މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު (ކ) އާއި ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު ލިމިޓެޑްގެ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެއްބަސްވުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: މޯލްޑިވިއަން

މަޑިވަރު އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނަށް!

ޅ.މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުން އިއްޔެ ބުނީ، ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީ ކޮށްފައިވާ މަޑިވަރު އެއާރޕޯޓް ހިންގާ ބެލެހެއްޓުމަށް އިއްޔެ ވަނީ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް އާއި ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މަޑިވަރު އެއްރޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ގުޅިގެން ފަށައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އަދި އެއާރޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެބުރުވަރީމަހު މަޑިވަރު އެއާރޕޯޓަށް ފެށުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކުރި އެވެ.

މީގެ އިތުރުން މަޑިވަރު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުން ފެށިގެން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ.

ކުރެއްދޫ ހޯލްޑިންސްއާއެކު ސަރުކާރުން ތަރައްގީކުރި މި އެއާޕޯޓަށް ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ޚަރަދުކޮށްފައިވެއެވެ. ދެއަހަރު ތެރޭގައި ނިންމާ ގޮތަށް ކުރެއްދޫ ހޯލްޑިންސްއާއެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018 ގައެވެ. މި އެއާޕޯޓު ނިއްމުމަށް މުއްދަތު ދީފައި އޮތީ މިދިޔަ އަހަރު ނިމުމުގެ ކުރިންނެވެ.

އައިލެންޑް އޭވިއޭޝަނުން އަންނަނީ މިހާރު ވެސް ރާއްޖޭގައި ހަތަރު އެއާޕޯޓެއް އޮޕަރޭޓް ކުރަމުންނެވެ. އެއީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ރ. އިފުރާއި ބ. ދަރަވަންދު އާއި ތ. ތިމަރަފުށި އެއާޕޯޓެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ