ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ޢަލީ ވިސާމް

13 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރީ ނަފްސާނީ ބަލިމީހެއް - ފުލުހުން

13 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީގޯނާކުރީ ނަފްސާނީ ބަލިމީހެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވިއިރު، މެދުރާއްޖެތެރޭގެ ރަށެއްގައި ހިނގި މި ހާދިސާގައި އަނިޔާލިބުނު އަންހެން ކުއްޖާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ދާދި ދެންމެ ފުލުހުން ވިދާޅުވީ، 13 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2019 ޖުލައި 26 ވަނަ ދުވަހު މެދުރާއްޖެތެރޭގެ ރަށަކުން ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

"މި މައްސަލައިގައި މިހާތަނަށް ފުލުހުން ބެލި ބެލުމުން، ތުހުމަތު ކުރެވޭ މީހަކީ ނަފްސާނީ ބަލި ހުންނަ މީހެއްކަން އެނގިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެމީހާ މުޖުމަތަމައު ތެރޭގައި އާއްމުކޮށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައުގެ އަދި އެމީހާގެ އަމިއްލަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުންނަށް ތަޙްޤީޤަށް ފެންނަ ކަމަށެވެ.

"އެހެންކަމުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ގުޅިގެން އޭނާއަށް ފަރުވާދިނުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މިގެންދަނީ ކުރަމުން." ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް، މެދުރާއްޖެތެރޭގެ ރަށެއްގައި ޖިންސީ ގޯނާކުރިކަމުގެ މައްސަލަ އެމިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު އެއްވެސް މަޢުލޫމާތެއް އެމިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

މި އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެ އަންހެން ކުއްޖާގެ ބޭބެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް