައުޓްސްޓޭންޑިން ވުމަން އެޗީވާ އެވޯޑު' އާއި، ސުނީގެ ބްރޭންޑް "ސުނީ ސްޕެޝަލް ޕްރޮޑަކްޝަން" އަށް އޭޝިއާސް "އައުޓްސްޓޭންޑިން ބްރޭންޑް"ގެ އެވޯޑެވެ.

ރާއްޖެއިން ސުނީއަށް މިފަދަ ޝަރަފެއް ނުލިބެނީސް، ދުނިޔޭގެ ފެންވަރުގެ މި ފަދަ އެވޯޑެއް ލިބުމުން ސުނީ އިއްޔެ ވަނީ އޭނާގެ އުފާވެރި ޝުއޫރުތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. ސުނީ ބުނީ، އޭނަގެ މަސައްކަތް އޭޝިއާ އެވޯޑްސް އިން ބަލައިގަތުމަކީ ލިބުނު ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ. 

މި ދެ ޝަރަފުވެރި އެވޯޑަކީ އޭނަގެ މަސައްކަތައިގެ ކުރިއަސް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ސުނީ ފާހަގަކުރިއެވެ. 

 ސުނީ އޭނަގެ ނަން އަމިއްލަ ބްރޭންޑަކަށް ބަދަލުކޮށްލާ، "ސުނީ ސްޕެޝަލްސް" ގެ ދަށުން އެންމެ ފުރަތަމަ ތައާރަފްކުރީ މަންމަ އުފެއްދި ކާށި ތެލެވެ. މި ވިޔަފާރި މާބޮޑަށްވެސް ފުޅާވެ، މިއަދު ސުނީ އަކީ ކެއުމަށް ބޭނުންކުރާ އެކި ދިވެހި އުފެއްދުންތައް ވަރަށް މީރުކޮށް ތައްޔާރުކުރާ ހިތްވަރުގަދަ އަންހެނެކެވެ. 

"ސުނީ ސްޕެޝަލް" ގެ ބްރޭންޑްގެ ދަށުން މީގެ ދެތިން އަހަރުކުރިން ފެށި ކާށި ތެޔޮ ވިޔަފާރި އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މަންމަގެ އެހީތެރިކަމާއެކު މި ވިޔަފާރީގެ  ހުރިހާ މަސައްކަތެއް ކުރަނީ ސުނީ އެވެ. 

ކާށި ތެލާއި ދިވެހި ހަވާދު ސުނީގެ މަންމަގެ އެހީތެރިކަމާއެކު ތައްޔާރުކޮށް ވިއްކާއިރު، ސުނީގެ ޕްރޮޑަކްޓް ލައިންގައި އުޅޭ އިތުރު އުފެއްދުންތަކަކީ ސުނީގެ އަމިއްލަ ހުނަރެވެ. އެގޮތުން ދިވެހި ލޮނު މިރުހާއި، އަދި ބްރެކްފާސްޓް ޕެކޭޖުތަކުގައި ހިމެނޭ ކާއެއްޗެއްސަކީ ސުނީގެ އަމިއްލަ އުފެއްދުމެވެ. 

ސުނީ ބުނީ، މިިގޮތަށް މިކަން މި ކުރެވެނީ އޭނަގެ ފޭނުންނާއި އަދި ކަސްޓަމަރުން ދޭ ހިތްވަރުގެ ސަބަބުންކަމަށެވެ. އެހެންކަމުން ސުނީ ކުރާ ކޮންމެކަމެއްވެސް ބަލައިގަތީތީވެ، އާއިލާއާއި، ފޭނުންނަށް ސުނީ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
351
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ