ކޮވިޑާ ގުޅިގެން ސަރުކާރަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގައިފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރިންވެސް ދައުވާކުރި 11 މީހުންގެ މައްޗަށް، އިތުރު ދައުވާތަކާ އެކު ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލަ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އަނެއްކާވެސް ފޮނުވާލައިފި އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީ އިން މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން އެދިފައި ވަނީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އޭނާގެ 10 މުވައްޒަފެއްގެ މައްޗަށެވެ. އަދި މި މައްސަލައިގައި އެމީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީ އިން މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން އެދި ފޮނުވީ މިދިޔަ މަހުގެ 1 ގައެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލައިގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން އަދިވެސް ފުރިހަމަ ނުވާ ކަމަށާއި، އެހެންވެ އެ ކަންކަން ފުރިހަމަ ކުރުމަށް އޭސީސީއަށް އަންގާފައިވާ ކަމަށެވެ.
މި މައްސަލާގައި ދައުވާކޮށްދޭން އެދި ފޮނުވީ ފަރާތްތަް:
- ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
- ބިޑް ކޮމިޓީގެ ޗެއާ، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
- ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު
- ފައިނޭންސް އެގްޒެކެޓިވް އަހުމަދު އަސްލަމް
- ޑިރެކްޓަރު ނައުޝާދު އަލީ (ކ. ގުރައިދޫ، ފަތިސްހަނދުވަރުގެ)
- ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ (ސ. ހިތަދޫ، ނޫރާނީހިޔާ)
- އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ (މ.ހަޒާރީވިލާ، މާލެ)
- ލީގަލް އޮފިސަރު އަލީ ޝިހާމް (ލ.ގަން، ފެއަރީ ގާޑެން)
- އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒް (މުޝްތަރީގެ، ހއ. ދިއްދޫ)
- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒު
- ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ޝަރީފް