ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް ޓްވިޓާގައި ކޯޅެން ފަށައިފިއެވެ.
މިކުޅިގަނޑު ފެށިފައިވަނީ މިއަދު ހަވީރު ބޭއްވި ރައީސް ޞޯލިޙްގެ ނޫސްވެރިންގެ ބައްދަލުވުމަށް ފާޑުވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. މަޙްލޫފް ހިތްޕުޅު ހަމަޖެހިވަޑައިގެން ނުގަތް ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ، މިއޮށް ފަދަ ބޮޑު ބަލިމަޑުކަމުގެ ތެރޭގައިވެސް މަޣްރިބް ނަމާދުކޮށް ދުޢާކުރުމަށް ވުރެ ރައީސް ޕްރެސް ކޮންފަރެންސް އިސްކުރުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، އެއީވެސް ދީނާ ހިލާފު އާ ކަމެއް ތަޢާރަފްކުރުމުގެ ފެށުމެއް ކަމަށެވެ.
ޖަމީލްގެ މިޓްވީޓަށް ރައްދު ދެއްވުމުގެ ގޮތުން، މަޙްލޫފް ވިދާޅުވީ ޑރ. ޖަމީލް ޓްވީޓް ކުރެއްވީ ސަޖިދައިގައި އޮންނަވައިގެންތޯ ސުވާލުކުރައްވަމުންނެވެ.
މަޚްލޫފްގެ މިޓްވީޓަށްފަހު ޖަމީލް ކުރެއްވި ޓްވީޓަކީ، ނަމާދު ގަޑިތައްވެސް އެސްއޯއެފް އިން ޑޮލަރު މާރުކުރިގޮތަށް އޮޅުނީތޯ ސުވާލުކުރައްވާފައެވެ. އަދި އޭނާ ހަވަރަށް ދޭން ގޮވާލާނަންތޯވެސް ޖަމީލްވަނީ މަޚްލޫފާއި ސުވާލުކުރައްވާފައެވެ. މިޓްވީޓަށް ރައްދު ދެއްވަމުން މަޚްލޫފު ލަވައެއްގެ ކަޑިއެއް ބޭނުންކުރައްވައިގެން ޖަމީލްއާއި ނުސީދާގޮތުންވަނީ ދިމާކުރައްވާފައެވެ.
"ގެންނަވާށޭ ހަކުރުކޮޅާ ސާފު ކޮށްފާ ހަނޑޫކޮޅާ، މިހިރަ ތެއްޔަށްލާށޭ އަޅާ ތެދެކޭ ފެންނާޅާވާނެހޭ، ރޯކުރާށެ އުދަންވީ، ރޯކުރާށެ އުދަންވީއެ އުދަންވީ، ބޮނޑިބަތްތޯއެ އުދަންވީ" މަޚްލޫފް ވިދާޅުވިއެވެ. އަދި މަޚްލޫފްގެ ޓްވީޓު ނިންމާލެއްވީ ވާ އަކުން ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ޓެގްކުރެއްވުމަށްފަހުގައެވެ.
Mahloof Ge Hoonu Hamalaaeh Jameel Ah: Sajidhaigai Onnavaigentho Tweet Kuravvanee?https://t.co/WKgZ5YHzP0
— Feshun (@feshunonline) March 25, 2020