ރައީސް ޑރ. މުއިއްޒުގެ ކެބިނެޓް މިނިސްޓަރުންނަށް ރުހުން ނުދީ، މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.
ރައީސް ޑރ. މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 22 މިނިސްޓަރުންނަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް، ޖަލްސާ ފެށުމާއެކު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، އަލަށް އުފައްދާފައިވާ ވުޒާރާތަކުގެ މެންޑޭޑް ފާސްކުރަން މަޖިލީހަށް ފޮނުވަންޖެހޭކަން ފާހަގަކުރައްވާފައެވެ.
ހިސާން ވިދާޅުވީ، ވުޒާރާތަކުގެ މަސައްކަތްތައް ފާސްނުކޮށް، އެ ވުޒާރާތަކުގެ ޒިންމާތައް ވަޒީރަށް އަދާކުރެއްވޭނެކަމުގެ ޤާބިލުކަން ރައްޔިތުންގެ މަޖިލީހަށް ވަޒަން ނުކުރެވޭނެ ކަމަށާއި، އެހެންކަމުން 22 މިނިސްޓަރުންވެސް މަޤާމަށް ޝަރުތުހަމަވާކަމަށް، ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
ހިސާން ނެންގެވި ނިޒާމީ ނުކުތާ ރިޔާސަތުން ބަލައިގަނެ، މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާކުރެއްވުމަށްފަހު، މަޖިލީހުގެ ރިޔާސަތުން އިއުލާންކުރެއްވީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލަން ނިންމެވި ކަމަށެވެ.
ރިޔާސަތުގެ މި ނިންމެވުމާއި ބައެއް މެންބަރުން ދެކޮޅު ހެއްދެވިއިރު، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަޙްމަދު ޠޯރިޤް ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވީ، ކޮމިޓީގެ ރިޕޯޓެއް ތަޅުމަށް އިއްވެވުމަށްފަހު އަނބުރާ ކޮމިޓީއަށް ފޮނުވާލެވޭނީ ތަޅުމުން ފާސްކޮށްގެން ކަމަށާއި، ރިޔާސަތުން މި މައްސަލައިގައި އަމަލުކުރައްވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.
މީގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެންވަރު އަޙްމަދު އާމިރު ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވީ، މިނިސްޓްރީގެ މެންޑޭޓް ފާސްކުރަން މިހިނގާ ޑިސެމްބަރު 15 ވަނަ ދުވަހު މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި، މެންޑޭޓް ފޮނުވަން ވަކި ތާރީޚެއް ޤާނޫނޫ އަސާސީގައި ބަޔާންކޮށްފައިނުވާތީ، އެކަމާއި މަތިކޮށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރު މިއަދަށް ހަމަވާނެއެވެ.
								
											

