ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޤުބޫލު ފިރިހެން ލަވަކިޔުންތެރިޔާ، ޝަލަބީ އިބްރާހިމްގެ އައު ވީޑިއޯ ލަވަ މިއަދު ރިލީޒްކޮށްފި އެވެ.
މި ލަވައަކީ ޝަލަބީގެ އަޑުން ކިޔައިފައިވާ "ފަތްމިނި" އެވެ. މި ވީޑިއޯ ލަވައިގެ ޓީޒާއެއް މީގެ ދެތިން ދުވަސް ކުރިން ޝަލަބީ އާއްމުކުރުމާއެކު، ގިނަ ބަޔަކު ވަނީ މި ލަވައަށް އިންތިޒާރުކޮށްފަ އެވެ.
ފޭނުން އެންމެ ބޮޑަށް މި ލަވައަށް އިންތިޒާރު ކުރި އެއްސަބަބަކީ ލަވައިގެ ޓީޒާ ދައްކާލި އިރު، މި ލަވައިގެ ކާސްޓުން ސިއްރު ކޮށްފައި އޮތުމެވެ. އެހެންކަމުން ޝަލަބީގެ "ފަތްމިންޏަކީ" ކޮބައިތޯ ބަލާލަން ގިނަ ބަޔަކު ބޭނުންވި އެވެ. އެހެންކަމުން ލަވަ އެއްކޮށް ބަލާލުމުގެ ފުރުސަތު މިއަދު ލިބުމާއެކު ބެލުންތެރިންނަަށް ލިބުނީ ސަޕްރައިޒެކެވެ.
މި ލަވައިގެން ފެނިގެންދިޔައީ ޝަލަބީ އާއެކު، އޭނަގެ އަންހެނުން ޝިފާ އެވެ. ޝިފާ އަކީ މޯލްޑިވިއަން އައިޑަލް އިން ބެލުންތެރިންގެ މަޤުބޫލުކަން ހޯދި ފަންނާނެކެވެ. މިއީ ޝިފާގެ ފުރަތަމަ ވީޑިއޯ ލަވައެވެ.
ޝަލަބީގެ ހިތްގައިމު އަޑުން ކިޔަފައިވާ މި މަޑުމައިތިރި ލަވަ، އެންމެ ބޮޑަށް ފުރިހަމަ ވެގެންދިޔައީވެސް މި ލަވައިގެ ވީޑިއޯއިން ޝަލަބީގެ ދެމަފިރިން ފެނިގެންދިއުމެވެ. ފޭނުންނަށްވެސް މި ލަވަ އެންމެ ބޮޑަށް ކަމުދިޔައީ މި ސަބަބާއި ހުރެ އެވެ. މީގެ އިތުރުން މި ލަވައިގައި ރާއްޖޭގެ ގުދުރަތީ މަންޒަރުތައް ފެނިގެންދާތީ ވީޑިއޯ ވަރަށް ބޮޑަށް ފުރިހަމަ ވެގެންދިޔަ އެވެ.
ޝަލަބީގެ އަމިއްލަ ރާގަކަށް ހަދައިފައިވާ މި ލަވައިގެ މިއުޒިކް އަދި މިކްސިން ހަދައިފައިވަނީ އިބްރާހިމް ޒައިޒު އަލީ (ކުޑަ އިއްބެ)ގެ ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ. އަދި މި ލަވައިގެ ޑައިރެކްޝަން ހަދައިފައި ވަނީ ހުސައިން މުނައްވަރު އެވެ.





ހިޔާލު
ބަގުވާން ހެން ހީވަނީ ބޮލުގަ އަޅާފަ އޮތްއެތި އެޅީމަ. ކައިވެނީގައިވެސް ހީންދޫންގެ ސަގާފަތް ފެނުނީ ދޯ.