ވައްކަމުގެ ތުހުމަތުގައި ކުޑަ ދުވަސްކޮޅެއް ކުރިން މެލޭޝިޔާއިން އެ ޤައުމުގެ ފުލުހުން ހައްޔަރުކުރި ބ. އޭދަފުށީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރު ނިއުމާ އަޙްމަދު އެ އޮފީހުގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތަކުން އެއްފަރާތްކޮށްފިއެވެ.
އޭދަފުށީ ކައުންސިލުން ވިދާޅުވީ، ޗުއްޓީއަށް ފަހު މި ހަފްތާ ނިއުމާ އޮފީހަށް ނުކުންނެވި ނަމަވެސް ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާ ކުރުމަށް ކައުންސިލްގައި މަސައްކަތް ކުރައްވާ އެހެން ސިވިލް ސާވަންޓަކާ ސިވިލްސާވިސް ކޮމިޝަނުން ހަވާލުކޮށްފައިވާ ކަމަށެވެ.
ނިއުމާ މަޤާމުގެ މަސްޢޫލިއްޔަތުތަކުން ދުރުކުރިއިރު، އޭނާއަށް އެރަށުގެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ނިއުމާގެ އާއިލާއާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކުރި ގޮތުގައި އޭނާ މެލޭޝިޔާއިން ވައްކަން ކޮށްފައިނުވާ ކަމަށާއި، އެއީ އެރި އޮޅުމެކެވެ.
އޭދަފުށީގެ ކަތީބުކަން ވެސް ކުރައްވާފައިވާ ނިއުމާވަނީ ރަށު ކައުންސިލުގެ ޒިންމާދާރުވެރިޔާގެ މަގާމުގައި ދިހަ އަހަރު ހިދުމަތްކޮށްފަ އެވެ.