ކެޓްރީނާ ކައިފް ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އިޝްތިހާރެއްގެ ޝޫޓިން އަކަށް ރާއްޖެ އަތުވެއްޖެ އެވެ.

މިއީ ކެޓްރީނާ ރާއްޖެއައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިންވެސް އެތައް ފަހަރެއްގެ މަތިން ޗުއްޓީ ހޭދަކުރުމަށާއި، މަސައްކަތައް ކެޓްރީނާ ރާއްޖެ އައިސްފައިވެ އެވެ. އަދި ބޮލީވުޑްގެ ގިނަ ތަރިންނެއްގެ މެދުގައި އެންމެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެވެފައިވާއިރު، ކެޓްރީނާގެ އެންމެ މަޤުބޫލު މަންޒިލަކީވެސް މިއީ އެވެ.

އެކްޓަރު ވިކީ ކޯޝަލް އާއެކު ދާދިފަހަކުން ޒަވާޖީ ހަޔާތެއް ފެށުމަށްފަހު، މި ދެ ބައިވެރިން ހަނީމޫނު ހޭދަކުރި މަންޒިލަކީވެސް ރާއްޖެ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެކަން މި ދެމީހުން ކަށަވަރެއް ނުކޮށްދެއެވެ. އެއީ ދެމީހުން ކައިވެނިކުރީވެސް ވަރަށް ސިއްރުން ކަމަށްވެފައި، ދެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން މީސްމީޑިއާގައި އެހާބޮޑަށް ހިއްސާނުކުރާތީއެވެ.

އިއްޔެ ކެޓްރީނާ އޭނަގެ އިންސްޓަގްރަމްގައި ހިއްސާކުރި ފޮޓޯތަކުގައި އޭނާ ވަނީ، ރާއްޖެއަކީ އޭނާގެ "ހެޕީ ޕްލޭސް" ކަމަށް ބުނެފަ އެވެ. އިޝްތިހާރެއްގެ މަސައްކަތަށް ކެޓްރީނާ ރާއްޖެއައިސްފައިވާއިރު، މިފަހަރުގެ ދަތުރުގައި ވިކީ ކޯޝަލް ބައިވެރިވިކަމެއް ކަށަވަރެއް ނޫނެވެ.

ކެޓްރީނާ އާއި ވިކީ ކޯޝަލް ކައިވެނިކުރުމަށްފަހު، ދެމީހުންވެސް ވަނީ ވަރަށް އަވަހަށް މަަސައްކަތަށް ނިކުމެފަ އެވެ. ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ސަލްމާން ޙާން އާއެކު ފެނިގެންދާ "ޓައިގާ 3" ގެ މަސައްކަތެވެ. މި ފިލްމްގެ މަސައްކަތް ލަސްވެފައި ވަނީ އިންޑިއާގެ ކޮވިޑްގެ ހާލަތާއި ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް