އެދުވަސް އެނބުރި އަންނާނެ ނަމަ… (02)

(ފުރަތަމަ އަދަދާއި ގުޅޭ)

ދުނިޔެއަކީ ކިހާ ކެހިވެރި ތަނެއްކަމެއް އޭރު އަހަރެންގެ ޅަ ސިކުނޑިއަކަށް ނުވިސްނެއެވެ. ފަރުދާގެ ފުރަގަހުގައި އޭރު ރޭވެމުން ދިޔައީ ކޮންފަދަ ރޭވުމެއްކަމެއް އަހަރެމެން އެކަކަށްވެސް ނޭނގެއެވެ.

މައިޝާގެ މަންމައަކީ އަހަރެމެން ރަށު މީހެއް ނޫނެވެ. އެ ޢާއިލާގައި ތިބެނީ އެއްބަނޑު އެއްބަފާ ހަތަރު ބެއިންނެވެ. މައިޝާއަކީ ބޮޑުން ދެވަނައެވެ. މައިޝާގެ ދޮށްޓަށް ހުންނަނީ ވެސް އަންހެން ކުއްޖެކެވެ. ހަގަށް ތިބެނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. މައިޝާގެ އުމުރުން 14 އަހަރުގައި ބައްޕައަށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން އެއްފަޅި ވާގިނެތި، ބަލި އެނދުގައި އޮންނަން ޖެހުނު ފަހުން ގޭގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަމުން ގެންދިޔައީ މައިޝާގެ މަންމަ އެކަންޏެވެ. މައިޝާގެ ދޮންތައަކީ އަހަރެންގެ ކްލާސްމޭޓެކެވެ. އަދި ވަރަށް ގާތް އެކުވެރިޔެކެވެ.

މާލެ ދިއުމަށްފަހު އަހަރެން ކިޔެވުމައިގެން މަސްޢޫލުވީމެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އަހަރެމެން ދެމީހުންގެ ގުޅުން ފޯނުން ކުރިއަށް ގެންދިޔައީމެވެ. އޭރު އޭލެވެލް ފެށެނީ އަހަރުގެ މެދުތެރެއިން، ޖުލައި މަހުގައެވެ. ނަމަވެސް އެހެން ސްކޫލްތަކާއެކު ޗުއްޓީ ލިބެއެވެ. ފުރަތަމަ ސެމިސްޓަރ ނިމުމުން ޗުއްޓީގައި އަހަރެން ރަށަށް ދިޔައީމެވެ. އެއީ މައިޝާގެ އޯލެވެލްވެސް ނިމުނު އަހަރެވެ. ރަށަށް ދިއުމަށްފަހު އަހަރެމެން ބައްދަލުކުރަނީ މައިޝާގެ ގޭގައެވެ. މައިޝާގެ މަންމަމެންނަށްވެސް ފެންނަ ހިސާބުގައެވެ. އަހަރެމެން ދެމީހުންގެ ގުޅުމާމެދު މައިޝާގެ މަންމަ ވަރަށް ރުހެއެވެ. ދެމީހުންގެ ގުޅުމުގެ ވާހަކަ އަހަރެންގެ ޢާއިލާގެ އެއްވެސް މީހެއް ކައިރިއަކު އަހަންނެއް ނުބުނަމެވެ. މަންމަ ކައިރީ އެކަހަލަ ވާހަކަދެއްކުމަކީ އަހަންނަށް ކުރަން ކެރޭވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މަންމައާ ހަމައަށް އެ ޚަބަރުދާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. މަންމަގެ ބަސް އިއްވަން އަހަރެންނާ ހަމައަށް އައީ ބޭބެއެވެ.

"މައިޝާއާ ފަޔާގެ ގުޅުމާމެދު މަންމަ ހިތްހަމައެއް ނުޖެހޭ. ތިކަން ހުއްޓާލާ!"

"އެކަމަކު އެއީ ކީއްވެ؟" ސަބަބު އޮޅުންފިލުވަން އަހަރެން ބޭނުންވިއެވެ.

"މަންމަ ބުނީ އެއީ އެހާ އަޚުލާޤު ރަނގަޅު ކުއްޖެއް ނޫނޭ. ކުރިން މައިޝާ ރައްޓެހިވެގެން އުޅުނު ކުއްޖާގެ މަންމަޔޯ އެހެން ބުނީ." ބޭބެ އިތުރަށް އޮޅުންފިލުވައިދިނެވެ.

"ދެން މަންމަ އެވާހަކަ ގަބޫލު ކުރީތަ؟ ތެދު ދޮގު ނުބަލާ މީހަކު ދައްކާހާ ވާހަކައެއް ގަބޫލު ކުރާކަށް ނުވާނެ. ބޭބެއަށްވެސް އެނގޭނެ އަހަރެން ކުއްޖަކު ހޮވާނީ އެހުރިހާ ކަމަކަށް ބަލާފަކަން. މަންމައަށްވެސް އެވަރު އެނގޭނެ. މައިޝާއަކީ ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅު ކުއްޖެއް." ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ.

އެހިސާބުން ބޭބެ އެކަން ގަބޫލު ކުރިއެވެ. އަދި މަންމައަށް އަރާފައިވާ އޮޅުން ފިލުވައިދިނުމުން މަންމަވެސް އެކަން ގަބޫލުކޮށް ކުރީގެ ވިސްނުން ދޫކޮށްލިކަން ބޭބެގެ ފަރާތުން އަހަންނަށް އެނގުނެވެ. އަހަރެން މައިޝާއާ ބައްދަލުކުރާކަން މަންމައަށް އެނގޭނެއެވެ. ނުރުހޭފަދަ އެއްވެސް ވާހަކައެއް ފަހުން ނުބުނެއެވެ.

ދުވަސްތައް މާޒީއާ އެކުވަމުންގޮސް މައިޝާއާއި، ޢާއިލާ އަދި ރައްޓެހިންނާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށްފަހު ޗުއްޓީ ނިމުމުން އަނެއްކާވެސް އަހަރެން މާލެ ފުރީމެވެ. މާލެ ދިއުމަށްފަހު ކުރިއެކޭ އެއްގޮތަށް އަހަރެމެންގެ ގުޅުން ކުރިއަށް ދިޔައީ ފޯނުންނެވެ. ފޯނުން ވާހަކަދައްކާއިރު އަހަރެމެން ދިރިއުޅުން ބައްޓަންކުރާނެ ގޮތުގެ މަންޒަރުތައް ރާވަމުން، ކުރަހަމުން ދިޔައީމެވެ. އުފާވެރި މުސްތަޤްބަލެއްގެ ފޮނި ހުވެފެންތައް އަހަރެމެން ދެމީހުން އެކުގައި ދެކުނީމެވެ.

ގްރޭޑް އެގާރައިގެ ފަހު ދުވަސްކޮޅެވެ. އެދުވަސްވަރު އިމްތިޙާނަށް ތައްޔާރުވުމަށްޓަކައި އަހަރެން އުޅުނީ ވަރަށް އަވަދިނެތިއެވެ. ކޮންމެ ދުވަހަކު މައިޝާއާ ވާހަކަ ނުދެއްކުނަސް އަހަރެމެންގެ ގުޅުން އޮތީ ވަރުގަދަކޮށެވެ. އޭރު މައިޝާ އުޅެނީ ވަޒީފާއެއްގައެވެ.

އެއްރެއެއްގެ ރޭގަނޑެވެ. އަހަރެން ފިލާވަޅެއް ހަދަން އިންދާ މައިޝާގެ ކޯލެއް އަންނަންފެށިއެވެ. އެހެންކަމުން ކުރަން އިން މަސައްކަތް މެދުކަނޑާލާފައި އަހަރެން ފޯނަށް ޖަވާބު ދިނީމެވެ. އާދައިގެ މަތިން އަހަރެން ފޯނު ނެގުމަށްފަހު ފުރަތަމަވެސް ޙާލު އަހުވާލު އޮޅުން ފިލުވަން ސުވާލު ކުރީމެވެ.

"ފަޔާ! އަހަރެން މި ގުޅީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން....." ކުޑަކޮށް ފަސްޖެހިފައި މައިޝާ ވާހަކަ ދެއްކިއެވެ. އޭރު މައިޝާގެ އަޑުގައި މަޑުމަޑު ތުރުތުރެއް ހުރުމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އަހަންނަށް ދެނެގަނެވުނެވެ.

"އަހަންނަށް ދެން މި ގުޅުން ކުރިއަށް ގެންދެވޭކަށް ނެތް! ފަޔާއަށްވެސް އެނގޭނެ އަހަރެންގެ ބައްޕައަކީ ބަލި މީހެއްކަން. ބައްޕަ ބަލަން މިތިބީ އަހަންނާ ދޮންތައާ. ކޮއްކޮމެން އަދި އެއުޅެނީ ސްކޫލްގަ. އަހަރެން ވަރަށް އަވަހަށް މީހަކާ އިންނަން ބޭނުން."

މައިޝާ އެ ދިން ޚަބަރަކުން އެވަގުތު ބުނާނެ އެއްޗެއް އަހަރެންގެ ސިކުނޑިއަކަށް ނައެވެ. އެހެންކަމުން ވިސްނާލަން ކުޑަ އިރުކޮޅެއް ހޭދަވިއެވެ.

"އެހެންވިއްޔާ އަހަރެން މިވަގުތުން ފެށިގެން ކިޔެވުން ހުއްޓާލާފަ ރަށަށް ގޮސްދާނަން. އަހަރެން މައިޝާއާ އިންނާނަން. އަދި ތި ޢާއިލާވެސް ބަލާނަން." އަހަރެންގެ ޢާއިލާއިން އަތުވެދާނެ ގޮން ޖެހުންތަކަށް ނުވިސްނާ އެވަގުތު އަހަންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތް ހުށަހެޅީމެވެ.

"ނޫން! ފަޔާ ކިޔެވުން ހުއްޓާލާފަ އައިސްފިއްޔާ އަހަރެން އަދި އަމުދުން ފަޔާއަކާ ނީންނާނަން." މައިޝާ ނިންމައިގެން ހުރިގޮތް ހާމަކުރިއެވެ. އަހަރެން އެހެން ބުނާނެކަން މައިޝާއަށް މާކުރިން އެނގިފައި އޮތް ކަހަލައެވެ.

ގަޑިއެއްހާއިރަށް ދެމިގެން ދިޔަ އެ ކޯލު ނިމުނީ އަހަރެމެންގެ މަދު ދުވަސްކޮޅެއްވީ އެ ވަރުގަދަ ގުޅުމަށް ނިމުމެއް ގެނައުމަށްފަހުގައެވެ. އަހަރެން ހުށަހެޅި އެއްވެސް ގޮތަކާ މައިޝާ ގަބޫލެއް ނުވިއެވެ. އޭނާ ވަނީ މާކުރިން މިގުޅުން އެއްވެސް ވަރަކަށް ކުރިއަށް ނުގެންދިއުމަށް ނިންމާ ސިއްކަ ޖަހާފައެވެ.

ލޯބި ލިބިފައި އަތުން ބީވެގެން ދިއުން މީ ކިހާ ވޭން ހުރިކަމެއްކަން އެނގޭނީ އެކަމުގެ ހިތި ތަޖުރިބާ ކުރެވިފައި ހުރި މީހަކަށެވެ. އެއީ ގަލަމަކުން ބަޔާން ކުރެވޭނެ އިހުސާސްތަކެއް ނޫނެވެ. އަހަރެން ދެރަވިއެވެ. މާޔޫސް ވިއެވެ. ކިޔެވުން މަތިންވެސް ފޫހިވިއެވެ. ނަމަވެސް އަހަރެންނަކީ އީމާންތެރިކަން ބަލިކަށި މީހެއް ނޫނީމުއެވެ. އެހެންކަމުން އަހަރެން ކެތްކުރީމެވެ. އަދި ހިތްވަރުކޮށްފައި ކިޔެވޭތޯ ބެލީމެވެ.

އެފަހަރުވެސް ޗުއްޓީގައި އަހަރެން ރަށަށް ދިޔައީމެވެ. އެއްދުވަހަކު މައިޝާ މަންމައާއެކީ މަގުމަތިން ދަނިކޮށް ފެނުނެވެ. ނަމަވެސް އޭނާ އަހަރެންނާ ކުރިމަތިލާން ބޭނުން ނުވާ ކަހަލައެވެ. އަހަރެން ހަމަ ފެންނައިރަށް ދުވެފައި ދިޔަ ނުދިޔަ ދިމާއެއް ނޭނގި ގެއްލުނެވެ.

އަހަރެން ގްރޭޑް 12 ނިމުނުއިރުވެސް މައިޝާ މީހަކާ ނީންނަކަން އަހަރެންގެ ރައްޓެހިންގެ ފަރާތުން އެނގުނެވެ. އެހެންކަމުން އަހަރެން ނިންމީ އޭރު އޭނާ އެ ދެއްކި ވާހަކަތަކަކީ އަހަރެންނާ ގުޅުން ކަނޑާލަން ދެއްކި ބަހަނާތަކެއް ކަމުގައެވެ. އެހެންކަމުން ވީ ދެރައެއްގެ ބޮޑުކަމުން އަހަރެން ފަހުން މައިޝާއާ ވާހަކަ ދައްކާކަށްވެސް ނޫޅެމެވެ. ހިތަށް ވަރަށް އަސަރުކުރިއެވެ. އަހަރެންނާ މެދު ހިތްހަމަ ނުޖެހޭނަމަ ދޮގު ތަކެއް ނުހަދާ ތެދަށް ބުނި ނަމަވެސް އަހަރެން ދުރުގައި ހުރީމުހެވެ. އަހަރެންގެ ލޯތްބަކީ ގަދަކަމުން ހާސިލުކުރާހާ ބަލިކަށި ލޯތްބެއް ނޫނެވެ. އަހަރެން މައިޝާދެކެވީ އެއަށްވުރެ މާ ފުން، ތެދުވެރި ލޯތްބެކެވެ.

ގްރޭޑް 12 ނިމުމުން އެއް އަހަރު މަޑުކުރުމަށްފަހު މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި އަހަރެން ރާއްޖެއިން ބޭރަށް ފުރީމެވެ. މައިޝާ ކައިވެނި ކުރި ޚަބަރު ލިބުނީ އަހަރެން ދިޔަތާ އެއް އަހަރު ފަހުންނެވެ. އެހެންކަމުން އަހަރެންވެސް ދެން މައިޝާ މަތިން ހަނދާން ނައްތާލެވޭތޯ ބެލީމެވެ. އަހަރެންގެ ހިތުގައި ފުނި ޖެހިފައި އެތައް ޝަކުވާއެއް ހުރި ނަމަވެސް އެކަން ހިތުގައި ފޮރުވާފައި ދިރިއުޅުމައިގެން ކުރިއަށްދެވޭތޯ މަސައްކަތް ފެށީމެވެ. އެގޮތުން ކިޔަވައި ނިމުމުގެ ކުރިން އަހަރެންވެސް މީހަކާ އިނީމެވެ.

އަހަރެންގެ ވަޒީފާގެ ގޮތުން ވަރަށް ގިނައިން ރަށްރަށަށް ދާންޖެހެއެވެ. އެގޮތުން އެއްފަހަރަކު މައިޝާގެ މަންމަގެ އުފަން ރަށަށް ދިޔަ ފަހަރެކެވެ. އެއީ އަހަރެންނާއި މައިޝާގެ ގުޅުން މެދުކެނޑުނުތާ 13 އަހަރު ފަހެވެ. އެމީހުން އަހަރެމެންގެ ރަށުގައި އުޅުނެއްކަމަކު މަންމަގެ އުފަން ރަށުގައި ޢާއިލާ މީހުން ތިބޭނެކަން އެނގޭތީ އެރަށަށް ދެވުމުން އަހަރެން މައިޝާގެ ދޮންތައަށް ގުޅާލީމެވެ. އަހަންނާ މައިޝާގެ ގުޅުން މެދުކެނޑިފައި އޮތްނަމަވެސް ދޭތެރެ ދޭތެރެއިން އަހަރެން މައިޝާގެ ދޮންތައާ ވާހަކަދައްކާ ހަދަމެވެ. އަހަންނަށް ގުޅުނުއިރު ދޮންތަ ހުރީ މައިޝާގެ ގޭގައެވެ. އެކަން އެނގުމުން އަހަރެން މައިޝާގެ ޙާލު ބަލާލާ ހިތްވިއެވެ. ގޯސް ނިޔަތެއްގައެއް ނޫނެވެ. އޭރު މައިޝާއަށް ދެދަރިންވެސް ލިބިއްޖެއެވެ. އަހަރެންގެ އެދުމަށް ދޮންތަ މައިޝާ އަތަށް ފޯނު ދިނުމުން ޙާލު އަހުވާލު އޮޅުން ފިލުވުމަށްފަހު މައްސަލައެއް ނެތްނަމަ މައިޝާގެ ފޯނު ނަންބަރު ދިނުމަށް އެދުނީމެވެ. ރަޙުމަތްތެރިޔެއްގެ ހައިސިއްޔަތުންނެވެ. އެކަމާ ދެކޮޅުހެދުމެއްނެތި މައިޝާ އަހަންނަށް އޭނާގެ ނަންބަރު ދިނެވެ. އަދި ދުވަސްކޮޅެއް ފަހުން ފޭސްބުކުންވެސް މައިޝާ އަހަރެން އެޑް ކުރިއެވެ.

އޭގެ ފަހުން އެއްދުވަހު ފޭސްބުކުން މައިޝާ އޮންލައިންގައި އިންތަން ފެނުމުން އަހަރެން ވާހަކަދައްކާލާ ހިތްވިޔެވެ. އެހެންކަމުން މައިޝާއަށް ގޮވާލީމެވެ. އަދި މަޖަލަކަށް ހަދާފައި ކުރީގެ ވާހަކަތައް ފެށީމެވެ.

"ކީއްވެ އޭރު މީހަކާ އިންނަންށޭ ބުނެ އަހަންނަށް ދޮގު ހެދީ؟" 13 އަހަރުވަންދެން ޖަވާބަކަށް އެދި ހިތުގައި ފޮރުވައިގެން އުޅުނު ސުވާލު އަހަރެން ކޮށްލީމެވެ.

"އެއީ ފަޔާއާ އަހަންނާ ގުޅެވެން ނެތީމަ. މައްސަލައެއް ނެތް ދޮގު ހެދީއޭ، އޮޅުވާލީއޭ ބުންޏަސް." ޖަވާބުގައި މައިޝާ ބުނެލިއެވެ.

"ކޮބާ ސަބަބަކީ؟ އަހަރެން ބޭނުން ސަބަބު އެނގެން. އެ ޙައްޤު އަހަންނަށް ލިބިގެންވާކަމުގައި ދެކެން."

"މައްސަލައެއް ނެތް........ ސަބަބަކީ ފަޔާގެ މަންމަ އަހަރެންނާ ގަބޫލު ނޫންކަން. އަހަރެން އޯލެވެލް ނިމުނު އަހަރު ޗުއްޓީގައި ފަޔާ އައިސްފައި ދިޔަ ފަހުން އެއްދުވަހަކު ފަޔާގެ ބޮޑު ދައިތައާ މަގުމަތިން ދިމާވެގެން ބުނީ ފަޔާއާ އަހަރެންނާ ގުޅެން ފަޔާގެ މަންމަ އެއްވެސް ވަރަކަށް ގަބޫލެއް ނޫނޭ. އެހެންވީމަ ރަނގަޅުވާނީ ގުޅުން އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލީއާއޭ. އެހެންވެ އޭރު އަހަންނަށް ފެނުނު އެންމެ ރަނގަޅު ގޮތަށް ކަންތައްކުރީ. ގުޅުން އަހަރެން ނިންމާލިކަން އެނގިގެން އަހަރެންގެ މަންމަވެސް ވަރަށް ރުޅިއައިސްގެން އެއްޗެހި ކީ. ދޮންތަވެސް ވަރަށް ސުވާލު ކުރި. އެކަމަކު އަހަރެން އަދިއަދަށްދާންދެންވެސް އެއްވެސް މީހަކު ކައިރީ އަސްލު ސަބަބެއް ނުބުނަން." މައިޝާ އޮޅުން ފިލުވައިދިނެވެ.

"މައިޝާ އެންމެ ފަހަރަކުވެސް އަހަރެން ކައިރީ ތިވާހަކަ ބުނެލިނަމަ.... މަންމަ ނުގަބޫލުވީ ކުރިން. އެއީ މައިޝާ ކުރިން ރައްޓެހިވި ކުއްޖާގެ މަންމަ ދެއްކި ވާހަކަޔަކުން. އެކަމަކު އެއީ ދޮގެއްކަން އަހަރެން މަންމައަށް އޮޅުންފިލުވައިދިނުމުން މަންމަ ފަހުން ގަބޫލުވި. އެކަމަކު މައިޝާ ދެރަވެދާނެތީ އަހަރެން ނުބުނީ..."

"އަހަރެން ނުބުނީ ފަޔާ މަންމައާމެދު ހިތްހަމަ ނުޖެހިދާނެތީ. މަޔަކާ ދަރިއެއްގެ ދެމެދަށް ވަންނަހާ ގޯސް މީހެއް ނޫން އަހަންނަކީ .އަދި އަމުދުން މަންމަގެ ނުގަބޫލުގައި ކައިވެނިކުރަން އަހަރެން ބޭނުން ނުވީ."

ތަޤުދީރުގެ ރޭވުން ނިކަން ދެކިބަލާށެވެ. މައްސަލައަކަށް ނުވާވަރުގެ މައްސަލައެއްގައި އަހަރެންގެ ތެދުވެރި ލޯބި ލިބުމަށްފަހުވެސް އަތުން ބީވެގެން ދިޔަގޮތް އެހެރީއެވެ. އަހަރެންގެ މަންމަ ކުރިން ނުގަބޫލުވީ އޮޅުމެއްގެ ތެރެއިންނެވެ. އަހަރެން މައިޝާއަށް ނޭންގީ މައިޝާ ދެރަވެދާނެތީއެވެ. މައިޝާއަށް އެކަން އެނގުނީ މައްސަލަ ޙައްލުވި ފަހުންނެވެ. އެކަމަކު އަހަންނާ މަންމައާ ދެމެދުގައި މައިޝާގެ ސަބަބުން މައްސަލަޖެހިދާނެތީ މައިޝާ އަހަންނަށް ޙަޤީޤަތް ފޮރުވީއެވެ. މިއަދު ޙަޤީޤަތް އެނގިގެން ދެމީހުންނަށް ގުޅެވެން ނެތަސް އަހަރެން މައިޝާ ދެކެވީ ތެދުވެރި ލޯތްބެކެވެ. ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެނަސް ތަޤުދީރުގައި ލިޔެވިފައި ނެތްކަމެއް ވާކަށް ނޯންނާނެނޫންހެއްޔެވެ. އަދިވެސް އެ ލޯބި އަހަރެންގެ ހިތުގެ ކަނެއްގައި ފޮރުވިފައި ވެއެވެ. ސަބަބަކީ އެއީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އެއީ ވަރަށް ޚާއްޞަ އިހުސާސެކެވެ. ނަމަވެސް މިހާރު މައިޝާ އަކީ ދެކުދިންގެ މަންމައެކެވެ. ވަރަށް އޯގާތެރި ފިރިއެއްގެ އަނތްބެކެވެ. މައިޝާ އުފަލުގައި ހުރުމަކީ އަހަރެންގެ އަބަދުގެ ދުޢާއެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައި މިހާރު އޮތީ އެކުވެރިކަމުގެ ގުޅުމެވެ. މީހުން އެކިޔާފަދައިން ފުރަތަމަ ލޯބި ނުލިބޭ ބަދު ނަސީބު މީހުންގެ ލިސްޓްގައި އަހަރެންގެ ނަންވެސް ހިމެނުނީއެވެ.

ނިމުނީ

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

3 Responses

  1. Beybe

    Varah aanmukoh hingaa kameh mee. Ekamaku ves vaarah reethi.

  2. Jinni

    Mi dhen koahcheh

  3. Ikaan

    Ehnve ey dho bunany konmme kamehgaives vaahaka dhaihkaigen massala hallu kuraashey. Varah dhera. Hama ihusaaas vaakahala Maisha & fayaage ihusaasthah. V reethi mi vaahaka . New story eh annaane irakah inthizaar kuran! Thanks Sama for thee awesome story ♥️

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ