ވޯޓުލާ މަރުކަޒެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ - ފޮޓޯ: ފެށުން.ކޮމް

މަޖިލިސް އިންތީޚާބުގެ ވޯޓުލުން ފެށިއްޖެ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ކަންކޮޅުތަކުގައި ފެށިއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ކަންކޮޅުތަކުގައި ފެށިފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ، މި އިންތިޚާބުގައި ރާއްޖޭގައި ވޯޓު ލުން ކުރިއަށްދާނީ ހެނދުނު 8:00 އިން 16:00 އަށް، އިންޑިއާ އަދި ސްރީ ލަންކާގައި 8:30 އިން 16:30 އަށް ކަމަށެވެ. އަދި މެލޭޝިއާގައި 11:00 އިން 19:00 އަށް ވޯޓުލުން ކުރިއަށްގެންދާއިރު، އިނގިރޭސިވިލާތުގައި ކުރިއަށްދާނީ 9:30 އިން 17:30 އަށް ކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ.

264,442 ދިވެހި ރައްޔިތުންނަށް ވޯޓް ލުމުގެ ހައްޤު ލިބިފައިވާ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަށް 389 ކެންޑިޑޭޓުން ވާދަކުރައްވައެވެ. ވޯޓުލުމަށްޓަކައި މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަންކޮޅުތަކުގައި ބަހައްޓާފައިވަނީ ޖުމްލަ 501 ވޯޓް ފޮށްޓެވެ.

އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ގިނަ މި އިންތިޚާބުގައި 167 ކެންޑިޑޭޓަކު ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ. އެންމެ ގިނަ ކެންޑިޑޭޓުންނާއެކު ވާދަކުރާ އެމްޑީޕީން 86 ދާއިރާއަށް ވާދަކުރާއިރު، ޖުމްހޫރީ ޕާޓީން ވާދަކުރަނީ 41 ދާއިރާއަށެވެ.

ވޯޓުލާން އައިސްތިބި މީހުންތަކެއް ކިއުގައި - ފޮޓޯ: ފެށުން.ކޮމް

ޕީޕީއެމް އިން 27 ދާއިރާއަށް އަދި ޕީއެންސީން 20 ދާއިރާއަށް ވާދަކުރައްވާއިރު، އެމްއެލްއެސްޑީން 11 ދާއިރާއަށް ވާދަކުރައްވައެވެ. އަދި އަދާލަތު ޕާޓީން 9 ދާއިރާއަކަށް ވާދަކުރައްވާއިރު، އެމްޓީޑީއާއި އެމްޑީއޭއިން ވާދަކުރައްވަނީ 8 ދާއިރާއަކަށެވެ.

މި އިންތިޚާބުގައި ރައީސް މަޢުމޫންގެ އެމްއާރުއެމް އިން 7 ދާއިރާއަކަށް އަދި މަޢުމޫނުގެ ކުރީގެ ޕާޓީ ޑީއާރުޕީއިންވެސް 5 ދާއިރާއަކަށް ވާދަކުރައްވައެވެ.

ފަހުގެ ވަގުތުތަކުގައި ވޯޓުލާން މަޑު ނުކުރައްވާ ވީހާވެސް އަވަހަކަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ބާރުއަޅުއްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ