މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
2025ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް، ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް ޑެޓް 148.9 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ޤައުމުގެ ޖީޑީޕީގެ 124 އިންސައްތައެވެ. މި މުއްދަތުގައި، ތަރައްޤީގެ މަޝްރޫޢުތަކަށް 2.6 ބިލިޔަން ރުފިޔާ ދޫކުރެވިފައިވެއެވެ.
ބުލެޓިނުން ދައްކާގޮތުގައި، ބަޖެޓަރީ ސެންޓްރަލް ގަވަރންމަންޓްގެ ދަށުން އެތެރޭގެ ފައިނޭންސިންގގެ ގޮތުގައި 85.4 ބިލިޔަން ރުފިޔާ ނަގާފައިވާއިރު، ބޭރުގެ ފައިނޭންސިންގގެ ގޮތުގައި 42.4 ބިލިޔަން ރުފިޔާ ނަގާފައިވެއެވެ. މިއީ ދަރަނި މެނޭޖްކުރުމުގައި ހަމަހަމަ ސިޔާސަތެއް ގެންގުޅޭކަން ދައްކުވައިދޭ ކަމެކެވެ.
ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ އިންޑިއާގެ އެގްޒިމް ބޭންކަށެވެ. މިގޮތުން، އެގްޒިމް ބޭންކަށް 9.2 ބިލިޔަން ރުފިޔާ ދައްކަންޖެހެއެވެ. އަދި ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ބޮންޑުތަކަށް 7.7 ބިލިޔަން ރުފިޔާއާއި، ޗައިނާގެ އެގްޒިމް ބޭންކަށް 7.3 ބިލިޔަން ރުފިޔާ ދައްކަންޖެހެއެވެ.
ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި 21.1 ބިލިޔަން ރުފިޔާގައި ހިފެހެއްޓިފައިވާއިރު، މިއީ ޖީޑީޕީގެ 17.6 އިންސައްތައެވެ. 2025ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ޖީޑީޕީ އަލުން މުރާޖަޢާކުރެވި 120.1 ބިލިޔަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														
