ކުޅުންތެރިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމްގެ ކޯޗުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ކޯޗު އާސިފް ޚާން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޮކްޓޫބަރު މަހުގެ ކުރީ ކޮޅުވެސް ހައްޔަރު ކޮށްފައެވެ. އޭނާ އެފަހަރު ހައްޔަރު ކޮށްފައިވަނީ ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައެވެ. ނަމަވެސް ހައްޔަރު ކުރިތާ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ނުކުރެވުމުން ވަނީ އޭނާ ދޫކޮށްލާފައެވެ.
އޭގެ ފަހުން ނޮވެންބަރު 07 ވަނަ ދުވަހު ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ގައުމީ ކުރިކެޓް ޓީމުގެ ކޯޗު އާސިފް ހާން ހައްޔަރު ކޮށްގެން ތަހުގީގު ހިންގަން ފުލުހުންގެ މައްޗަށް ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ޕާކިސްތާނާއި އެފްރިކާއަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ އާސިފް ޙާން ޤައުމީ ކްރިކެޓް ޓީމުގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ. އާސިފް ޚާން ވަނީ ކުރިކެޓް ޓީމުގެ 18 އަހަރުން ދަށުގެ ކުދިންނާއި، އަދި 18 އަހަރުން މަތީގެ ބަޔަކާއި ވެސް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުކުރެވިފައެވެ.