އޮސްކާއެވޯޑް ހޯދި ކަޅު ނަސްލުގެ ފުރަތަމަ އެކްޓަރު، ސިޑްނީ ޕޮއިޓިއާ މަރުވެއްޖެ

ހޮލީވުޑްގެ އެންމެ ޝަރަފު ވެރި އެވޯޑް، އޮސްކާ ހާސިލުކުރި ކަޅު ނަސްލުގެ ފުރަތަމަ އެކްޓަރު ސިޑްނީ ޕޮއިޓިއާ އުމުރުން 94 އަހަރުގައި މަރުވެއްޖެ އެވެ.

ހޮލީވުޑްގެ މި ލެޖެންޑަރީ އެކްޓަރު މަރުވިކަން ބަހާމަސްގެ ފޮރިން މިނިސްޓްރީން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

ހޮލީވުޑްގައި ކަޅު ނަސްލުގެ މީހުންނާ މެދު ތަފާތު ކުރުންތައް ގެންގުޅު ޒަމާނުގައި ހޮލީވުޑަށް ތައާރަފްވި މި އެކްޓަރަކީ ކަޅު ނަސްލުން ހޮލީވުޑަށް ތައާރަފްވި އެންމެ ފުރަތަމަ އެކްޓަރު ވެސް މެއެވެ. އެގޮތުން 1950 އާއި 1960 ގެ އަހަރުތަކުގައި މި އެކްޓަރު ވަނީ ކަޅު ނަސްލުގެ އެކްޓަރުންނަށް ހޮލީވުޑަށް ވަނުމުގެ ދޮރުތައް ހުޅުވައިދީފައެވެ.

ސިޑްނީ ޕޮއިޓާ ހޮލީވުޑްގެ ތާރީހުގެ ތެރެއަށް ވަނީ 1963 ވަނަ އަހަރުގައި، ހޮލީވުޑްގައި ބާއްވާ އެންމެ ބޮޑު އެވޯޑު ހަފުލާ ކަމުގައިވާ އެކަޑަމީ އެވޯޑް ނުވަތަ އޮސްކާ އެވޯޑުން ކަޅު ނަސްލުގެ އެކްޓަރަކަށް ލިބުނު ފުރަތަމަ އޮސްކާ ހާސިލުކުރުމާއެކު އެވެ. ސިޑްނީއަށް އޮސްކާ އެވޯޑު ލިބުނީ 1963ވަނަ އަހަރު އޭނާ ކުޅުނު "ލިލީސް އޮފް ދަ ފީލްޑް" އިން އެންމެ މޮޅު އެކްްޓަރުގެ އެވޯޑު ހޯދައިގެންނެވެ.

ސިޑްނީ މަރުވުމާއި ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް، އަދި އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސް ބަރަކް އޮބާމާ ވަނީ ސިޑްނީގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފަ އެވެ. އަދި އޮބާމާ ބުނެފައި ވަނީ، ސިޑްނީ އަކީ އިއްޒަތް ލިބިގެންވާއި، އަދި އަޙްލާގް ރަނގަޅުކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށެވެ.

ބަހާމަސް އަށް އުފަން ސިޑްނީ ޕޮއިޓިއާ އުފަންވީ 1927 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20ވަނަ ދުވަހުގައެވެ. އުމުރުން 16 އަހަރުގައި ނިއު ޔޯކަށް ބަދަލުވުމުގެ ކުރިން އޭނާ އުޅެ ބޮޑުވީ ބަހާމަސްގެ ޓޮމާޓޯ ދަނޑެއްގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ