ނިމިދިޔަ އަޟްޙާ ޢީދުގައި، ކުލަޖެހުމުގެ ނަމުގައި ސިފައިންގެ މީހަކު އަންހެނަކާމެދު ބަދުއަޚުލާޤީ ޢަމަލުހިންގި މައްސަލައަށް ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ނުފޫޒު ފޯރުވާ ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
އޮގަސްޓް 14 ވަނަ ދުވަހު ތ.ވޭމަންޑޫގައި އަޟްހާ ޢީދުގެ މުނާޞަބަތުގައި ކުލަ ޖެހުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް 31 އަހަރުގެ ސިފައިންގެ މީހެއް، 19 އަހަރުގެ އަންހެނަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށްބުނެ ފުލުހުންނަށް ވަނީ މައްސަލަ ހުށައަޅާފައެވެ.
އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ތުހުމަތު ރައްދުވި ސިފައިންގެ މީހަކީ ސިފައިންގެ ސާޖެންޓެއްގެ މަގާމުގައި ހުރި މީހެކެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޤާނޫނާއި ޤަވާއިދުތަކާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
އަދި މި މައްސަލައަށް ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ނުފޫޒު ފޯރުވަން އުޅޭ ކަމަށް ބުނާ މައްސަލައެއް ދައުރުވަމުން ދާތީ ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ. ފުލުހުން ވިދާޅުވީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން މިކަމާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް ވިދާޅުވެފައެވެ.