ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (31)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ތިރީސްވަނަ އަދަދާއި ގުޅޭ

* * * * *

ޓެކްސީ ތެރޭގައި އިން ޒާރާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އޭނާ ޝަމްއަލްގެ ގެއިން ނުކުމެގެން އައީ ގޭގައި މީހަކު ނޫޅޭ ގަޑިއެއް ބަލައިފައެވެ. އެއްވެސް މީހަކަށް އޭނާ ފެނި ސުވާލު ކުރާކަށް ޒާރާ ނޭދެއެވެ. އިރުއިރުކޮޅާ އަތުގައި އޮތް ޓިޝޫކޮޅުން ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނަތައް ފުހެލައެވެ. ޒާރާ ބުނި އެޑްރެސް ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ޓެކްސީ ޑްރައިވަރާއި ފައިސާ ހަވާލުކުރަމުން އޭނާ ފޭބިއެވެ. ކާރުގެ ޑިކީއިން ޑްރައިވަރު ޒާރާގެ ފޮށި ނަގައިދެންދެން އެއްފަރާތުގައި މަޑުކޮށްލައިގެން އޭނާ ހުއްޓެވެ.

ގެނައި ދަބަސް ކޮނޑުގައި އަޅުވައިލުމަށްފަހު ފޮށި ދަމައިލަމުން ޒާރާ އެނބުރި އޭނާގެ ކުރިމަތީގައިހުރި ގެއަށް ނަޒަރު ހުއްޓައިލިއެވެ. އެއީ އޭނާއާއި ކެވިންއާ ދެމީހުން ހިއްސާވެގެން ގަތް ގެޔެވެ. ނަމަވެސް މިހާރު އެގެ ހުންނަނީ ކެވިންގެ ނަންމަތީގައެވެ. ލޯބިންގޮސް އޭނާ އެދުނުހައި ކަމަކަށް ޒާރާ ވަނީ ރުހިފައެވެ. އެގޭގެ އެތެރޭގައި އެހިތުގެ ލޯބި ވާނެކަން އެނގި ފުރަތަމަ ފަހަރަށް ޒާރާގެ ހިކިފައިވި ދެތުންފަތް ދެމިލީ ފަނޑު ހިނިތުންވުމަކުންނެވެ. ފުންނޭވައެއް ދޫކޮށްލަމުން މަޑުމަޑުން ފޮށި ދަމަމުން ކުރިއަށް ދެވެންއޮތް ހިމަ މަގުން ލައިފައި އޭނާ ހިނގައިގަތެވެ. ގެއަށް ވަނުމަށްޓަކައި ހަދައިފައިހުރި ތިން ހަރުފަތުގެ ކުޑަ ސިޑިބަރި ގިރާކުރުމަށްފަހު ޒާރާ އައިސް ގޭގެ މައި ދޮރު ކުރިމަތީގައި މަޑުކޮށްލިއެވެ. ގޯތީގެ އިންފާރު ވަކިކޮށްފައިވަނީ އުނަގަނޑާއި ހަމައަށް އެއްވަރަކަށް ހައްދައިފައިވާ ގަސްތަކުންނެވެ. އެ ސަރަހައްދަކީ ނުހަނު އަމާން ހިސާބެއްކަން އެކަމުން ހެކިދެއެވެ. އެތަނުން ގެއެއް ގަތުމަށް ޒާރާ ނިންމީވެސް އެހެންވެއެވެ.

ވަށައިގެން ނަޒަރު ހިންގައިލަމުން ޒާރާ ހަމަޖެހިލިއެވެ. އަތް ދަބަސްތެރެ ހާވައިލުމާއެކު ކީކާރޑް ނުގެނެވޭކަން ވިސްނި ދެފަރާތަށް ބޯހޫރައިލިއެވެ. ލަސްލަހުން އަތް އުފުލައިލައި ބެލް އަޅައިލަމުން އޭނާ ނަފުސު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. ދެތިންފަހަރު ބެލް ޖަހައިލުމާއެކު ފަނޑުފަނޑުކޮށް މީހެއްގެ ފިޔަވަޅުގެ އަޑު އިވުނެވެ. ހިތް އަވަސްވެފައި ޒާރާ ހުއްޓައި ގޭގެ ދޮރު ހުޅުވީ އޭނާއަށްވުރެ އުމުރުން ޅަ އަންހެންކުއްޖެކެވެ. ހައިރާންކަން ޒާރާގެ މޫނުމަތިން ފައުޅުވެލިއެވެ. ބުޑު ނިވައިވާވަރުގެ ހުދުކުލައިގެ ދޫ ގަމީސްކޮޅެއް އެކަނި އެއަންހެންކުއްޖާ ލައިގެން ހުރިއިރު، ޔަގީނާ ގާތަށް އެއީ ކެވިންގެ ގަމީހެއްކަން ބުނެދޭން ޒާރާއަށް އެނގެއެވެ. އެހެނީ އެއީ އޭނާގެ ދެއަތުން ކެވިންއަށް ހަދިޔާކުރި އެއްޗަކަށް ވީމައެވެ. ދެބުމަ ގޮށްޖެހުމާއެކު ޒާރާއަށް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. ގޮތްނޭނގޭ އަންހެންކުއްޖަކު އެގެއިން ފެންނަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެއަންހެންކުއްޖާގެ މޫނުމަތިންވެސް ފައުޅުވާންހުރީ އެފަދަ އަސަރުތަކެކެވެ. ސުވާލުގެ ނަޒަރަކުން އޭނާ ޒާރާއަށް ބަލަން ހުރީ ޒާރާ އެއްޗެއް ބުނޭތޯއެވެ.

"ތީ ކާކު؟ މިތާ ކީއްކުރަނީ..؟" ބަހެއްވެސް ނުބުނެ އެކުއްޖަކު ހުންނަން ފެށުމުން އުނދަގޫވެފައި ޒާރާ އަހައިލީ ރުންކުރު ރާގަކަށެވެ. "އަހަންނަށް އަހައިލެވިދާނެތަ ތީ ކާކުތޯ.. މިގެއަށް އައީ ކީއްކުރަންތޯ؟" ޒާރާގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލު އެއަންހެންކުއްޖާ ވެސް ކޮށްލީ ސުވާލުތަކެކެވެ. އެހެނަސް ޒާރާއާ ޚިލާފަށް އެކުއްޖެއްގެ އަޑުގައިވީ ހިތްހެޔޮކަމެވެ. ދަތްކުނޑި ވިކައިލަމުން ޒާރާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އެވަގުތު އެއަންހެންކުއްޖާއަށް ގޮވައިލަމުން އެތަނަށް އައިސް ހުއްޓުނު ކެވިންއަށް ޒާރާގެ ނަޒަރު އަމާޒުވެލިއެވެ. ޒާރާ ފެނުމާއެކު ކެވިންއަށް ވެރިވީ ހާސްކަމެވެ. މަޑުމަޑުން ޒާރާގެ ނަމުން ގޮވައިލަމުން ކަންބޮޑުވެފައި އޭނާގެ ގާތުގައިހުރި އަންހެންކުއްޖާއަށް ކެވިން ބަލައިލިއެވެ.

"ލޯބި.. އެތެރޭގަ މަޑުކޮށްލަން ވީނު.. އޭނަ އެހުރީ އަހަރެން ހޯދަން އައިސް.." އެއަންހެންކުއްޖާއަށް ބަލައިލަމުން ކެވިން ބުނެލި ޖުމުލަ ޒާރާގެ ދެކަންފަތްބުޑުގައި ގުގުމައިލިއެވެ. ޚާއްސަކޮށް އެކުއްޖަކަށް ކެވިން މުޚާތަބު ކުރި ނަން އިވިފައެވެ. ހިނިތުންވެލުމާއެކު ބޯޖަހައިލަމުން އޭނާ ޒާރާއަށް ބަލައިލިއެވެ. އަދި ޒާރާއަށްވެސް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ކެވިން އެދުނު ފަދައިން އޭނާ ގޭތެރެއަށް ވަނެވެ.

ބޭރަށް ނުކުމެ ދޮރު ލައްޕައިލުމާއެކު ކެވިން ޒާރާއަށް ގޮވައިލިއެވެ. އެއަޑުގައި ކުރިން ހުރި ޖެހިލުންވުމުގެ އަސަރެއް މިހާރަކު ނެތެވެ. މީހާ މުޅިން ހަމަޖެހިފައި ހުރިކަން އެމޫނުމަތިން ފެންނަން ހުއްޓެވެ.

"ހޫ ދަ ހެލް އިޒް ޝީ.." ދަތްކުނޑި ވިކައިލަމުން ޒާރާ އަހައިލީ އަޑަށް ބާރުލައިފައެވެ.

"އަހަރެންގެ އަނބިމީހާ.." އާދައިގެ ގޮތަކަށް ކެވިން ބުނެލިއެވެ. ދެލޯބޮޑުކޮށްލަމުން ޒާރާ ދެފަރާތަށް ބޯހޫރައިލިއެވެ. އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ ކެވިން ލޯބިވަނީ އޭނާ ދެކެއެވެ. އަނެއްކާ އެދެމީހުން އުޅުނީ ލޯބީގެ ގޮތުންވެސް ގުޅިގެނެވެ. އޭނާގެ ބަނޑުގައި އެވަނީ އެކަމުގެ ނިޝާނެކެވެ. ކެވިންގެ ނަމުން ޒާރާއަށް ގޮވައިލެވުނީ ބޭއިޚުތިޔާރުގައެވެ.

"އަހަރެންގެ ފަސްފަހަތުން ކުޅުނު ކުޅިގަނޑަކީ މިއީ ދޯ.. ފަހަކަށް އައިސް އަހަރެންގެ އެއްވެސް ކޯލަކަށް ޖަވާބު ނުދީ ނުވިތާކަށް މެސެޖަކަށް ރިޕްލައިވެސް ކޮށްނުލެވެނީ މިހެންވެ ދޯ.. އަހަރެން އެވަރަށް އާދޭސް ކުރުމުންވެސް އަހަންނާ ބައްދަލުކުރަން ބޭނުންނުވި ސަބަބު މިހާރު ވަރަށް ރަނގަޅަށް ސާފުވެއްޖެ.."

"ރަނގަޅަށް ތިބުނީ.. އަހަރެންގެ އަމަލުތައް ފާހަގަވީމަވެސް ޒާރާއަކަށް ނުވިސްނުނެއްނު އަހަރެން ދެން އިތުރަށް ޒާރާއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާކަމެއް.. ކީއްކުރަން މިތަނަށް އައިސް ތިހުރީ؟ ކޮންބޭނުމަކު؟ ކޮން ދަބަހަކާއި ފޮއްޓެއްތަ ތީ..؟" ލައިގެންހުރި ސޯޓުގެ ދެޖީބަށް އަތްޖަހައިލުމާއެކު ނިތް އަރުވައިލަމުން ކެވިން ބުނެލިއެވެ.

"ޔޫ ކާންޓް ޑޫ ދިސް ޓް މީ ކެވިން.. އަހަރެން... އަހަރެން ބަނޑުބޮޑު.." ކެވިންގެ ބަސްތަކުން ހިތަށް ތަދުވި ނަމަވެސް ހިތްވަރުކޮށްލައިފައި ޒާރާ ބުންޏެވެ.

"ކީކޭ... ބަނޑުބޮޑޭ.."

"އާން.. އަހަރެން މިހުރީ ކެވިންގެ ދަރިއަކަށް ބަލިވެ.. އެހައިވަރުން ބައްދަލުކުރަން އެދުނީ އެހެންވެ.. ކެވިން ޕްލީޒް.. އަހަރެން... އަހަރެން މިއައީވެސް ޝައްމު ގާތުން ވަރިވެގެން.. ކެވިންއާއެކު އުޅެން ބޭނުންވާތީ.." ފެންކަޅިވެފައި ޒާރާ ކެވިންއާ ގާތަށް ޖެހިލަމުން އެއަތުގައި ހިފައިލިއެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޒާރާގެ އަތް ފޮޅުވައިލަމުން އޭނާ ޖެހުނީ ދުރަށެވެ. ގަބޫލުކުރަން ދަތިވެފައި ޒާރާ ހުރީ ކެވިން އެގޮތަށް އޭނާއާ މެދުގައި ކަންތައް ކުރަން ޖެހުނު އެއްވެސް ސަބަބެއް ނުވިސްނިފައެވެ.

"އަހަންނަށް ކޮން ޔަގީންކަމެއް އޮތީ ތީ އަހަރެންގެ ދަރިއެއްކަމެއް.. އިނދެގެންހުރެ އަހަރެންގެ ގާތަށް އައިސް ތިހެން އުޅުނު އަންހެނެއް އެހެން މީހެއްގެ ގާތަށް ނުދާނެކަމަކަށް އަހަރެން ގަބޫލެއް ނުކުރަން.. ފިރިމީހާއަށް ވަފާތެރި ނުވިއިރު ހިލޭ ފިރިހެނަކަށް ވަފާތެރިވެވިދާނެތަ؟" ނުރުހިފައި ކެވިން ބުންޏެވެ. ކެވިންގެ ވާހަކަތަކުން ހުއްޓުން އަރައިފައި ޒާރާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނުވިސްނިފައެވެ.

"ކަލޭ ހީކުރީ އަހަރެންމީ ކަލޭ ކުޑައިރު ކުޅެން ގެންގުޅުފަދަ ބުދެއްކަމަށްތަ؟ އަހަންނާއެކު އުޅެމުން އެންމެ ފުރަތަމަވެސް ތި ކައިވެންޏެއްކުރީ.. ކޮބާ އަހަންނަށް ވަފާތެރި ވެވިފަ؟ އަހަރެންގެ އިހުސާސުތަކާމެދު ވިސްނިނަމަ އެންމެ ފުރަތަމަވެސް ކައިވެންޏާ ދެކޮޅުހެދީސް.. އެކަމު އެހިތްވަރެއް ޒާރާގެ ނެތް.. އަހަރެން ކިހައި އާދޭހެއްކުރިން.. ހަގީގަތުގަވެސް ޒާރާ ދެކެ ލޯބިވާތީ.. އެހެނަސް.. އަހަރެންގެ އާދޭސްތަކުގަ ކޮޅުފައިން ޖަހައިފަ ޒާރާ އައު ދިރިއުޅުމެއްފެށީ.. އޭރު ކަރުނަ އަޅައި ރުއީ އަހަންނޭ.. މިހުރިހައި ދުވަހު އަހަރެން ކަލެއާއެކު އުޅުނީ އެކަމުގެ ބަދަލުހިފަން... ޒާރާއާއެކު ދިރިއުޅުމެއް ފެށުމުގެ އެއްވެސް ވިސްނުމެއް އަހަރެންގެ ނެތް.. އަހަރެން ބޭނުންވީ ތިދިރިއުޅުން ހަލާކުކޮށްލަން.. އެކަން މިއަދު އަހަންނަށް ކާމިޔާބު ވެއްޖެ.. ޒާރާ ކިތަންމެ ވަރަކަށް ބުންޏަސް ތިބަނޑުގަ ތިއޮތީ އަހަރެންގެ ދަރިއެއްކަމަކަށް ގަބޫލެއް ނުކުރެވޭނެ.. ކަލޭގެ ބޭނުމެއް މިއަދު އަހަންނަކަށް ނެތް.. އަހަރެން މިއުޅެނީ ނުހަނު އުފައުވެރި ދިރިއުޅުމެއް ފަށައިގެން... އަހަރެންގެ އަންހެނުން އެހުރީ އަހަރެންގެ ދަރިފުޅަށް ބަލިވެ.. ކަލެއެއްނޫން.. ސާފުވެއްޖެތަ؟ މިއަދަށްފަހު ދެން އަހަރެން ހޯދަން މިތަނަށް އައިސްގެން ނުވާނެ.. މިތާކު ޒާރާއާ ބެހޭ އެއްވެސް ތަނެއް ނުހުންނާނެ.. ގެއަކީވެސް މިހާރު ހަމައެކަނި އަހަރެންގެ ތަނެއް.. އަހަރެންގެ ގެއަކުން ޒާރާއަށް ޖާގައެއްނެތް.. ތިއައި ތަނަކަށް ދާން އުޅޭ.. އަހަރެންގެ ދިރިއުޅުން ހަލާކުކުރަން ދެން މިތަނަށް އައިސްފިއްޔާ އަހަރެންގެ ހުރި ނުބައިކަން ދައްކައިލާނަން.." ހިތަށް އެރިހައި އެއްޗެއް ޒާރާއަށް ގޮވައިލަމުން ގޭތެރަށް ވަނުމަށް ކެވިން އުޅުނެވެ. އެހިނދު ކެވިންގެ އަތުގައި ހިފައިގަންނަމުން ޒާރާ ރޮއެގަތީ އޭނާއަށް އެހެން ނުހެދުމަށް އެދި އާދޭސްކުރަމުންނެވެ. އޭނާގެ ކައިވެނި ކުރެވުނީ އޭނާގެ ރުހުމުގައި ނޫންކަން ކެވިންއަށްވެސް އެނގޭނޭ ޒާރާ ބުނެލީ ހިތުޖެހިފައި ހުރެއެވެ. އެހެނަސް އެވާހަކަތައް އަޑުއެހުމުގެ އެއްވެސް ޝައުގެއް ކެވިންގެ ނެތެވެ. ޒާރާގެ އަތް ފޮޅުވައިލަން އޭނާ މަސައްކަތްކުރިއެވެ.

"ކެވިން ޕްލީޒް... މީ ކެވިންގެ ދަރިއެއް.. ކެވިން ނޫން އެހެން މީހަކާއެކު އެފަދަ ދަރަޖައަކަށް ގޮސްފައެއް އަހަރެން ނޯންނާނެ.."

"އަހަންނަށް ކޮން ޔަގީންކަމެއް އޮތީ.. ތިހެން ބުނެލާ ބަހެއްގެ އެއްވެސް އިތުބާރެއް ނެތް.. ކޫޑިއެއް އެހެން މީހެއްގެ ގާތަށް ނުގޮސް ހުރެފާނެތަ؟ ތި ދިރިއުޅުމުގަ ހުރީ އަހަރެންފަދަ ކިތައް ފިރިހެނުންކަމެއްވެސް ނޭނގެ.. ހަމަމިހާރު މިތަނުން ދާންއުޅޭ.. ދެން މިތަނަށް އަތުވެއްޖެނަމަ މަންޒަރު މާ ރީއްޗެއް ނުވާނެ.." ޒާރާގެ އަތުގައި ހިފައި ފަހަތަށް ކޮށްޕައިލަމުން ކެވިން ދަތްކުނޑިވިކައިލިއެވެ. އަދި އިތުރަށް ޒާރާ އަށް އެއްވެސް ވާހަކައެއް ދައްކާނެ ފުރުސަތެއް ނުދީ ގޭ ދޮރު ހުޅުވައިލަމުން އެތެރަށްވަދެ ޒާރާގެ މޫނުމައްޗަށް ދޮރު ލައްޕައިލިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކު މޭގައި ޒާރާއަށް އަތްއަޅައިލެވުނެވެ. އޭނާއަށްވުރެ ބޮޑު އެކަނިވެރިއެއް އަދު މިދުނިޔޭގައި އެބަ ހުރިހެއްޔެވެ؟ ދާނެ އެއްވެސް ތަނެއްނެތި އޭނާ ބިކަވެއްޖެއެވެ. ލޯބިވެ އެންމެ އިތުބާރު ކުރިމީހާވެސް ފަހުވަގުތު އެދިނީ ކެއްސެވެ. ހީވެސްނުކޮށް ހުއްޓައި އޭނާގެ ހިތް ޒަޚަމްކޮށް ލޭއޮހޮރުވައިލީއެވެ. ރޮމުން ގިސްލަމުން އައިސް އެތަނުން ހަރުފަތެއްގައި ޒާރާ އިނށީދެލިއެވެ. އޭރު ގިސްލެވޭވަރުން އޭނާގެ އަޑުވެސް ރަނގަޅަށް ބޭރުނުވެއެވެ. ދުނިޔެ އޭނާއަށް މިއަދު ރަނގަޅު ފިލާވަޅެއް ދަސްކޮށްދީފިއެވެ. އެހެނަސް ދެރައީ އޭނާއަށް ވިސްނުނުއިރު ވަގުތު ފާއިތުވެފައިވީކަމެވެ.

* * * * *

އީވާން ދިއުމާއެކު އީކް އަވަސްވެގަތީ އޭނާގެ ސިކުނޑީގައިވި ޚިޔާލަށް އަމަލީ ސިފަ ގެނައުމަށެވެ. ޑްރައިވަރަށް މެސެޖް ކޮށްލަމުން ކާރު ރެޑީކުރަން އޭނާ ބުނެލިއެވެ. އަދި ކުޑަގޮތަކަށް މޫނުމަތި ރީތިކޮށްލުމަށްފަހު އަތްދަބަސް ހިފައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ޑްރައިވަރާއި އެކުގައި އެހިސާބުގައިހުރި މަޝްހޫރު އެތައް ފިހާރައަކުން އީކް ވިޔަފާރި ކުރުމުގައި ވަގުތު ހޭދަކުރިއެވެ. ގުޅައިފައި އޭނާއަށް ގެއަށް ދެވޭނީ ލަހުން ކަމުގައި އީވާން ބުނުމުން އަވަސް އަރުވައިލުމުގެ ނިޔަތެއް އީކްގެ ނެތެވެ. ބޭނުންވާ އެކި ސާމާނު ގަންނަމުން ދިޔައިރު އޭނާގެ މޫނުމަތިން އުފައުވެރިކަން އެންމެ ހިނދުކޮޅަކަށްވެސް ނުފިލައެވެ. ހިނިތުންވެފައި ހުރިއިރު އެމައުސޫމުކަން އެތައް ގުނައެއް އިތުރުވެފައި ވާކަމުގައި ދައްކައެވެ.

އެނބުރި ގެއަށް އާދެވުމާއެކު ގެނައި ސާމާނުތައް ގޭގައި އުޅޭ ނޯކަރެއްގެ އެހީގައި ގެނެސް ހެދުން އަލަމާރީގެ އެއްފަރާތަށްލައި ފޮރުވިއެވެ. އަދި އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްލުމެއްނެތި ބަދިގެއަށް ދިޔައީ މޭރީއާ ބައްދަލުކުރުމަށެވެ. ރޭގަނޑުގެ ކެއުމަށް ހަދަން ބޭނުންވާ ވައްތަރުތައް އީކް މޭރީއަށް ދައްކައިލީ ފޯނުގައި ލިއުމަށްފަހުއެވެ. އެއްވެސް މީހެއްގެ ފުށުން އޭނާއަށް ވާހަކަ ދެއްކޭކަން ހައިތަމްއަށް އެނގޭކަށް އަދި އީކް ބޭނުމެއް ނުވެއެވެ. ޚުދު އޭނާ އަމިއްލައަށް ހައިތަމްއާ ބައްދަލުކޮށް އެކަން އަންގަން އީކް ހުރީ ނިންމައިގެންނެވެ. އޭނާ ދެމުންދިޔަ ކޮންމެ އިރުޝާދަކަށް ހިނިއައިސްފައިހުރެ މޭރީ ބޯޖަހަމުންދިޔައެވެ. އީކްގެ އުޅުން ތަފާތުވެފައިވީވަރު ފެނި މޭރީގެ ހިތް ވެސް އުފަލުން ފޮޅުނެވެ. އެންމެ ފުރަތަމަ އޭނާ ދުށްކުއްޖާއާއި މިހާރު އޭނާގެ ކުރިމަތީގައި ހުރި ކުއްޖާ ހާސްބައި ތަފާތެވެ. އޭރުގެ އެފަޅުކަން ދެލޮލުން ފެންނާކަށް ނެތެވެ. ހިނިތުންވާން ނޭނގިފައިވި ތުންފަތުގައިވީ ފަނޑުވުމެއްނުވާ ފުޅާ ހިނިތުންވުމެކެވެ. އީކްގެ އެންމެ ފަހު އެދުމަށް ބޯޖަހައިލަމުން މޭރީ އޭނާއާ ހަވާލު ކުރެވުނު މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ހިތްހަމަޖެހިފައި އީކް އައިސް ކޮޓަރިއަށް ވަނީ ދެނެވެ.

އީވާންއަށް ގެއަށް އާދެވުނީ މަޣުރިބު ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ހުއްޓައެވެ. ކޮޓަރިއަށް ވަންނަމުން ސޯފާގައި އޮތް އީކް އަށް އޭނާ ގޮވައިލީ ލޯބިންނެވެ. އަދި ފެންވަރައި ތާޒާ ވެލައިގެން މިސްކިތައް ދަނީކަމުގައި ބުނެލިއެވެ. އީކް ބޯޖަހައިލުމާއެކު ލުއި ހިނިތުންވުމެއް ދެމެދުގައި ބަދަލުކޮށްލެވުނެވެ. އީވާންގެ ހަރަކާތްތަކަށް ބަލަން އީކް އިނީ ޝައުގުވެރިކަމާއެކުއެވެ. ދަމުން އީކް ގާތުގައި އަވަހަށް ނަމާދު ކުރުމަށް އީވާން ނަސޭހަތްތެރިވިއެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އީވާން ބުނިފަދައިން ކަންތައް ކުރަން އީކް އަވަސްވެގަތެވެ.

މަޣުރިބު ނަމާދުން އަވަދި ވުމާއެކު އަވަސްއަރުވައިލައިފައި އީކް ތިރިއަށް އައީ އޭނާ ބުނިފަދައިން މޭރީ ކާތަކެތި ތައްޔާރުކޮށްފައި ހުރިތޯ ޔަގީންކުރުމަށެވެ. އޭރު މޭޒެއްގެ މަތީގައި ދެމީހަކަށް ކެވޭނެވަރަށް ތަށިތަކަށް އެއްޗެހި އަޅައިފައި މޭރީ ހުއްޓެވެ. އީކް ފެނުމާއެކު ހުރިހައި ކަމެއް އެއްކޮށްހެން ތައްޔާރުވެ ނިމެނީކަމުގައި މޭރީ ބުނެލިއެވެ. ބޯޖަހައިލަމުން ދެން އޭނާ އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. އަލަމާރީގައި ފޮރުވަންލީ ސާމާނުތައް ނަގަމުން އެއަށް އީކް ބަލައިލީ ހިނިއައިސްފައި ހުރެއެވެ. މަޑުމަޑުން އޭނާ ބޭނުންވާނެ ތަކެތި ނެގުމަށްފަހު ވަށައިގެން ކޮޓަރީތެރަށް ނަޒަރު ހިންގައިލިއެވެ. އެނދަށް އޭނާގެ ނަޒަރު ހުއްޓުމާއެކު އެމޫނުކޮޅު ރަތްވެގެންދިޔައީ ހިތަށް ވަތް ޚިޔާލުތަކެއްގެ ސަބަބުންނެވެ.

އިޝާނަމާދު ކޮށްގެން އީވާން އައިސް ގެއަށް ވަތްއިރު ސޯފާގައި ނާއިފްއާއި ހައިތަމް ވާހަކައިގައި ތިއްބެވެ. ދެމީހުނަށް ގޮވައިލަމުން އޭނާ މިސްރާބުޖެހީ ކޮޓަރިއަށް ދިއުމަށެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް އޭނާ ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު ނޭފަތުގައި ޖެހުނު ލުއިލުއި މީރުވަހުން އޭނާއަށް ނޭފަތް އެތެރަށް ދަމައިލެވުނީ ބޭއިޚުތިޔާރުގައެވެ. ކޮޓަރީގެ ދޮރު ބޮޑަށް ހުޅުވައިލަމުން އީވާން އެތެރަށް ވަނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވީ އުއްމީދުވެސް ނުކުރާފަދަ ގޮތަކަށް ކޮޓަރީތެރެ ފެނުމުންނެވެ. ދޮރުލައްޕައިލުމާއެކު އަވަސް އަވަހަށް ތަޅުލަމުން އީވާން ކޮޓަރީތެރަށް ނަޒަރު ހިންގައިލިއެވެ. އެނދުގެ އެއްފަރާތުގައި އިސްޖެހިފައިއިން އީކްއަށް ބަލައިލަމުން އަނެއްކާވެސް އޭނާ ވަށައިގެން ދެވަނަ ފަހަރަށް ލޯހިންގައިލިއެވެ.

އެކި ހިސާބުގައި އުއްބައްތި ދިއްލައިފައިހުރިއިރު، ހުޅުވައިފައިހުރި ކުޑަދޮރުން ވަންނަމުންދިޔަ ލުއި ވައިރޯޅިތަކުގެ ގޯނާއަށް ކެތްނުވެ އުއްބައްތީގެ ހުޅުކޮޅުތައް ނަށަމުންދިޔައެވެ. މުޅި ކޮޓަރިއަށް ފެތުރިފައިވީ އެއުއްބައްތިތަކުން ލިބެމުންދިޔަ ފަނޑު އަލިކަން އެކަންޏެވެ. ކުދި ފިނިފެންމަލުގެ ފިޔަތައް ކޮޓަރީގެ އެކި ހިސާބަށް އުކައިފައި ހުރީ ބަލައިފޫހިނުވާނެފަދަ ހިތްގައިމު ގޮތަކަށެވެ. އެނދުގައި ހުދުކުލައިގެ ބެޓްޝީޓެއް އަޅައިފައި އޮތްއިރު މުޅި އެނދުމަތިވެސްވަނީ ރަތް ފިނިފެންމަލުގެ ފިޔައިން ޖަރީކޮށްފައެވެ. އައު ކައިވެނީގެ ރެއަކަށް އެކޮޓަރިތެރެ ތައްޔާރުކޮށްފައި އޮތްފަދައެވެ. އެސްފިޔަޖަހައިލަންވެސް ހަނދާން ނެތިފައި ހުރި އީވާން އީކްއަށް ނަޒަރު ހުއްޓައިލިއެވެ. އެއާއެކު އިންތަނުން އީކް ތެދުވިއެވެ. އީވާން ލައިލައިހުރި ނޭވާވެސް ހޮޅީގައި ތާށިވީފަދައެވެ. އެހައި ހާމަކަން ބޮޑު ގޮތެއްގައި އޭނާއަށް އީކްގެ ހަށިގަނޑު އަދި އަލަށްވެސް ފެނިފައެއް ނެތެވެ. އީކް ލައިގެންހުރި ރަތްކުލައިގެ ހެދުން ހުރީ ފައިގެ ފަލަމަސްގަނޑުގެ މެދަށް ވުރެވެސް ތަންކޮޅެއް މައްޗަށެވެ. ހެދުމުގެ ދެއަތް ކޮނޑަށްވުރެ ތިރިއަށް ސޮހިފައި  ހުރިއިރު ކަނދުރާއިން ފެށިގެން ކޮނޑުވަނީ ހާމައަށް ފެންނާށެވެ. ހެދުމުގެ މޭމަތީގައި ކުދި ރޫތަކެއް ޖައްސައި ރީތި ޑިޒައިނެއް ހަދައިފައި ހުއްޓެވެ. ގަޔަށް ހެޔޮވަރަށް ހެދުން ހުރިއިރު އީކްގެ ހަށިގަނޑުގެ އަންހެން ވަންތަކަށް އެއްވެސް ފޮރުވުމެއްނެތި ފައުޅުވާން ހުއްޓެވެ. އެހަށިގަނޑުގެ ޗާލު ބަންޑަންފެނި އީވާންގެ ނޭވާ އަވަސްވިއެވެ. ހިތްތެޅިގަތީ ކުއްލިއަކަށެވެ. އީކްގެ ދޮން އޮމާން ކަނދުރާ ފަޅުފިލުވައިލައިފައިވީ ހިމަ ހިމަ ރިހި ފަށަކުންނެވެ. ހަމަ އެކުލައިގެ ކުޑަ ދެއެސްޖެހި ކަންފަތުލާ އެއްޗެއް ކަންފަތު ފޫޅުން ތޮރުފައިފައިހުރި ތަނަށް ލައްވައިފައި ހުއްޓެވެ. އާންމުކޮށް ދޫކޮށްލައިފައި ހުންނަ އީކްގެ އިސްތަށިގަނޑުވަނީ މައްޗަށް ނަގައި ރީތި ސްޓައިލެއްގެ ހުޅިއެއް ޖަހައިފައެވެ. ހުޅީގެ ވަށައިގެން ކުދިކުދި އެސްތަކެއްފާޑު އެއްޗެހިތަކެއް ހަރުކޮށްފައި ހުއްޓެވެ. ހިންދިރުވައިލަމުން އީވާނަށް މޭގައި ފިރުމައިލެވުނީ ކެތްކުރަން ދަތިވީ ވަރުންނެވެ. އެވަގުތު ފަރިހިނގުމެއްގައި އައިސް އީކް އޭނާގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އަދި ރަކި ގޮތަކަށް ހިނިތުންވެލަމުން އީކްގެ ކަނައަތް ކުރިއަށް ދަމައިލިއެވެ.

"މޭ އައި؟" ލޯބިވެތި ގޮތަކަށް އީވާންގެ މޫނަށް ބަލަން ހުރެ އީކް އަހައިލިއެވެ. ހުއްޓުން އަރައިފައިހުރި އީވާން ލަސްލަހުން އޭނާގެ އަތްތިލަ ނަގައި އީކްގެ އަތުތެރަށް ލަމުން ބޯޖަހައިލިއެވެ. އެއަތްތިލައިގައި ހިފައި ބާރުކޮށްލުމާއެކު ގެނެސް ތުންފަތުގައި އީވާންގެ އަތްތިލަ އީކް ޖައްސައިލިއެވެ. އަދި ލުއިކޮށް އެއަތުގައި ބޮސްދިނެވެ. ލިބުނު ހިތްހަމަޖެހުމަކުން އީވާންއަށް ދެލޯމަރައިލެވުނީ ފުޅާ ހިނިތުންވުމަކާ އެކީއެވެ. އީކްގެ އެކުޑަކުޑަ އަމަލު، އޭނާގެ މުޅި ހިތާއި ނަފުސު މޮޔަކޮށްލައިފިއެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
312

ހިޔާލު

  1. ކިޔުންތެރިޔެއް

    ވަރަށް ފުރިހަމަ
    ގަވައިދުން ވާހަކަ ނެރެމުން ދާނެ ކަމަށް އުންމީދުކުރަން

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް