ބަންގްލަދޭޝްގެ ދެކުނުގައި، ގިނަ މީހުންނާއެކު ދަތުރުކުރި ފެރީއެއްގައި ރޯވެ، 39 މީހަކު މަރުވެއްޖެ އެވެ.
ތިން ބުރީގެ މި ފެރީގައި ރޯވެފައިވަނީ، ބަންގްލަދޭޝްގެ މައި ސިޓީ ދާކާ އިން ބަރްގޫނާ އަވަށަށް ދަތުކުރުކުރަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ. ސުގުންދާ ކޯރުން ދަތުރުކުރަމުން ދަނިކޮށް އެ ފެރީގައި އަލިފާންގަނޑު ރޯވީ، ޖަލަކާތީ އަވަށާއި ގާތުންނެވެ.
ތޮއްޖެހިފައި އޮތް އެ ފެރީގައި އަލިފާން ރޯވުމާއެކު ގިނަ ބަޔަކު ވަނޫ މޫދަށް ފުއްމާލައިފަ އެވެ. މި ހާދިސާގައި މަރުވި 39 މީހުންގެ ތެރޭގައި ގެނބިގެން މަރުވި މީހުންވެސް ހިމެނެއެވެ. މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވޭއިރު، މި ހާދިސާގައި 100 އެއްހާ މީހުންނަށް ވަނީ އަނިޔާ ލިބިފައެވެ. އޭގެ ތެރޭގައި ގިނައީ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާ މީހުންނެވެ.
އަލިފާނުގެ ހާދިސާ ހިނގި، ތިން ބުރިއަށް ހަދައިފައިވާ އެ ފެރީގައި 500 އެއްހާ ފަސިންޖަރުން ތިބި ކަމަށް ހަބަރުތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
އަލިފާން ނިއްވުމުގައި އުޅުނު އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި، ސުގުންދާ ކޯރުން ދަތުރުކުރަމުން ދަނިކޮށް ފެރީގައި އަލިފާން ރޯވެފައި ވަނީ ފަތިހު 03:00 ގައެވެ. އަދި ބެލެވޭ ގޮތުގައި ފުރަތަމަ ހުޅު ހިފައިފައި ވަނީ އިންޖީނު ރޫމުގައި ކަމަށާއި، އަދި ފަހުން ހުޅުގަނޑު މުޅި ފެރީއަށް ފެތުރުނީ ކަމަށް އޭނާ ބުނެފައިވެއެވެ.
ފެރީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ގާތްގަނޑަކަށް އެއްގަޑިއިރު ހޭދަވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ފެރީގައި އަލިފާން ރޯވެފައި ވަނީ މެކޭނިކަލް މައްސަލައެއް ދިމާވެގެން ނޫންކަމަށް މި އުޅަނދުގެ ވެރިފަރާތުން ވަނީ ބުނެފައެވެ. އޭނާ ބުނިގޮތުގައި ފުރަތަމަ ހުޅު ހިފީ ފެރީގެ ދެ ވަނަ ފަންގިފިލާގައި އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. އަދި ފަހުން އަލިފާނގަނޑޔ އުންޖީނު ރޫމަށް ފެތުރުނީކަމަށް އޭނާ ބުނެފައިވެ އެވެ.
މި އަލިފާނުގެ ހާދިސާއިން ސަލާމަތްވި މީހުންގެ ތެރެއިން، ވަރަށް މުސްކުޅި އަންހެނަކު ނޫހަކަށް މައުލޫމަތު ދެމުން ބުނީ، އަލިފާން ރޯވި އިރު، އޭނައާއި ފެރީގައި ދެން ތިބި ގިނަ މީހުންވެސް އޮތީ ނިދައިފަ އެވެ.
"އަހަރެމެން ތިބީ ފެރީގެ ދެވަނަ ބުރީގައި ކުނަލެއް އަޅައިގެން ނިދަން. އަހަރެންގެ ނުވަ އަހަރުގެ މާމަ ދަރިފުޅުވެސް އޮތް ކައިރީގައި، އޭނާ ފުއްމާލީ ކޯރަށް، އޭނާއަށް ވީ ގޮތެއް އަދިވެސް ނޭނގެ" އެ އަންހެން މީހާ ކިޔައިދިނެވެ.
އެ އަންހެން މީހާގެ އިތުރުން މި ފެރީގައި ތިބި އާއިލާ ތަކުގެ އެތައް މެންބަރުންނެއް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ހަ މަހުގެ ކުޑަކުދިންވެސް ހިމެނެއެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު ފެރީގައި ހުރި ފިރިހެނެއް ކިޔައިދިން ގޮތުން އަލިފާން ރޯވުމުގެ ކުރިން ފެރީގެ އިންޖީނުގައި މައްސަލަތަކެއް އުޅޭކަން އޭނާއަށް ވަނި ފާހަގަވެފައެވެ. އަދި އެއަށްފަހު މުޅި ފެރީ އަލިފާނުގެ ދުމުން ފުރުނުކަމަށް އޭނާ ބުންޏެވެ.
ބަންގަލްދޭޝްގެ ފެރީތަކަކީ އަބަދުވެސް ވަރަށް ދަށް ފެންވަރުގެ އުޅަނދުތަކެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އެގޮތުން ފެރީތައް ތޮއްޖެހެންދެން، އެޔަށް ނުކަތާ ވަރަށް ފަސިންޖަރުން އެރުވުމުގެ ސަބަބުން، ފާއިތުވި 10 އަހަރު ތެރޭގައި މިފަދަ ހާދިސާތައް ހިނގާ، މީހުން ގެނބިގެން މަރުވެފައި އެބަހުއްޓެވެ.



