ދެކުނު އިންޑިއާގެ ތަލުގޫ ފިލްމެއް ކަމަށްވާ "ޕުޝްޕާ" އަކީ މިވަގުތު އިންޑިއާގެ ބޮކްސް އޮފީހުގައި އެންމެ ގިނަ ކާމިޔާބީތައް ހަދަމުން އަންނަ އެއް ފިލްމެވެ. މިހާރު ސިނަމާގައި އަޅުވަމުންދާ ބޮލީވުޑް ފިލްމްތައްވެސް ފަހަތަށް ޖައްސާލާ، އާންމުންގެ ބޮޑު ތަރުހީބެއް މި ފިލްމަށް އަންނަނީ ލިބެމުންނެވެ.
ތެލުގު މަޝްހޫރު އެކްޓަރު އަލޫ އަރުޖުން ލީޑު ރޯލުން ފެނިގެންދާ މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މި ފިލްމްގައި ހިމަނާފައިވާ މިޔުޒިކް ލަވަތަކަށް ގިނަ ފަރާތްތަކުން އަންނަނީ ތައުރީފު އޮއްސަމުންނެވެ. އަދި މި ދުވަސްވަރު އިންޓަނެޓުގައި އެންމެ ގަދަޔަށް ވައިގައި ހިފައިފާވަނީ މި ފިލްމްގެ ލަވަތަކެވެ.
އެގޮތުން މި ފިލްމްގައި ހިމެނޭ "ސްރިވައްލީ" އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މި ލަވައިން އެންމެ ގިނަ ބަޔަކަށް ކަމުގޮސްފައިވަނީ އަލޫ އަރުޖުންގެ ޑާންސް ސްޓެޕެވެ. އަލޫ އަރުޖަން އަކީ ދެކުނު އިންޑިއާގެ އެންމެ ކުޅަދާނެ ނެށުންތެރިޔާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި ލަވަ ވަނީ އިންޑިއާގެ ފަސް ބަހުރުވައަކުން ކިޔާ ރިލީޒްކޮށްފަ އެވެ. އެގޮތުން ތެލެގޫ، ކަނަޑާ، ތަމިލް، މަލަޔާލަމް އަދި ހިންދީ ބަހުންވެސް ވަނީ ލަވަ ރެކޯޑު ކޮށްފައެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި މި ލަވައަށް ބޮޑު ސަމާލުކަމެއް ލިބިފައިވަނީވެސް، އަލޫ އަރުޖުންގެ މި ޑާންސް ސްޓެޕްގެ ސަބަބުންނެވެ. ވަރަށް ތަފާތު ގޮތަކަށް ކޮށްފައިވާ މި ޑާންސް ސްޓެޕް ގިނަ ބަޔަކަށް ކަމުގޮސް، ޓިކްޓޮކްގައިވެސް މިހާރު އެންމެ ގިނައިން ފެންނަނީ މި ލަވައެވެ. އިންޑިއާގެ އިތުރުންވެސް އެހެން ގައުމުތަކުގެ މީހުންވެސް އަންނަނީ މި ލަވައަށް ނަށާ، ޓިކްޓޮކްގައި މި ލަވަ ދައުރުކުރަމުންނެވެ.
މި ލަވައިގެ އިތުރުންވެސް، މި ފިލްމްގައި ދެން ހިމެނޭ "އޫ އުންޓަވާ" ލަވަވެސް ވަނީ ވަރަށް ބޮޑަށް އިންޓަނެޓުގައި ވައިރަލްވެފަ އެވެ. މިއީ އަލޫ އަރުޖުންގެ އިތުރުން ބަތަލާ ސަމަންތާގެ ފަރި ނެށުމުގެ ހަރަކާތް ފެންނަ ލަވައެކެވެ.
ދިވެހިންގެ ތެރޭގައިވެސް ޓިކްޓޮކްގައި އެކްޓް ކުރާ އެތައް ފަރާތެއް އުޅޭއިރު، ދިވެހިންގެ ތެރޭގައިވެސް މި ދުވަސްވަރު މި ލަވަތައް ވަނީ ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ.