ދިވެހި ފިލްމީ އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ޕޮރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓެޓެއިންމެންޓްއިން ގެނެސްދޭ އާ ފިލްމް "ބީވީމާ" ގެ ފުރަތަމަ ޓީޒާ މިއަދު އާންމުންނަށް ދައްކާލައިފި އެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ފިލްމީ ދާއިރާއަށް ތައާރަފްވާ ފުރަތަމަ ފިލްމް، "ބީވީމާ" ގެ ޓީޒާ ދައްކާލިއިރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައީވެސް އަޝްފާ މި ފިލްމްގައި ފެނިގެންދާނެ ގޮތް ބަލައިލުމަށެވެ. ޓީޒާއިން އަޝްފާ އާއި އަދި އިތުރު ކާސްޓުންގެ މަންޒަރުތައް ފެނިގެންދިޔަ އެވެ.
ފިލްމްގެ އިތުރު ކާސްޓުންނަށް ބަލާއިރު، އަޝްފާއާއެކު ދެން ފެނިގެންދާނީ ކުޅަދާނެ އެކްޓަރު އިސްމާއިލް ރަޝީދު(ކޮޕީ އިއްސެ)އެވެ. މީގެ އިތުރުން މި ފިލްމްގެ ލީޑު ރޯލުން ދެން ފެނިގެންދަނީ، އައިމިނަތު ރަޝްފާ (އާޝާ) އާއި އާދަަމް ޒިދާނެވެ. މިއީ ޒިދާނުވެސް ފިލްމީ ދާއިރާއަށް ތައާރަފްވާ ފިލްމެވެ.
މި ފިލްމަކީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޢާއިޝަތު ފުއާދު ތަޢުފީޤް އާއި މުހައްމަދު ޢަލީ (މޮގާ) އެވެ. ކެމެރާކުރަނީ ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. އަދި ޕޯސްޓްޕްރޮޑަކްޝަން ހަދަނީ ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ.
މީގެ އިތުރުން މި ފިލްމްގެ ބެކްމިއުޒިކް ހަދަނީ ޙުސައިން ތަޢުފީޤް އެވެ. މޭކަޕް ހަދަނީ ހުސައިން ސަދިޔާން (ސޭންޑީ) އެވެ. ފިލްމުގެ ކެރެކްޓަރުންގެ ޕޯސްޓަރުތަކުގެ ފޮޓޯގްރަފީ އަދި ޑިޒައިން ހެދީ އަޙްމަދު ޝިނާން އެވެ.




