ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކުރީ ޓެރަރިސްޓް ގްރޫޕް ހެއްކާއެކު ހޯދިފައިވާކަމަށް، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ހުސްނުއްސުޢޫދު ވިދަޅުވެފައިވަނީ ރިލްވާން ރަހީނު ކުރުމުގައި ހަރަކާތްތެރިވި މީހުން ހެއްކާއެކު ހޯދިފައި ވާކަމަށެވެ.
ރިލްވާން ވަނީ މީގެ ފަސް އަހަރު ކުރިން ވީނުވީ އެއްނޭންގި ގެއްލިފައެވެ. އޭގެ ފަހުން ރިލްވާންގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.
ސުޢޫދު ވިދާޅުވެފައި ވަނީ ރިލްވާން ރަހީނު ކުރި ޓެރަރިސްޓް ގްރޫޕް ދެނެގަނެވިފައިވާ ކަމަށާއި، އެމީހުންނަށް ދައުވާ ކުރެވޭ މިންވަރަށް ހެއްކި ލިބިފައިވާ ކަމަށެވެ. އަދި ރިލްވާން ރަހީނުކުރި މީހުންގެ މައުލޫމާތު މިމަސް ނިމުމުގެ ކުރިން އާންމު ކުރުމާ މެދު ވިސްނަމުންދާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ސުޢޫދު ވިދާޅުވި ގޮތުގައި މީހުން ދެނެގަނެވިފައި ވީނަމަވެސް ރިލްވާން ރަހީނު ކުރުމަށް ފަހު ކަން ހިނގާދިޔަ ގޮތެއް އަދިވެސް އެ ކޮމިޝަނަށް ހޯދިފައެއް ނުވެއެވެ. އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ހަގީގަތް ހޯދާނެކަމަށްވެސް ސުޢޫދު ވަނީ ވިދަޅުވެފައެވެ.
ރިލްވާން ގެއްލުނު މައްސަލާގައި ދަޢުލަތުން ދެ މީހަކަށް ޓެރަރިޒަމްގެ ދަޢުވާ ވަނީ ކޮށްފައެވެ. ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ.