ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވާއިރު، އޭނާއަށް ކޮވިޑް ޖެހުނުތާ މިހާރު ހަފްތާއެއް ހާ ދުވަސްވީ އެވެ. ކޮވިޑް ޖެހުމުން އޭނާ ހުރީ އަމިއްލަ ގޭގައި ވަކިން ކަރަންޓީނުވެގެން ކަން އޭނާ ހާމަކުރިއެވެ.
ދެ ދަރިންގެ މަންމަ، ކަރީނާ ކަރަންޓީނުވެގެން އިންނަން ޖެހުމުން ކުރެވޭ އިހްސާސްތައް އިއްޔެ މިވަނީ ބަންޑުންކޮށްލައިފަ އެވެ. ކަރީނާ ބުނީ ކަރަންޓީނުގައި ވަކިން އިންނަން ޖެހުމުން އޭނަގެ ދަރިން މަތިން ވަރަށް ހަނދާން ވާ ކަމަށެވެ.
އިއްޔެ ކަރީނާގެ ރަސްމީ އިންސްޓަގްރަމް އެކައުންޓުގެ ސްޓޯރީގައި މިވާހަކަ ހިއްސާކުރަމުން އޭނާ ބުނީ، ކޮވިޑް ބަލި ދެކެ މިހުރީ ވަރަށް ރުޅި އައިސްފައި ކަމަށާއި، އެއީ ދަރިންނާއި ވަކިން ދުވަސްތައް ހޭދަކުރަން ޖެހޭތީ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ބަލިން ރަނގަޅުވެ، އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ލިޔެފައިވެއެވެ.
ކަރީނާ އާއި އެކްޓަރު ސައިފް އަލީ ހާންގެ ކައިވެންޏަށް ދެކުދިން ލިބިފައިވެ އެވެ. އެއީ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ތައިމޫރް އަލީ ހާން އާއި، މި އަހަރުގެ ފެބްރުއަރީ މަހު ވިހެއި ފިރިހެން ދަރިފުޅު ޖެހެންގިރް(ޖެހް) އެވެ.
ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭނަގެ ބެސްޓްފްރެންޑް އަމްރިތާ ރާއޯވެސް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ކަރީނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވީނަމަވެސް، އޭނަގެ އާއިލާގެ ފަރާތުން ބަލީގެ އަލާމަތެއް ނުފެންނަ ކަމަށް ކަރީނާ މިގެ ކުރިން ވަނީ ބުނެފަ އެވެ.




