އަންނަ އަހަރުގެ މާރޗް މަހުން ފެށިގެން ދިވެހިރާއްޖެއިން ޖަރމަން ޝެންގެން ވިސާ ނެގޭނެކަން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އިއުލާން ކުރައްވައިފިއެވެ.
މިނިސްޓަރ ޝާހިދު މިކަން އިއުލާންކުރެއްވީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި، ޖަރުމަންވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއިއެކު ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި، ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިން ވިސާ ނަގަން މިހާރު ދާން ޖެހެނީ އިންޑިއާގެ ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮޅުނބަށްކަމަށާއި، އެކަމަކީ ބުރަ އަދި އުނދަގޫ ކަމެއްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިމައްސަލައަށް ހައްލެއްހޯދުމަށް ޖަރުމަންވިލާތާއި، ޔޫރަޕިއަން ޔޫނިއަންގެ އިތުރު ޤައުމުތަކާއި، ވިސާގެ ޚިދުމަތް ފޯރުކޮށްދޭ ވީ.އެފް.އެސް ގްލޯބަލްއާއިއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ފުރަތަމަ ޖަރުމަންވިލާތުން އެކަނި މި ޚިދިމަތް ދިން ނަމަވެސް އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ މަގުފަހިކޮށްދޭނެކަމަށް،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ކޮންމެ އަހަރަކުވެސް އެތައް ލައްކަ ފަތުރުވެރިންނަކަށް މަރުޙަބާ ކިޔާ ޤައުމެއްކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ބޭއްވުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހުންނަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް ރާއްޖެއަށް ޒިޔާރަރްކުރާ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޖަރުމަންވިލާތުގެ ސަފީރާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާރުވެސް ދުނިޔޭގެ 84 ޤައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ.
މިއަހަރު އެކަނިވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވަރ އެގްރިމެންޓްތައް ހެދި، އިންޑިއާ އަދި ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ހޯދިފައިވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
"ދިވެހި ޕާސްޕޯޓަކީ، އޭގައިވާ ސަލާމަތީ ސިފަތަކާއިއެކު، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓް،" ދިވެހި ޕާސްޕޯޓްގެ ރައްކާތެރިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއިން ޝެންގެން ވިސާ ދޫކުރުމުގެ ޚިދުމަތް ފަށަނީ މާރޗް މަހުން ފެށިގެންނެވެ. ނަމަވެސް އަންނަ އަހަރު ޖަރުމަންވިލާތުގެ ބަރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި ބައިވެރިވުމަށް އެޤައުމަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުޔެއް ހޯދައިދިނުމަށް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 އިން 5 އަށް ޖަރމަން ޝެންގެން ވިސާ ދޫކުރުމަށް ވަގުތީ ކްލިނިކެއް ހިންގުމަށް ހަމަޖެހިފައިވާކަންވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ޝެންގެން ވިސާ ރާއްޖޭގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖައްސަވާކަމަށްޓަކައި ޖަރުމަންވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. "މިއީ އަޅުގަނޑުމެންގެ ދެޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވަމުންދާކަމުގެ ހެއްކެއް،" މިނިސްޓަރ ވިދާޅުވިއެވެ.