ނައިބު ރައީސް ދަރަނބޫދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ކައުންސިލުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތު ދަރަނބޫދޫ ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައިވާ ކަމަށެވެ.

"ރަށު ކައުންސިލުގެ މުވައްޒަފުންގެ ދަތިކަމާއި ރަށުގެ ނަރުދަމާގެ މަޝްރޫޢާއި ރަށުގެ ބަނދަރުގެ މަޝްރޫޢު ނުފެށި އޮތުމުން ކުރިމަތިވާ ދަތިތަކާއި ރަށުގެ ޞިއްޙީ ޙާލަތާއި ސްކޫލަށް ބޭނުންވާ ބައެއް ކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެނެސްދެއްވި." ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ކަންކަން ކޮށްދިނުމުގައި ވަކި ރަށެއް ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އެގޮތުން ދަރަނބޫދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ވިހާވެސް އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ