ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރުގެ މައްސަލައިގައި ފަސްމީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައި އިތުރު ތިންމީހަކު ޖަލަށް ލުމަށް ސައުދީ އަރަބިއްޔާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ނޫސްވެރިޔާ ހާޝުގްޖީ މިދިޔަ އަހަރު މަރާލައިފައިވަނީ ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު ތެރޭގައެވެ. ފުރަތަމަ ސައުދީ އަރަބިއްޔާއިންވަނީ ހާޝުގްޖީ މަރައިލައިފައި ވާކަން ދޮގުކޮށްފައެވެ.
ސައުދީ އަރަބިއްޔާއިން ފަހުން ބުނެފައިވަނީ ނޫސްވެރިޔާ ހާޝުގްޖީ މަރުވީ ކޮންސިއުލޭޓު ތެރޭ ކުރިއަށްދިޔަ މަޝްވަރާއެއް "ހޫނުވެ"، ހަމަނުޖެހުމަކަށް ބަދަލުވުމުގެ ސަބަބުންނެވެ.
ހާޝުގްޖީގެ މަރާއި ގުޅިގެން 11 މީހެއްގެ މައްޗަށް ދައުވާކޮށްފައި ވެއެވެ. ހާޝުގްޖީ މަރާލިކަމުގެ ދައުވާ ސާބިތުވެ ފަސްމީހެއްގެ މައްޗަށް މަރަން ހުކުމް ކޮށްފައިވާއިރު، ތިން މީހަކު އެ ކުށް ފޮރުވަން ބައިވެރިވި ކަމުގެ ދައުވާގައި ޖުމްލަ 24 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި ތިން މީހެއްގެ މައްޗަށް ކުރި ދައުވާތައް ސާބިތު ވެފައެއް ނުވެއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ހާޝުގްޖީގެ މަރާއި ގުޅިގެން އަދަބު ލިބިފައިވަނީ އެއަމަލު ހިނގި މީހުންނަށް ކަމަށެވެ. ނަމަވެސް، އެއަމަލު ހިނގުމުގެ މޭސްތިރިންގެ ގޮތުގައި ތިބި ފަރާތްތައް މިނިވަންކަންމަތީ އެއްވެސް ޝަރީއަތެއް ކުރުމަކާއިނުލާ ދޫވެފައި ވާކަމަށެވެ.
ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ވަރަށްގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަމަވެސް މި ތުހުމަތުތައް ވަލީއަހުދު ދޮގުކުރެއެވެ.