އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޑްރާފްޓް މަސައްކަތްތައް ނިންމައި، މިހާރު ކުރިއަށްދަނީ މަޖިލީހަށް ހުށައެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، ތ. ގުރައިދޫގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ޚަބަރެއްގައި މާލީ ވަޒީރު ވިދާޅުވީ، ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތުގައި ހުރިހާ ވުޒާރާތަކާއި ސަރުކާރުގެ ކަމާބެހޭ އޮފީސްތަކާ ބައްދަލުކޮށް، ޓެކްނިކަލް މަރުހަލާގެ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި ބަޖެޓުގެ ފުރަތަމަ ޑްރާފްޓް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި "މޯލްޑިވްސް 2.0" މަޝްރޫޢަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ބޯހިޔާވަހިކަމަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅުއްވާނެ ކަމަށްވެސް ރައީސް ވަނީ އިޢުލާނުކުރައްވާފައެވެ.
ޤާނޫނީ ގޮތުން އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން ކުރިއަށް އޮތް އަހަރުގެ ބަޖެޓު މަޖިލީހަށް ހުށައަޅަންޖެހެއެވެ. މި އަހަރަށް ސަރުކާރުން ފާސްކުރި ބަޖެޓަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ވޭތުވެދިޔަ ދެ އަހަރު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ ދަރަނިތައް އަދާކުރުމެވެ.
ބަޖެޓުގައި ހިމެނޭނެ މައިގަނޑު ބައިތަކުގެ ތެރޭގައި ރިކަރަންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތަކުގެ އިތުރުން، ސަރުކާރުގެ މަހުން މަހަށް ހިންގުމުގެ ޚަރަދުތަކާއި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާ ޚަރަދުތަކާއި ލޯނު އަދާކުރުމުގެ ޚަރަދުތައް ހިމެނެއެވެ. އަދި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ ޢަދަދުތައްވެސް ބަޖެޓުގައި ހިމަނާނެއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
