ތިން ވަަނަ ކުއާޓާރގައި ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެ އެވެ.
ސީއެންއެންގެ "ކުއެސްޓް މީންސް ބިޒްނަސް" ޕްރޮގްރާމަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ މި ހާލަތުން އަރައިގަނެވުނީ ކަމަށާއި އުއްމީދު ކުރައްވަނީ ތިން ވަަނަ ކުއާޓާރގައި ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭނެ ކަމަށް ކަމަށެވެ.
މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މި ވަގުތަށް ބަލާއިރު މި ތިބީ ތޫފާނުގެ މެދުތެރޭގައި ކަމަށާއި މި ހާލަތުން އަރައިގަތުމުގެ މަސައްކަތްތައް މިދަނީ ކުރަމުން ކަމުގައެވެ. އަދި މިހާލަތުން އަރައިގަނެވުނުހާ އަވަހަކަށް ބޯޑަރު ހުޅުވާލެވޭނެ ކަމަށާއި މި ވަގުތު މަސައްކަތް މި ކުރަނީ ރާއްޖެ އަކީ އެންމެ ރައްކާތެރި ޓޫރިސްޓުންގެ މަންޒިލުގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާނީ ރައްކާތެރިކަން ކަށަވަރުކޮށް، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.
"ނަސީބަކުން އަޅުގަނޑުމެންގެ ގައުމު ވެސް އޮތީ ރަނގަޅު ގޮތަކަށް. ކޮންމެ ރަށެއް މި އޮތީ ވަކިން. ކޮންމެ ރަށެއްގައި ހުންނެވިޔަސް އެ ހުންނެވެނީ އައިސޮލޭޝަނެއްގައި. މިއީ މި ގައުމުގެ ރީތިކަމުގެ ތެރެއިން ވެސް ލިބެން އޮތް ރައްކާތެރިކަމެއް" -ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު
މިވަގުތު ރާއްޖޭގައި ނުފުރިފައި 500 އަށްވުރެ ގިނަ ޓޫރިސްޓުން އެބަތިބި ކަމަށާއި ތަނަވަސްކަން ނެތް ފަރާތްތަކުގެ ޚަރަދުތައް ބަލަހައްޓަނީ ސަރުކާރުން ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ހަލުވި ކަމާ އެކު ފެތުރޭތީ، ރާއްޖޭން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ބޯޑަރު ބަންދުކޮށް އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލީ 27 މާރޗު 2020 ގައެވެ.



