ކުރިކެޓް ޓީމް ކޯޗްގެ ޖިންސީ ގޯނާގެ މައްސަލައަށް ފުރިހަމަ އެއްބާރުލުން ދޭނަން - ޔޫތް މިނިސްޓްރީ

ކުރިކެޓް ޓީމް ކޯޗްގެ ޖިންސީ ގޯނާގެ މައްސަލައަށް އެއްބާރުލުން ދޭނެކަމުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ޤައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން، ކޯޗިން ސެޝަންތަކެއްގެ ތެރެއިން ބައެއް ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ކްރިކެޓް ބޯޑަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައަޅާފައިވާ ކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައަކީ ޤައުމީ ޓީމެއްގެ ކޯޗާއިގުޅޭ މައްސަލައެއް ކަމުގައިވިޔަސް މިއީ ޖިނާއީ މައްސަލައެއް ކަމުން މިކަން ތަޙްގީގު ކުރުމުގެ ހުރިހާ ކަމެއް ކުރިޔަށް ގެންދަވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންކަމުގައި އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ތަޙްގީގު ކުރިޔަށް ގެންދިއުމުގައި އެ މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޤައުމީ ކުރިކެޓް ޓީމުގެ ކޯޗުގެ ޖިންސީ ގޯނާގެ މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ 18 އަހަރުން ދަށުގެ ކުދިންނާއި، އަދި 18 އަހަރުން މަތީގެ ބަޔަކާއި ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އޭނާ ހިފަހައްޓިކަމަށެވެ.

އާސިފް ޚާން ހައްޔަރުކޮށްފައިވަނީ ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައެވެ. ނަމަވެސް 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޟިރު ނުކުރެވުމުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

ކޯޗު އާސިފް ޙާންގެ މިހަޑިހުތުރު ޢަމަލާއި ގުޅިގެން ދިވެހި އަންހެން އަދި ފިރިހެން ކްރިކެޓް ކުޅުންތެރިންގެ ފަރާތުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ކޯޗުގެ މައްސަލައިގެ ޙަޤީޤަތް ނުބަލައި އޭނާ ރާއްޖެއިން ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތްކޮށްފައިވާ ކަމަށާއި، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭއިރު އޭގެ ތެރޭގައި ގިނައީ 18 އަހަރު ނުފުރޭ ކުޅުންތެރިން ކަމަށެވެ.

އާސިފް ޚާން އަކީ ޕާކިސްތާނާއި އެފްރިކާއަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ މީހެކެވެ. އޭނާ ޤައުމީ ކްރިކެޓް ޓީމުގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ