ފާއިތުވި ދުވަސްތަކުގައި އިންޑިއާގެ ނޫސްތަކުގެ އެންމެ ފަލަ ސުރުހީގައި އޮތް އެއް ވާހަކައަކީ، މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް، އާއި ވިކީ ކޯޝަލްގެ ކައިވެނިކުރަން އުޅޭ ވާހަކައެވެ. މި ވާހަކަތައް ދައްކާތާ އެތައް ދުވަހެއް ވީއިރު، މިއަދާއި ހަމައަށްވެސް މި ވާހަކަތައް އޮތީ ކަށަވަރު ނުވާ ވާހަކަތަކެއްގެ ގޮތުގަ އެވެ. އެއީ މި ފަދަ އެއްވެސް ވާހަކައެއް މި ދެތަރިން ދައްކައިފައި ނުވުމެވެ.
ނަމަވެސް މި ދަތެރިން ޒަވާޖީ ހަޔާތެއް ފެށިކަން އެންމެ ފަހުން މިވަނީ ޔަޤީންކޮށްދީ، ކައިވެނި ހަފްލާގެ ފޮޓޯތައް ފުރަތަމަ ފަހަރަށް ދައްކާލައިފައެވެ. މިކަން ކަށަވަރުކޮށްދިނީ ކެޓްރީނާ އާއި ވިކީ އެމީހުންގެ އިންސްޓަގްރަމްގައި ހިއްސާކުރި ކައިވެނި ހަފްލާގެ ފޮޓޯތަކުންނެވެ.
މި ފޮޓޯތައް ހިއްސާކުރަމުން ދެމީހުންވެސް ބުނީ މިއީ އާ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި ކުރިއަށް ދިއުމަށް އެންމެންގެ ލޯތްބާއި ދުއާ ބޭނުންވާ ކަމަށެވެ.

މި ދެމީހުންގެ ކައިވެނި ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ސިއްރުން ކަމަށް ވެއެވެ. ނަމަވެސް މި ހަބަރު ދެމީހުން ޔަޤީން ކޮށްދިނުމުގެ ކުރިންވެސް، ބޭރުގެ މީޑިއާތަކަށް މި ވާހަކަތައް އޮތީ އެނގި ފައެވެ.




